އިމްތިހާނަށް ތައްޔާރުވުން — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

އިމްތިހާނަށް ތައްޔާރުވުން

މި ދުވަސްވަރަކީ 2016 ވަނަ އަހަރުގެ ފުރަތަމަ ޓާމް އިމްތިހާނަށް ދަރިވަރުން ފަރިތަކޮށް ތައްޔާރުވާން މަސައްކަތްކުރާ ދުވަސްވަރަށް ވުމުން، މި ލިޔުމުގައި ބަލާލާނީ އިމްތިހާނަށް ތައްޔާރުވުމާއި ބެހޭގޮތުން ނެވެ. ބައެއް ދަރިވަރުންނަށް އިމްތިޙާނުގައި އެދެވޭ ނަތީޖާ ހޯދުމަށް، އިމްތިހާނަށް ތައްޔާރުވާން ގެންގުޅެވޭ އުކުޅުތައް އެއީ ހުރަހަށް ވެދާނެއެވެ. 

އިމްތިހާނުގެ ކުރީންކުރަންވީ ބައެއްކަންތައް:

  1. ހެއްދެވިފަރާތަށް ދެއްވި ޢިލްމަށް ޝުކުރުވެރިވާ ހާލު ޢިލްމު އިތުރުކޮށްދެއްވުމަށް އެދި ދުޢާކުރާށެވެ.
  2. ދުވާލަކު ނިދަންޖެހޭ ނިދި، 8 ގަޑި އިރު ކޮންމެ ދުވަހަކުވެސް ނިދާށެވެ. ރޭނގަޑު ދަންވަންދެން ފޮތް ކިޔުމަށް ހޭލާހުންނަ ނަމަ، ދުވާލުގެ ވަގުތުގައި ރޭގަނޑުގެ ނިދިން ގެއްލޭބައި ހޯދާށެވެ. ނުނިދާ ގިނަ ވަގުތު ހުރުމުން އިންސާނާގެ ސިކުނޑީގައި "ކެމިކަލް އިމްބެލެންސް އުފުދެއެވެ".
  3. ރޭވުންތެރިކަމާއެކު، ފިޅާވަޅުތައް މުތާލިއާ ކުރުމަށްޓައި، ތާވަލް އެއް އެކުލަވާލާށެވެ. މިގޮތަށް ތާވަލް އެކުލަވާލާއިރު، ދެ އިމްތިހާނު ދޭތެރޭގައި ލިބޭ ވަގުތާއި އެކުއްޖަކަށް ފަސޭހަ އަދި އުދަނގޫ މާއްދާތަކަށް ހާއްޞަ ސަމާލުކަމެއް ދޭށެވެ. މިގޮތުން އުދަނގޫ މާއްދާތަކަށް ދޭ ވަގުތު އިތުރު ކުރާށެވެ.
  4. ދުވާލުގެ ވަގުތުގައި ކޮންމެވެސް ކަޞްރަތެއް ކުރުމަށް އާދަ ކުރާށެވެ. 30 މިނިޓުގެ ކަސްރަތެއް ކޮށްލުމުން ފުދޭނެއެވެ. މިގޮތުން، ފެތުން، ދުވުން، ހިނގުން، ކުޅުން އަދި އެހެނިހެން ފަސޭހައިން ކޮށްލެވޭ ކަޞްރަތު އިހުތިޔާރު ކުރާށެވެ. ކަޞްރަތު ކުރުމަކީ އިންސާނާގެ ސިކުނޑީގެ ސެލް ތައް މަސައްކަތް ކުރާ މިންވަރު އިތުރުކޮށް އިންސާނާ ރަނގަޅު މޫޑުއެއްގައި ބަހައްޓައު ދިނުމަށް މަސައްކަތްކުރާ ހަރަކާތެކެވެ.
  5. މާއްދާއެއް ކިޔަވާއިދު، މުޤައްރަރަށް ބަލައި، ކިޔެވުމަށްބޭނުންކުރާ ދަރިވަރުންގެ ފޮތުގެ ބައިތައް މުޤައްރަރު ގައިވާ މިންވަރަށް ފަހުމު ވި ތޯ މުދައްރިސުލައްވައި ނޫނީ ރަހުމަތްތެރިޔަކު ލައްވައި ބެލުވިދާނެއެވެ.
  6. ވަކި ހާއްޞަ މާއްދާއެއް ތިމާއަށް އުދަނގޫ ނަމަ، އެ މާއްދާއަކުން، އިތުރު އެހީ އެހެން ފަރާތްތަކުން ހޯދާށެވެ. (ޓިއުޝަން)
  7. އިމްތިހާނުގެ ކުރިން ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާށެވެ. މިގޮތުން، ބޭރުން ނުކެއުމާއި، މޫސުމީ ރޯގާތަކުން ތިމާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް މަސައްކަތްކުރާށެވެ.
  8.  ފިޅާވަޅުތައް މުތާލިއާ ކުރާ އިރު، ކޮންމެ އެއްގަޑި އިރަކުން 30 މިނިޓުގެ ހުސްވަގުތުކޮޅެއް ނަގާށެވެ. ގިނަ ވަގުތު އެއްކަމަކަށް ސަމާލުކަންހުއްޓުމުން، އެކަމަށް ސަމާލުކަންދެވޭ މިންވަރު ވަގުތު ގިނަވި ވަރަކަށް ދަށްވެއެވެ. އެންމެ ރަނގަޅީ ސާފު ވައި އަދި އިރުގެ ތާޒާ އަވި ލިބޭ މާހައުލަކަށް ނިކުމެލައި، 30 މިނިޓުގެ ބްރޭކެއް ނެގުމެވެ.
  9. އަބަދުވެސް ކިޔެވުމަށް ތިމާއަށް އެންމެ ފަސޭހަގޮތް ބޭނުން ކުރާށެވެ. ބައެއް ދަރިވަރުންނަށް އަޑު ގަދަ މާހައުލު ކިޔެވުމަށް ފަސޭހަވާއިރު، ބައެއް ދަރިވަރުންނަށް ފަސޭހައީ ހަމަހިމޭން މާހައުލެކެވެ. ރަހުމަތްތެރިޔާ ކިޔެވުމަށް ބޭނުންކުރާގޮތް ހޯދައި ބަލައި ކޮޕީ ނުކުރާށެވެ.

10. ނޯޓު ނެގުމާއި، ޗާޓުތައް ހެދުމާއި، ފިޅާވަލުގެ އަރިމަތި ޞުރުހީތައް ހިތުން ދަސްކުރުމުން، އިމްތިހާނުހަދަން، ބައެއް ދަރިވަރުންނަށް ފަސޭހަވާކަމަށް ބުނެވެއެވެ. ކިޔަވާ ވަގުތު، ގިނަ ގިނައިން ފެން ބުއިމާއި ދިޔާ އެއްޗެތި ބުއިމަށް ސަމާލުކަން ދޭށެވެ.

 

އިމްތިހާނު އޮންނަ ދުވަސް އަދި އިމްތިހާނުގެ ތެރޭގައި:

  1. އިމްތިހާނު އޮންނަ ދުވަހު އެންމެ ރަނގަޅީ ފިލާވަޅު ދަސްކުރުމާއި ދުރަށް ޖެހިލުމެވެ. އިމްތިހާނު ވަގުތު ކައިރިވާ ވަރަކަށް ފިޅާވަލުތައް ބަލައި ނަހަދާށެވެ.
  2. އިމްތިހާނަށް ދާންޖެހޭ ތަނާއި ވަގުތު ޔަޤީންކޮށްލުން ބުއްދިވެރިއެވެ. އިމްތިހާނަށް ވަނުމަށްޓަކައި ބޭނުންކުރާ ކަރުދާސް އަދި ދަރިވަރުގެ ވަނަވަރު އަންގައިދޭ ލިޔުން ބަލާށެވެ.
  3. އިމްތިހާނަށް ގެންދަންޖެހޭ ސާމާނު ހަމަކޮށް ޗެކު ކޮށްލާށެވެ. ގަލަމުން ލިޔެވޭތޯއާއި، ކަލްކިޔުލޭޓަރު ބެޓެރީ ރަނގަޅުތޯ ބަލާލުން ބުއްދިވެރިއެވެ. އަދި ކަލްކިއުލޭޓަރު "އޯލް ރިސެޓު" ކޮށްލައި "މެމޮރީ" ގައި އެއްޗެއްވާނަމަ ފޮހެލާށެވެ. ސާނަވީ އަދި މަތީސާނަވީ ދަރިވަރުން ކަލްކިޔުލޭޓަރު "ޑެގު" މޯޑުގައި ބަހަށްޓާށެވެ.
  4. އިމްތިހާނު ފެށެން 1 ގަޑިއިރުގެ ކުރީން، ކާރބޯ ހައިޑްރޭޓް އެކުލެވިގެންވާ ކާނާ ކާށެވެ. އިމްތިހާނުގެ ހެދުމަށް ސިކުޑީގެ ހަތަކަ އިންތިހާއަށް ބޭނުންވާނެއެވެ.
  5. އަތް އުދާސްވެ ދާހިއްލާނަމަ، ކުޑަ ރުމާލެއް، ނުވަތަ ޓިޝޫއެއް އިމްތިހާނު ހޯލަށް ވެއްދުމަށް ހަނދާން ބަހައްޓާށެވެ.
  6. އިމްތިހާނު ހަދައި ހޯލަށް ވަދެ، އިށީނުމަށް ތައްޔާރުކުރެވިފައިވާ ގޮޑި އަދި މޭޒު ތިމާއަށް ހެލުން ފަދަ ގޮތެއް މެދުވެރިވާނަމަ، އިންވިޖިލޭޓަރުންގެ ސަމާލުކަމަށް ގެންނާށެވެ.
  7. ސުވާލު ކަރުދާސް ލިބުބުން، ލިބުނީ ރަނގަޅު ކަރުދާސްތޯ ޗެކުކޮށްލައި، އިމްތިހާނަށް ކަނޑައެޅިފައިވާ ވަގުތުގެ ދިގުމިން ޔަޤީން ކޮށްލާށެވެ.
  8. ބޭރު ގަޑުގައިވާ އިރުޝާދުތައް ރަނގަޅަށް ކިޔުމަށް ހަނދާން ބަހައްޓާށެވެ. އަދި ސަޕުހާގެ ޢަދަދު ހަމަތޯބަލައި، ކަރުދާސް ޗާޕުކުރުމުގައި މައްސަލައެއްވާނަމަ، އެކަން އިންވިޖިލޭޓަރުންގެ ސަމާލުކަމަށް ގެންނާށެވެ.
  9. ކަރުދާހުގެ އެކި ބައިތަކަށް ކަނޑައެޅިފައިވާ މާކްސްއަށް ބަލައި ވަގުތު ބަހާލައި ބިސްމިނުގެ ބަރަކާތުން ޖަވާބު ދޭން ފަށާށެވެ.

10. ބޭރުގެ މާހައުލުން،އަދި އެތެރޭގެ މާހައުލުން އެއްވެސް ދަތި އުދަނގުލެއް ކުރިމަތި ވާނަމަ، އެކަމެއް އިންވިޖިލޭޓަރުގެ ސަމާލުކަމަށް ގެންނާށެވެ. ކަރުދާހަށް ކަނޑައެޅިފައިވާ ފުރިހަމަ ވަގުތު ހަމަވަންދެން އިމްތިހާނު ހެދުމާއި ޗެކުކުރުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ތިމާގެ ސަމާލުކަން ސުވާލުކަރުދާހަށް ދޭށެވެ. ގިނައިން ލިޔަންޖެހޭ ކަރުދާހެއް ނަމަ، 5 މިނިޓުގެ ބްރޭކެއް ނެގުން ބުއްދިވެރިއެވެ.

އިމްތިހާނަށް ފަހު:

  1. ގެއަށް އައިސް ފޮތް ބަލައި ލިޔުނު ޖަވާބު ރަނގަޅުތޯ ބެލުމަކީ ބޭކާރު ކަމެކެވެ.
  2. އެހެން ދަރިވަރުންގެ ޖަވާބުތައް ހޯދައި ތިމާގެ ޖަވާބައި އަޅައި ކިޔައި ނަހަދާށެވެ.
  3. އިމްތިހާނުގެ ސުވާލެއް ނޫނީ ސުވާލެއްގެ ބައެއް ނޭގުނު ނަމަވެސް، ނުވަތަ ޖަވާބުލިޔެވުނީ ގޯސްކޮށް ކަމަށް ތިމާއަށް ޔަޤީންވިޔަސް އެކަމާ މާޔޫސް ނުވާށެވެ. އެހެނީ 100 މާކްސް އިމްތިހާނަކުން ހޯދުމަކީ ނާދިރު ކަމެކެވެ. އަހަރެމެން އިންސާނުންނަކީ އުނި ބަޔެކެވެ.
  4. ތިމާގެ ޖަވާބުތައް ރަހުމަތްތެރިން އެހިނަމަވެސް، ބުނެދީ ނަހަދާށެވެ. އެހެނީ ، ތިމާގެ ޖަވާބުތައް ރަހުމަތްތެރިންގެ ޖަވާބުތަކާއި ދިމާނުވެއްޖެ ނަމަ ތިމާ މާޔޫސް ކުރުވަފާނެއެވެ.
  5. ސުވާލެއްގެ ޖަވާބު ނުލިޔެ ދޫކޮށްލެވުނީތޯ ޝައްކު ނުކުރާށެވެ. އެއީ އެކަން ބޮޑު ބައްޔަކަށް ވެދާނެތީއެވެ.
  6. އިމްތިހާނަށް ވަނުމަށް ބޭނުންކުރާ ކަރުދާސް އަދި އިމްތިހާނަށް ގެންނާ ސާމާނު ފަސޭހައިން ހަނދާން ހުންނަ ތާކު ރައްކާ ކުރާށެވެ.
  7. އިމްތިހާނު ނިމިގެން އާއިލާއެކު 30 މިނިޓު ހޭދަކޮށްލުން މުހިއްމެވެ. އެއީ އެހެން ކަމެއް ކުރުމުގެ ކުރީންނެވެ.
  8. ކުރިއަށް އޮތް އިމްތިހާނަށް ދަސްކުރަން ފެށުމުގެ ކުރީން އެންމެ މަދުވެގެން 3 ގަޑި އިރުގެ ބްރޭކެއް ނަގާށެވެ.
  9. ކުރިއަށް އޮތް އިމްތިހާނު ބަލައި، ކިޔެވުގެ ތާވަލްއަށް ބަދަލުގެންނަށް ބޭނުން ނަމަ އެ ބަދަލެއް އަވަހަށް ގެންނާށެވެ.

10. ކުރިއަށް އޮތް އިމްތިހާނުގެ ފާސްވެ ރަނގަޅު ނަތީޖާ ހޯދުމުގެ ނިޔަތާއި އަޒުމުގައި ފިޅާވަޅުތައް ދަސްކުރަން ފަށާށެވެ.

 ހުރިހާ ދަރިވަރުންންވެސް އިމްތިހާނުގައި ކާމިޔާބަށް އެދެމެވެ. ޢިލްގު އުނގެނުމާއި ފެތުރުމުގެ މަތިވެރިކަމާއި ދަރަޖަ ތިބާއަށް އެނގޭ ނަމަ، އިލްމު އުނގެނުމަށް ގަދަ އަޅައި މަސައްކަތް ކުރާނެކަން ޔަޤީނެވެ. އަބަދުވެސް، ސަވާބު މާތް ﷲ ދެއްވާ އެއް އެއްޗަކީ، ތިމާ ދުނިޔެމައްޗަށް ދޫކޮށްފައިދާ ހެޔޮ ޢިލްމެވެ. ޢިލްމުވެރި ކުރެއްވުމަށް ދުޢާ ކުރައްވާށެވެ.

"އޭ ﷲ ! މިއަޅާގެ ޢިލްމު އިތުރު ކޮށްދެއްވާފާދޭވެ!" އާމީން!

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ