އިހަވަންދޫގެ ތާރީޚުން (ފުރަތަމަ ބައި) — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

އިހަވަންދޫގެ ތާރީޚުން (ފުރަތަމަ ބައި)

23 ޖޫން 2017 2

ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން އިހަވަންދޫގައި ހިންގި ސަރޓިފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔެވި ސްޓާފް ބެޗުގެ ދަރިވަރުންގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި ރިޕޯޓު އެކުލައިވާލާފައިވަނީ އިހަވަންދޫގެ އިސްރަށްވެހިންނާއި، ތާރީޚީ ގޮތުން އިހަވަންދޫއާ ބެހޭގޮތުން ލިޔެވިފައިވާ ގިނަ ފޮތްފޮތާއި، އިހަވަންދޫގެ މުއައްސަސާތަކުން ހޯދުނުގެ މައުލޫމާތުތަކުގެ އަލީގައެވެ. ރި÷ޕޯޓް އެކުލަވައިލާފައިވަނީ އެކޯހުގެ ދަރިވަރުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި، އެ ކޯހުގެ ދަރިވަރުން ކަމަށްވާ، ފަތުޙުﷲ އަޙްމަދު، މުޙައްމަދު އަބުދުއްޞަމަދު، މަރިޔަމް އަހްލާމް، މަރިޔަމް ހުމޭސާ، ހައްވާ މާޖިދާ އެވެ. ________________________

ދިވެހިންގެ އުއްމީދީ އެންމެ ބިޔަ ބޮޑު މަޝްރޫޢުކަމަށްވާ، އައިހެވަން ޕްރޮޖެކްޓް ނިސްބަތްވަނީ އިހަވަންދިއްޕޮޅަށެވެ. އިހަވަންދިއްޕޮޅު   މިނަން ނިސްބަތްވަނީ އިހަވަންދިއްޕޮޅުގެ އެންމެ ނަގައިކިޔާ އެއް ރަށްކަމަށްވާ އިހަވަންދޫއަށެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށް، މާލެއާ 312.83 ކިލޯ މީޓަރު ދުރުގައި، ރާއްޖޭގެ އިރުމަތީ ތޫލުން 72ޑިގުރީ 55 މިނެޓް އަދި އުތުރު އަރުޟުން 6 ޑިގުރީ 57 މިނެޓްގައި، މަތިން ބަލައިލުމުން ޏަމްޏަމެއްގެ ބައްޓަމަށް ސިފަވާ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަކީ ދިވެހި ތާރީޚުން ފާހަގަކޮށްވޭ ރަށެކެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހއ. އަތޮޅުގައި އެންމެ ގިނަ މީހުން ޤާއިމުވެ ތިބޭ ރަށަކީ އިހަވަންދޫއެވެ. 3000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އިހަވަންދޫގެ ބޮޑުމިނުގައި 60.54 ހެކްޓަރު ހުރެއެވެ.

އިހަވަންދޫގެ ނަން އުފެދިފައިވަނީ އިހަ، ވަން، ދޫ  މި ތިން ލަފުޒުންނެވެ. "އިހަ" އަދި "ވަން" މިއީ މުސްކުޅި ތަމަޅަ ބަހުން އުފެދިފައިވާ ދެ ލަފުޒެވެ. "އިހަ" މިލަފުޒުން ދޭހަކޮށްދޭ މާނަތަކަކީ ފުރަތަމަ، މުސްކުޅި، އިސް އަދި ކުރިއެވެ. "ވަން" މި ލަފުޒުން ދޭހަވާ މާނަތަކަކީ ވަނަ، ޖަންގަލި، ވަނުން އަދި އެތެރެވުންނެވެ. "ދޫ" މިއީ މަލަޔާލަމް ބަހުން އުފެދިފައިވާ ލަފުޒެކެވެ. ދޫގެ މާނައަކީ ރަށެވެ. އެހެންކަމުން، އިހަވަންދޫގެ ލަފުޒީ މާނައަކީ "އިހުގެ ނުވަތަ މުސްކުޅި ޖަންލީގެ ރަށް ނުވަތަ ތަނުގެ ނަގާކިޔާ ސަރަޙައްދުގައި އޮތް ޖަންގަލި ރަށެވެ.

އިހަވަންދޫގެ އިހުގެ މީހުން ކިޔައި އުޅޭ ފޯކްލޯރތަކުން އެނގޭގޮތުގައި އެންމެ އިހުގައި އިހަވަންދޫގައި އުޅުނީ ކަޅު ނުވަތަ "ޒައިޠޫނި" ކުލައިގެ ޖާނު ވަރުގަދަ ހަށިގަނޑުން ބޮޑު ބިޔަ ބައެކެވެ. ރާއްޖޭގެ ޤަދީމީ ވަޒަންވެރިންނާއި އިހަވަންދޫގެ ޤަދީމީ ވަޒަންވެރިންނާ ގުޅުންތަކެއް ވާކަމަށް ބެލެވެއެވެ. މިކަމަށް ބާރުލިއްބައިދޭ ފޯކްލޯރ އެއް އައްލާމާ އަޙްމަދު ޝިހާބުއްދީނު ލިޔުއްވާފައިވާ "ކިތާބު ފީ އާޘާރި މީދޫ އަލް ޤަދީމިއްޔާ"ގައިވެއެވެ. މިފޯރކްލޯގައި ވާގޮތުން ދިވެހިރާއްޖެއަށް ފުރަތަމަ އައި ދީވީންނަށް ފަހު ދެން ރާއްޖެއައީ ރެދިންކަމަށެވެ. މިދެންނެވި ރެދިން ރާއްޖެގައި ފުރަތަމަ ވަޒަންވެރިވިތަނެއް ހޯދުމަށް ކުރެވުނު މަސައްކަތާ ޙަވާލާދެއްވާ، މަޝްހޫރު ތޯހައިދާލް ބަޔާންކުރައްވަނީ ރެދިން އެންމެ ފުރަތަމަ މަޑުކުރީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކަމަށެވެ. ރެދިން އިހަވަންދޫއިން ދެން ދިޔައީ ރ. އަތޮޅު "ލުނބޯ ކަނޑު"ން ރާއްޖޭގެ އުތުރުގެ އެކިސަރަޙައްދަށެވެ.

އިހަވަންދޫގެ ނަން ޑްރެވީޑިއަން އާއިލާގެ ދެ ބަހަށް ނިސްބަތްވުމުންނާއި، ރާއްޖެއަށް ރެދިން އައިސް ފުރަތަމަ މަޑުކުރި ރަށަކަށް އިހަވަންދޫ ވުމުން، އިހަވަންދޫގެ އެންމެ ފުރަތަމަ ރަށްވެހިންގެ ގޮތުގައި ޑްރެވީޑިއަން އާއިލާއަށް ނިސްބަތްވާ މީހުން ހިމެނޭނެ ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މީގެއިތުރުން، އިހަވަންދޫގައި މިއަދުވެސް ދިރިއުޅެމުންދާ މީހުންގެ ޖިސްމާނީ ސިފަތަކުން، ޚާއްޞަކޮށް ބޮލުގެ ފުށްކިބައާއި އިސްކޮޅާއި ރޫފަ އަދި ހަށިގަނޑުގެ ބައްޓަމުން ޑްރެވީޑިއަނުންގެ ސިފަތައް ފެންނަން ހުރުން މިކަމަށް އިތުރު ހެކި ލިއްބައިދެއެވެ.

އިހަވަންދޫގައި އެންމެ ފުރަތަމަ ވަޒަންވެރިވި  މީހުން ވަޒަންވެރިވެފައިވަނީ ރަށުގެ އުތުރުކޮޅުގައި ކަމަށް ތާރީޚުން ހާމަވެއެވެ. މިކަމަށް ބާރުލިއްބައިދޭ އެއް ހެއްކަކީ އިހަވަންދޫ އާސާރީ މިސްކިތް ހުރި ސަރަހައްދެވެ. އެހެންމެ އިހަވަންދޫ ކުޅިމަގު ފަރާތުގައިވާ މާބަނޑޭރި ކަނޑިންމަ އެއީ މިކަމަށް ބާރު ލިއްބައިދޭ ދެވަނަ ދަލީލެވެ. މީގެއިތުރުން، ރަށުގެ އުތުރުކޮޅުގެ ބިންގަނޑު ކޮންނަ އިރު، އެކި ސަރަހައްދުތަކުން އާސީނުތަށްޓާއި، ޤަދީމީ ޒަމާނުގެ ބައެއް އާލާތްތައް ފެންނަ ފެނުން މިކަމަށް އިތުރަށް ބާރުލިއްބައިދެއެވެ. ކަންމިހެން ހުރި ނަމަވެސް، އެވޭލާގައި ކުރިމަތިވި ތަދުމަޑުކަމަކާއި ރޫޙާނީ ބައެއް ކަންކަމުގެ ސަބަބުން ރަށުގެ ހުރިހާ ރައްޔިތުން ރަށުގެ ދެކުނު ކޮޅަށް ބަދަލުވިކަމަށް ދުވަސްވީ މީހުންގެ ވާހަކަތަކުން ބުރުހާނުކޮށްދެއެވެ.

އިހަވަންދޫގެ ޤަދީމީ ތާރީޚުން އެނގެން އޮތް އެންމެ ދުރަށް ދަތުރު ކުރާއިރު، ފާހަގަކޮށްލެވޭ އެންމެ މަޤުބޫލު އެއް ޝަޚްޞިއްޔަތަކީ ކައްޕީނި ތަކުރުފާނެވެ. ބުނެވޭ ގޮތުގައި އިހަވަންދޫގެ ވެރިކަމުގެ ބޮޑުންގެ މަތިކޮޅު ފެށިގެން އައިސްފައިވަނީ ކައްޕީނި ތަކުރުފާނާ ހަމައިންނެވެ. ރާއްޖެއަށް ހޮޅިން އަތްގަދަ ކުރި ދުވަސްވަރު، އަވަށްޓެރި މަލިކުގެ މީހުން ހޮޅިންނަށް ވެގެން އައިސް ކުރިމަތި ކުރި ތުރާތަކުން ސަލާމަތްވުމަށްޓަކައި، ދައުލަތުގެ ބޮޑު ބަންޑާރައިން މަދަދު ހޯއްދެވީ އިހަވަންދޫ ކައްޕީނި ތަކުރުފާނުގެ ފަރާތުންނެވެ.

މިކަމުގެ ބަދަލެއްގެ ގޮތުގައި ކައްޕީނި ތަކުރުފާނުގެ އާއިލާއަށް ދައުލަތުން ފަތްކޮޅެއް ލިޔެ ސިއްކަ ޖައްސާވާ އާއިލާއަށް ޚާއްޞަ އިނާޔަތްތަކެއް ދެވިކަމަށްވެއެވެ. މިގޮތުން، ދައުލަތުގެ ވާރުން މާލީ އެހީތެރިކަން ދެއްވާ ކައްޕީނި ތަކުރުގެ އާއިލާގައި ހިމެނޭ، އަނބިކަނބަލުން އާއިޝާދިޔޯއާއި ތިން ދަރިކަލުން ކަމަށްވާ އިބްރާހިމް މަނިކުފާނާއި އާމިނާދިޔޯއާއި ހަގުދަރިކަލުން ކަމަށްވާ ބޮޑުތުއްމަނިކުފާނަށް ޚާއްޞަ ޤަދަރެއް ދެއްވިއެވެ. މިދެންނެވި ބޮޑު ތުންމަނިކުފާނުގެ ބާރު ގަދަކަމާއި ހައިބަތުގެ މަތިވެރިކަމަކުގެ ވާހަކައާ ގުޅޭ އެތަކެއް ފޯކްލޯރތައް ހުރެއެވެ.

ބޮޑުތުން މަނިކުފާނުގެ ދައްތާފުޅު އާމިނާދިޔޯ އަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ޝަޚްޞެކެވެ. ދިވެހި ޤައުމީ ބަޠަލް މުޙައްމަދު ތަކުރުފާނުގެ މަންމާ ފުޅަކީ މިދެންނެވި އާމިނާދިޔޯއެވެ. އާމިނާދިޔޯ އުތީމު ޙުސައިން ޚަތީބު ތަކުރުފާނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ހއ. އުތީމުގައެވެ.

ދިވެހި އަދަބީ ޖައްވުން ފާހަކޮށްލެވޭ އެއް އަދަބީ ތަރިކައަކީ ބުރުނީ ކަމަނާގެ ރައިވަރުބައެވެ. މި ރައިވަރު ބައި ގަލަމީ ތަސްވީރަކަށް ބަދަލުކޮށް، ޅެންބަހުރުވައިން ލިޔާބަހުރުވައަށް ބަދަލު ކުރެއްވީ ދިވެހި ބަހުގެ އުސްތާޒު އަލްއަދީބު އަބުދުﷲ ޞާދިޤެވެ. އަބުދުﷲ ޞާދިޤު މި ރައިވަރުބައިން ވާހަކައެއް އުފެއްދުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަތްފުނާ އަޅަމުން ދިޔަހިނދު، އެކަމުގެ މަދަދުވެރިވާނެ ފަރާތެއްގެ ގޮތުގައި ފެނިވަޑައިގަތް ބޭފުޅަކީ، އިހަވަންދޫ ގުލްބަކާގެ އަލްމަރުޙޫމް މޫސާ އަބުދުއް ރަޙްމާން، ދޮން މޫސަބެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް މިހާރު މި ފެންނަ ދޮންހިޔަލައާއި އަލިފުޅު ވާހަކައިގެ އަސްލު އުފަންވެފައިވަނީ އިހަވަންދޫން ކަމަށް ޤަބޫލު ކުރަންޖެހެއެވެ. މިކަމުން ހާމަވާ އެއް ޙަޤީޤީތަކީ އެ ޒަމާނުގައި ވާހަކަ ކިޔުމުގެ ފަންނަށް މޮޅެތި މީހުން އިހަވަންދޫގައި ތިބިކަމެވެ.

ދިވެހި ތާރީޚުގައި އިހަވަންދޫގެ ނަން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އ.ދ ގެ ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ)އިން ބަލަހައްޓަމުންދާ ދުނިޔޭގެ ތަރިކައިގެ ލިސްޓުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންދާ އިހަވަންދޫ އާސާރީ މިސްކިތުގެ ސަބަބުންނެވެ. ތާރީޚީ ފަތްފުށްތަކުން ހާމަވާ ގޮތުގައި މިސްކިތް އިމާރާތް ކުރައްވަން ފެއްޓެވި ދުވަސް ކަނޑައެޅިގެން ބުނަން ނޭގުނަސް، މި މަސައްކަތް ފެށިފައިވަނީ ސުލްޠާނު މުހަންމަދު މުހިޔުއްދީނުގެ ވެރިކަމުގައެވެ. އެއީ މީލާދީ ސަނަތުން، ގާތްގަނޑަކަށް، 1692 ވަނަ އަހަރުގައެވެ. މިސްކިތް ބޭނުންކުރަން ފެށިފައިވާ ތާރީޚެއް ކަމަށް އެނގެން އޮތް ތާރީޚަކީ 15 ރަޖަބު 1113، މީލާދީ ގޮތުން ނަމަ، 16 ޑިސެންބަރު 1701ގައެވެ. މިއީ އައްސުލްޠާނު އިބްރާހިމް މުޒުހިރުއްދީންގެ ރަސްކަމުގެ ދުވަސްވަރެވެ. 1940ގައި މިސްކިތުގެ ދެ ފަރާތަށް ދެ ދާލަ އިތުރުކޮށް ކުޑަ ދޮރުތައް އިތުރުކުރި ކަމަށްވެއެވެ. އޭގެ ކުރިން މިސްކިތް ހިޔާކުރުމުގައި ބޭނުން ކުރަމުން އައީ ފަންގި އާއި ތޮށަލި ކަމަށްވެއެވެ. 1940ގެ ފަހުން، މިސްކިތުގައި އީޓު ޖެހިކަމަށާއި 1996ގައި މިސްކިތުގެ އިރުމަތީ ފަރާތަށް އިތުރު ފެންޑާއެއް އިތުރުކޮށްފައިވެއެވެ. ތިން ޤަރުނަށްވުރެ ގިނަ ދުވަސްވެފައިވާ މި މިސްކިތުގެ ގޯތިތެރޭގައި، އުތީމު ހަސަން ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާގެ ބޭފުޅަކާއި، ދިޔަމިގިލީ ދަރިކޮޅުގެ ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވި ކުޑަބަނޑޭރި މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އަލްވަޒީރު މުހައްމަދު ވެސް ފަސްދާނުލެވިފައިވެއެވެ. އިހަވަންދޫގެ ސިއްކައެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ މި މިސްކިތް އާބާތުރަ ފިލުވައި ތަފާތު ބަދަލުތައް ޒަމާނާއެކު ގެނެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ. (ނުނިމޭ)

އިހަވަންދޫގެ ތާރީޚުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދިވެހިންގެ އުއްމީދީ އެންމެ ބިޔަ ބޮޑު މަޝްރޫޢުކަމަށްވާ، އައިހެވަން ޕްރޮޖެކްޓް ނިސްބަތްވަނީ އިހަވަންދިއްޕޮޅަށެވެ. މިއީ ބިލާހެއްގެ ވާހަކައެއްބާ؟ ނޫނީ ވައްބަހޭ މިކިޔާ ޒާތުގެ އަދަބީ އިބާރާތެއްބާ؟

– 23 ޖޫން 2017 0

ތިޔަ ބުނާ އައިހެވަން އަސްލުބުނަންޏާ އައިހުވަފެންގެ މާސްޓަރ ޕްލޭނެއް ހަދަން 1ނޮވެމްބަރު 2016 ސިންގަޕޫރުބަޔަކާ ހަވާލުކުރި 15 ހަފްތާއިން ނިންމަން․․ މިހާރު ބަހަބަރު 40 ހަފްތާވަނީ․․․ މި ނޫހުން ކީއްތޯވާނި މިނިސްޓްރީއަށްގުޅާ ޕްރޯއެކްޓިވްކޮށް ހަބަރު ހޯދައިގެން ރިޕޯޓްތައް ލިޔެ ސަރުކާރަށް ހަނދާންކޮށްދޭން․․․ ނިކަންބަލާބަލަ ކުޅުދޫފުށި އޮންލައިން އަދި އައްޑޫލައިވް

– 24 ޖޫން 2017 0