މައި ކަޕް 2015: ޖަންގަލް ކަޓައިފި، ކުޅިމަގު އަދި ޔުނައިޓެޑް ޔޫތު ކަރުތާފެނަށް

17 ޑިސެމްބަރު 2015 0

އިއްޔެ ހަވީރު ނިކަ ޗެއިން އަދި ކުޅިމަގު ބައްދަލްކުރި މެޗުގެ ތެރެއިން. ފޮޓޯ: ހަމީދު

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެމެޗުން ބަލިވެ ޖަންގަލް ޑާކު ޕޮއިންޓް މުބާރާތުން ކަޓައިފިއެވެ. އަދި އެންމެފަހުން ކުޅުނު މެޗުން ބަލިވެ ކުޅިމަގާއި ޔުނައިޓޭޑް ޔޫތު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް 3 ގައި އިއްޔެ ހަވީރު 2-0 ން ކުޅިމަގުގެ މައްޗަށް ކުރިހޯދި ނިކަޗެއިންގެ ދެ ގޯލް ފަހު ހާފުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެޓީމުގެ މުޙައްމަދު ނިސާން 11، އެވެ. މިމޮޅާއެކު 6 ޕޮއިންޓް ހޯދައިގެން ގްރޫޕް 3 ގެ އެއްވަނާގައި އޮތް ނިކަޗެއިނަށް ކުއާޓަރ އަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް ތަނަވަސްވެފައިވާއިރު މިގްރޫޕްގައި ދެން ހިމެނޭ އެފްސީ ބޮޑުމަގު އަދި ސެންސިޓީ ފޭންސް އަދި ކުޅިމަގު ޓީމަށްވެސް ކުއާޓަރ އަށް ދިއުމުގެ ދޮރު ބަންދެއްނުވެއެވެ.

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގްރޫޕް 4 ގެ ޖަންގަލް ޑާކު ޕޮއިންޓްވަނީ ސެންސިޓީއަތުން 1-0 ބަލިވެ މުބާރާތުން ކަޓައިފައެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ މޭން އޮފް ދަ މެޗަށް ހޮވުނު ސެން ސޓީގެ މުޙައްމަދު ރިޝްވާން 7، އެވެ.

މި ގްރޫޕްގައި ރޭގެ ފަހު މެޗުގައި މާރަންދޫ ޔޫތު ސޮސައިޓީ އަތުން 2-1 ބަލިވެ ޔުނައިޓެޑް ޔޫތަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައި ލީޑު ނެގީ މާރަންދޫ ޔޫތު ސޮސައިޓީ އެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުހޯދި މާރަންދޫ ޔޫތު ސޮސައިޓީގެ ޢަލީ ޔޫސުފް 9، އެވެ. މެޗުނިމެން ކުޑަތަންވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޔުނައިޑެޓް ޔޫތަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ އިތުބާރު ކުޅުންތެރިޔާ އާމިރު ޢަބްދުއްރަޝީދު 10، އެވެ. މާރަންދޫ ޔޫތު ސޮސައިޓީ މެޗުން މޮޅުކޮށްދިން ގޯލް މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ މުޙައްމަދު ޙަމީދު 22، އެވެ.

މިނަތީޖާއާއެކު ގުރޫޕް 4 ން ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުޞަތު އެންމެބޮޑީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި އޮތް މާރަންދޫ ޔޫތު ސޮސައިޓީއަށާއި ހަތަރު ޕޮއިންޓް ހޯދައިގެން ގޯލް ތަފާތުން ގްރޫޕްގެ ދެވަނާގައިއޮތް ސެންސިޓީ އަށެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު މާރަންދޫ ޔޫތު ސޮސިއިޓީ ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ޖަންގަލް ޑާކު ޕޮއިންޓާއެކު އެއްވަރު ކޮށްލައިގެން ނުވަތަ މޮޅުވެގެން އެޓީމަށް ކުއާޓަރ ފައިނަލް ޔަޤީން ކުރެވޭނެއެވެ. އަދި އެރޭ ޔުނައިޓެޑް ޔޫތާއެކު ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެން ސެންސިޓީއަށް ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ޔުނައިޓެޑް ޔޫތަށް އޮތް ހަމައެކަނި ފުރުޞަތަކީ ސެންސިޓީ ބަލިކުރުމެވެ. ނުވަތަ ޖަންގަލް ޑާކް ޕޮއިންޓް އަތުން މާރަންދޫ ޔޫތު ސޮސައިޓީ ބަލިވެ، ޔުނައިޓެޑް ޔޫތާއި ސެން ސިޓީ ބައްދަލްކުރާ މެޗު އެއްވަރުވިނަމަވެސް ޔުނައިޓެޑް ޔޫތަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ބައްދަލްކުރާނީ ގްރޫޕް 1 އްގެ އެންވީކޭ އަދި އައިކުލަބެވެ. މެޗަށް ނިކުންނައިރު މުބާރާތުން ކަޓައިފައޮތް އެންވީކޭއާ އެއްވަރުކޮށްލައިގެން އައިކުލަބަށް ކުއާޓަރ ފައިނަލަށް ދަތުރުކުރެވޭނެއެވެ. މި ގްރޫޕްގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި މާރަންދޫ ޔޫތު ކޯޕަރޭޝަން ނިކުންނާނީ ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް) އާ ދެކޮޅަށެވެ. މިމެޗުން ބަލިނުވެ ހިފަހައްޓާލައިގެން މާރަންދޫ ޔޫތު ކޯޕަރޭޝަނަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދޭނެއެވެ. ޓައިޑްސްއަށް މުބާރާތުގައި ކުރިޔަށް ދެވޭނީ މެޗުން މޮޅުވެގެންނެވެ. ނުވަތަ އެންވީކޭ އަތުން އައިކުލަބު ބަލިވެ، މާރަންދޫ ޔޫތު ސޮސައިޓީއާއެކު ކުޅޭ މެޗު އެއްވަރުކޮށްގެންނެވެ.

މިރޭގެ ފަހު މެޗުގައި ބައްދަލްކުރާ ގްރޫޕް 4 ގެ އަރާދުވާ ކުރިމަގު އަދި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) އަށްވެސް ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ނޯޓު: މި ޚަބަރުވަނީ އިސްލާހު ކުރެވިފައި. ކުޅިމަގު މުބާރާތުން ކަޓައިފިކަމަށް ލިޔެވިފައިވަނީ އޮޅުމަކުން. މިކަމަށްޓަކައި ކުޅިމަގު ޓީމު އަދި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެން.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ