ޖޯކް:އިރާގު މީހާޔާއި އަސް
އިމާމަކު އެއްދުވަހު މާރުކޭޓެއްގައި އަހެއް ވިއްކަން އައިސް އެބަހުއްޓެވެ. ހެއޮވަރު ހުދުކުލައިގެ އަހެކެވެ. އެމާރުކޭޓަށް ވިޔަފާރިކުރަން އައިސްގެން އެޅޭ އިރާގު މީހަކު، މިއަސް ގަތުމަށް ވަރަށްބޮޑަށް ޝައުގުވެރި ވެއްޖެއެވެ.
އިރާގު މީހާ: "ސާހިބާ! އިމާމް! އަހަރެން ބޭނުން މިއަސް ގަންނަން! ގަތުމުގެ ކުރިން މިއަސް ދުއްވާލާ މީތި ތަޖުރިބާ ކޮށްލަންވެސް ބޭނުން!".
އިމާމު: "އަހާ! މީ އެހެން އަސްތަކާ ވަރަށް ތަފާތު އަހެއް! މިއަސް ހިންގުވަން ޖެހޭނީ "ސުބުހާނަ ﷲ" އޭ ކިޔަން! ދުއްވުމަށް ޓަކައި ޖެހޭނީ "އަލްހަމަދު ލިއްﷲ" އޭ ބުނަން! ހުއްޓުމަށް ޓަކައި ޖެހޭނީ "ﷲ އަކްބަރު" އޭ ކިޔަން!"
އިރާގު މީހާ އަހަށް ސަވާރުވެ ސުބުހާނަ ﷲ އޭ ބުނުމާއި އެކު އަސް ހިނގާގެންފިއެވެ. އަލްހަމަދު ލިއްﷲ އޭ ބުނުމާއި އެކު އަސް ދުއްވާގެންފިއެވެ. އިރާގު މީހާ އަސްމަތީގައި އިނދެގެން އަލްހަމަދު ލިއްﷲ އޭ ކިޔަމުންދެއެވެ. އެހެން އެކަލޭގެ ބުނާ ކޮންމެ ފަހަރަކު އަހުގެ ދުވެލި ބާރުކޮށްލައެވެ.
ކޮންމެއަކަށް އަސް ވަރަށް ބަރާށް ދުވަން ފަށާފިއެވެ. އަސް ދުއްވަން އިން އިރާގު މީހައަށް އޭނާ ދުވަން އިން އަސްދަނީ ހަމަބިމުން ފުންވާދީއަކަށް ވެއްޓެންކަން އެނގިއްޖެއެވެ. ގަތް ބިރުން އަސް ހުއްޓަން ހަދަންޖެހޭގޮތް އޭނާ ހަނދާން ނެތިއްޖެއެވެ. ކިޔުނު އެޗެއް ކިޔަމުން ދަނިކޮށް ކުއްލިއަކަށް "ﷲ އަކުބަރު" ކިޔަން ހަނދާން ވެއްޖެއެވެ. އޭނާއަށް އެހެންކިޔައި އަސް ހުއްޓުވުނުއިރު، ވާދީއަށް ވެއްޓެން ހުރީ އެންމެ ދެ ތިން ފޫޓެވެ.
ލިބުނު ހިންހަމަޖެހުމާއި އެކު އޭނާ ފުން ނޭވާއެއް ލާފައި، ދެއަތް މަށްޗަށް ނަގައި ބުނެވުނީ "އަލްހަމަދު ލިއްﷲ " އެވެ.
ޚިޔާލު ފައުޅުކުރުން