އިހަވަންދޫގައި ދާރުލްއާޘާރެއް ގާއިމް ކުރަނީ — Ihavandhoo.com

އިހަވަންދޫގައި ދާރުލްއާޘާރެއް ގާއިމް ކުރަނީ

21 މެއި 2019 0

އިހަވަންދޫގައި ދާރުލްއާޘާރެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދާރުލްއާޘާރަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ރަށުގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާކަމުގައި ރަށުކައުންސިލުން ހާމަކޮށްފިއެވެ.

އިހަވަންދޫކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވާގޮތުގައި އިހަވަންދޫގައި ދާރުލްއާޘާރެއް ގާއިމު ކުރުމުގެ ބޭނުމަކީ ޒަމާންވީ ތަފާތު ތަކެތި ރައްކާތެރި ކަމާއެކު އަންނަން އޮތް ޖީލްތަކާއި ހަމައަށް ވާސިލުކޮށްދީ އިހުތިބި ކާބަފައިންގެ އަގު ވަޒަން ކުރުމާއެކު އެއްތަނަކުން އެފަދަ ތަކެތި ފެންނާނެ ގޮތަށް އިންތިޒާމު ކުރުމެވެ. އެގޮތަށް އެކަން ކުރުމުން އެ ތައްގޮތަކުން ރަށުގެ ލޮބުވެތި ރައްޔިތުންނަށް މަންފާ ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ދުރުވެ ނަންނޯޓު ކުރުމުން ކަމަށް އެކަށީގެންވާ ތަކެތި ކައުންސިލުން ގެންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެފަދަ ތަކެތި ހަދިޔާ ކުރާ ކުރުމުގައި އެ އެއްޗަކީ އެބޭފުޅެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބޭބެ ގެންގުޅުއްވި އެއްޗެއް ކަމުގައި ވާނަމަ އެ ބޭފުޅެއްގެ ނަމުގައި އެ އެއްޗެއް ހަދިޔާ ކުރެވޭނެކަމަށާއި އެފަދަ ތަކެތި އިހަވަންދޫ ދާރުލްއާޘާރުގައި ބެހެއްޓިފައި ހުންނާނީވެސް އެބޭފުޅެއްގެ ނަމުގަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ހަދިޔާ ކުރެއްވިދާނެ ތަކެތީގެ ކެޓަގަރީތަކާއި ލިސްޓެއްވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ. އެގޮތުން:-

1-      ހިފައި ގެންގުޅުމަށް ބޭނުންކުރި އާލާތްތައް. ( ތެލި، ތަށި، ދޮލަގު، މަލާފަތް، ގުޅި، ރުނބާ، ޖާޑި، ހުފޭ، ލަކުޑިވަން، އަދި މޯލް، ހިލަވަން، އަދި މޯލް، ފުޑާދައި، ފޮއެ، އޮޑިހަނު، ދިވެހި ބޭސްވަން، އަދިވެސް މިނޫންވެސް ތަކެތި)

 

2-       އިހު މީހުން ބޭނުންކުރި ތަފަތު ވައްތަރުގެ ވަޅިފުރޯ: ތަފާތު ވައްތަރާއި ސައިޒުގެ ވަޅި، ފުރޯ މުޅޯ، ކޯރާޑި، ކަނޑޫ ކަހާވަޅި، ސަމުސާވަޅި، މަސްކާށި ފިޔޮހި، ކުރަފަތް، ކަތިވަޅި މަސްވަޅި، ބަރަބޯވަޅި، ކޮށާވަޅި، އަދި އެނޫންވެސް އެފަދަ ތަކެތި.

 

 

3-         ރާއެރުމަށް ބޭނުންކުރި އާލާތްތައް. ( ކާލި، ކަންފަތި، އޮނުގަނޑު ވަޅި، ބޭސް އޮށްފަތި، ފެންގުޑި، ކަންފަތި ގުޑި، ފިންދަނޑި ރާގުޑި، ރާބަދި، ތިންއުނބު ބަދި، ހަތަރު އުނބު ބަނދި، ރާދަޑިގަނޑު، ރާބަނދިތައް އެލުވާ އަނަގަނޑު އަދި އެނޫންވެސް ތަކެތި)

 

4-        ދިވެހިން ލާއުޅުނު ހެދުން: ހެދުމާއި އަރާއުޅުނު ފައިވާން: ( ބޮލުފޮށާ، އުނުފޮށާ، މުންޑު، ގަމީސް، ހުކުރު ހެދުން، ހެދުންބުރި، ކަޑިކި، ލިބާސް، ފަށުއި، ކަސަބު، ފޮތި ބޯވަޅު ލިބާސް، ފޭލި، ތާކިޔާ ގިރުވާން ރުމާ، ސޯރުފޮތިކޮޅު، ބެލްސް، ސިފްޓ އަދި މީނޫންވެސް ތަކެތި )

 

5-       ދިވެހިން އަރާއުޅުނު ފައިވާން: ( މަރަވަޅި، ފޮތި ވަދުލީ މަރަވަޅި، އަދި މި ނޫންވެސް އެފަދަ ތަކެތި)

 

6-      ކޮށާ މެށުމަށާއި، ތެދުވި ވަޑާމާއި އަދި ބަޅުއި ވަޑާން ކުރުމަށް ބޭނުން ކުރި އާލާތްތައް. ( ލަކުޑި ރޮންދާ، ދަނގަޑު ރޮންދާ ކުޑަ، އަދި ބޮޑު، ފަށްނަގާ ރޮންދާ، ތަފާތު ވައްތަރުގެ ބުރުމާތައް، ތަފާތު ވައްތަރުގެ ފޮނުމަތް އެކިސައިޒުގެ، ވަޑާންކަށި، ތަފާތު މުގުރުތައް، ފީރުތައް، ކީސްތައް، ކުޑިލުއްސި، އޮޑާ، އުއި، އޮލަނބު، ކަށަވަރު، ދެލިއުނބު، ކަބީލާ، ޅިސް، ބާސް، އަބުކުރި، ކަޅިހި، ( ލަކުޑި، ބޮބި ) ދެލި ފޮށާ، އެންމެ އިހުގެ ދޯނި ފަހަރުގެ މޮޑެލް، މެދުތެރޭގެ ދޯނި ފަހަރުގެ މޮޑެލް، މިހާރުގެ ދޯނި ފަހަރުގެ މޮޑެލް، ލަކުޑިއާއި ފައިބަރު)

 

7-        ފެހުމާއި މާޖެހުމަށް ބޭނުން ކުރި ސާމާނުތައް.

 

8-       ރޭނުމާއި އުވަޖެހުމަށް ބޭނުން ކުރި ސާމާނުތައް. ( ހަދި، ފަތިގަނޑު އުވަދޯނި އަދި މިނޫންވެސް ތަކެތި )

 

9-      އަތްކަން ކުރުމާއި ގުޅޭގޮތުން ބޭނުންކުރި ސާމާނުތައް.

 

10-  އެކި ތަކެތިން އުފައްދާ ވިނުމުގެ ބާވަތްތައް: ( ފަންގެ، ވަށި، ތޮށަލި، ސާންތި، ކުނާ، ހަލަނި، ބަތްޕޮޅި ގޮށި، އަތްވަށި، ވަޑިގޮނު، މުޅި، ވިއުމަށް ބޭނުން ކުރި ސާމާނުތަކާއި އެކަމާ ގުޅޭ ނަމޫނާ ތަކެއްޗާއި އަދި އެނޫންވެސް ތަކެތި )

 

11-  ބުޅި ޖެހުމާއި ދަގަނޑު ތެޅުމަށް ބޭނުން ކުރި ސާމާނުތައް: ( ގިރުބާ، ކިރުނު، ހަޑަސް، ކަކުނި، މަރުތެޔޮ، އަދިވެސް އެނޫން އާލަތްތައް)

 

12-  ދިއްލުމަށް ބޭނުންކުރި ސާމާނުތައް. ( ވޮށް، ފުޅިބައްތި، އަތްބައްތި، އުނބުގަނޑު ބައްތި، ފާނޫޒް ބައްތި، ބިގަރު، އަދި އެނޫންވެސް ތަކެތި)

 

13-  އިހުގެ ކާބަފައިން ބޭނުން ކުރެއްވި ހެދުމާއި، ރަށުގެ އިއްޒަތްތެރިން ބޭފުޅުންގެ ޚާއްސަ ހެދުން ކޮޅުތައް.

 

14-  އިހުގެ ފޮޓޯތަކާއި، އޯޑިއޯ، ވީޑީއޯތައް.

 

15-  އިހުގެ ފޮތްތައް ( ދީނީ، ޢިލްމީ، އަދި އެނޫންވެސް ފޮތްތައް)

 

16-  މަތީގައި ދެންނެވުނު ތަކެތި ފިޔަވައި އިހުގެ ކާބަފައިން  ގެންގުޅުއްވި އެނޫންވެސް ތަކެތި.

 

17-  ބަދިގެ ސާމާނުތައް. ( އޮބި، ދޭފަތް، އުނދުޅި، މުށި ހުފޭ، ތެލި، ތާސް، ލޯގަނޑު އަދިވެސް އެނޫންވެސް ތަކެތި)

 

18-  ފެންބެހެއްޓުމަށާއި ފެންބުއިމަށް ބޭނުން ކުރި ތަކެތި. ( ފެންކޫދު، ބަޑިޔާ، ތުޅާ، ލޯވަށި، އަދި އެނޫންވެސް ތަކެތި )

ކައުންސިލުން ބުނެފައިވާގޮތުގައި ތަކެތި ބަލާގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 8.30 އިން 12.30 އަށެވެ. ރަމަޟާން މަހުގައި ރަސްމީ ދުވަސްތަކުގައި ތަކެތި ބަލައި ގަތުމަށް ހަމަޖެހިފައި ވަނީ ހެދުނު 9:30 އިން 11:30 އަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ