ލަދުވެތިކަމާއެކު ވެސް ފަޚްރުވެރިވަމެވެ.

7 ނޮވެމްބަރު 2012 2

އިއްޔެ ފޭސްބުކް ހާވަން އިންދާ ސްކޫލް ދައުރުގެ ވަރަށް ޚާއްޞަ ރަހުމަތްތެރިއަކު މަށަށް ހަނާ އަޅައިލި އެވެ. "ހައި" ޖެހުމަށްފަހު އެންމެ ފުރަތަމަ ވެސް އޭނާ ކުރީ ސުވާލެކެވެ. "އިހަވަންދޫގެ ދަރިއަކަށް ވީތީ ފަޚްރުވެރިވަންތަ؟" ކުއްލިގޮތަކަށް އަހާލި އެވެ. އާންމުކޮށް މީހުން ކުރާ ޒާތުގެ ސުވާލަކަށް ނުވާތީ ދޭނެ ޖަވާބަކާ މެދު ވިސްނަން އިންދާ މީނާގެ ހިނިގަނޑު ފަޅައިގެން ގޮސް ޕަކަޕަކަ ޖަހާ ވައްތަރުގެ މޫނެއް މަށަށް ފޮނުވައިފި އެވެ. އިސާހިތަކު މަވެސް ބޭރަށް ދޫ ނެރެފަ އިންނަ ވައްތަރުގެ މޫނެއް ފޮނުވައިފީމެވެ. މީނާގެ ސުވާލާމެދު ފުންކޮށް ވިސްނާލުމަށްފަހު މަށަށް ބުނެވުނީ މިހެންނެވެ. "އަސްލު ކުރިން ފަޚްރުވެރިވެވުނަކަސް މިހާރު އެ ފަޚްރުވެރިކަން ލަދުވެތި ކަމަކަށް ބަދަލުވެއްޖެ" ކަމަށެވެ. ހަމަ ބުނިހެން ނުހީވެ ރޮވޭ ވައްތަރުގެ ފޭސްއެއް މަށަށް ފޮނުވައިފި އެވެ. މަވެސް އެ ރުއިމުގައި ބައިވެރި ވީމެވެ.

މަ ކޮލެޖުގައި ކިޔަވަން އުޅުނުއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެކި މިޒާޖުގެ ކުދިންނާއި، ރާއްޖޭގެ މަތީ ފަޑީގެ ގިނަ ބޭޅުންނާ ވެސް ދިމާވި އެވެ. މަށަކީ އިހަވަންދޫ މީހެއްކަމަށް ބުނެފިނަމަ އިހަވަންދޫއާ ބެހޭ މަޢުލޫމާތު ސާފުކުރަން މި މީހުން ވަރަށް ބޭނުންވެ އެވެ. ފުރުސަތުގެ ބޭނުން ހިފައި، މަށަށް ކެނޑެން އޮތްހާ ފޮންޏެއް ކަނޑަމެވެ. މަ ބުނަނީ އިހަވަންދޫ އަކީ ކުށްކުރާ މީހުން އުޅޭ ރަށެއް ނޫން ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނޫޅޭނެ ކަމަށެވެ. ޕާޓޭ ވައްތަރު ޒުވާނަކު ނޫޅޭނެ ކަމަށެވެ. ޒުވާނުންގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނޯންނާނެ ކަމަށެވެ. މާރާމާރީއެއް ނޯންނާނެ ކަމަށެވެ. ދުންފަތުގެ އިސްތުޢުމާލު ކުރާ ޒުވާނުން ވަރަށް ވެސް މަދުވާނެ ކަމަށެވެ. އެއްވެސް ގޭންގެއް ނޯންނާނެ ކަމަށެވެ. ނުވިތާކަށް އިހަވަންދޫގެ މީހުންނަކީ ވަރަށް ހީވާގި މަސްވެރި، ތަޢުލީމީ، ބަޔަކު އުޅޭ ރަށެއް ކަމަށް ވެސް މަ ބުނަމެވެ. އިހަވަންދޫ މީހުން ވަރަށް މުއްސަނދި ވާނެ ކަމަށާއި، އިހަވަންދޫ އަކީ ވަރަށް ރީތި ރަށެއް ކަމަށާއި، މާލީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، އަޚްލާޤީ ގޮތުން ވެސް އިހަވަންދޫ އަކީ މުޅި ރާއްޖެ އަށް ގޮންޖަހާ ލެވޭވަރުގެ ރަށެއް ކަމަށް މަ ބުނަމެވެ. މަ މިހެން ބުނުމުން މި މީހުން ތިބޭނީ އަޖައިބުވެފަ އެވެ. ދެން މި މީހުން ބުނާނީ އާބާދީ ކިހާވަރެއް ހެއްޔޭ އެވެ. މަ ބުނަނީ 3500 ކަމަށެވެ. ދެން މި މީހުން ބުނަނީ ތިވަރުގެ އާބާދީއެއް އޮންނައިރު ތި ރަށް އޮންނަންހެން ހީވެސް ނުވާކަމަށެވެ. ދެން މަ ބުނަނީ ކުށުގެ ނިސްބަތް އެރަށެއްގައި އޮންނަ މިންވަރަކީ އެ ރަށެއް މަޝްހޫރުވުމާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެއް ކަމަށެވެ. މަށަށް އެއިރުގައި ފާހަގަވެފައި އޮންނަގޮތުން މަ ހެން އަމިއްލަ ރަށް ދޮންފުތުކޮށް އަމިއްލަ ރަށާމެދު ފަޚުރުވެރިވެގެން އުޅޭ އެހެން ރަށެއްގެ މީހަކާ މަށަކަށް ދިމާއެއް ނުވެ އެވެ. އެހެނެއް ނޫނެވެ. އެ މީސްމީހުންގެ ރަށްރަށަށް ތަރައްޤީ ގެނައުމަށް އެ މީސްމީހުން ވަރަށް މަސައްކަތް ކުރަތެވެ.

ކޮލެޖު ނުނިމި އުޅެނިކޮށް ކެނޑި ފޮނީގެ މަލާމަތް މަށަށް ރައްދުވާން ފެށި އެވެ. އެންމެ ފުރަތަމަ މަލާމާތް ޖެހުނީ މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި، ކްރިމިނަލް ކޯޓަށް ތަމްރީން ޕްރޮގްރާމެއްގައި ގޮސްގެން އުޅެނިކޮށް، އެ އިދާރާތަކުން މަށާއެކު ދިޔަ ކުދިންނަށް ފެނުނު އިހަވަންދޫ މީހެއްގެ ކުށުގެ ފައިލަކާ ގުޅިގެންނެވެ. ނަސީބު ދެރަކަމުން މި ބުނާ މީހާގެ ފައިލާ ކޮންމެ އިދާރާއަކުން ވެސް ދިމާވި އެވެ. މި މީހާގެ ވާހަކަ އެހުމުން މަ ބުނަނީ އެއީ ރަށުން ބޭރު މީހަކު، އެ މީހާ އަށް ދިން ލަނޑެއް ކަމަށެވެ. އިހަވަންދޫ އަކީ އެހާ ވިޔާނުދާ މީހުން އުޅޭ ރަށެއް ނޫން ކަމަށެވެ.

އޭގެ ދުސްކޮޅެއް ފަހުން، އިހަވަންދޫއާ މެދު ފަޚްރުވެރިވެގެން މަށަށް ފޮނިކެނޑުނު ޅ. ނައިފަރު ރައްޓެއްސަކު ގުޅައިފި އެވެ. މީނާ ބުނަނީ ހުދު ކާފޫރު ފަދަ ބަޔަކު އުޅޭ ރަށެކޭ ކިޔައިގެން ފޮނިކެނޑިޔަކަސް ތީ މީހުން މަރާ މީހުން އުޅޭ ރަށެއް ކަމަށެވެ. އިތުރަށް ސާފުކުރިއިރު، މީނާ މިދައްކަނީ އިހަވަންދޫގައި އަންހެން ކުއްޖަކު ރޭޕްކޮށްލުމަށް ފަހު މަރާލި ހާދިސާގެ ވާހަކަ އެވެ. މަ ވަރަށް ޔަޤީންކަމާއެކު ޖަވާބު ދިނީމެވެ. ތީ އިހަވަންދޫ ސްކޫލްގައި އިމާރާތެއް ކުރަން އައިސްގެން އުޅުނު ބިދޭސީން ތަކެއް ކުރި ކަމެއް ކަމަށެވެ. ތިޔަފަދަ ނުބައި ވަހުޝީ ޢަމަލުތަކަކީ އިހަވަންދޫގެ ރައްޔިތަކު ކުރާނެ ކަމެއް ނޫންކަމަށް ބުނެ ގިރުއާން ހިއްލާލާފައި މަ ކެނޑި ފޮނިތައް ތަކުރާރު ކޮށްލީމެވެ.

މިއަށް ފަހުގައި ވެސް މި ފަދަ ފޯންކޯލްތައް އައެވެ. މިގޮތުން މިދިޔަ އަހަރު ފަހުކޮޅުގައި އައި ފޯންކޯލްތަކާ ގުޅިގެން މަ ބުނީ ތީ ސިޔާސީ ބޭނުމަކު ބަޔަކު ކޮށްގެން އުޅޭ ތުހުމަތެއް ކަމަށެވެ. ކަމެއް ހިނގައިގެން އަރައިގެން އުޅޭ އަޑެއް ނޫންކަމަށް ބުނެ ވަރަށް ދިފާއު ކުރީމެވެ.

އެއަށްފަހު، މިދިޔަ އޮކްޓޫބަރު މަހު، މަށަށް ފޮނިކެނޑެވުނު ލޯޔަރަކު މަށަށް ގުޅައިފައި ދޭތިން އެކައްޗަށް ދީފި އެވެ. މަ ބުނީ ތިޔަބުނާ މީހަކީ އިހަވަންދޫ މީހެއް ނޫނޭ ތީ ޕާކިސްތާނު މީހެއް ކަމަށެވެ. އެހެން ނޫނަސް އަނިޔާ ލިބުނު ކުއްޖާކަމަށް ފުލުހުން ބުނާ ކުއްޖާ އާއި އޭނާގެ އާއިލާ ވެސް އެކަމާ ދެކޮޅު ހަދާ ކަމަށާއި، ދެން ހުރީ އޭނާގެ "ބިޓު" ކަމަށެވެ. ނަސީބަކުން މީނާގެ ކިބައިން ސަލާމަތް ވެވިއްޖެ އެވެ.

ދެން އިހަކަށް ދުވަހަކު، ކްރިމިނަލް ކޯޓުގައި އުޅޭ ރައްޓެއްސަކު މަށަށް ގުޅާފައި މަ ފަކީރު ދެވަރުން އެއްވަރު ކޮށްލައިފި އެވެ. ގުޅާފައި އަހަނީ ހަވީރު ނޫސް ކިޔައިފިންތޯ އެވެ. މަ ބުނީ އަދި ބަލާނުލެވޭ ކަމަށެވެ. ހަމަ ބުނިހެން ނުހީވެ ފަށައިފި އެވެ. ކީ ކަމަކަށް ނުވާނެތާއޭ ތީ ނަމޫނާ ރަށް ވިއްޔާއޭ، ކުށް ނުކުރާ އިންސާނުން އުޅޭ ރަށް ވިއްޔާއޭ، ތިޔަ ނޫން ރަށެއް މިހާރަކު މި ރާއްޖޭގަ ނެތެން ނޫންހޭ، ތިޔަ ރަށުގެ ނަމޫނާ އަހަރުމެނަށް ދައްކަން އުޅޭނެ ކަމެއް ނެތޭ ކިޔައިފަ މަ ފަކީރު ރަނގަޅަށް ކުޑަ ކޮށްލާފައި ފޯނު ބާއްވާފި އެވެ. މަ ހަމަ ހުރީ ވަންވީގޮތް ނޭނގިފަ އެވެ. ކުރަން ހުރި ކަންތައް ބަހައްޓާފައި ހަވީރަށް ވަދެފައި ވެގެން އުޅޭގޮތް ބަލައިފީމެވެ. މި ވީގޮތަކީ އިހަވަންދޫގެ ހަ ފިރިހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ފިރިހެނަކު އިހަވަންދޫން ހައްޔަރު ކުރީ އެވެ. ޚަބަރު ކިޔާފައި ރަށަށް ގުޅުމުން މިކަމުގެ ތަފްސީލް ލިބިއްޖެ އެވެ. ހައްޔަރު ކޮށްގެން އުޅެނީ އިހަވަންދޫ މީހަކު ނޫންކަމަށް ބުނެ އިހަވަންދޫ ދިފާއު ކުރުމަށް މި މީހާ އަށް ގުޅުމަށް އަވަސްވެގަނެވުނެވެ. ނަމަވެސް ގުޅާހިތެއް ނުވި އެވެ. މެސެޖެއް ކޮށްލަށް މެސެޖް ބޮކްސް ވެސް ހުޅުވީމެވެ. ނަމަވެސް ވީ ފޫއްސަކުން ހަމަ އެއްވެސް ރައްދެއް ދޭކަށް ނުކެރުނެވެ. ލަދުވެތިކަމާއެކު މަޑުމަޑުން ހުރީ އެވެ.

އިއްޔެ ނޫން ކުރީ ދުވަހުގެ ދަންވަރު ފޭސްބުކަށް ވަދެ އިންދާ، ފޭސްބުކްގެ ކަނޑުގައި ފަތަމުން ދިޔަ އެއްޗެއް ފެނިގެން ހުއްޓުވާފަ ބަލާލީމެވެ. މި އެއްޗަކީ "ޕީސްފުލް އިހަވަންދޫ" ކިޔާ ފޭސްބުކް ގްރޫޕަކުން ހާމަކޮށްފައި އިން މަޢުލޫމާތެކެވެ. މީގައި އޮންނަނީ އިހަވަންދޫ މަދަރުސާގެ ގްރޭޑް ހަޔަކުން މަތީގެ 80 ޕަސެންޓް ފިރިހެން ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާ ކަމަށެވެ. އަދި ގްރޭޑް އަށަކުން މަތީގެ 20 ޕަސެންޓް އަންހެން ކުދިން ބަދުއަޚްލާޤީ ޢަމަލު ހިންގާ ކަމަށެވެ. މި ކިޔާލާފައި ފުރަތަމަ ވެސް ވީ ގަނބެވެ. ދެން މިއަށް ލައިކެއް ޖަހާނަމޭ ހިތާ އުޅެފައި ވެސް މީގައިހުރި މަޢުލޫމާތުގެ ސައްޙަކަމާ މެދު ސުވާލު އުފެދޭތީ ދޫކޮށްލީ އެވެ.

އެރޭ ފެނުނު މަޢުލޫމާތުގެ ސައްޙަކަން ބަލާލާނަމޭ ހިތާ، މަ ވެސް އެ ސިޓީއަކަށް ނިސްބަތްވާ "ދޮންމަނިކު" ސިޓީގެ ބައެއް ކުދިންނަށް ގުޅާލީމެވެ. އަދި ސިއްރު ހިއްސާކުރާ ޒާތުގެ ބައެއް ހަރު މީހުންނަށް ވެސް ގުޅާލީމެވެ. މަ ސާފުކުރީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭގޮތުން އޮތް ވާހަކަ އެވެ. މަ ގުޅީ ސްކޫލުގައި އުޅޭ ހަތަރު ކުއްޖަކަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ ކަމަށް އެއްވެސް މީހަކު ކައިރީ ނުބުނާ މަތިން 2 ކުއްޖަކު އެއްބަސްވި އެވެ. އަނެއް ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބުނީ ކުރިން ބުއިކަމަށާއި، މިހާރު ނުބޯ ކަމަށެވެ. ދެން ހުރި ކުއްޖާ ހުވާކޮށްފަ ބުނީ ނުބޮން ކަމަށެވެ. މިދިޔަ އަހަރު ގްރޭޑް 10 ނިންމުމަށްފަހު، މިހާރު މަނަފަރު ރިސޯޓުގެ ވަޒީފާގައި ހުރި ކުއްޖަކަށް ވެސް ގުޅީމެވެ. މީނާ މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރާކަން ވަރަށް ގިނަބަޔަކަށް އެނގޭތީ މީނާއާ މަ ކުރި ސުވާލަކީ އެކަން ފެށީ ކޮން އިރަކުތޯ އެވެ. މީނާ ބުނީ ގްރޭޑް 9 އަށް ބަދަލުވި އަހަރުން ފެށިގެން ގަވާއިދުން ދުންފަތުގެ އިސްތިޢުމާލު ކުރާ ކަމަށެވެ. އެކުގައި ސްކޫލް ނިންމި ކިތައް ކުދިން ތިކަން ކުރޭހޭ އެހުމުން ބުނީ މިކަން ނުކުރާ ކުއްޖަކު ނޫޅޭނެ ކަމަށެވެ. ކަންކަން ވަރަށް ދިރާސާ ކުރާ ވައްތަރުގެ ހަރު މީހަކަށް ގުޅުމުން ބުނީ "ތިޔާ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ" ކަމަށެވެ.

މާލޭގައި ހުންނަ "ވަންނަވާ" ފިހާރަ އަށް މަށާ އަންހެނުންނާ ރޭ ގޮސް ހުއްޓާ، މަށާ އެއް ކްލާހެއްގައި އުޅުނު މިހާރު ވެސް އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކާ ދިމާވި އެވެ. ގަންނަން ހުރި އެއްޗެއް ގަނެގެން ފިހާރަ ބޭރުގައި މަޑުކޮށްލީ މި ކަލޭގެ ކޮނެލަން ގަސްދުކޮށްގެނެވެ. މީނާ ބުނާގޮތުން އިހަވަންދޫގައި މަސްތުވާ ތަކެތީގެ ހާލަތު އޮތީ އަތް ނުފޯރާ ފަށުގަ އެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހިފަތިބި ކިތަންމެ ޒުވާނަކު މިހާރު އިހަވަންދޫގައި އެބަތިބި ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި އިހަވަންދޫގައި ކުރަމުން އަންނަކަމަށް މީނާ ބުންޏެވެ. މިހާރު އުފެދެމުން އަންނަ ޖީލް އޮތީ ބޮޑު އަނދިރި ކަމެއްގެ ތެރޭގައި ކަމަށް މީނާ ސިފަކުރި އެވެ. މަ ބުނީ ފުލުހުންނަށް ކަމެއް ނުވަނީ ކަމަށެވެ. ވަރަށް ބެވީމެވެ. އެކަމަކު ގަބޫލެއް ނުކުރި އެވެ. އަސްލު މަވެސް އެހެން ގަބޫލުކުރަނީކީ ނޫނެވެ. އިހަވަންދޫ ދިފާއު ކުރަން ފުލުހުން ކުށްވެރި ކުރެވުނީ އެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ ފާޅުކުރި ފަހުން، ވަރަށް ދަންވެފައި ހުއްޓާ ކައުންސިލްގެ ރައީސަށް މަ ގުޅާލީމެވެ. ހުރީ ވަރަށް އުފަލުންނެވެ. ތިޔަކަމާ އުފާ ވިޔަކަސް އިހަވަންދޫއެއް ނެތޭ މަ ބުނެފީމެވެ. ހިތުގައި ހުރި އުދާސްތައް ބަންޑުން ކޮށްލީމެވެ. ވަރަށް ގިނައިރު ވާންދެން ޝަކުވާ ކުރީމެވެ. ބައެއްފަހަރު ރުޅި އާދެވިގެން ބެވޭހެން ހީވުމުން ބޯޅަ އެކޮޅާ ހަވާލުކޮށްލާފައި ކިޔަމަންކޮށްލައިގެން ހުންނަނީ އެވެ. ސަމީރު ވެސް ވިދާޅުވީ ތެދުފުޅެކެވެ. މިކަމުގައި ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑެވެ. މި ހާލަތަށް އިހަވަންދޫ އަންނަން ޖެހުނީ ބެލެނިވެރިންގެ އިހުމާލުންނެވެ. މަ ނިންމާލަމުން ސަމީރަށް ދެންނެވީމެވެ. މިކަމާމެދު އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ކެރިތިބެގެން ނާޅާފިނަމަ، އަހަރުމެން ފަޚްރުވެރިވި އިހަވަންދޫ މާ ކަނޑަށް ޣަރަޤު ވެދާނެ އެވެ. އުފަން ރަށް ކިލަންބުވެ ތަޣައްޔަރުވުމުގެ ކުރިން، ސަލާމަތްވަމާ ހިނގާށެވެ. ވަރަށް ޔަގީންކަން ދިނެވެ. މަށަށް އުފާވެރިކަން ލިބުނެވެ. އުންމީދެއް ކުރެވުނެވެ. އެކަމަކު ހިޔެއްނުވެ އެވެ. ދެނެއް ސަލާމަތެއް ނުވާނެ އެވެ. ދެން ވާނީ ހަލާކެވެ. އިސްލާހުކުރަން ނިކުންނަ މީހަކަށް ވިއްޔާ ޖެހޭނީ ބަކަ ތަޅާފައި އަޑިއަށް ދާށެވެ.

މި ހިސާބަށް ލިޔެފައި ގަޑި ބަލާލިއިރު، ގަޑިން ދަންވަރު ދެގަޑި ހަތާވީހެވެ. މަ ގަސްދު މި ކުރަނީ މި ހިސާބުން މި ވާހަކަ ނިންމާލާފައި މެއިލްކޮށްފަ ނިދާށެވެ.

 

ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

2000 ވަނަ އަހަރުގެ ކުރިން އިހަވަންދޫ މަދަރުސާއިން ކިޔަވައި ނިންމައި ދިރިއުޅުމުގެ މައިދާނަށް ނުކުތް ކުދިންނާއި މިހާރުގެ "ޕްރޮފެޝަނަލް" ހިންގުންތެރި އިހަވަންދޫ މަދަރުސާއިން ކިޔަވައިގެން ނުކުންނަ ކުދިންގެ ތަފާތު ތިއީ މާނިއު! އިހްމާލު އޮތީ ބެލެނިވެރިންގެ އެކަންޏެއް ނޫން ސަމީރޫ!

– 27 އޭޕުރީލު 2013 5

އެއްވެސް ތަފާތެއް ނެތް....ތި ކޮމެންޓް ތިލިޔަނީ މަދަރުސާ ދިފާއުކުރަން

– 6 ޖުލައި 2013 2