ކިނބުލުގެ ހަމަލާއިން ސަލާމަތްވުމަށް މުހިންމު 6 ކަމެއް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

ކިނބުލުގެ ހަމަލާއިން ސަލާމަތްވުމަށް މުހިންމު 6 ކަމެއް

9 ފެބުރުއަރީ 2015 0

ކިނބުލުގެ ހަމަލާތަކުގެ ޝިކާރަޔަކަށްވެ އަހަރަކު އެތައް ސަތޭބަޔަކު މަރުވެއެވެ. ކިނބުލަކީ ދިވެހިރާއްޖޭގެ މާހައުލުގައި އުޅޭއެއްޗަކަށް ނުވާތީ އެއީ ދިވެހިން އެއްވެސްވަރަކަށް ސަމާލުކަންދޭ އެއްޗަކަށް މީގެ ކުރިޔަކުންނުވެއެވެ. ނަމަވެސް މިއަދުމިވަނީ ހާލަތު ބަދަލުވެފައެވެ. މިހާރު މިވަނީ ކިބުުލަކީ އަހަރެމެނަށް ފަރިތަ އެއްޗަކަށް ވާންފަށާފައެވެ. ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި ކިނބުލުގެ ވާހަކަ ހަބަރުތަކުގެ ސުރުހީއަށް ނާރާދުވަހެއް މަދެވެ.

ކިނބޫ އާމުކޮށް ޝިކާރަކުރާ ބާވަތްތަކުގެ ތެރޭގައި އިންސާނުންނެއް ނުހިމެނެއެވެ. ނަމަވެސް ފުރުސަތު ލިބެއްޖެނަމަ ކޮންމެ އެއްޗެއްވެސް އޭގެ ކޮށްތައް ހެދުމަކީ ދުރުކަމެއްނޫނެވެ.

ވުމާއިއެކު ކިނބުލުގެ ޝިކާރަޔަކަށްނުވެ ސަލާމަތުން ތިބުމަށް ކޮންމެހެން ސަމާލުކަން ދޭންޖެހޭ ބައެއްކަންކަމަށް 6 ކަމަކަށް ބަލައިލާނަމެވެ.

  1. ކިނބޫ އުޅޭ ފެންގަނޑަށް ނޭރުން: ރާއްޖެއިން ކިނބޫފެންނަމުންދަނީ މޫދުންނެވެ. ވުމާއިއެކު ކިނބޫ ފެންނަކަމަށް ރިޕޯޓްކުރާ ސަރަހައްދުތަކަށް މޫދަށް އެރިއުޅުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ކިނބޫ އާމުކޮށް ޝިކާރަކުރަނީ އަނދިރި ވަގުތުތަކުގައި ކަމުން ރޭގަނޑު އެފަދަސަރަހައްދަށް އެރުމަކީ ނުރައްކާތެރިކަން އިތުރުވާނެ ކަމެކެވެ.
  2. މާހައުލުގައި ވަށައިގެން ހިނގާކަންކަމާއި މެދު ސަމާލުވުން: ކިނބޫ ފެނުނުކަމަށް ރިޕޯޓް ކޮށްފައިވާ ސަރަހައްދުތަކާއި އަދި އެނޫންވެސް ސަރަހައްދުތަކުގައި އުޅޭއިރު މާހައުލާއިމެދު އަބަދުވެސް ސަމާލުކަން ދިނުން މުހިންމެވެ. ކިނބުލަކީ ފެނުތެރޭގައި ފިލާއޮންނަން ވަރަށްމޮޅު ޖަނަވާރެކެވެ. ހަމައެކަނި ލޮލާއި ނޭފަތް ފެނުމައްޗަށް ލައިގެން ހިމޭންކަމާއިއެކު އޮތުމުގެ ގާބިލްކަން އެސޮރަށް ލިިބިގެންވެއެވެ. ކިނބޫ ޝިކާރަކުރުުމުގައި އޭތި ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަކީ ކުއްލި ހަމަލާއެވެ. ވުމާއިއެކު ގޮނޑުދޮށުން ހިނގާނަމަ މޫދާއި ތަންކޮޅެއް ދުރުން ހިނގުން މުހިންމެވެ.
  3. ކިނބުލެއް ފުނުނުނަމަވެސް ކައިރިނުވުން: ކިނބުލެއް ފެނުނުނަަމަވެސް އެއާ ކައިރިނުވުމަކީ ވަރަށް މުހިންމުކަމެކެވެ. އެއްގަމުގައިނަމަ އެއާ މަދުވެގެން 15 ފޫޓް ދުުރުގައި ހުންނާށެވެ. މޫދުގައި އޮށްވައި ކިނބުލެއް ކިތަންމެ ދުރުން ފެނުނުނަމަވެސް އަވަހަށް ހިކިފަސްތަނަކަށް އަރާށެވެ.
  4. ނޭގިނަމަވެސް ކިނބުލަކާއި މާބޮޑަށް ކައިރިވެވިއްޖެނަމަ: ނޭގިނަމަވެސް ކިނބުލަކާއި މާބޮޑަށް ކައިރިވެވިއްޖެނަމަ އަވަހަށް ދުވެ ދުރައްދާށެވެ. އެއްގަމުގައި ދުވެ ފަހައިގެން އިންސާނަކު އަތުލުމަކީ ކިނބުލަށް ފަސޭހަކަމެއް ނޫނެވެ. ކިނބުލަށް އެއްގަމުގައި ދުވެވެނީ ގަޑިއަކު 17 ކިލޯމީޓަރ ބާރުމިނުގައެވެ. އަދި އެއްގަމުގައި ދުވަން މަސައްކަތް ކޮށްފިނަަމަ، ކިނބުލަކީ ވަރަށް އަވަހަށްވަރުބަލިވާ ޖަނަވާރެކެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ކިނބުލެއް ފަހަތުން އަންނަނަމަ ކަތި ކަތި ލައްވަމުން ދުމަކީ އެންމެ މޮޅުގޮތެވެ. ނަމަވެސް އެއީ ބޭކާރު ކަމެކެވެ. ކިނބުުގެ ކިބައިން ސަލާމަތްވުމަށް އެންމެ ބުއްދިވެރި ގޮތަކީ، އެއާ ދުރައް ސީދާ ސީދަލަށް ދުވުމެވެ. ކުޑަކުދިންނާއި މުސްކުޅިން ކިބޫފެންނަ ސަރަހައްދުތަކަށް އެކަނި ނުދިއުން ވަރަށް މުހިންމެވެ.
  5. ކިނބުލެއް ހަމަލާދީފިނަމަ: ކިނބުލެއް ހަމަލާދީފިނަމަ އެއަށްވެސް ހަމަލާ ދޭށެވެ. ކިނބޫ އާމުކޮށް ދަތްއެޅުމަށްފަހު މަސައްކަތް ކުރާނީ ފެންގަނޑަކާއި ދިމާލަށް ދަމާފައި ގެންނެވޭތޯއެވެ. އެއީ ނޭވާ ހާސްކޮށްލައިގެން މަރާލުމަށެވެ. ވުމާއި އެކު ފެނގަނޑަކާއި ހަމައަށް ދިއުމުގެ ކުރިން ކުރެވެންހުރިކަމެއް ކުރުން ވަރަށް މުހިންމެވެ. ކިނބުލެއް ދަތްއަޅާފިނަމަ އޭގެ ލޮލަށް، ނޭފަތައް ނުވަތަ ކަންފަތައް ހަމަލާދެވޭތޯ ބަލާށެވެ. އެފަދަ ކިނބުލުގެ ނާޒުކު ގުނަވަންތަކަށް ހަމަލާދިނުމުން އެތައް ބަޔަކު ކިނބުލުގެ ހަމަލައިން ސަލާމަތްވެފައިވާކަމަށް ވެއެވެ. ކިނބުލުގެ އަނގަތެރޭ ތިބާގެ އަތް އޮވެއްޖެނަމަ އޭގެ ކުޑަދުލުގެ ދަށުގައިވާ ޕްލޭޓަށް ހަމަލާދެވޭތޯ ބަލާށެވެ. އެޕްލޭޓަކީ ފެނުތެރޭގައި އަނގަ ހުޅުވައިގެން ކިނބޫ އޮންނައިރު އޭގެ ހަށިގަނޑު ތެރެއަށް ފެންދިއުން މަނާކުރާ ޕްލޭޓެވެ. ވުމާއިއެކު އެޕްލޭޓަށް ހަމަލާ ދެވިއްޖެނަމަ، ތިބާ ގޮވައިގެން ކިނބޫ ފެނުތެރެއަށް ގޮސްފިނަމަ ކިނބޫވެސް ގެނބޭނެއެވެ.
  6. އަވަހަށް ސިއްހީ ފަރުވާ ހޯދާ: ކިބުލެއް ހަމަލާދީިފިނަމަ އަވަހަށް ސިއްހީފަރުވާ ހޯދާށެވެ. ކިނބުލުގެ އަނގަތެރޭ އެތައްހާސް ނުރައްކާތެރި ބެކްޓީރިޔާއެއް އުޅެއެވެ. ވުމާއިއެކު ކިނބޫދަތް އަޅާފައިވާތަނަކަށް ރަނގަޅަށް ފަރުވާނުކުރެވިއްޖެނަމަ އިންފެކްޓްވުން ވަރަށް ގާތެވެ.

މިނޫނަސް ކިނބުލުގެ ކިބައިން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ އެތައްކަމެއް ހުންނާނެކަން ޔަޤީނެވެ. މިއީ ޝޯޝަލް މީޑިއާގައި ކިނބޫ ޖޯކް ޖަހަންވީ ވަގުތެއް ނޫނެވެ. ކިނބޫ ދަސްކުރަންވީ ވަގުތެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ