ފޮޓޯއިން: ކުޑަކުއްޖެއްގެ ބޮލުން ބޮޑު ޓިއުމަރެއް ނެގުން — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

05 ދުވަސް

ފޮޓޯއިން: ކުޑަކުއްޖެއްގެ ބޮލުން ބޮޑު ޓިއުމަރެއް ނެގުން

15 ޖެނުއަރީ 2016 0

އިންޑިއާގެ އުއްތަރަ ޕުރަދޭޝްގެ 4 އަހަރުގެ އަންހެންކުއްޖެއްގެ ބޮލުން ބޮޑު ޓިއުމަރެއް ނަގައިފިއެވެ. ރޭނޫ (4) އަކީ ދެމަފިރިންގެ 7 ދަރިންގެ ތެރެއިން 6 ވަނަ ދަރިފުޅެވެ.

ގާތްގަނޑަކަށް 3 ކިލޯގެ ބަރު ޓިއުމަރާއެކު ރޭނޫ ވަނީ އަހަރުތަކެއް ހޭދަކޮށްފައެވެ. ރޭނޫ ބޮޑުވަމުން ދިޔަ ވަރަކަށް ރޭނޫގެ ބޮލުގައިވާ ޓިއުމަރުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ޓިއުމަރު ފަޅާގެންގޮސް ރޭނޫގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވަމުން ނެވެ.

ރޭނޫގެ މަންމަ ބުނީ ރޭނޫ އަކީ އުފަންވިއިރު ސިއްހީގޮތުން އެއްވެސް މައްސަލައެއް ހުރި ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް ރޭނޫ ބޮޑުވަމުން ދިޔައިރު އެކުއްޖާގެ ބޮލު މެދުން ގޮށެއް ކަހަލަ އެއްޗެއް ހެދެން ފެށިކަން ފާހަގަ ކުރެވުނެވެ. ގޮށެއް، ނޫނީ ބިއްސެއް ކަމަށް ހީކުރެވުނު ނަމަވެސް ދުވަހެއް ދުވަހަކަށް އެތަން ދިޔައީ ބޮޑުވަމުންނެވެ.

 

"އަތްލިއަސް ރޭނޫ ރޯންފަށާ، އުއްޑުން ނިދަން ބޭއްވިޔަސް ފަށަނީ ރޯން" ރޭނޫގެ މަންމަ ކިޔާދީފަ ވެއެވެ. ނަމަވެސް ރޭނޫގެ މައިންބަފައިންނަށް ރޭނޫގެ ކަރުނަ ފުހެދިނުން ފިޔަވައި އިތުރު ފަރުވާއެއް ދެވޭނެ ތަނަވަސްކަމެއް ނެތެވެ.

ޑޮކުޓަރަށް ދެއްކޭނެ ފަދަ ތަނަވަސްކަމެއް ނެތިފައި ތިއްބާ އެފަދަ ފުރުސަތެއް ހޯދާދިނީ ކާކު ކަން ނޭނގޭ ކޮންމެވެސް މީހަކު އެކުއްޖާގެ ހާލަތު ބަޔާންކޮށް ސޯޝަލްމީޑިއާގައި ފޮޓޯތައް ޝާއިއުކޮށްގެންނެވެ.

ރޭނޫގެ ވާހަކަ އާއި ހާލަތު އުއްތަރަ ޕުރަދޭޝްގެ ޗީފް މިނިސްޓަރަށް އެނގުމާއެކު، ރޭނޫގެ އޮޕަރޭޝަން ހިލޭ ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެންގި އެވެ. ރޭނޫގެ އޮޕަރޭޝަން ކޮށް ބޮޑު ޓިއުމަރު ނަގާފައި ވަނީ  ލަކުނޯގެ ކިންގް ޖޯޖް މެޑިކަލް ޔުނިވަރސިޓީގެ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމަކުން ނިމިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެ އެވެ.

ރޭނޫގެ އޮޕަރޭޝަން ކުރި ޓީމުގެ ޑަކްޓަރެއް ކަމަށްވާ ޑރ. ސ.ނ. ކުރީލް ބުނީ ޓިއުމަރު އުފެދިފައިވަނީ، ސިކުނޑިން ލުލުގެ ފެނުން ކޮންޓުރޯލް ކުރާ ސަރަހައްދުން ފެށިގެންނެވެ. ޓިއުމަރތު ނެގުމުގައި ޑޮކުޓަރުންގެ ޓީމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ލޮލާ ގުޅިފައިވާ ނާޒުކު ނާރުތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ޓިއުމަރު ނެގުމެވެ. "އޮޕަރޭޝަން ތެރޭގައި އެއިން ނާރަކަށް ގެއްލުން ލިބުނުނަމަ ބަލިމީހާގެ ލޮލުގެ ފެނުން ދާއިމީކޮށް ގެއްލޭނެ" ޑރ. ކުރީލް ބުންޏެވެ.

ރޭނޫގެ އޮޕަރޭޝަން ވަނީ ކާމިޔާބު ކަމާއެކު ކޮށް، ޓިއުމަރު ނަގާފައެވެ. ރޭނޫގެ ބައްޕަ ބުނީ ސޯޝަލް މީޑިއާ އަކީ ކޮން އެއްޗެއްކަން އަދި ކިހިނެއް ވާ އެއްޗެއްކަންވެސް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގެ ސަބަބުން އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ލިބިއްޖެ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ