އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ޒަހާ އާއި ޝަމްވީލް — Ihavandhoo.com

އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ޒަހާ އާއި ޝަމްވީލް

20 ސެޕްޓެމްބަރު 2019 0

2018 ވަނަ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ޒަހާ ޒާހިރު އާއި މުހައްމަދު ޝަމްވީލް ހޮވިއްޖެއެވެ.

އާމިނަތު ޒަހާ ޒާހިރު ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ މުހައްމަދު ޝަމްވީލް އެވެ. މުހައްމަދު ޝަމްވީލް ވަނީ 2017 ވަނަ އަހަރު އެ ސްކޫލްގެ ޘާނަވީ ބައިންވެސް އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާފައެވެ. ޘާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން  އާމިނަތު ޒަހާ ޒާހިރުވަނީ މުޅިރާއްޖެއިން 3 ވަނަ ޙާޞިލްކޮށްފައެވެ. މަތީ ޘާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން މުހައްމަދު ޝަމްވީލް ވަނީ މުޅި ރާއްޖެއިން 4 ވަނަ ހޯދާފައެވެ.

ގުރޭޑް އެކަކުން ފެށިގެން ކޮންމެ ޓާމަކު ވެސް ކޮމެންޑެޑް ރިޕޯޓް ހޯދާފައިވާ، ޒަހާ ފާހަގަވަނީ އެސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ، އަދަބީ ދާއިރާއަށް ފުންނާބު އުސް ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން،  ޅެން، ބަނދި، ރައިވަރު، ފަރިހި ކިޔުމުގެ އިތުރުން، ތަފާތު މަންސަތަކުގައި، ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކާ، ބަހުސްކޮށް ޒަހާ ވަނީ ކާމިޔާބީތައް ހާސިލުކޮށްފައެވެ. ގުރޭޑް 6 އިން ފެށިގެން ސްކޫލްގެ އިސް މަގާމުތަކުގައި، އިސްވާރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ އިތުރުން، ގްރޭޑް 6 އިން ފެށިގެން ޕްރިފެކްޓް ބޯޑާއި، އިހަވަންދޫ ސްކޫލްގެ ސްކައުޓް ހަރަކާތުގައި އިސްވެ ޒަހާ މުރާލިކަމާއެކު ހަރަކާތްތެރިވެރިފައިވެއެވެ. 2014، 2016 އަދި 2017 ވަނަ އަހަރު ޒަހާވަނީ ކިޔެވުމަށް އެންމެ ރަނގަޅު ސްކައުޓުގެ މަގާމުވެސް ހޯދައިފައެވެ.

ދިވެހިބަހުގެ އެކަޑަމީން ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރު ފުރާއިން، 2016 ވަނަ އަހަރު މުޅި ރާއްޖެއިން 2ވަނަ އަދި 2017 ވަނަ މުޅި ރާއްޖެއިން 1ވަނަ ހޯދައިގެން ޒަހާ ވަނީ އިހަވަންދޫ ސްކޫލަށް ރީތިނަން ވެސް ހޯދައިދީފައެވެ.

މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވުނު މުހައްމަދު ޝަމްވީލް ވަނީ، 2018 ވަނަ އަހަރު މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން މުޅި ރާއްޖެއިން 4 ވަނަ ހޯދައިގެން 2019ވަނަ އަހަރު ހައި އެޗީސްވަރސް ސްކޮލަރ ޝިޕް ހާސިލުކޮށްފައެވެ. 2017 ވަނަ އަހަރު ސާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން ވެސް މުޅި ރާއްޖެއިން 3 ވަނަ ހާސިލްކޮށް އެ އަހަރު އިހަވަންދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ވެސް ޝަމްވީލްވަނީ ހޯދާފައެވެ.

 2018 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް "ބެސްޓް އޯލް ރައުންޑް ސްކައުޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ/ މާވިލާގޭ މޫސާ ރިލްވާން އިބްރާހީމް އެވެ.  އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ/ ހަނދުވަރީނާޒް މުހައްމަދު ނުހާދު އެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް ، ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ / ދަނބުގެ ތޫބާ އަހުމަދެވެ . ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވިފައިވަނީ  ހއ. އިހަވަންދޫ / އާހިޔާ  މަޢީޝާ އަޙްމަދު ރަޝީދު އެވެ.

މިދިޔަ އަހަރު އިހަވަންދޫ ސްކޫލުން ހާއްސަ ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި، ހާއްސަ މަގާމުތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.

މިރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާޢު އާއި ހއ.އަތޮޅު ކައުންސިލްގެ ރައީސް އަބުދުﷲ ހުސެއިން އާއި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗްގެ ޑެޕިއުޓީ މެނޭޖަރ މުހައްމަދު ސަމީރާއި، އިހަވަންދޫ ޕޮލިސް ސްޓޭޝަން އިންޗާޖު ޕޮލިސް ސަރޖަންޓް އަލީ ނިފާޒު ވަނީ ބައިވެރިވެ ލައްވާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ