އިހަވަންދޫ ސްކޫލްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްދަލުކުރައްވައިފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫ ސްކޫލްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2019 0

އިހަވަންދޫ ސްކޫލްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ސްކޫލްގެ ތަރައްޤީގައި ރަށުގެ ރައްޔިތުން ވެފައިވާ ހިއްސާ ފާހަގަކުރައްވައި، ސްކޫލްގެ އިސްވެރިން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި ނަންވިދާލާ ސްކޫލަކަށް އިހަވަންދޫ ސްކޫލް ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި ސްކޫލް އިތުރަށް ތަރައްޤީކުރުމަށް ޓަކައި ފުރިހަމަކުރަން ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި މިއަހަރަކީ އިހަވަންދޫ ސްކޫލްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރަށް ވުމާއެކު އެކަމުގެ އިހުތިފާލުތައް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ޓަކައި ސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުންދާކަންވެސް އިހަވަންދޫ ސްކޫލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ތައުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، މިއަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު މިންވަރެއް ހަމަޖެހިފައިވަނީ ތައުލީމީ ދާއިރާއަށްކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، އިހަވަންދޫ ސްކޫލަށް ބޭނުންވެފައިހުރި ކަންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

އިހަވަންދޫ މަދަރުސާ, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ