BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

އިންސާނީ ހަޔާތަށް އެންމެ ފައިދާ ހުރި ދީނަކީ އިސްލާމްދީނެވެ

10 ޑިސެމްބަރު 2020 0

އަޅުގަނޑުމެން އަމިއްލަ ސިނކުޑިން ވިސްނާލަމާތޯއެވެ! މިހާރު ދުނިޔެއަށް އީޖާދުވަމުންދާ ޓެކޮނޮލަޖީތައް އުފައްދާ އެޓެކޮނޮލަޖީތައް ބޭނުން ކުރާނެގޮތް އެއުފައްދާ ފަރާތުން ފޮތެއްގެ ސިފާގއި ނުވަތަ ލިޔުމެއްގެ ސިފައިގައި ނެރެމުން ދެއެވެ. އެފަދަ ޓެކޮނޮލަޖީތަކަށް މައްސަލަތައް ޖެހުމުން އެމައްސަލަ އެންމެ ފުރިހަމައަށް ރަނގަޅުކުރެވޭނީ ކޮންފަރާތަކަށް ތޯއެވެ. އެޓެކޮނޮލަޖީ އުފެއްދި ފަރާތަކަށް ނޫތޯއެވެ.

ކަންމިހެން ހުރިއިރު، އިންސާނާގެ ކަނަތައްތައް އެންމެ ރަނގަޅަށް އެނގޭނީ އެއިންސާނާ ހެއްދެވި ފަރާތަށް ނޫތޯއެވެ! އިންސާނާ އުޅެންވި ގޮތް އެނގޭނީ އެފަރާތަށް ނޫތޯއެވެ! ހަމަ ސިނކުޑިން ވިސްނާ ކޮންމެ މީހަކުވެސް، ގަބޫލުކުރާނީ އަޅުގަނޑު ދެންމެ މިދެންނެވި ގޮތެވެ. އެންމެ ރަނގަޅަށް އެނގެނީ އިންސާނާ ހެއްދެވި ފާރާތްކަމެވެ. އެފަރާތަކީ އެކައުވަންތަ ﷲ އެވެ. އެކަލާނގެ ވަނީ އިންސާނާ ދިރިއުޅޭނެ ގޮތްތައް އިސްލާމްދީން ބާވައިލައްވާ އެގޮތްތައް އެކަލާނގެ ކަލާމްފުޅުކަމަށްވާކީރިތި ގުރުއާން ބާވައިލައްވާފައެވެ.

މާތްﷲ ވަހީ ކުރައްވަނީ إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ (سورة آل عمران 19 ) މާނައީ" ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ."  އިންސާނާ ދިރިއުޅެންވީ ހުރިހާ ގޮތެއް އެދީނުގައި ވަނީ އަންގަވާފައެވެ. އެގޮތުން އިންސާނައިގައި ކިބައިގައި ހުންނަންވާ ރިވެތި ހުރިހާ އަޙްލާގެއް އެދީނުގައި ވަނީ އަންގަވާފައެވެ. އެގެތެރޭގައި އަމާނާތްތެރިކަމަށް ވަނީ އެދީނުގައި ބާރުއަޅުއްވާފައެވެ. އަށް ނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވަނީ إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا މާނައީ " ހަމަކަށަވަރުން އަމާނާތްތައް އެގެ އަހުލުވެރިންނަށް އަދާކުރުމަށް  ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި ތެދުވެރިކަމަށް ބާރުއަޅުއްވާ ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 119 ވަނަ އާޔަތުގައި އައިސްފައިވަނީ هَذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ މާނައީ " މިއީ ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނެ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުއްޓެވެ. އެސުވަރުގެތަކުގައި، އެއުރެން އަބަދުގެ އަބަދަށް ދެމިތިބޭގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ."

މީގެ އިތިތުން ވަޢުދުފުއަދުމާއި،ނިކަމެތެންނާއި، މުސްކުޅިންނަށް އެހީތެރެވުމާއި، އަވަށްޓެރިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމަށް އެދީނުގައި ބާރު އަޅުއްވާފައި ވެއެވެ.

މައިންބަފައިންނަށް އިހުސާންތެރިވުމާއި ބެހޭގޮތުން އަލްހާކިމު ރިވާކުރަށްވާފައިވާ ކީރިތި ރަސޫލާގެ ހަދީޘެއްގެ މާނައިގައި ވެއެވެ. " މައިންބަފައިންނަށް އުރެދުމުގެ ޢުޤޫބާތް ފިޔަވައި، އެކަލާނގެ އިރާދަކުރައްވާ އެހެން ކޮންމެ ފާފައެއްގެ ޢުޤޫބާތް ޤިޔާމަތް ދުވަހާ ހަމައަށް ﷲ ފަސްކުރައްވަތެވެ. ފަހެ އެކަމުގެ ޢުޤޫބާތް (މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ޢުޤޫބާތް) އެކަން ކުރި މީހާއަށް އެކަލާނގެ (މިޙަޔާތުގައި) އަވަސްކުރައްވަތެވެ." ( މައިން ބަފައިންނަށް ހެޔޮކޮށް ހިތުން :ތަރުޖަމާ ޢަބްދުއްސައްތާރު ޢަބްދުލް ހަމީދު)

މީގެ އިތުރުން ވެރިންނަށް ކިޔަމަންގަތުންފަދަ ހުރިހާ ރިވެތި ސިފަތަކަކީ އިސްލާމުންގެ ކިބައިގައި ހުންނަޖެހޭ ސިފަތަކެކެވެ. މަތީގައި ބަޔާވެގެން ދިޔަ ދަލީލުތަކުން އެނގޭ ގޮތުގައި މިފަދަ ހުރިހާ ސިފަތަކަކީ އިސްލާމްދީނުގެ ދެމަސްދަރުކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ކަންތައްތަކެވެ.

އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ކޮންމެ އަޅުކަމަކީވެސް އޭގެ ސަބަބުން ތިމާގެ ނަފުސު އިސްލާހުވެ މުޖުތަމަޢުއަށް ފައިދާކުރުވަނިވި ކަންތައްތަކެވެ. މިގޮތުން ނަމާދާއި ޒަކާތާއި ރޯދައާއި ހައްޖު ފަދަ އަޅުކަންތައްކުގެ ސަބަބުން  އިސްވެ ދެންނެވި ފައިދާތައް ލިބެއެވެ.

ނަމާދުން ލިބޭ މަންފާ އަންގަވާ ކީރިތި ޤުރުއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ  "اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ " މާނައީ " ފޮތުން ކަލޭގެފާނުން ވަހީކުރެއްވި ތަކެތި ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނުން ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަކުޅައުމަކީ، އެންމެ ބޮޑުކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާކަންތައް ﷲ ދެނެވޮޑިގެންވެތެވެ."

ރަމަޟާން މަހުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ، ކީރިތި ރަސޫލާގެ ހަދީޘެއްގެ މާނައިގައި ވަނީ، "ރަމަޟާންމަހުގެ ކުރީކޮޅުގައިވަނީ، ރަޙްމަތެވެ. އެމަހުގެ މެދުތެރޭގައިވަނީ، ފާފަ ފުއްސެވުމެވެ. އެމަހުގެ ފަހުކޮޅުގައި ވަނީ ނަރަކައިން މުއްޠި ކުރެއްވުމެވެ." މިހަދީޘުން ދޭހަވައިގޮތުގައި އެމަހުގައި ރޯދައިގެ އަޅުކަން ފުރިހަމަ ކުރާ މީހުންނަށް ހުރި ފައިދާއެވެ.

ޒަކާތުގެ ފައިދާއާއި ބެހޭގޮތުން ކީރިތި ޤުރުއާނުގެ އައްތަޢުބާ ސޫރަތުގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ " خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ " މާނައީ:" އޭގަސަބަބުން ކަލޭގެފާނު އެއުރެން ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރު ކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި، ކަލެގެފާނު ދުޢާ ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދުޢާއަކީ، އެއުރެންނަށް އޮތް ހިތްހަމަޖެހުމަކާއި، ރަހްމަތެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އިސްލާމްދީނަކީ ޖާހިލުކަމުން އެއްކިބާވެ، ޢިލްމު ހޯދުމަށް އަންގަވާފައިވާ ދީނެކެވެ. އިންސާނުންނަކީ ދުނިޔެ އާރާސްތުކުރުމަށް މާތް ﷲ ލައްވާފައިވާ ބަޔަކަށްވާއިރު، ދުނިޔެ އާރާސްތުކުރުމަށް  ބޭނުންވާ ހުރިހާ ޢިލްމެއް އުނގެނުމެއް ޢުނގެނުމަށް އެދީންވަނީ ގޮވާލައިފައިވާކަން ކީރިތި ރަސޫލާގެ ހަދީޘްފުޅު ތަކުންނާއި ކީރިތި ޤުރުއާނުން ސާބިތުވެއެވެ.

އަނެއްކަމަކީ ބުއްދި ރައްކާތެރިކުރުމާއި، އަބުރު ރައްކާތެރިކުރުމާއި، ޞިއްހަތު ރައްކާތެރި ކުރުމާއި، ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރުމެވެ. މީގެ އިތުރުން މުއްސަނދިކަން އިތުރު ކުރުމާއި މީސްތަކުންނީ ހަމަހަމަ ބައެއްކަމަށް ގޮވާލާ ދީނެވެ. އިސްލާމްދީނުގައި އެންމެ މާތް މީހަކީ އެންމެ ތަޤުވާވެރި މީހާއެވެ.

އިސްވެދިޔަ ކަންތައްތަކުގެ އިތުރުން އިސްލާމްދީނުގައި ބާއްޖަވެރި މުޖުތަމަޢުއެއް ޤާއިމުކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ. މިގޮތުން އިސްލާމީ މުޖްތަމަޢުގައި ރަނގަޅު ޞާލުޙު އަދި ތަހުޒީބު ނަސްލެއް ދެމިއޮތުމަށާއި ގާތްތިމާގެ ކަމުގެ ގުޅުން ފުޅާކޮށް، އެކަކު އަނެއްކަކަށް އެހީތެރިވެ ވާގިވެރިވުމުގެ ރޫޙު އާލާކުރުމުގެ ގޮތުން ކާވެނި ކުރުންވަނީ ޝަރުޢު ކުރައްވާފައެވެ.

އަދި ހަމައެފަދައިން ވެރީންގެ ކިބައިގައި ހުންނަވީ ރިވެތި ސިފަތަށް އެދީނުގައި ވަނީ އަންގަވާފައެވެ. އިސްވެދިޔަ ކަންތައްތަކުގެ އިތުރުން އެތަށް އެތަށް ކަމެއް ވަނީ ދީނުގައި ކަނޑައަޅުއްވާ ފައެވެ. އެހެންކަމުން މީދީނުގައި ވަނީ ހުރިހާމެއް އަނގަވާފައެވެ. ( އިސްލާމީ ނިޒާމުގެ މައިގަނޑު ބައިތައް މިފޮތުން )

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ