އިންޓަނެޓުގެ ދެފަރާތް — Ihavandhoo.com

އިންޓަނެޓުގެ ދެފަރާތް

29 މާރިޗު 2014 1

ދުނިޔެއަށް އަންނަމުން މިދާ ތަރައްޤީއާއި ތަހުޛީބުގެ ކުލަތައް އަޅުގަނޑުމެންގެ މިލޮބުވެތި ޖަޒީރާ ރަށްތަކަށްވެސް ކުރަންފަށައިފިއެވެ. ދުރުގައި ހުންނަމީހުން ގާތު ބުނަން ބޭނުންވާ ވާހަކަތައް ސިޓީގެ ގޮތުގައި ޕޯސްޓުކުރި ޒަމާންވަނީ، އޮޔާ ވައިގެ ތެރެއަށް ގޮސް އޮބައި ލާފައެވެ. އެއްގޮތަކަށްވެސް ގޯސްކޮށް މާނަ ނުނަންގަވާށެވެ. އަޅުގަނޑު ދަންނަވާލަން މިއުޅެނީ މިހާރުވެސް ޕޯސްޓު ޙިދުމަތް ނުލިބޭވާހަކައެއް ނޫނެވެ. އެހެންނަމަވެސް، މިހާރު އިންޓަރނެޓްގެ އެހީގައި އެޙިދުމަތް އެއަށްވުރެ އަވަހަށް ފަސޭހަކަމާއެކު ކުރެވޭ ވާހަކަ އެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ އިންޓަރނެޓުގެ ފައިދާއާއި ގެއްލުމުގެ މައްޗަށެވެ.

ބައެއް ބޭފުޅުންނަށް ހީވެފައިވާ ގޮތުން އިންޓަރނެޓުގައި ހިމެނެނީ ހަމައެކަނި އީ- މެއިލް އާއި ޗެޓުކުރުންފަދަ ކަންކަމެވެ. އެހެންނަމަވެސް، ހަޤީގަތަކީ އިންޓަރނެޓް ބޭނުންކޮށްގެން މިއަދު، ތަފާތު އެތަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމެވެ. މިގޮތުން ވީޑިއޯޗެޓްކުރުމާއި، ތަފާތު ވައްތަރުގެ ވެބްސައިޓުތަކާއި ބުލޮގުތަކުގެ އިތުރުން އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރީގެ ތަފާތު ވައްތަރުގެ މުއާމަލާތްތައްވެސް ކުރެވެމުން ދާކަން ފާހަގަކުރެވެއެވެ.

މިއަދު ދުނިޔެ މިވަނީ ގުލޯބަލައިޒް ވެފައެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޑަކުޑަ އަވަށަކަށްވެފައެވެ. އެހެންކަމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ވަރަށް ފަސޭހަކަމާއެކު ބަލާލުމުގެ މަގު މިވަނީ ފަހިވެފައެވެ. އިންޓަރނެޓްގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ މަންފާތަކެއް ލިބެމުންދެއެވެ. އެގޮތުން އިންޓަރނެޓުން ލިބިދޭ އެންމެ އަސާސީ ޚިދްމަތެއްކަމުގައި ބެލެވެނީ ކޮމިއުނިކޭޓް ކުރުމެވެ. މިގޮތުން އަޅުގަނޑުމެން އިންސާނުންގެ ވިސްނުމުގެ މައިމަރުކަޒަށް ޤަބޫލުކުރަން ދަތިވާ މިންވަރަށް ކޮމިއުނިކޭޓް ކުރުމުގެރޮގުން އިންޓަރނެޓްގެ ޚިދުމަތް މިވަނީ ކުރިއަރާފައެވެ.

މީގެ އިތުރުން އިންޓަރނެޓްން ލިބޭ އަނެއް ފައިދާއަކީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި ލިބިގަތުމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮސްފައިވާ ދިރާސާތަކުން ދައްކާގޮތުން އެންމެ ގިނަމީހުން އިންޓަރނެޓްގެ ބޭނުންކުރަނީ މަޢުލޫމާތު ހޯދުމަށެވެ. ދެން ކޮމިއުނިކޭޓް ކުރާށެވެ. ސުކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީ ތަކުގެ ދަރިވަރުން އެކި ކަހަލަ ދިރާސާތަކާއި އެސެއިމެންޓުތައް ހެދުމަށްޓަކައި އިންޓަރނެޓްގެ ޙިދުމަތަ ލިބިގަނެއެވެ. އަދި ހަމަ ބީދައިން އިންސާނާ އަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދިމާވެފައިވާ ތަފާތު ހާދީސާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން ސަލާމަތްވާނެ ގޮތުގެ މަޢުލޫމާތު އިންޓެނެޓްގެ އެހީގައި ހޯދައެވެ.  އެއްބައިފަހަރަށް ޗެޓް ރޫމްތަކުގެ އެހީގައެވެ. އަނެއްބައިފަހަރަށް އެފަދަ ނަފްސާނީ ޢިލްމުވެރިންނާއި ޑޮކްޓަރުންގެ އަމިއްލަ ބުލަގުތަކުގެ އެހީގައި އެ މަޢުލޫމާތު ހޯދައެވެ. ތަފާތު ފިލްމުތައް ބަލައިލުމުގެ ފުރުޞަތާއި ގޭމްތައް ކުޅުމުގެ ފުރުޞަތު އިންޓަރނެޓްގެ ޒަރިއްޔާއިން ލިބެއެވެ.

އިންޓަރނެޓްގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް މަންފާތަކެއް ޙާޞިލުކުރެވުނުކަމުގައި ވިޔަސް މިފަދަ ވަޞީލަތެއް ބޭނުން ކުރުމުގައި ވިސްނާލަން ޖެހޭ ކަންތައްތައް ހުންނާނެކަން ޔަޤީނެވެ. ފުރަތަމަ އަޅުގަނޑު ނަޒަރު ހިންގާލާނީ މުޢާޞަލާތު ކުރުމުގައި ފިކުރު ހިންގާލަންވީ ބައެއް ކަންކަމަށެވެ.  މިޒަމާނަކީ ބުލެކްމެއިލް ކުރުމުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. އެހެންކަމުން ދައްކާވާހަކަތައް ވަރަށް ވިސްނާފައި ނޫނީ ނުދެއްކުމާއި، އިންޓަރނެޓް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގައި ތިމާގެ ނަމާއި އެޑްރެހާ އައިޑީކާޑު ނަމްބަރ އަދި ކްރެޑިޓް ކާރޑް ނަމްބަރ ބޭނުންކޮށްގެން ތަފާތު މާލީ ގެއްލުންތައް ދީފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ތިމާގެ މެއިލްއަށް އަންނަ ފާޑުފާޑުގެ މެއިލްތަކުގައި ހުންނަ ލިޔުންތައް ކިޔާފައި އެފަދަ ބޮޑުއަދަދެއް ހޯދުމަށް ކުރެޑިޓް ކާޑުގެ ނަމްބަރ ދޭކަން ފާހަގަކުރެވެއެވެ. އަދި ތަފާތު މެއިލްތަކުގެ ޒަރިއްޔާއިން ވައިރަސްތައް ފޮނުވުމަކީ ވެސް އިންޓަރނެޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ވަރަށް ވިޔާނުދާ ޢަމަލެކެވެ. އެހެންކަމުން މިފަދަ މެއިލްތަކަށް ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ.

އިންޓަރނެޓް އަޅުގަނޑުމެންގެ ދަރިން ނުވަތަ ބެލުމުގެ ދަށުގައިވާ ކުދިން ބޭނުންކުރަމުންދާނަމަ އެކުދިން ބޭނުންކުރަމުންދާ ސައިޓުތަކާއި އެހެނިހެންވެސް އިންޓަރނެޓްގެ ހިދުމަތްތައް ބަލޭނެ ނިޒާމެއް ހަމަޖައްސާފައި އޮތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެހެނީ އިންޓަރނެޓުގެ އެހީގައި، ކުދިން ކިޑްނެޕް ކުރުމާއި ޖިންސީގޯނާ ތަކާވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.

ކުރިންވެސް އަޅުގަނޑު ދަންނަވާލިފަދައިން އެންމެ ގިނަބަޔަކު ނެޓްގެ ޒަރިއްޔާއިން ލިބިގަންނަ ޚިދުމަތަކީ މަޢުލޫމާތު ހޯދުމެވެ. މަޢުލޫމާތު ހޯދުމުގައި އަޅުގަނޑުމެން އެންމެވެސް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަމުސްލިމް ގައިމެއްގެ މުސްލިމުންނަށް ވީހިނދު،  މަޢުލޫމާތުތައް ނެގުމުގައި ހާއްޞަކޮށް ދީނީ މަޢުލޫމާތުތައް ނެގުމުގައި އެއީ ކިހާވަރެއްގެ ޞައްޙަމަޢުލޫމާތެއްތޯ ޔަޤީން ކުރަން ޖެހެއެވެ. އިސްލާމްދީން ހަލާކުރުމަށްޓަކައި ހުޅަނގުން މިހާރު ކުރަމުން ގެންދާ އެއް ހަނގުރާމައަކީ ފިކުރީ ހަނގުރަމައެވެ. އެހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރާ އެއްވަޞީލަތަކީ އިންޓަރނެޓްކަން ވިސްނާގެން ތިބުމަކީ އެފަދަ ހަނގުރާމައަކުން އަޅުގަނޑުމެންނަށް ބަލިނުވެ ސަލާމަތް ވެވޭނެ ހަމައެކަނި ގޮތެވެ.

އަޅުގަނޑުގެ ދުޢާއަކީ އިންޓަނެޓް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިފަދަ ކަންކަމަށް ވިސްނާ މިކަން ކުރެވެން އޮތް އެންމެ ރަގަޅަކަށް ކުރުމުގެ ހެޔޮތަޢުފީޤް ﷲ އަޅަމެނަށް މެދުވެރި ކޮށްދެއްވުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަޑަ ލިޔުމެށް

– 29 މާރިޗު 2014 1