ޖޯޝާއެކީ އަރާދުވާ މިފަހަރު މައިކަޕް ތައްޓަށް
10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ތަށި ހާސިލް ކުރުމަށްޓަކައި ދުރާލާ ތައްޔާރު ވެފައިވާ ކަމަށް އަރާދުވާ ޓީމުން ބުނެފިއެވެ.
ރޭ އަރާދުވާ އަދި އަރާދުވާ ކުރިމަގު ޓީމުން މައިކަޕް މުބާރާތަށް ތައްޔާރުވުމަށްޓަކައި ބޭއްވި އެޓީމުގެ ގުރޭންޑް ނައިޓުގެ ހަވާސާގައި މިނޫހަށް މައުލޫމާތު ދެއްވަމުން އަރާދުވާ ޓީމުގެ މީޑިއާ ކޯޑިނޭޓަރ ހަސަން ސަމީހު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން މައިކަޕް ފުޓުބޯޅަ މުބާރާތުގައި މެދުކެނޑުމެއްނެތި ވާދަކުރަމުން އަންނަ އެޓީމު ކޮންމެ މުބާރާތެއްގައިވެސް ކުރިއެރުން ދައްކަމުން އަންނަ އިރު މިފަހަރުގެ މިމުބާރާތުގައި އަރާދުވާ ޓީމު، ޖޯޝާ އެކީ އަމާޒް ހިފާފައި މިވަނީ މުބާރާތުގެ ތައްޓަށް ކަމަށެވެ. އެކަމަށްޓަކައި ޓީމުގެ މެނޭޖުމަންޓުން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށް ހަސަން ވިދާޅުވިއިރު އަރާދުވާ ޓީމަށް ވަނީ ރަށުން ބޭރު 3 ކުޅުން ތެރިންވެސް ގެނެސްފައެވެ.
އަރާދުވާ އަދި އަރާދުވާ ކުރިމަގު ގެ ނަމުގައި 2 ޓީމު މައިކަޕްގައި ބައިވެރިކޮށްފައިވާއިރު، ރޭ 8:45 ގައި އަރާދުވާ ޓީމުން ބޭއްވި އެޓީމުގެ ގުރޭންޑު ނައިޓުގައި ވަނީ 10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގައި އެ ދެޓީމު ބޭނުންކުރާ ޖޯޒީ އިފްތިތާހު ކޮށްފައެވެ.
އިހަވަންދޫކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަބުދުލް މުޢީދު އިބުރާހިމް ޝަރަފުވެރިކޮށްދެއްވި މި ހަފުލާގައި ވަނީ ދެޓީމުގެ ކޯޗުންނާއި ކެޕްޓަނުންނަށް މަގާމު ހަވާލު ކުރިކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުއީދު ވިދާޅުވީ، ޖޯޝާ އެކީ ކަމެއް ކުރަން ނުކުމެއްޖެ ކަމަށް ވަނީނަމަ ޖޯޝާ އެކީ އެކަމެއް ނިއްމާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިދެޓީމުވެސް މައިކަޕަށް ތައްޔާރު ވެގެން އައިސްފައި ވަނީ ޖޯޝުން ފުރިގެންވާ ގޮތެއްގައި ކަމަށެވެ. ކަމެއްގެ ކާމިޔާބީގެ އަސްލަކީ ކުރެވޭ މަސައްކަތް ކަމަށާއި އެކަމެއްގެ ކާމިޔާބީ ލިބުން އެންމެ ހައްގުކަން ބޮޑީ މަސައްކަތް ކުރާ ފަރާތަށް ކަމަށް ފާހަގަ ކުރައްވާ މުއީދު ވިދާޅުވީ މިފަހަރުގެ މައިކަޕަކީ އަރާދުވާ އަށް ލިބުން ހައްގު މައިކަޕެއް ކަމުގައެވެ. ރޭގެ ހަފުލާގައި މުއީދު ވަނީ ޓީމުގެ ކުޅުންތެރިންނަށް ދަނޑުގައާއި ދަނޑުގެ ބޭރުންވެސް ރަނގަޅު އަހުލާގެއް ދައްކައިގެން ފެއަރ ޕުލޭ ޓީމެއްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
އަރާދުވާގެ ރަސްމީ ލަވަ އިފުތިތާހު ކުރެވިގެން ދިޔަ ރޭގެ ހަފުލާ ނިއްމާލާފައި ވަނީ ބިލެއްމީރުކޮށްލުމަކުންނެވެ. އަރާދުވާ ޓީމު ސްޕޮންސަރ ކޮށްފައި ވަނީ ކަލަރޑްރޮޕް އިން ނެވެ.
ޚިޔާލު ފައުޅުކުރުން