އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް އިހަވަންދޫގައިވެސް ފަށަނީ

1 ފެބުރުއަރީ 2018 0

އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައް މިއަހަރު ރާއްޖޭގެ ހަތަރު އަތޮޅެއްގައި ކުރިއަށް ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާއިރު، އެމަޝްރޫޢުގައި ހއ. އިހަވަންދޫ ހިމެނިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ ސްޓޭޝަން މެނޭޖަރ އަލްފާޟިލް އަޙުމަދު ޢަބުދުލްޣައްފާރު އަށް މިނޫހުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުގެ ދަށުން އިހަވަންދޫގައި ސޯލާޕެނަލް ހަރުކޮށް، ކަރަންޓު އުފެއްދުމަށްޓަކައި ބޭނުންވާ ސާމާނުގެ ބޮޑު ބައެއް މިހާރު އިހަވަންދޫ އަށް ގެނެސްފައިވާ ކަމަށާއި އެމަސައްކަތް ކޮންޓުރެކްޓަށް ހަވާލު ވެފައިވާ ފަރާތުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ އެސިސްޓެންޓު މެނޭޖަރ އަލްފާޟިލް މުޙައްމަދު ސިރާޖު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މި މަސައްކަތަށް ބޭނުންވާ ބޯޑުތަށްފަދަ ތަކެތި މިވަގުތު އިހަވަންދުއަށް ގެނެސް އެބަހުރި ކަމަށާއި މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބައެއް އިމާރަތްތަކުގައި ސޯލާޕެނަލް ހަރުކޮށްގެން ކަމަށެވެ. މިގޮތުން ޕެނަލް ހަރުކުރަން ޖެހޭ އިމާރާތްތައް މިހާރު ނިންމާފައިވާކަން ފާހަގަ ކުރައްވަމުން ސިރާޖު ވިދާޅުވީ، ކުރިއަށް އޮތް ހަފުތާ ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މަސައްކަތް ނަންގަވާފައިވާ ފަރާތުގެ އަމާޒަކީ މަސައްކަތް ފަށާ ދުވަހުން ފެށިގެން ދެމަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމުން ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންއާ ހަވާލާދެއްވާ ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާގޮތުގައި މިމަޝްރޫޢު މިއަހަރު ހިންގުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި މިލަދުންމަޑުލު އުތުރުބުރިއާއި މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށުގައެވެ. އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީގެ ލޯން އެހީގެ ދަށުން މިމަޝްރޫޢު ހިންގުމަސް ނިންމާފައިވާ އިރު މިިދިޔަ އަހަރުވެސް އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްތަކެއް ފަސް ރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް އާ ހަވާލާދެއްވާ ޕީއެސް އެމް އިން ރިޕޯޓު ކޮށްފައި ވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއަމާޒުގެ ދަށުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދަނީ ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓު އުފައްދަމުންނެއެވެ.

އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ