އިހަވަންދޫގެ ބަނދަރު – ފާއިތުވި 30 އަހަރުގެ ތާރީހީ ހުލާސާއެއް!


1990 ވަނަ އަހަރު އިހަވަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތްކުރަނީ.

ފާއިތުވި 30 އަހަރަކީ އިހަވަންދޫގެ ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ 30 އަހަރެވެ. 1990 އިން ފެށިގެން ކޮންމެ 10 އަހަރަކުން ބަނދަރު އިތުރަށް ފުންކޮށް ބަނދަރުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެވެއެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ބަނދަރުގެ އެއްގަމު ވާޓަރާއި ބޭރުތޮށި ހަލާކުވަނީއެވެ. ތިލަވަނީއެވެ. ރަށަށް އުމްރާނީގޮތުން އަންނަ ތަރައްޤީ އާއިއެކު، ކަނޑު އުޅަނދުފަހަރު ގިނަވެ ފަޅު ކުޑަވަނީއެވެ.

މިހާރު އިހަވަންދޫ ބަނދަރުއޮތް، އިހަވަންދޫގެ ދެކުނު ކޮޅުގައި ފުރަތަމަ ބަނދަރު ހެދިގެން ދިޔައީ 1990 އިގެ ކުރީކޮޅުއެވެ. އެފަހަރު އިހަވަންދޫގައި ހެދި ބަނދަރުގެ ބޮޑުމިނަކީ 13150 އަކަ މީޓަރެވެ. އިހަވަންދޫގެ ރައްޔިތުންގެ މަސައްކަތުން ހެދި އެބަނދަރުގައި ގާތްގަނޑަކަށް ދިގުމިނުގައި 250 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުއްޓެވެ. އެދުވަސްވަރުގެ މީހުން ބުނާގޮތުގައި އެފަހަރު ބޭރުތޮށިހެދީ ބޮޑެތި ގާ ބޭނުންކޮށްގެންނެވެ. މޫސުން ގޯސްވެ ބޭރު ތޮށި ވެއްޓުމުން، ދެއަވަށުގެ ރައްޔިތުންނަށް ގޮވައިގެން މަރާމާތު ކުރަނީއެވެ. ހަނދާންވާގޮތުން އެފަހަރު ކޮނުނު ފަޅުގައި އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގައި ވާޓަރެއް ލާފައެއް ނޯވެއެވެ. ހުޅަނގު ފަރާތާއި އިރުމަތީ ފަރާތް ބޭނުންކުރީ ދޯނިއެހެލައި މަރާމާތުކުރާށެވެ.

އެއަށްފަހު 2000 ވަނަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ބަނދަރު ހެދިއެވެ. އެފަހަރު އެއްގަމު ތޮއްޓާއި ބޭރުތޮށި ހެދީ ސިމެންތި ބަސްތާ ޖަހައިގެންނެވެ. އެފަހަރު ހެދީ ގާތްގަނޑަކަށް ދިގުމިނުގައި 303 މީޓަރު އަދި ފުޅާމިނުގައި 77 މީޓަރު ހުންނަ ފަޅެކެވެ. ގާތްގަނޑަކަށް 23300 އަކަ މީޓަރުގެ ފަޅެކެވެ. ފަޅު ހެދިތާ ކުޑަދުވަސްކޮޅެއް ނުވަނީސް، ބޭރުތޮށީގެ ބޮޑުބައެއް ވެއްޓުނެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ފަޅަށް ވަރަށްބޮޑަށް ގެއްލުންވިކަމަށް ލިޔެކިޔުންތަކުން ފެންނަންއެބަހުއްޓެވެ. އެއްގަމު ވާޓަރުން ބައެއްވެއްޓި ކުޑަވަރެއްގެ "އާޓިފިޝަލް ބީޗެއް" ހެދިފައި އޮތެވެ. އަޅުގަނޑުމެންވެސް އެތަނަށް އެރިއުޅުނީމެވެ.

ސުނާމީގައި ލިބުނު ގެއްލުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން 2010 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަދުވަހު އަނެއްކާވެސް ބަނދަރު ހެދުމުގެ މަސައްކަތް ފެށުނެވެ. އެފަހަރުހެދި ބަނދަރުގެ ދިގު މިނުގައި 397 މީޓަރު އަދި ފުޅާމިނުގައި 90 މީޓަރު ހުރެއެވެ. އެއީ 35730 އަކަ މީޓަރެވެ. އެފަހަރުގެ ބަނދަރުހެދީ  އެއްގަމު ވާޓަރު ޝީޓްޕައިލްކޮށް ބޭރު ތޮށީގައި ބޮޑުހިލަޖަހައިގެންނެވެ. ކިތަންމެ މޮޅަށް ބަނދަރުހެދިޔަސް ދުވަސްކޮޅެއް ނުވަނީސް ފަޅު ތިލަވެއްޖެއެވެ. ފަޅުގެ އިރުމަތީ ކޮޅުގައި ބޮޑު ތުނޑިއެއް ލާންފަށައިފިއެވެ.

އަނެއްކާވެސް 10 އަހަރުފަހުން ފަޅު ކުޑަވެ، އެއްގަމު ވާޓަރުން އަރާފޭބުމާށް ދަތިކަން ކުރިމަތިވުމުން ފަޅު ބޮޑުކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން މިހާރު ކުރިޔަށްއެގެންދާ މަޝްރޫއު ނިމޭއިރު އިހަވަންދޫ ބަނދަރުގައި 47295 އަކަ މީޓަރު ހުންނާނެކަމަށް ލަފާކުރެވެއެވެ. މުޅިން އައު ކޮންސެޕްޓަކަށްހެދޭ ބަނދަރު ވެގެންދާނީ ރާއްޖެތެރޭގައި ހެދޭ އެންމެ ބޮޑު އެއްބަނދަރަށެވެ.

1990 ވަނައަހަރުން ފެށިގެން ކޮންމެ ދިހައަހަރަކުން އިހަވަންދޫގެ ބަނދަރު މިދަނީ އައުގޮތަކަށް ހެދެމުންނެވެ. މިހާރު ފަޅަށްގެންނަމުންއެދާ ބަދަލުތަކަކީ މިކަމަށް ނިމުމެއް އަންނާނެ ބަދަލުތަކަކަށް ވާނެބާއެވެ؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ