ކުޅެން ފެށިއިރު މީހުން އެއްޗެހިކީ. އެކަމަކު މިހާރު ޝަނީއަށް މީހުން ކުރަނީ ތަޢުރީފް. — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

ކުޅެން ފެށިއިރު މީހުން އެއްޗެހިކީ. އެކަމަކު މިހާރު ޝަނީއަށް މީހުން ކުރަނީ ތަޢުރީފް.

21 ޖުލައި 2016 3

 

ހއ. އިހަވަންދޫ، މޫން ލައިޓް، ފާޠިމަތު ޝަނީޒާއަކީ އިހަވަންދޫގައި މިހައިތަނަށް އުފެދުނު އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާއޭ ބުނުމުން އެކަމާ ދެކޮޅު ހަދާނެ މީހަކު ނުހުންނާނެއެވެ. އުމުރުން އެންމެ 19 އަހަރުގައި ޝަނީޒާ ވަނީ ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި އިހަވަންދޫގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ދަތުރު ނުކުރެވޭހާ ދުރަށް ދަތުރު ކޮށްފައެވެ. ހިތްވަރާއެކު ނުގުޑާފަދަ ޢަޒުމެއްގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުޅިވަރެއް ކުޅެން ދިވެހި ޤައުމު ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނު އިހަވަންދޫގެ ހަމައެކަނި ކުޅުންތެރިއަކީ ޝަނީޒާއެވެ.

އެގޮތުން، ޝަނީޒާވަނީ ނިމިދިޔަ 2015 ވަނަ އަހަރު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ބޭއްވި 23 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ހިމެނި ފިލިޕީންސްގައި ކުޅެފައެވެ. އަދި ޝަނީޒާވަނީ މިދިޔަ އަހަރު ސީނިއަރ ޓީމުން ތައިލެންޑްގައި ކުރިއަށްގެންދިޔަ ޓްރެއިނިންގގައި ބައިވެރިވެ، ރިޔޫނިއަންގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ސީނިއަރ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ދިވެހި ޤައުމު ތަމްސީލު ކޮށްފައެވެ.

 

މި ހުނަރުވެރި ކުޅުންތެރިޔާ މި މަހުގެ 18ވަނަ ދުވަހު ހއ. އިހަވަންދޫ، އުފާ، މުޙައްމަދު ރިޝްފާނާ ކައިވެނީގެ މާތް ގުޅުމުން ގުޅިފައިވާއިރު ތިރީގައި މިވަނީ ކައިވެނީގެ ކުރިން މިނޫހަށް ޝަނީޒާ ދިން ބަސްދީގަތުމެކެވެ. އަޅުގަނޑުމެން އެދެނީ ޝަނީޒާއަށް އުފާވެރި ބާއްޖަވެރި މުސްތަޤުބަލެކެވެ. ކާމިޔާބު ދުވަސްތަކެކެވެ.

އިހަވަންދޫގައި އަދި ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިއަކީ ކާކު ކަމަށް ޤަބޫލްކުރަނީ؟

މި ރަށުގަ މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔަކީ ޠަހޫރާ. ދެން މުޅި ރާއްޖެއަށް ބަލައިލާ ކަމަށްވަންޏާ ބުނެވޭނީ އެންމެ މޮޅީ ޕޮލިސް ޓީމަށް ކުޅޭ ޙައްވާ ރާޝިދާއޭ.

ވޮލީގެ ދާއިރާއިން ކުރިއަށްދިޔުމަށް އިހަވަންދޫގައި ހުރި ގޮންޖެހުންތަކަކީ ކޮބާ؟ އިހަވަންދޫގައި ވޮލީގެ ކުރިމަގާމެދު ދެކެނީ ކިހިނެއް؟

އަސްލު އެންމެބޮޑު އެއް މައްސަލައަކީ އިސްނަގައިގެން ވޮލީ ކުރިއަރުވަން މަސައްކަތް ކުރާނެ މީހަކު ނެތުން. އިންޓަރ ހައުސް ވޮލީ މުބާރާތުން ވެސް އެބަފެނޭ ހަމަ ހުނަރުވެރި މޮޅެތި ކުދިން. އެކުދިންނަށް ވެސް ކުރިއަށްދިޔުމަށް ފުރުޞަތު ލިބޭނީ ބަޔަކު އެކަން ކުރިއަރުވަން މަސައްކަތްކޮށްގެން. އެހެންވީމަ ބުނެވޭނީ މަސައްކަތްކޮށްފިއްޔާ އިހަވަންދޫގައި ވޮލީގެ ކުރިމަގު ވަރަށް އުޖާލާވާނޭ.

ޝަނީޒާ އިންޓަރ ހައުސް މުބާރާތުގައި ކުޅުނުއިރު ވެސް މޮޅެތި ކުޅުންތެރިން ފެނުނު. އެކަމަކު ޝަނީޒާ މިހާރު ތިޔަހުރި ހިސާބަށް ދަތުރުކުރެވުނު އެހެން ކުޅުންތެރިޔަކު ނުފެނެ. ކޮބައިބާ ސަބަބަކީ؟

އަސްލުގަ މި ހިސާބަށް މި އާދެވުނީ ވަރަށް މަސައްކަތުން. އަޒުމެއް އޮވެގެން މަސައްކަތްކޮށްފިއްޔާ ހަމަ މޮޅު މީހަކަށް ވެވިދާނެ.

އުއްމީދު ކުރިންތަ ޤައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް؟ ކޮބާ އެ ފުރުސަތު ލިބުމުން ކުރެވުނު އިހުސާސަކީ؟

ނޫން. ހިތަކަށް ނާރާ (ޤައުމީ ޓީމުން) ފުރުސަތެއް ލެބޭނެކަމަކަމަށް. އަސްލުގަ ވީ ގޮތަކީ ހަނިމާދޫގައި އޮތް ޕްރެޒިޑެންޓް ކަޕްގައި ކުޅުނުތަން ފެނިގެން އެ ކޯޗުން ގުޅީމަ ދިޔައީ. އެކަމަކު އެތަނަށް ގޮސް އެތާނގައި ތިބި މީހުންގެ ކުޅުން ފެނުނީމަ ޤަބޫލުކުރެވުނު ޓީމުން ޖާގަ ލިބޭނެކަމަށް.

ދެން ވަރަށް އުފާވި ޤައުމު ތަމްސީލް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީމާ. މި ރަށުން ވެސް ޤައުމީ ޓީމަށް އަލަށްކަން ނޭނގެ ކުޅުންތެރިޔަކު އެ ނެގުނީ. އެހެންވެ ވަރަށް އުފާވި.

ޤައުމީ ޓީމާއެކު ކުރެވުނު ތަޖުރިބާ ހިއްސާކޮށްލަބަލަ؟

ހަޤީޤަތަށް ބުނަންޏާ ޤައުމީ ޓީމާއެކު ކުރެވުނު ފަރިތަކުރުންތަކުގައި ވޮލީގެ ނޭނގޭ ވަރަށް ގިނަ އެއްޗެހި އެނގިގެން ހިނގައްޖެ. މޮޅެތި ކޯޗުންނާ ދިމާވެ ވަރަށް ގިނަ އެއްޗެހި އަސްލު ދަސްވި.

އެހެންވީމަ މޮޅެތި ކޯޗުންގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވެފަ ހުންނާނެކަމަށް މި ޤަބޫލުކުރަނި. އެހެން ދަސްވާ އެއްޗެހި އެހެން މީހުންނަށް ކިހާވަރަކަށް ބުނެދެން؟

މިރަށުގައި ކުޅޭތާ ދެން ކިޔައިދޭން. އެގޮތަށް ހުންނަ ކަންކަން ހަމަ ބުނެދެން އެނގިފައި އެހުންނަ މިންވަރަކުން.

ކޮބާ ދެން އެންމެ ކަމުދާ ކޯޗަކީ؟

ދެން ވަކި ކޯޗަކާއެކު ނެތް އެހާގިނަ ދުވަހަކު މަސައްކަތް ކުރެވިފައެއް. ކޮންމެ މުބާރާތެއްގައި ވެސް ތަފާތު ކޯޗެއް މިހުންނަނީ. އެހެން ދެން ރަނގަޅޭ ކިޔައިފަ ނެތް ވަކި ކޯޗެއް ފާހަގަކޮށްލާކަށް. ހަމަ އެންމެން ވެސް ރަނގަޅު. ރަނގަޅަށް ބުނެދޭ.

މޮޅު ވޮލީ ކުޅުންތެރިއަކަށް ވުމަށް ކޮންބައެއްގެ ފަރާތުން އެންމެބޮޑަށް ހިތްވަރު ލިބުނީ؟

އަސްލު ފުރަތަމަ އެހާ ބޮޑު އެއްބާރުލުމެއް ނުލިބެ. ސްކޫލުގަ އުޅުނުއިރު ކުޅެންދާތީ އެއިރު މަންމަމެން ވެސް އެހާ ހިތްހަމައެއް ނުޖެހެ. ދެން އެކަމު ރަނގަޅަށް ކުޅެވެން ފެށީމަ، ރަނގަޅު ހިސާބަކަށް ދެވޭތީވެ މަންމަމެން ވެސް ބުނާނެ ދާށޭ. ދެން ޝަބާ ވެސް ވަރަށް ހިތްވަރުދޭނެ ކުރިއަށްދާން. ދެން އެކުވެރިން އަބަދު ވެސް ވަރަށް ގިނައިން ހިތްވަރުދޭ މިކަމުގަ.

ވޮލީ ކުޅުމުގެ ތެރެއަށް ވަދެގެން އައިގޮތް ކޮންމެވެސް ވަރަކަށް ކިޔައިލަދީބަލަ!

އިމަގު ޖަމިއްޔާއިން ފުރަތަމަ އިހަވަންދޫގައި އަންހެނުންނަށް ވޮލީ މުބާރާތެއް ބޭއްވި. ދެން އެއިރު އެއްގޮތަކަށް ވެސް ވޮލީއެއް ނުކުޅެން. އެ މުބާރާތުގަ ޝަބާމެން ކުޅޭތަން ބަލަން ދިޔައީ. އަސްލު އެމީހުން ކުޅޭތަން ފެނިގެން ކުޅޭ ހިތްވީ. ދެން ޅަފުރާ ޓީމުން ކޯޓު ޖަހައިފަ އޮތީމަ ކުޅެން ފެށީ. ދެން ފުރަތަމަ ރަނގަޅަށް ކުޅެން ވެސް ހަމަ ނޭނގެ. ވަރަށް އެއްޗެހި ވެސް ކިޔާ ކުޅޭތާ މީހުން، މިބުނީ ކުޅޭ ގޮތާ ދޭތެރޭ. ދެން ބައެއް ދުވަސް ދުވަހު ދެރަވެސްވޭ ފުރަތަމަ ކުޅެންފެށި ދުވަސްކޮޅު. ދެން ހިތްވަރު ކޮށްލައިފަ ކޮންމެ ދުވަހަކު ކުޅެންގޮސް ދަސްވީ. އަސްލު މެންދުރު ގަޑީގަ ރައްޓެހިންނާއެކު ދަނީ ސަރވިސް ނަގާ ކަންތައް ކޮށްލަން.

ތިބުނާ ދުވަސްވަރު ޝަނީގެ އުމުރުން ކިހާވަރެއް؟ ދެން އެދުވަސްވަރު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކާކުގެ ފަރާތުން؟

އެއިރު ގާތްގަނޑަކަށް 13 އަހަރުވާނީ. މިބުނާއިރު ނިޝާއާ އެއްކޮށް ދަނީ. އެއީ ފްރެންޑެއް. ދެން އެއިރު އެތާ އޮންނާނީ ހިޔާލައިފަ.

ރަށުން ބޭރުގައި ވެސް ވަރަށްގިނަ ޓީމުތަކަށް ކުޅެވިފަކަމަށް ޤަބޫލުކުރަނީ ހުންނާނީ؟ ކޮބާ އެގޮތަށް ކުޅުނު ފާހަގަކޮށްލެވޭ ޓީމުތަކަކީ؟

މާލޭގަ ކުޅުނިން ގުޑީސް އަށް. އެފަހަރު ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަންކަން ލިބުނު.

އެމުބާރާތުގަ ޗެމްޕިއަންކަން ނެގިއިރު ޝަނީގެ ކިހާބޮޑު ބައިވެރިވުމެއް އޮންނާނެ އެކާމިޔާބީ ހޯދުމަށް؟

އަސްލު އެ މުބާރާތުގަ ވަރަށް ރަނގަޅަށް ކުޅެވުނު. އެކަމަކު މުބާރާތުގެ ޑްރީމް ޓީމަކު ނުހިމެނެ. އެކަމަކު އެ މުބާރާތުން ހަވީރު ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިއާއަށް އަދި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަށް ވެސް ނޮމިނޭޓްވި.

ޓީމަކުން އޮފަރ އައީމަ ކޮންކަންތައްތަކަކަށް ވިސްނަނީ؟ މިބުނީ ހުރޭހޭ ބަލާ ހާއްސަ ކަންތައްތަކެއް؟

އެންމެ ފުރަތަމަ ވެސް ހަމަ ބަލަން ޓީމުގަ ރަނގަޅު ކުޅުންތެރިން ތިބިތޯ. ދެން ރަނގަޅު ސެޓަރެއް ހުރިތޯ ވެސް ބަލަން.

ޕޮލިހާ ގުޅެން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނު. ކޮބާ މިކަމުގެ ހަޤީޤަތަކީ؟

ޚިޔާލު ކުރިން ޕޮލިހަށް ވަންނަން. ދެން އެކަމަކު އަންހެން ކުދިންނަށް އެހާ އެކަށީގެންވާ ވަޒީފާއެއްހެން ހީނުވާތީ އެ ޚިޔާލު ދޫކޮށްލި.

އެކީއްވެ ޕޮލިސް ވަޒީފާއަކީ އަންހެން ކުދިންނަށް ކަމުނުދާ ވަޒީފާއެއްކަމަށް ދެކުނި؟

ދެން މީހުން ކިޔާތީ ދޯ ޕޮލިހަކީ ސަކަރާތް ތަނެކޭ އަންހެން ކުދިން އުޅެން. ރަށްރަށަށް ގޮސް ދެން އެހެން އުޅެން ކަމުނުދާތީ.

އަންހެން ކުދިން ވޮލީގެ ދާއިރާއިން ކުރިއަށް ދިޔުމާމެދު ދެކެނީ ކިހިނެއް؟

ދެން ހަމަ ރަނގަޅު އަޚްލާޤެއްގަ އުޅެންޏާ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރަނީ. ދެން ގޯސްކަމެއް ނޫން ވޮލީ ކުޅުމަކީ. ރަނގަޅުކަމެއް ހަމަ ހަށިގަނޑަށް ވެސް.

 

ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް ޑިސިޕްލިންއަކީ ވަރަށް މުހިއްމު އެއްޗެއް. ކިހާވަރަކަށް އެކަމަށް ސަމާލުކަންދެން؟

ވަރަށްބޮޑު ސަމާލުކަމެއްދޭން އެކަމަށް. އިދިކޮޅު ސަޕޯޓަރުން ދިމާކޮށް އެއްޗެހި ކީނަމަވެސް އެކަމަކަށް އެހާބޮޑަކަށް އަޅައެއްނުލަން. ކުޅުމަށް، މެޗަށް ވިސްނުން ބަހައްޓަނި.

ކުޅެން ކޯޓަށް އެރުމަށްފަހު ކޮބާ އެންމެ ބޮޑަށް ވިސްނާ ކަންތައްތަކަކީ؟

އެމެޗެއްގަ އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ ބަލަނީ. ކޯޗުގެ އިރުޝާދާއެކު މެޗު ކާމިޔާބުކުރުމަށް އެންމެބޮޑަށް ވިސްނަނި.

ކޮން މަޤާމަކަށް އެންމެ ކުޅޭ ހިތްވަނި؟

ސްޕައިކަރ އަކަށް އެންމެ ބޮޑަށް ކުޅޭ ހިތްވަނީ. ގިނައިން ކުޅެވިފަ ހުންނާނީވެސް އެ މަޤާމަށް.

ކުޅިވަރު ރޮނގުން ކުރިއަށް ދިއުމަށްޓަކައި ދުޅަހެޔޮ ޞިއްޙަތެއް ވަރަށް މުހިއްމު. ފިޓްކޮށް ހުންނަން އެއްވެސް މަސައްކަތެއް ކުރަންތަ؟

އަސްލު އެހެން ވަކި ކަމެއް ނުކުރަން. ދެން އެހެން ދޭތެރެ ދޭތެރެއިން ފަލަވާތީ މަސައްކަތް ކުރަން ހިކެން. އަނެއްހެން ވަކި ފިޓްކޮށް ހުންނާކަށް މަސައްކަތެއް ނުކުރަން.

ކޮބާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ؟ މިބުނީ ވޮލީ ކުޅުމުގެ ތެރެއިން.

ދެން އެންމެ ބޭނުމީ އަހަރެން ޓީމުގައި ހުރެފަ މިރަށު ޓީމެއް މާލެގައި އޮންނަ ބޮޑު މުބާރާތަކުން ޗެމްޕިއަންކަން ހޯދަން. އަސްލު ރަށަށް އަހަރެންގެ ފަރާތުން ކާމިޔާބު ހޯދައިދޭން ވަރަށް ބޭނުން.

ވޮލީ ކުޅެން ބޭނުންވާ ކުދިންނަށް، ނުވަތަ އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބުނެލަން ބޭނުންވަނީ ކީކޭ؟

އަސްލު ބުނެލަން ބޭނުންވަނީ ކުޅޭ ހިތުން ކުޅެފިއްޔާ ބޭނުންވާ ހިސާބަށް ދެވޭނޭ. ޢަޒުމެއް އޮވެގެން މަސައްކަތް ކޮށްފިޔާ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނޭ. އެހެންވީމަ ބުރަކޮށް މަސައްކަތް ކުރާށޭ.

ކޮން ބަޔަކަށް ޝުކުރު އަދާކޮށްލަން ބޭނުންވަނި؟

މަންމައަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން. ދެން ރައްޓެހިންގެ އިތުރުން އަޙްމަދު އަދި މާހިރަށް ހަމަ ޝުކުރު އަދާކޮށްލަން ބޭނުން. އެމީހުން ހޯދަދޭ ވަރަށްގިނަ ފުރުސަތުތައް ވެސް. ވޮލީއަށްޓަކައި އެމީހުން މަސައްކަތްކުރޭ ވަރަށް ބޮޑަށް.

ލޯބީގެ ގޮތުން ކިތައް ކުދިންނާ ގުޅުނިން؟

ލޯބީގެ ގޮތުން ގުޅުނީ ހަމަ އެންމެ މީހަކާ. އެއީ ރިޝްފާން. އޭނައާ ކައިވެނި ކުރަން މިއުޅެނީ ވެސް.

ޝަނީތަ ފުރަތަމަ ރައްޓެހިވަން އެހީ؟

ނޫން. ރިޝްފާން އެހީ ރައްޓެހިވަން. ރައްޓެއްސަކު ބުނީ ރިޝްފާން ބޭނުންވެއޭ ގުޅެން ލޯބީގެ ގޮތުން. ދެން ފުރަތަމަ އެއްބަހެއް ނުވަން. އަސްލު ބޭނުންވީ ގްރޭޑް 10 ނިމުނީމަ އެކަހަލަ ގުޅުމެއް ފަށަން. ދެން އެކަމު ވެވުނީ ރައްޓެހިން ކިޔާތީ.

ކުޑަކޮށް ކިޔައިލަ ދީބަލަ ރިޝްފާނާ ދިމާވިގޮތް.

އަސްލު ވޮލީ ކުޅުމުގެ ތެރެއިން ވީކަމެއް އެއީ. އެއިރު އިންޓަރ ހައުސް ވޮލީ މުބާރާތް އޮތްއިރު އެއީ. ރިޝްފާނު ހުރީ ބުރެވި ހައުސްގެ ކެޕްޓަނަކަށް. ދެން އަހަރެން ވޮލީ ކުޅޭތީ އަންނާނެ ޕްރެކްޓިހަށް ބަލާ. ދެން އެހެން އައުމުގެ ތެރޭގައޯ ފެނުނީ. ދެން މުބާރާތް ނިންމާލައިފަ ރައްޓެހިވީ.

 

ރިޝްފާނާ ދޭތެރޭ ކީކޭ ބުނެލާނި؟ ކައިވެންޏަށްފަހު ރިޝްފާނުގެ އެއްވެސް ކަމެއް ބަދަލުވެދާނެތަ؟

ވަރަށް ހިތްހަމަޖެހޭ ރިޝްފާނާ މެދު. ވަރަށް ލޯބިވެސްވޭ. ސިނގިރޭޓް ބުއިން ހުއްޓާލާނެކަމަށް ބުނި ކައިވެންޏަށްފަހު. އެހެންވެ ވަރަށް އުފާވޭ. އަސްލު އެހާ ހިތްހަމަޖެހޭ ކަމެއްނޫން ސިނގިރޭޓް ބުއިމަކީ. ހަށިގަނޑަށް ވެސް ވަރަށް ގިނަ ގެއްލުންތަކެއް ލިބޭކަމެއްވީމަ އަސްލު ހިތްހަމަ ނުޖެހެނި.

ކޮބާ ފިރިހެނެއްގެ ގައިގަ ނުވަތަ ފިރިއެއްގެ ގައިގަ ހުންނަން އެންމެ ބޭނުންވާ ސިފަތަކަކީ؟

ދެން އަޙްލާޤު ރަނގަޅު، ކެއަރ ކުރާ، ދެން އަހަރެންނަށް ވަފާތެރިވުން.

ޝަނީގެ ފިރިމީހާއަށް ކިޔާވަރަކަށް ވަފާތެރިވާނަން؟ މިދާއިރާގަ ފުދޭ ވަރަކަށް ގިނައިން ފިރިހެނުންނާ ވާހަކަ ދެކިވި، ތަފާތު އެކި މީހުންނާ ދިމާވާނެ. ރިޝްފާނަށް ކިޔާ ޔަޤީންކަމެއް ޝަނީ ދޭނަން ވަފާތެރިކަންމަތީ ހުންނާނެކަމުގެ؟

ވަފާތެރިވާނަން. ހަމަ އެންމެ ފުރިހަމަ ޔަޤީންކަން ދެން ބޭވަފާތެރި ނުވާނެކަމުގެ. އެ ޔަޤީންކަން ދެން.

ކައިވެންޏަކާ ހަމައަށްދާން އެންމެ ރަނގަޅު އުމުރަކީ ތީ ކަމަށް ޤަބޫލުކުރަންތަ؟

އަސްލު ބޭނުންވަނީ 21 އަހަރު ނޫނީ 22 އަހަރުގަ މެރީކުރަން. މިހާރު 5 އަހަރު ވެއްޖެ ރައްޓެހިވެގެން އުޅޭތާ. ދެން ރިޝްފާނު ބޭނުންވީމަ ކައިވެނި ކުރަން ނިންމީ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކުޅިވަރެއް ކުޅެން ދިވެހި ޤައުމު ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނު އިހަވަންދޫގެ ހަމައެކަނި ކުޅުންތެރިއަކީ ޝަނީޒާއެވެ ޟަނީޒާ އެއް ނޫން މުހައްމަދު ނިހާދު ވެސް ޤައުމް ތަމްސީލު ކޮއް މީގެ ކުރިން ކުޅުނު

– 22 ޖުލައި 2016 1

ތީގަ ކިތައްމެ މީހެއް މިރަށުގަޅޭ!!!!!1

– 25 ޖުލައި 2016 0

Not bad

– 7 އޮގަސްޓު 2016 1