އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދުވަނީ ބޭނުންވެފައި - ޢީދު ޚުތުބާ — Ihavandhoo.com

އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދުވަނީ ބޭނުންވެފައި - ޢީދު ޚުތުބާ

11 އޮގަސްޓު 2019 0

މިއަދުގެ އިސްލާމީ އުއްމަތް ވަނީ އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، ބޭނުންވެފައިވާ ކަމަށް މިއަދުގެ ޢީދުބާގައި ފާހަގަ ކޮށްފިއެވެ.

މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަނލާނގެ އެންގެވިމަގުން ކުރިއަށް ވަޑައިގަތުމުގައި ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން މިއަދު މުސްލިމު އުއްމަތް ޢިބްރަތް ޙާސިލްކުރުމަށް ރާއްޖޭގެ އެކިކަން ކޮޅުތަކުގައި މިއަދު ހެނދުނު ކުރެވުނު ޢީދު ނަމާދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިބްރާހީމް ޢަލައިހިއްސަލާމަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިޙާނުތަކަކީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށްޓަކައި ކުރިމަތިކުރެއްވި އިމްތިޙާނެކެވެ. އެކަލޭގެފާނުގެ މުސްކުޅިފުޅު ޢުމުރުގައި ލިބިވަޑައިގެންނެވި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް، މާތްﷲއަށްޓަކައި ޤުރުބާން ކުރެއްއްވުމަށް އެކަލާނގެ އިބްރާހީމް ޢަލައިހިއްސަލާމަށް އަމުރުކުރެއްވި ޙާދިސާ މިއަދުގެ ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ. މި ވަރުގަދަ އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތް ގޮތާއި އެކަމުން ނުކުތް ނަތީޖާގެމައްޗަށް މިއަދުގެ ޚުޠުބާގައިވަނީ އަލިއަޅުއްވާލައްވާފައެވެ.

މިއަދު މުސްލިމް އުއްމަތް، އިބްރާހީމް ޢަލައިހިއްސަލާމުގެ މިޤުރުބާނީން ޢިބްރަތް ހާސިލްކުރަންޖެހިފައިވާކަން ފާހަގަކުރައްވާ އިސްމާޢީލް ޢަލައިހިއްސަލާމް މާތްﷲއަށްޓަކައި އެކަލޭގެ ފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ބޯލެނބިލެނބުމަކީ މިއަދުގެ ޒުވާނުންނަށް ލިބޭ ވަރުގަދަ ފިލާވަޅެއްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި އަގުހުރި ފިލާވަޅުން މިއަދުގެ ޒުވާނުންގެ ޙަޔާތް އުޖާލާކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

މިހާރަކަށް އައިސް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި މާތްރަސޫލާއަށް ފުރައްސާކޮށް ބައެއްމީހުން ހިންގާ ޢަމަލުތަކުގެމައްޗަށް މަންޒަރުތައް ފެންނަމުންދާކަމާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެ އެތަންތަން ފޭރިގަންނަމުންދާކަމާއި، އިސްލާމީ ވެރިންގެ އަބުފުޅަށް އަރައިގަނެ، އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުވަމުންދާކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ލިބިފައިވާ ވަގުތުންނާއި މުދަލުންނާއި އުފައްދާ އެކިއެކި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދު ބޭނުންވެފައިވަކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން މިއަދު ބޭނުންވާކަމަށްވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ