ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ޕްރެކްޓިސް ފަށައިފި — Ihavandhoo.com

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ޕްރެކްޓިސް ފަށައިފި

9 ޖުލައި 2019 0

މުބާރާތުގައި ވާދަކުރާ އިހަވަންދޫ ސްކޫލުގެ ޓީމު... ފޮޓޯ: ޢަބްދުﷲ އިރުޝާނު

ކުރިއަށްއޮތް އޯގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ސްކޫލުން ފަރިތަކުރުންތައް ފަށައިފިއެވެ.

ޖުމުލަ 19 ކުޅުންތެރިންނާއެކު މިއަދު ފެށި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޓީމުގެ އެސިސްޓެންޓު ކޯޗު އަޙްމަދު މަންސޫރު (ސިރާޖު)ގެ ބެލުމުގެ ދަށުންނެވެ.

އިހަވަންދޫ ސްކޫލު ޓީމުގެ މެނޭޖަރ ލިޑިންގ ޓީޗަރ ޙާމިދު މޫސާ ވިދާޅުވީ ޓީމުގެ ހެޑު ކޯޗު ފަޔާޒު މިވަގުތު ހުންނެވީ ރަށުން ބޭރުގަ ކަމަށާއި މިހަފުތާ ތެރޭގައި ކޯޗު ޓީމާ ގުޅޭނެކަމަށެވެ.

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަތޮޅުގެ ބައެއް ސްކޫލުތަކަށް ދަޢުވަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި އިހަވަންދޫ ސްކޫލު ތަމްސީލު ކުރާނެ ކުޅުންތެރިން ހޮވާފައިވަނީ ހައުސްތަކުގެ މެދުގައި ބޭއްވުނު ކޮލިފިކޭޝަން މުބާރާތުންނެވެ. 19 ކުޅުންތެރިންނާއެކު މިއަދު ފަރިތަކުރުން ފެށިނަމަވެސް މުބާރާތުގައި ވާދަކުރާ ޓީމުގެ ސްކޮޑުގައި ހިމެނޭނީ 15 ކުޅުންތެރިންނެވެ.

މި މުބާރާތުގައި އިހަވަންދޫ ސްކޫލުގެ އިތުރުން ވާދަކުރާނީ ހއ އަތޮޅު މަދަރުސާ، ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަދި ހއ. މާރަންދޫ ސްކޫލެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ