އިހަވަންދޫ ވޯޓާރސް ރެޖިސްޓްރީގައި ނިޔާވެފައިވާ ބައެއްމީހުން! — Ihavandhoo.com

އިހަވަންދޫ ވޯޓާރސް ރެޖިސްޓްރީގައި ނިޔާވެފައިވާ ބައެއްމީހުން!

29 އޮކްޓޫބަރު 2013 0

އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަންހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު ވޯޓްލުމަށް ޝަރުތުހަމާވާ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮފައިވާ އިހަވަންދޫގެ ބައެއް މީހުންނަކީ ނިޔާވެފައިވާ މީހުންކަން އިހަވަންދޫ ޑޮޓް ކޮމްއަށް ކަށަވަރު ވެއްޖެއެވެ.

ވޯޓްލުމަށް މިރަށުގައި ބަހަށްޓާ ދެފޮށިކަމަށްވާ A02.05.1 އަދި A02.05.2 ފޮށްޓަށް ވޯޓުލުމަށް ޝަރުތުހަމަވާމީހުންގެ ތެރެއިން ދެމީހުންނަކީ ނިޔާވެފައިވާ މީހުންކަން މިހާތަނަށްވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތުން 17 އޭޕްރީލް 2009 ގައި ނިޔާވެފައިވާ ފުރުންމާގެ މޫސާ އާދަމް A02.05.1 ފޮށްޓަށް ވޯޓްލެވޭމީހުންގެ ރަޖިސްޓްރީގައި ވާއިރު ހަމަ އެއަހަރުގެ މާރޗްމަހުގެ 28 ވަނަދުވަހު ނިޔާވެފައިވާ މިރަށު ޖަވާހިރުމާގެ މަރްޔަމް އިބްރާހީމް A02.05.2 ފޮށްޓަށް ވޯޓްލެވޭ މީހުންގެ ރެޖިސްޓްރީގައި ވާކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ އެފަދަ މައްސަލަތައް ފާހަގަވަމުން އަންނަކަމަށެވެ. ފައިނަލް ވޯޓާރސް ލިސްޓް ކެންޑީޑޭޓުންނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަސްވަނަދުވަހު ކަމަށާއި ފައިނަލް ލިސްޓް އެކުލަވާލުމުގެ ކުރިން އެމައްސަލަތައް ރަނގަޅުކުރެވޭނެކަމަށް އުންމީދު ކުރާކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ މަރުވެފައިވާ މީހުންކަމަށް ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި މިފަހަރު ދަތިތަކެއް އެބަހުރި ކަމަށާއި އެއީ އެއިން މީހެއްގެ ނަން ލިސްޓުން އުނިކުރެވޭނީ ޑީއެންއާރުގެ ހުއްދަޔާއި އެކުކަމަށެވެ. ސަބަބަކީ ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްކަމަށާއި އެހުކުމުގައި ވާގޮތުން ވޯޓާސް ލިސްޓްގެ ގޮތުގައި ބޭނުންކުރަން ޖެހެނީ ޑިއެންއާރުގެ ލިސްޓްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު ހަތެއްގައި ބޭއްވި އިންތިހާބު ސުޕްރިމް ކޯޓުން ބާތިލުކުރީ ފުލުހުންގެ ފޮރެންސިކް ރިޕޯޓަށް ރިޔާއަތްކޮށް 5000 އަށް ވުރެ ގިނަ ވޯޓް އޮޅުވާލާފައިވާކަމަށް ކަނޑައެޅުމަށް ފަހުގައެވެ. އެހުކުމުގައި ވާގޮތުން މަރުވެފައިވާ 18 މީހަކުވެސް ވޯޓްލާފައިވާކަމަށް ވެއެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް ރޭ އެމްއެންބީސީގެ ރާއްޖެމިއަދު ޕުރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސްޕްރީމް ކޯޓުން މަރުވެފައިވާކަމަށް ނިންމާފައިވާ 18 މީހުންގެ ތެރޭގައި ދުނިޔޭގައިތިބި މީހުންވެސް ހިމެނިފައިވާކަން ޔަގީންވެފައިވާ ކަމަށެވެ.

"މިސާލަކަށް މުހަންމަދު އަހްމަދު ސ.މަރަދޫ މުސްކުރާނާގެ ނަމަކަށް ކިޔާ މީހަކު މަރުވެފައިވާކަމަށް ހުކުމުގައި ވޭ. އެކަމު އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އޭނާ މިހާރުވެސް ދުނިޔޭގައި އެބަހުރި. ފާތުމަތު ދީދީ ސ.ހިތަދޫ ބުލޫރޯމް، މީނަވެސް މަރުވެފައިވާކަމަށް ސްޕްރީމް ކޯޓުން ވިދާޅުވެފައިވަނީ، އަޅުގަނޑުމެންނަށް އެނގޭގޮތުން އޭނަވެސް ދުނިޔޭގައި އެބަހުރި. މިއަޑުވެސް އައްސަވާނެކަމަށް އަޅުގަނޑު ދެކެނީ. އަހްމަދު ނަސީމް ސުވޯޑް މާލޭ މީހެއް އިނގޭތޯ، އޭނަވެސް މަރުވެފައިވާކަމަށް ވިދާޅުވެފައިވަނީ، މަރުވެފައިވާ މީހަކު ވޯޓްލާފައިވާކަމަށް، އޭނަވެސް ވަނީ ވޯޓްލާފައި ދުނިޔޭގައިވެސް އެބަހުރި. މިގޮތަށް ކިތަންމެ ބަޔަކު އެބަތިބި ދުނިޔޭގައި ތިބި މީހުން ވޯޓްލީމަ އެއީ މަރުވެފައި ތިބި މީހުން ވޯޓްލާފައޭ ބުނެފައި އިންތިހާބް ސްޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ،" ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ