އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ : އިލެކްޝަންސް

2 އޮކްޓޫބަރު 2018 0

ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުއްވާފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ 2018ސެޕްޓެމްބަރ 23 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިޚާބު ތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް އާންމު ކުރެވުނު އިންތިޚާބަށްވެފައި، އަދި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ބައިނަލް އަޤްވާމީ އޮބްޒާވާރުންނާއި، އަދި މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބަލައިގަނެފައިވާ އިންތިޚާބެއް ކަމަށެވެ.

ރަސްމީ ސިފައެއްގައި މި އިންތިޚާބުގެ ވަޤުތީ އަދި ރަސްމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މި ކޮމިޝަނަށް މިއަދާ ހަމައަށް ހުށައެޅިފައިނުވާ ނުވާއިރު، ކޮމިޝަނުގެ މެންބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުން ދާކަން ފާހަގަ ކުރައްވާ ކޮމިޝަނުން ބުނެފައި ވަނީ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ޢަމަލު ކުރަމުންދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

މީސް މީޑިއާގައާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ރައީސް އާއި މެންބަރުންނާއި، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންނަށް ބިރުދައްކާ، މަރުގެ އިންޒާރުދީ ހަދަމުން ދާކަން ފާހަގަ ކުރައްވާ ، އިލެކުޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މިހިނދުން މި ހިނދަށް ހުއްޓާލުމަށް ކޮމިޝަނުގެ ނޫސްބަޔާނުގައި ވެއެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަނީ އަރުވާފައެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ