އިސްމާއިލް މަރާލި ކަމަށް ބަންގްލަދޭޝް މީހާ އިއުތިރާފް ވެއްޖެ

18 ޖޫން 2017 0

އިސްމާއިލް އުމަރު މަރުވެފާ އޮއްވާ ފެނުމުން ފުލުހުން އައިސްޕުލާންޓުގައި ހަރަކާތްތެރިވަނީ. އިހަވަންދޫޑޮޓްކޮމް ފޮޓޯ: ލަޔާން އަހުމަދު

މިދިޔަ ހުކުރުދުވަހު ގިނަ ޒަހަމުތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ހއ.އިހަވަންދޫ އައިސް ޕްލާންޓު މަސައްކަތް ކުރަމުންދިޔަ އިސްމާއިލް އުމަރު މަރާލި ކަމަށް އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މުވައްޒަފު އިއުތިރާފް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ އައިސް ޕްލާންޓްގައި މަސައްކަތް ކުރަމުންދިޔަ ޝުމޮން މިއާ (27) އިސްމާއިލް އަށް ހަމަލާދީ މަރާލާފައިވާ ކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

އަދި އިސްމާއިލް އަށް ހަމަލާދިނުމަށް ޝޮމަން މިއާ ބޭނުންކުރި ވަޅި އާއި އިއްސެއަށް ހަމަލާދިންއިރު ޝުމަން މިއާ ލައިގެން ހުރި އަންނައުނު މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ގެ ބަޔާނުގައި ވެއެވެ. ފުލުހުންގެ ބަޔާނުގައި ވަނީ ޝޮމަން މިއާގެ އިތުރުން އިއްސެ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝުމޮން މިއާ އަށް އިއްޔެގެ ވަގުތެއްގައި އިހަވަންދޫ ސިއްހީމަރުކަޒުން ފަރުވާދީފައިވާއިރު އޭނާގެ އަތުގެ އިނގިލަތަކުގައި ޒަހަމުތަކެއް ހުރިމަކަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިސްމާއިލްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ