އިމަގު ޖަމިއްޔާއިން އަލްޔާން އަށް އެހީ ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ — Ihavandhoo.com

އިމަގު ޖަމިއްޔާއިން އަލްޔާން އަށް އެހީ ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

24 ފެބުރުއަރީ 2017 0

ބޮލުގެ ނުރައްކައުތެރި އޮޕަރޭޝަނަކާއި އެކު، "އެޕާޓްސް ސިންޑުރޮމް" ގެ ސަބަބުން ގިނަ އޮޕަރޭޝަން ތަކެއް ކުރަން ޖެހިފައިވާ ހއ. އިހަވަންދޫ ޖަވާހިރުވާދީ އަލްޔާން ޒައުލް ހަމްދޫން (4 މ) އަށް އެހީ ހޯދުމަށް ޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުމުން (އިމަގު ޖަމިއްޔާ އިން) ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިއްމައިފިއެވެ.

"އިމަގު މަދަދު، ހެލްޕް އަލްޔާން" ގެ ނަމުގައި އިމަގު ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ހަފުލާއެއް މާދަމާރޭ (25 ފެބުރުވަރީ ވާ ހޮނިހިރު ދުވަހުގެ ރޭ) އިހަވަންދޫ ދަނބުކުރި ފިހާރަ ކުރިމަތީ އޮންނާނެ ކަމަށް އިމަގުން މައުލޫމާތު ދެއެވެ. އަލްޔާން އަށް އެހީވުމަށްޓަކައި އިހަވަންދޫގެ 3 ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓުމަށް އިމަގުން ވަނީ ނިންމާފައެވެ. ފަންޑު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ދަނބުކުރި ، ޓޫ.ފޯ.ޓޫ އަދި ހަމަރޯޅި ކުރި ފިހާރައިގަ އެވެ.

މީގެ އިތުރުން މާލީ ތަނަވަސްކަން ހުރި ބޭބޭފުޅުންނާއި އިމަގުން ވާހަކަ ދައްކާ، އަލްޔާން އަށް އެހީތެރިކަން ހޯދުމަށް އެހީވުމުގެ އިތުރުން މާރޗުމަހު ތެރޭގައި ސުކޫލުތަކުގެ މެދުޓާމު ޗުއްޓީއާއި ދިމާކޮށް، ރަށުފެންވަރުގެ ބޮޑު ހަރަކާތެއް ހިންގުމަށްވެސް އިމަގުން ތައްޔާރުވަމުން ދާކަމަށް އިމަގު ޖަމިއްޔާގެ ރައީސް އަލްފާޟިލް މޫސާ ޢަލީ މައުލޫމާތު ދެއްވައެވެ. މިގޮތުން މިހަރަކާތުގައި އެއްޗެތި ވިއްކައިގެންނާއި، ބައެއް ތަކެތި ނީލަން ކިޔުންފަދަ ހަރަކާތްތަކާއި އެކު އެހީގެ ހަރަކާތުގައި ކުޑަކުދިން ބައިވެރި ކުރުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަކޮށް، ކޮއިން ޑޮނޭޓު ކުރެވޭކަހަލަ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް މޫސާ ޢަލީ ވިދާޅުވިއެވެ. އަދި ފަންޑު ހޯދުމުގެ ގޮތުން އިމަގުގެ ޓީމުތައް ގޭބިސީ ތަކަށް ޒިޔާރަތް ކުރާގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް އިމަގުން ބުނެއެވެ.

މިހަރަކާތްތަކުގައި އެންމެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ހާމަ ކުރައްވަމުން، އަލްޔާން އަށް އެހީވުމަށް ހިންގޭ މިހަރަކާތުގައި ކުދިބޮޑު އެންމެން ޝާމިލްވެ ދިނުމަށް އިމަގު ޖަމިއްޔާއިން އެދިލައްވައެވެ. އަދި އިމަގުގެ ހަރަކާތްތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށާއި މިހަރަކާތްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އިމަގުގެ ރައީސް، މޫސާ ޢަލީ ގެ ފޯނު ނަންބަރު 7741778 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް އިމަގުން އެދިލައްވަ އެވެ. 

މަދަދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ