ގޮނޑު، ބޮޑު ނުރައްކަލެއް .......

18 އޮގަސްޓު 2015 8

ކުނިގޮނޑުގައިހުރި ކުނިތައް މޫދަށް ގިރާލައިގެން ދަނީ. ފޮޓޯ: ޙަމީދު / އިހަވަންދޫޑޮޓްކޮމް

"ރޭގެ ޖޮގިން ކެންސަލްކޮށްލަން ޖެހުނީ ކުނިގޮނޑުން އަރަމުންދިޔަ ދުންތަކުގެ ސަބަބުން. މިއަދު މޫދަށްއެރުން ކެންސަލްކޮށްލީ ކުނި ގޮނޑު ގިރާލައިގެން ކުނިގޮނޑުގެ ތާސީރުތައް ރަށުގެ ވަށައިގެންވާ ރީތި މޫދަށް އެޅި ހަޑިވެފަ އޮތީމަ" ހަމީދު 31، އޭނާގެ އުދާސްތައް ފޭސްބުކަށް ބަންޑުން ކޮށްލާފައި އޮތެވެ.

މިއީ ކިތަންމެ ވަރަކަށް ދެއްކިއަސް ކަމާބެހޭ ފަރާތްތަކަށް އަޑުނީވުނު ވާހަކައެކެވެ. ކުނިގޮނޑުން އަރާ ދުމުން ވާ އުނދަގުލުގެ ވާހަކައެވެ. އެކަމަށް ހައްލެއް ނުލިބޭ ވާހަކައެވެ.

ކުނި ގޮނޑުގެ މައްސަލަ މިދުވަސްވަރު ވަނީ އެހެން ހަރުފަތަކަށް ޖެހިލާފައެވެ. ކުނި ގޮނޑު ގިރާލައި ކުނިގޮނޑުގެ "ތާސީރުތައް" ރަށުގެ ވަށައިގެންވާ ރީތި މޫދަށް އެޅި އެތަންތަން އެވަނީ ތަޢައްޔަރު ވެފައެވެ. ވީމާ މިފަހަރު ދައްކަން މިއުޅެނީ ދުމުގެ ވާހަކައެއް ނޫނެވެ. ފެނަކަ އިހަވަންދޫ ބުރާންޗުން ބަލަހައްޓާ ކުނިގޮނޑު ބަލަހައްޓާލެއް "ފުރިހަމަ" ކަމުން، ތަޤައްޔަރުވި މޫދޫން ބާނާ މަހުގެ ވާހަކައެވެ. އެމަހުން ހަށިގަނޑަށް ކުރާ އަދި ކުރާނެ އަސަރުގެ ވާހަކައެވެ.

ތަޢައްޔަރުވެފައިވާ މާހައުލުގައި އުޅޭ މަސް

ތަޢައްޔަރު ވެފައިވާ މާހައުލުގައި އުޅޭ މަސް ކެއުމުން ވަރަށް މަދު ފަހަރަކުނޫނީ އޭގެ އަސަރު ވަގުތުން ފެންނަ ކަމަކަށް ނުވެއެވެ. އެއާއި ހިލާފަށް އޭގެ އަސަރު ފެންނަނީ ގިނަދުވަހުންނެވެ. ކެންސަރާއި، މޭގަނޑަށް ޖެހޭ ބަލިތަކާއި ހެދިބޮޑުވުމަށް ހުރަސްއެޅުން ފަދަ މައްސަލަތަކާއި ދިފާއީ ނިޒާމުގެ ބާރުދެރަވުންފަދަ މައްސަލަތަކަކީ ދިގުމުއްދަތަކަށް މިފަދަ މަސް ކެއުމަށް ބޭނުންކުރުމުން ދިމާވެދާނެ މައްސަލަތަކެވެ.

ކުނިން ތަޢައްޔަރު ވެފައިވާ މާހައުލުގައި ދިރިއުޅޭ މަހުގައި މާކަރީއާއި ޕީސީބީ ފަދަ ނުރައްކާތެރި ކެމިކަލްތައް ހުރެއެވެ. މިފަދަ މަސް ކެއުމަށް ބޭނުންކުރުމުން އެންމެ ނުރައްކާތެރި އަސަރު ކުރަނީ ކުޑަކުދިންނާއި މާބަނޑު މީހުންނަށެވެ.

  • ޕީސީބީ އިން އިންފެކްޓްވެފައިވާ އެއްޗެއް އަންހެނަކަށް ކެވިއްޖެނަމަ އޭގެ އަސަރު އޭނަގެ ހަށިގަނޑުން ފިލާދިއުމަށް 5 އަހަރު ނަގައެވެ. އަދި ބަރު މައުދަނެއް ކަމަށްވާ މާކިއުރީ (ދިރޭރަހަ) އަށް ހުށަހެޅިފައިވާ ކެމިކަލެއް ހިމެނޭ ކާނާއެއް ކެވިއްޖެނަމަ އެ ހަށިގަނޑުން ބޭރުވެ ސާފުވާން 12 މަހާއި 18 މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.
  • އަންހެނުން އެމީހުން މާބަނޑު ވުމުގެ ކުރިން ތަޢައްޔަރުވެފައިވާ މާހައުލެއްގައި އުޅޭ މަސްކައިފި ނަމަ އެމީހުންގެ ރަހިމުގައި ނުރައްކާތެރި ކެމިކަލްތައް އަށަގަނެއެވެ. ވުމާއި އެކު ރަހިމުގައި ޢަރުބަގަންނަ ކުއްޖާ އޮންނާނީ އެވިހަމާއްދާތަކަށް ހުށަހެޅި ފައެވެ. އެކަމުގެ ސަބަބުން އެފަދަ ކުދިންގެ ހެދިބޮޑުވުމަށް ހުރަސްއެޅި ދަސްކުރުމުގެ ބާރު ދައްވެއެވެ. އަދި ބައިގެން ދިއުމާއި ނުކުޅެދޭ ކުދިން ލިބުމުގެ ފުރުސަތު ބޮޑުވެއެވެ.
  • ކުޑަކުދިން އެފަދަ މަސް ކެއުމުން، މުޅިއުމުރައް ދެމިގެންދާފަދަ ސިއްޙީ މައްސަލަތަކާއި ދިމާވެއެވެ.

މަހަކީ އެގެ ޒާތުގައި ނުހަނު ފައިދާ ހުރި އެއްޗަކަށްވިއަސް ތަޢައްޔަރުވެފައިވާ މަހަކީ ބޮޑު ވިހައެކެވެ.

 

ތަޢައްޔަރުވެފައިވާ ފެނަށް އެރިއުޅުމުން ދިމާވާ ބައެއް ސިއްޙީމަސަލަތައް

ތަޢައްޔަރުވެފައިވާ ފެނަށް އެރިއުޅުމަކީ ވަރަށް ގިނަ ސިއްޙީ މައްސަލަތަކަށް މީހާހުށަހެޅިގެން ދާކަމެކެވެ. ކުނިގޮނޑަކުން ފައިބާ ކުނީގައި ހެވީމެޓަލްސް އާއި ތަފާތު ގިނަ ވައްތަރުތަކުގެ ވައިރަހާއި ބެކްޓީރިއާ ހުރެއެވެ. އެފަދަ ތަންތަނަށް އެރިއުޅުމުން ދިމާވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި ބަނޑުގައި ގޭސްހެދުމާއި، ބޭރަށްހިންގުމާއި، ހެޕަޓައިޓިސް "އޭ" އާއި ފުއްޕާމެއަށް ޖެހޭ ބަލިތައް ޖެހުމާއި ކަންފަތާއި ނޭފަތާއި ކަރުގެ އިންފެކްޝަން އަށަގަތުން ފަދަކަންކަން ހިމެނެއެވެ. މީގެ އިތުރުން އެންސެފެލައިޓިސް (ސިކުނޑިއަށް ޖެހޭ އިންފެކްޝަން) އާއި މެނިންޖައިޓިސް ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތައްވެސް ޖެހެއެވެ.

އެގޮތުން އެފަތަ ތަޢައްޔަރު ގޮނޑުދަށްތަކަށް މޫދަށްއެރުމުން ސްރެޕްޓޯކޯކަސް އިންފެކްޝަނުގެ އަސަރުކޮށްގެން އެއްބަޔަކު މަރުވެފައިވާއިރު އަނެއްބަޔަކުވަނީ ނުކުޅެދޭމީހުންނަށް ވެފައެވެ.

މިކަމުގެ ސަބަބުން ދިގުމުއްދަތެއްގެ ފަހުން ފެންނަ ސިއްޙީ މައްސަލަ ތަކުގެ ތެރޭގައި ތަފާތުވައްތަރުތަކުގެ ކެންސަރާއި ދަރިން ނުލިބުމާއި ތަފާތު ޖެނެޓިކް މައްސަލަތައް ހިމެނެއެވެ.

އިހަވަންދޫއަކީ "ގޭސްޓްރޯއެންޓެރައިޓިސް" ގެ މައްސަލަތައް ގިނަ ރަށެކެވެ. ތަފާތު ވައްތަރުގެ ކެންސަރުވެސް އިހަވަންދޫގައި ގިނަވަމުން އަންނަކަމަށް އިހަވަންދޫ ކައުންސިލުން ދާދިފަހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

 

އެހެން ނުރައްކަލެއްގެ ވާހަކާ

ކުނިގޮނޑުން ފައިބާ ކުނިތައް މޫދަށް އެޅި އެސަރަހައްދުގެ މޫދު ކުނިން ތަޢައްޔަރުވުމުން ހީނުކުރާކަހަލަ އެހެން ކަމަކަށް އެސަރަހައްދަށް މޫދަށްއެރޭ މީހުން ހުށަހެޅިގެން ހިނގާދާނެއެވެ.

އެމެރިކާގެ ހަވާއީގެ ރަށަކަށް މިފަހުން ކުރިމަތިވި މައްސަލައަކީ އެރަށްކާރިއަށް މޫދަށް އެރިއުޅޭ މީހުންނަށް އާދަޔާހިލާފަށް ކޮންބާވަތެއްގެ މިޔަރެއްކަން ނޭގޭ މިޔަރެއް ހަމަލާދިނުމެވެ. މިޔަރުގެ ހަމަލާތަކުގައި 2 އަހަރުތެރޭ 2 މީހަކު މަރުވެ އެތައްބަޔަކު ނުކުޅެދޭ މީހުންނަށް ހަދާލިއެވެ. އެކަން ބޮޑުވެ އެކަން ދިރާސާކުރަންދިޔަ ސައިންސްވެރިން އެކުލަވާލި ތަފާތު ތިޔަރީތަކުގެ ތެރޭގައި މިރާއްޖޭގެ މީހުން ވިސްނާންޖެހޭ ތިޔަރީތައް އެބަހުއްޓެވެ.

އެއްތިޔަރީގައި ވާގޮތުން އެރަށަށް މިޔަރުގެ މައްސަލަ ދިމާވީ، ޖަޕާނަށް ކުރިމަތިވި ސުނާމީގައި އުފެދުނު ކުނިތައް އޮޔާއިއެކު އެސަރަހައްދަށް ވާސިލްވުމުންނެވެ. މިޔަރުގެ ބާވަތެއް ކަމުގައިވާ (Tiger Shark) ފެމުނު މިޔަރަކީ އާދައާ ހިލާފަށް ކުންޏާ ދޯޅު މިއަރެއްކަމުން އެސަރަހައްދަށް ޖަމާވި ކުނިތަކުގެ ފަހަތުން ފެމުނުތައްވެސް އެސަރަހައްދަށް ޖަމާވީކަމަށް އެތިޔަރީ ބުނެއެވެ. ފެމުނަކީ އިންސާނުންނަށް އިސްވެ ހަމާލާދޭ މިޔަރަކަށް ވާއިރު އެއީ ރާއްޖޭގެ ސަރަހައްދުން ފެންނަ އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތެވެ.“Garbage Eater” ގެނަމުން މަޝްހޫރު ވެފައިވާ ފެމުނު، ރާއްޖޭގެ ކުނިގޮނޑުތަކުން ބޭރުވާ ކުނިން ފިލިވެ ތިލަނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ގެއްލުންވަނީ ހަމައެކަނި އިންސާނުންނަކަށް ނޫން

ގޮނޑުދޮށް ތަޤައްޔަރުވުމުން ގެއްލުންވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. އެމާހައުލުގައިވާ ދިރުންތަކަށްވެސް ފޫނުބެއްދޭ ވަރުގެ ގެއްލުންވެއެވެ. ކެމިކަލްގެ ސަބަބުން ހުދު ގޮނޑުދޮށްތައް ރަތްވެ ރީތިކަން ގެއްލި ދިއުމަކީވެސް ދުރުކަމެއްނޫނެވެ.

ހައްލެއް ނެތް

އިހަވަންދޫން ވާހަކަދެއްކި އަޙުމަދު 25، ބުނީ ކުނިގޮނޑުގައިވާ ކުނިތައް މޫދަށް ބޭރުވާކަން ޒިންމާ ބޮލުއަޅާގެންތިބި ބައެއް މީހުންނަށް ނޭގޭކަމުގައެވެ. "ފެނަކާގަވެސް މެނޭޖަރުން ގިނަވެގެން އިށީންނާނެ ގޮޑިއެއްނެތޭ ކިޔާ، ކީއްވާނީ އެމީހުން ގެންގޮސް ގޮނޑުގަ ބޭތިއްބިއްޔާ ގައިމު އެތަން ފެންނާނެތާ!" އޭނާ ބުންޏެވެ.

ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކީއްކުރަން ލިޔާވާހަކައެއްތިއަކީ؟ ސިޔާސީ ބަޔަކު ފެނަކައަށްލާގެން ޖީބުފުރުން އޮތީ

– 18 އޮގަސްޓު 2015 1

އިސްތިޤްފާ

– 18 އޮގަސްޓު 2015 1

ގޮނޑު ބޮޑު ބަލާއެއް، ކެންސަރޭ އެހެން އެއްޗެކޭކިޔަސް ނުކިޔަވާތިބި ބަޔަކު ތިބި ކައުްނސިލަކުން ތ ތިކަމަކަށްޗ އަޅައެއް ނުލާނެ

– 18 އޮގަސްޓު 2015 1

އަކްރަމް އަށް ބެލެނީ އަބަދުވެސް ކުނިގޮނޑު ދޯް!

– 19 އޮގަސްޓު 2015 0

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، އަޅަމެންނަށް ދިމާވެފައި މިވާ ބަލާވެރިކަމުން އަޅަމެން މިންޖު ކުރައްވާންދޭވެ․

– 19 އޮގަސްޓު 2015 2

ކަލޭމެން ނޫސްވެރިން ވަރަށް ރަނގަޅަށް ބަލާފަ ލިޔެބަލަ․ ތި ވަބާ އިހަވަންދުއަށް ޖެއްސީ އަންނިއޭ․

– 19 އޮގަސްޓު 2015 3

ތީ ވަރަށް ސީރިއަސް މައްސަލައެއް․ ކައުންސިލްގައި ތިބޭ މީހުންނަށް ހީވާކަހަލަ މިކަމުގެ ގެއްލުން އެމީހުންގެ އައިލާ ތަކަށް ނުކުރާނޭ․․ އެހެންވެތާ ހައްލެއް ނުގެނެވިގެން އުޅޭނީ․ މިވަރުން ވިސްނޭނެ ކަމަށް އުއްމީދު ކުރަން

– 19 އޮގަސްޓު 2015 0

މިކަމުގަ ކައުންސިލަރުން ކުއްވެރިކޮށް ކޮމެންޓު ނުލިޔެބަލަ․ ކައުންސިލަރުންނަށް ރަށް ހިންގުމުގަ އެއްވެސް ބާރެއް ނެތް․ ރަށް ހިންގަން ޖެހެނީ ރަށުގަ ތިބި ސިޔާސީ ދެތިން އެކްޓިވިސްޓެއް ބުނާ ގޮތަށް․ ކައުންސިލަރުން ނަށް ނެތް އަތަކަށް ގުޑާލެވެން ވެސް․ އެހެން ނޫންނަމަ މިހާރު ތިމައްސަލައަށްވެސް ހައްލު ހޯދާފަ އޮންނާނީ․ އަދި ބޯފެނުގެ ނިޒާމުގެ މަސައްކަތްވެސް މިހާރު އޮންނާނީ ކޮރަޕްޝަން އަށް ނުގޮސް އިހަވަންދޫގެ ރައްޔިތުންނަށް ފަހިކޮށްދީ ނިންމާފަ․ ސިޔާސީ ދެތިން އެކްޓިވިސްޓުންގެ ސަބަބުން ކައުންސިލަރުންނަށް އެއުޅެނީ އެއްވެސް ކަމެއް ނުކުރެވިގެން․ ވިސްނާ ބަލާ މީހަކަށް ރަނގަޅަށް އެނެގޭނެ․ އިހަވަންދޫގެ ރައްޔިތުންގެ ލާބަޔަށް އެދި ކައުންސިލުން އެއްވެސް ކަމެއް ކޮށްދީފައެއް ނެތް․ ކުރިހާވެސް ކަމަކީ ގެއްލުންވާ ކަންތައްތަކެއް․ އޮޑިހަރުގެ ވަޅުގެ ކުލިތައް މަޢާފު ކުރުމާ، ފެނުގެ ނިޒާމުގެ މަސައްކަތަށް އެއްވެސް ތަޖުރިބާއެއް ނެތްބަޔަކަށް މަސައްކަތް ހަވާލު ކުރުމާއި، މަސައްކަތް ކުރަމުންދިޔަ އިރު ސްޕަވައިޒް ނުކުރުމާ، ރަށުގެ މަގުތައް ހަލާކު ކުރަމުން ދިޔައިރު އަޅާނުލާ ހުރުން ފަދަ ކަންތައްތައް․ ފައިބަރު ހަރުގެތައް އެއެއް މިއެއް ނުބަލާ ރައްޔިތުން މަރަމުންދާއިރު ނުފެނުމާ، ލޮނުމަސް އަޅަމުން ދާމީހުން ރަށް ހަޑި ކުރަމުންދާއިރު އަޅާނުލުން ފަދަ ކަންތައްތައް․

– 20 އޮގަސްޓު 2015 2