އިހަވަންދޫ މިސްކިތްތަކުގެ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ އަދިވެސް ނުލިބޭ

އިހަވަންދޫ މިސްކިތްތަކުގެ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ އަދި ރޯދަ އެލަވަންސްވެސް އަދިވެސް ނުލިބޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިސްކިތު ބައެއް މުއަޒަފުންނަށް އަދިވެސް މިދިޔަ މަހުގެ މުސާރަ ނުދޭވޭކަމުގައެވެ. އެބޭފުޅާ ވިދާޅުވީ އެއީ އިސްލާމިކް މިނިސްޓްރީގެ ދަށުގައިތިބޭ މުވައްޒަފުން ކަމަށާއި އެމުވައްޒަފުންނަށް މުސާރަ ޖަމާކޮށްދޭނީ އިސްލާމިކް މިނިސްޓްރީން ކަމުގައެވެ. އިސްލާމިކް މިނިސްޓްރީން އެމުވައްޒަފުންގެ މުސާރަ މެއި 27-28 ގައި ޖަމާވިކަން އަންގާފައި ވާކަމަށާއި އަދި އެމުވައްޒަފުންގެ ރަމަޟާން އެލަވަންސް ޖޫން 3 ގައި ޖަމާވިކަން އަންގާފައިވާކަމުގައެވެ.

"އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގާ ސީދާ ދުވަހަށް ސީދާ އެކައުންޓަށް ޖަމާނުވުމުގެ މައްސަލަ މީގައި ގިނަފަހަރު ދިމާވޭ. ނިމިދިޔަ ކައުންސިލުން އެބައޮތް މުސާރަ ނެގުމަށް ބޭންކަށް ފޮނުވާފައި ނަމަވެސް ޗެކެއްގެ ސޮއެ ދިމާނުވެގެން ލަސްވެގެން ދިޔައީ. އަޅުގަނޑުމެން ކައުންސިލާ ހަވާލުވެ އަދި މިވީ ހަފުތާއެއް. ބޭންކުން ބުނަނީ އަޅުގަނޑުމެންގެ ސޮއެ އެކްރެޑިޓް ކުރެވޭނީ މާލެކޮޅަށް ފޮނުވާގެންނޭ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ހޯމަ ނޫނީ އަންގާރަ ދުވަހު އެމުވައްޒަފުންގެ މުސާރަ ޖަމާވާނެކަމަށް ބޭންކުން މައުލޫމާތު ދޭކަމުގައެވެ.

"މިކަހަލަ ދަތިތައް މިދިމާވަނީ އެމުވައްޒަފުން އިސްލާމިކް މިނިސްޓްރީގެ ދަށުގައި ތިބޭތީ، މިއީ އެމުވައްޒަފުންނަށާއި ކައުންސިލަށްވެސް ވަރަށް ދަތިވާ މައްސަލައެއް، އުއްމީދުކުރަން މިމައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމަށް" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މިނޫހާވާހަކަދެއްކި އިހަވަންދޫ މިސްކިތެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުނީ، މެއި މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށާއި އެހެން ކަމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ވަރަށް ދަތިވާކަމުގައެވެ. "މޭ މަހު މުސާރަ އަދި ރަމަޞާން އެލަވަންސް ނުލިބޭތީ ވަރަށްދަތި، ރޯދަ މަހަކީ އެތައް ގުނައަކަށް ހަރަދު ބޮޑުވާ މަހެއް، ކަރަންޓްވެސް ކާޑުވެސް އަގުބޮޑުކޮށް ކުޑަމިނުން މުސާރަވެސް ނުލިބޭތީ ހާލުގަ ޖެހިއްޖެ! " އޭނާ ބުންޏެވެ. އިހަވަންދޫ މިސްކިތެއްގައި މަސައްކަތްކުރާ އެހެން މުވައްޒަފެއް ބުނީ ކޮންމެ މަހެއްގެ މުސާރަ ދެނީވެސް މަސްނިމި ވަރަށް ލަހުން ކަމަށާއި މިއަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެހެން އޮފީސްތައް އިހަވަންދޫގައި ހުރިއިރު އެތަންތަނުން މަސް ނުނިމެނީސް މުސާރަ ދޭކަމުގައެވެ. "ކަމާބެހޭ މުވައްޒަފުން ގާތު މުސާރަ ނުދެވޭ ސަބަބު އަހާއަހާ އެއްވެސް ޖަވާބެއްނުދިން. ވަރަށް ކަންބޮޑުވެފާ މިތިބީ" އޭނާ ބުންޏެވެ.

ރަމަޟާން މަހުގެ އިނާޔަތް މެއި މަހުގެ މުސާރަޔާއި އެކު ދިނުމަށް 9 މެއި 2017ގައި ފިނޭން މިނިސްޓްރީން ސަރުކާރުގެ އޮފިސް ތަކަށްވަނީ އަންގާފައެވެ. އަދި ރަމަޟަން މަސް ފެށުމުގެ ކުރިން މެއި މަހުގެ މުސާރަ ދިނުމަށް މަގުފަހި ކުރުމަށް އެލަވަންސްތައް ދޭގޮތަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް" ވެސް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދޭންޖެހޭނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ. އަދި ބިދޭސީ މުސްލިމް މުވައްޒަފުންނަށް އެލަވަންސް ދިނުން ދޫކޮށްލާފައި ވަނީ ވަޒީފާ ދޭ ފަރާތުގެ އިޚްތިޔާރަށެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ