ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފި — Ihavandhoo.com

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފި

3 އޮގަސްޓު 2019 1

ޗެމްޕިއަން ޓީމު އިހަވަންދޫ ސްކޫލް. ފޮޓޯ: ރާއިފު

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށް، ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯލަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލުން ހޯދައިފިއެވެ.

މުބާރާތުގެ ތަށި އިހަވަންދޫ ސްކޫލުން އުފުލައިލީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްގެނެނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން އިހަވަންދޫ ސްކޫލުން މެޗު ޑޮމިނޭޓުކޮށްގެން ކުޅެމުން ދަނިކޮށް ހއ އަތޮޅު ތަޢުލީމީ މަރުކަޒު ޖާޒީ ނަމްބަރ 7، މާދިޙު އާދަމް މަތިން ފޮނުވާލި ބޯޅައެއް ކީޕަރ ބޭރަށް ދޫކޮށްލައިގެން ހުއްޓާ ގޮސް އޮށްސުނީ ގޯލުގެ ތެރެއަށެވެ.

އިހަވަންދޫ ސްކޫލުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަން ކައިރިވެފައި ވަނިކޮށް، ހއ އަތޮޅު ތަޢުލީމީ މަރުކަޒު ޓީމުގެ ޕެނަލްޓީ އޭރިޔާގެ އިރު ދެކުނު ފަރާތު އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި އުފެއްދި ހަމަލާއަކުންނެވެ. ސްކޫލު ޓީމަށް ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 7، ނަޢުފަލް ޢަލީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ފުރަތަމަ ޕެނަލްޓީ ޖެހީ ހއ ތަޢުލީމީ މަރުކަޒުންނެވެ. އެޓީމުގެ އިތުބާރު ފޯވާޑު ޖާޒީ ނަމްބަރ 10، މުޙައްމަދު ލަޔާން އިބްރާހީމް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އިރުމަތީ ފަރާތުން ބޭރަށެވެ. ދެން ޖެހި ޕެނަލްޓީތައް ދެޓީމުންވެސް ދިޔައީ ކާމިޔާބު ކުރަމުންނެވެ. ފުރަތަމަ 5 ޕެނަލްޓީގެ ތެރެއިން ނަތީޖާ ނެރުމަށް އިހަވަންދޫ ސްކޫލަށް ލިބުނު ފުރުޞަތު ގެއްލުނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ނަޢުފަލް ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިއުމުންނެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް އިތުރަށް ޕެނަލްޓީ ޖަހަން ޖެހުނެވެ. ދެޓީމުގެ ހުރިހައި ކުޅުންތެރިން ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރުމުން އަލުން ޕެނަލްޓީ ޖަހަން ފެށިއެވެ. ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ޕެނަލްޓީ ޖަހަން އައީ އެޓީމުގެ ކުރީގައި މޮޅު ކުޅުމެއް ދެއްކި އުއްމީދީ ކުޅުންތެރިއާ ޖާޒީ ނަމްބަރ 11، ޝުރާޚް ރަޝީދެވެ. ޝުރާހު ޖެހި ޕެނަލްޓީ އިހަވަންދޫ ސްކޫލުގެ ޓީމުގެ ކީޕަރ ނުހާދު ދިފާއުކުރުމުން މެޗުގެ ނަތީޖާ ނެރުމަށް ދެވަނަ ފަހަރަށް އިހަވަންދޫ ސްކޫލަށް ފުރުޞަތު ލިބުނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި އިހަވަންދޫ ސްކޫލް ޓީމުގެ ޖާޒީ ނަމްބަރ 10، މުޙައްމަދު ޒަޔާން ޒުހައިރުވަނީ އިތުބާރާއެކު ޕެނަލްޓީ ކާމިޔާބުކޮށް އިހަވަންދޫ ސްކޫލު ޓީމަށް މުބާރާތުގެ ތަށި ހޯދައިދީފައެވެ.

މިއަދުގެ މެޗު ނިމުމުން އެކިވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ދިނުން އޮތެވެ.

މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވުނީ ހއ އަތޮޅު މަދަރުސާއެވެ. ފެއަރ ޕްލޭ ޓީމަކީ މުބާރާތުގެ ދެވަނަ ޓީމު، ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޢިއްޒަތްތެރިންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Ihavandhoo school thiya hodhi kaamiyaabiya asari bahaa saabas aris kuran...

– 5 އޮގަސްޓު 2019 0