އިހަވަންދޫގައި ބިދޭސީން އުޅެންޖެހޭނެ އުސޫލުތަކެއް ކަނޑައަޅައިފި

އިހަވަންދޫ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ބިދޭސީން މީގެފަހުން އަމަލުކުރަންޖެހޭނެ ކަންތައްތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ 14:00 އާއި 17:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުމާއި ވަލަށް ވަދެ، ކާށި، ދަރު އަދި ފަން ހޮވުން މަނާކޮށްފައި ވާއިރު، މީގެ އިތުރުން ކުނިގޮނޑަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް ވަނީ ބިދޭސީންނަށް މަނާކޮށްފަ އެވެ. މިއާއެކު ރަށުގައި ބޭއްވޭ ހަފުލާތަކަށް ދައުވަތު ނުދޭހާ ހިނދަކު އެފަދަ ހަފުލާތަކަށް ގޮސް ނޫޅުމަށްވެސް ވަނީ ކައުންސިލުން އަންގައިފައެވެ.
އިހަވަންދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަސް ތެރޭގައި އިހަވަންދޫ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގާފައި ވާއިރު، އެ ރަޖިސްޓްރީގައި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އެހެންނޫނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ނިންމާ ރަށުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށުން ހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިއަދު ކައުންސިލުން ނިންމި ނިންމުން ތަކަކީ ހަމައެކަނި، އިސްމާއިލް އުމަރުގެ މަރާއި ގުޅިގެން ނިންމި ނިންމުމެއް ނޫންކަމަށެވެ. "ބިދޭސީންގެ ވަރަށް ގިނަ މައްސަލަތައް ކައުންސިލަށް ދަނީ ހުށައެޅެމުން، އިޤުތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ރަށް ބޮޑެތި ގެއްލުން ތަކެއް އެމީހުންގެ ފުށުން ވުމުގެ ބިރު އެބައޮތް" މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެބޭފުޅާ ވިދާޅުވީ، ރުއްރުކުން ލިބޭ ކާށިފަދަ ތަކެތި ރަށުން ބޭރުކޮށް އެތަކެތިން ނާޖާއިޒު މަންފާ ނަގަމުން ދަނީ ރަށުގައި ދިރިއުޅޭ ބިދޭސީން ކަމަށާއި ފޮށުމުގެ މައްސަލަތައްވެސް އެމީހުންގެ ފުށުން ކުރިމަތިވަމުން އަންނަ ކަމަށެވެ. "އެހެންވެ މިކަންކަމުން ސަލާމަތްވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން މިފިޔަވަޅު އެޅީ. ރަށުގައި އުޅޭ ބިދޭސީންގެ ދަފުތަރު އެކުލަވާލެވުމާއެކު ބިދޭސީން ރަށުގައި އުޅޭނެ އާއްމު އުސޭލެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފާސްކުރާނަން" މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މިއަދު ކައުންސިލުން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތްތޭ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ، މިކަންތަކާއި މެދު ފުލުހުންނާވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާ، ޤާނޫނީ ގޮތުން މިކަމުގައި އެއްވެސް ހުރަހެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު މަރާލާފައި އޮތްވާ ފެނުނު އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު މިހާރު ކުރިއަށްދާތީ، އެ ރަށުން އެއްވެސް ބިދޭސީއަކު މިވަގުތު ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Suvaalakee thi regulations thah thanfeezu kuranee kon bayeh thoa. E bayakah gaanoonee baru libeythoa. Kobaathoa theege ugoobaaththakakee b

– 19 ޖޫން 2017 0