މައި ކަޕް 2018: ޖަންގަލް ޓީމަށް ސަޕްރައިޒެއް! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

މައި ކަޕް 2018: ޖަންގަލް ޓީމަށް ސަޕްރައިޒެއް!

20 ޑިސެމްބަރު 2018 0
އޭގެ އިވެންޓުގައި ޖަންގަލް ޓީމުގެ ކުޅުންތެރިން. ފޮޓޯ: އޭއެސްޕީ

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނަ ޖަންގަލް ޓީމަށް އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ސަޕްރައިޒެއް ދީފިއެވެ.

ކުޅުންތެރިންގެ ޢާއިލާ ބައިވެރިކޮށްގެން ރޭ ކުރިޔަށް ގެންދިޔަ މި އިވެންޓު އޮތީ އިރު ދެކުނު ކޮޅުގެ ގޮނޑުދޮށުގައެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް މައި ކަޕްގެ ތަށި އުފުލާލުމަށް ނިކުންނަ ޖަންގަލް ޓީމުގެ ކުޅުންތެރިންނަށް ރޭ 20:15 އަށް ޓީމް މީޓިންގއަކަށް ކިޔާފައި އޮތުމުން ހުރިހާ ކުޅުންތެރިންވެސް ގަޑިޔަށް ޓީމުގެ ޖަގަހައަށް ދިޔައެވެ. އެތަނުގައި ކުޅުންތެރިންގެ އިތުރުން އާންމު ފަރާތްތައް ތިބިނަމަވެސް ވާންއުޅޭގޮތެއް އެއްވެސް ކުޅުންތެރިޔަކަށް ނޭނގެއެވެ. އެހިސާބުން ކުޅުންތެރިނަށް ދެވުނު އިރުޝާދާ އެއްގޮތަށް ހުރިހާ ކުޅުންތެރިން ކުރީގައި ތިބެގެން ހިނގައިގަތީ އެގެންދަނީ ކޮންތަނަކަށްކަން ނޭނގޭ ހާލުގައެވެ.

ވަކި ހިސާބަކުން ބެރު ގްރޫޕެއް ޓީމާ ގުޅެއެވެ. ބެރުގައި ހިނގަމުންގޮސް މަންޒިލަށް ދެވުމުން އެހިސާބުގައި ހުއްޓެއެވެ. ދެން ފެނުނީ ޓީމުގެ ސަޕޯޓަރެއް އައިސް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޤައުމީ ކެޕްޓަން، އަކުރަމް ޢަބްދުލްޣަނީއަށް ރިމޯޓެއް ދިންތަނެވެ. އެ ރިމޯޓުން ފިތަކަށް ފިތާލުމާއެކު މުޅިތަން ދިއްލެއެވެ. އަދި އެތަނުގައި މާފަތި ހިފައިގެން ސަފަކަށް އެތުރިފާތިބީ ކުޅުންތެރިންގެ ޢާއިލާގެ މެމްބަރުން ކުޅުންތެރިންނަށް ފެނެއެވެ. ކުޅުންތެރިންގެ ކަރުގައި މާފަތި އަޅުވައިދިނީ އެކުޅުންތެރިންގެ އަނބިންނެވެ. ނުވަނަ ޢާއިލާގެ ކޮންމެވެސް މެމްބަރެކެވެ.

"އެންމެ ސަޕްރައިޒްވީ އެތަނުގައި އަނބިމީހަ ހުއްޓަ ފެނުނީމަ. އެވަގުތު ކުރެވުނީ ވަރަށްވެސް އުފާވެރި އިހުސާސެއް. ޓީމަކުން ކުޅުންތެރިނަށް އެވަރުގެ ކަމެއް ރާވަފާނެކަމަށް ހިތައްވެސް އަރާފަނެތް" މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ތަފާތު އެކި ޓީމަށް ކުޅެފައިވާ ޖަންގަލް ޓީމުގެ ސާނިއު އޭނާގެ އިހްސާސްތައް މި ނޫހާ ހިއްސާކުރިއެވެ. ޓީމުގެ އެހެން ކުޅުންތެރިންގެވެސް މޫނުމައްޗަށް އަރައިފާބަމުންދިޔަ ކުލަވަރުތަކުން ފެނުނީ ހަމަ އެ އިއިހްސާސެވެ. ބައެއް ކުޅުންތެރިން ބަސް ހުއްޓިފައި ތިބިއިރު ކުރިޔަށް ހިނގައިގަންނަން ނޭނގިފަތިބި ކުޅުންތެރިންވެސް ތިއްބެވެ.

ރޭގެ އިވެންޓުގައި ޓީމުގެ އަންހެން ސަޕޯޓަރުންވަނީ ކުޅުންތެރިންނަށް ކޭމެއް ދީފައި. ފޮޓޯ: އޭއެސްޕީ

 ޓީމުގެ ސަޕޯޓަރުން ބުނީ މިރޭގެ މެޗުގެ އެންމެ ފަހު ކަށިގަނޑާހަމައަށް ޓީމަށް ހިތްވަރުދީ ސަޕޯޓު ކުރާނެ ކަމަށެވެ. މިރޭގެ މެޗަށް ސަޕޯޓު ކުރުމަށް ތައްޔާރުވުމަށް އެޓީމުގެ ސަޕޯޓަރުން މިހާރުވެސް އަވަދިނެތި ދަނީ މަސައްކަތްކުރަމުންނެވެ. މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޖަންގަލް އިން މިދިޔަ އަހަރު ހޯދި ރަންވަނަ އަލުން ތަކުރާރު ކުރުމަށް ނިކުމެތިބީ އެއްމެން އެއްރޫހެއްގައެވެ. އިހަވަންދޫއަށް ރީތިނަމެއް ހޯދައިދީ މައި ކަޕްގެ ތާރީހުގެ އާސަފުހާއެއް ފަށަން އެޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ