ކީރިތި ޤްރުއާނުގައިވާ ޙުކުމުގެ ވައްތަރުތައް

1 ޖެނުއަރީ 2019 0

ކީރިތި ޤްރުއާނަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް ޖިބުރީލުގެފާނު މެދުވެރި ކުރަށްވާ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެފޮތް ކިޔެވުން އަޅުކަމެއްކަމުގައި ލައްވަވާ ޢަޅުކަމެއްކަމުގައި ލައްވަވާ ޢަރަބި ބަހުން ބާވައިލައްވަވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. ކީރިތި ޤްރުއާން އަހަރެމެންނާ ހިސާބަށް އައިސްފައިވަނީ މުތަވާތިރުކޮށެވެ.

ފުރިހަމަ އިސްލާމަކަށްވުމަށްޓަކައި ހިތުގެ އިއުތިޤާދު ވަރުގަދަވުމާއި އަޚްލާޤީ ރިވެތި ސިފަތަކުން ޒީނަތްތެރިވުމާއި ޢަމަލީ ދިރިއުޅުން ހަރުދަނާކުރުމަކީ ވަރަށް މުހިންމުކަމެވެ. ކީރިތި ޤްރުއާނުގައި އިސްވެދެންނެވުނު މުހިންމު 3 ބައިގެ ޙުކުމް ވަރަށް ފުރިހަމައަށް އައިސްފައިވެއެވެ.

އަޤީދާގެ ޙުކުމްތައް

މިއީ އެއަށް އީމާންވުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކެވެ. އެއީ މާތްﷲ އަށް އީމާންވުމާއި އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި ސަމާވީ ފޮތްތަކަށް އީމާންވުމާއި ރަސޫލުބޭކަލުންނަށް އީމާންވުމާއި އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އިސްވެދެންނެވުނު ބައިތަކުގެ ފުރިހަމަ ޙުކުމްތައް ކީރިތި ޤްރުއާނުގައި އައިސްފައި ވެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ  (ބަޤަރާ 285) މާނައީ "رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ." މިއާޔަތުގައި އައިސްފައިވާ އީމާންކަމުގެ ރުކުންތަކަށް އީމާންވުމާއި ގުޅުން ހުރި ބައިތަކުގެ ތަފްސީލުވެސް ޤްރުއާނުގައި އައިސްފައި ވެއެވެ.

އަޚްލާޤީ ޙުކުމްތައް

އެސިފަތަކަކުން ޒީނަތްތެރިވުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ މާތް އަޚްލާޤުތަކާއި އަދި އެއިން އެއްކިބާވާންޖެހޭ ނޭދެވޭ ސިފަތަކާއި ކަންތައްތަކުގެ ޙުކުމްތައް ކީރިތި ޤްރުއާނުގައި އައިސްފައި ވެއެވެ. ﷲ އަށް އީމާންވެ ޞާލިހު ޢަމަލުކުރި މީހުންގެ މާތްކަން ބަޔާންކުރައްވާ ބައްޔިނަތި ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވެއެވެ. إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ  މާނައީ "ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ"

ޢަމަލީ ޙުކުމްތައް

ޢަމަލީ ޙުކުމްތައް މައިގަނޑު 2 ބަޔަކަށް ބެހިގެން ދެއެވެ. އެއީ ޢިބާދާތާއި މުޢާމަލާތުގެ ބައެވެ. އިބާދާތުގެ ތެރޭގައި ހިމެނެނީ ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުފަދަ އަޅުކަންތައްކެވެ. މާތް ﷲ ބައްޔިނަތި ސޫރަތުގެ 5 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ މާނައީ " باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ."

އުޤޫބާތްތަކާއި ޖިނާޔަތްތަކާއި އަޤުދުތަކާއި ތަފައްރުފުތައްފަދަ އެއްބަޔަކު އަނެއްބަޔަކާ ކުރާ މުޢާމަލާތްތަކުގެ ޙުކުމްތައްވެސް މިޒަމާނުގެ ޢިލްމުވެރިން 7 ބަޔަކަށް ބައްސަވައެވެ.

އިޤްތިޞާދީ އަދި މާލީ ޙުކުމްތައް: ޒަކާތަށް ފައިސާނެގޭ ގޮތާއި ފައިސާ ދެވޭގޮތާއި މުއްސަނދިގެން މުދަލުގައިވާ އެދިގެން ސުވާލުކުރާމީހުންނާއި މަޚްރޫމްވެގެންވާ މީހުންގެ ޙައްޤާ ގުޅޭ ޙުކުމްތައް ބަޔާންވެފައިވެއެވެ. އާޔަތުގެ އަދަދަކީ ގާތްގަނޑަކަށް 10 އާޔަތެވެ

ދައުލީ ޙުކުމްތައް: ދޭދޭ ދަޢުލަތްތަކުގެ ގުޅުމާއި އިސްލާމީ ދަޢުލަތުގައި އުޅޭ ޣައިރުމުސްލިމުންނާމެދު ޢަމަލުރަންވީ ގޮތް އަންގާދޭ ޙުކުމްތައްފަދަ ކަންތައްތަކެވެ. މިފަދަ އާޔަތްތަކުގެ އަދަދަކީ ގާތްގަނޑަކަށް 25 އާޔަތެވެ.

ދުސްތޫރީ ޙުކުމްތައް: މިއީ ވެރިކަންކުރާނެގޮތުގެ ޙުކުމްތަކެވެ. ރައްޔިތުންނާއި ޙާކިމާގެ ގުޅުމާއި ފަރުދުންނާއި ޖަމާއަތްތަކަށް ލިބިގެންވާ ޙައްޤުތައް ބަޔާންކޮށްދޭ ޙުކުމްތަކެވެ. މިފަދަ އާޔަތުގެ އަދަދަކީ ގާތްގަނޑަކަށް 10 އާޔަތެވެ.

ޤަޟާޢީ ޙުކުމްތައް؛ ހެކިބަސްދިނުމާއި ހުވާކުރުމާއި ސަރިއަތްގެންދިޔުމާ ގުޅިފާއިވާ ޙުކުމްތަކެވެ. މިފަދަ އާޔަތުގެ ޖުމުލައަކީ ގާތްގަނޑަކަށް 13 އެވެ.

ޖިނާއީ ޙުކުމްތައް: މީސްތަކުން ހިންގާ ޖަރީމާތަކާއި އެޖަރީމާތަކަށް ޙައްޤުވާ ޢުޤޫބާތްތަކުގެ ޙުކުމްތަކެވެ. އެއީ ގާތްގަނޑަކަށް 30 އެވެ.

މަދަނީ ހުކުމްތައް: މިއީ ފަރުދުންގެ މުޢާމަލާތްތަކާއި އެމީހުން ކުރާ ވިޔަފާރިއާއި  އާރިޔާއާއި ކުއްޔަށްދިނުމާއި ރަހުނުކުރުމާއި ދަރަނިދިނުމާއި ކަފާލާއާއި ޝަރިކަފަދަ ކަންތައްތަކާ ގުޅުންހުރި ހުކުމްތަކެވެ. މިފަދަ އާޔަތްތަކުގެ އަދަދު ގާތްގަނޑަކަށް 70 އެވެ.

އަޙުވާލުއް ޝަޚްޞިއްޔާ: މިއީ ކައިވެންޏާ ވަރިއާއި އިއްދައާއި ދެމަފިރިންގެ ހައްޤުތަކާއި ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައްފަދަ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ޙުކުމްތަކެވެ މިފަދަ އާޔަތްތަކުގެ އަދަދު ގާތްގަނޑަކަށް 70 އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ