ކެލާ މަދަރުސަތުލް ޝެއިޚް އިބްރާޙިމް ސްކޫލުގެ ސްކައުޓުންނާއި ގާރލް ގައިޑުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފަށައިފި — Ihavandhoo.com

ކެލާ މަދަރުސަތުލް ޝެއިޚް އިބްރާޙިމް ސްކޫލުގެ ސްކައުޓުންނާއި ގާރލް ގައިޑުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފަށައިފި

30 އޮގަސްޓު 2014 0

ކެލާގައި ކުރިޔަށްދާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ޕޮލިސް ލައިފް

ހއ.ކެލާ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ކެލާ މަދަރުސަތުލް ޝެއިޚް އިބްރާޙިމް ސްކޫލުގެ ސްކައުޓުންނާއި ގާރލް ގައިޑުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފަށައިފިއެވެ.

ކެލާ ޕޮލިސް ސްޓޭޝަނާއި މަދަރުސަތުލް ޝެއިޚް އިބްރާޙިމް ސްކޫލާއި ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމަކީ މި ސްކޫލުގެ ދަރިވަރުންގެ އަޚްލާޤީ މިންގަނޑު އަދި ސުލޫކީ މިންގަނޑު ރަނގަޅުގޮތުގައި ދެމެހެއްޓުމުގެ މަޤުޞަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުތަކުގައި ދަރިވަރުންގެ އަޚްލާގު ބައްޓަން ކުރަންވީ ގޮތުގެ މައްޗަށް ޚާއްސަ ސަމާލުކަމެއް ދީގެން ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް ކެރިގެން ކަންކަމާ ކުރިމަތިލުމަށް ބާރު އެޅޭފަދަ ސެޝަންތަކެއް ނަގައިދެވޭނެއެވެ. އަދި ހަމަ އެހެންމެ، އެންމެން އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުދިންނަށް ކިޔައިދެވި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިނެ ގޮތް އުނގަންނާ ދެވޭނެ އެވެ.

މި ހިނގާ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން 03 ހަފްތާގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ފުލުހުން މި އަހަރުގެ ބިޒްނަސް ޕްލޭނުގައިވާ މުޖުތަމައަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ރައްޔިތުންނާ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ކެލާ ޕޮލިސް ސްޓޭޝަނާއި މަދަރުސަތުލް ޝެއިޚް އިބްރާޙިމް ސްކޫލު ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމުގެ އިތުރު ސިލްސިލާ ޕްރޮގްރާމްތަކެއް ކުރިޔަށް އޮތްތާނގައިވެސް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ