ލައިލަތުލް ޤަދުރިފާހަގަވާނޭ ނިޝާންތަކެއްވޭ! : ފަރީދު — Ihavandhoo.com

ލައިލަތުލް ޤަދުރިފާހަގަވާނޭ ނިޝާންތަކެއްވޭ! : ފަރީދު

ލައިލަތުލް ޤަދުރިވިލޭރެއަކީ 1000 މައްސަރު ނުވަތަ 83 އަހަރު ދުވަހުގެ އަޅުކަމުގެ މަތިވެރި ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ މަތިވެރި ރެއެއްކަމަށާއި، އެރޭ ﷲ ޞުބުޙާނަހޫ ވަތަޢާލާ ލައްވަވާފައިވަނީ، ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްގައިކަމުގައި އަހަރެމެންގެ ތެރެއިން ގިނަމީހުންނަށް އެނގޭކަމަށާއި، ނަމަވެސް، އެރޭ ދެނެގަނެ ފާހަގަ ކުރެވޭފަދަ ނިޝާންތަކެއް ހުރިކަން އަހަރެމެންގެ ތެރެއިން ގިނަމީހުންނަށް  ނޭނގޭކަމުގައި އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޝައިހު މިގޮތަށް ވިދާޅުވެފައިވަނީ އިހަވަންދޫ މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 26 ވީ ހުކުރު ދުވަހުގެރޭ އިހަވަންދޫ މަދަރުސާގެ ހޯލުގައި ބޭއްވި ޙާއްޞަ ދަރުސްގައި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނާ މުހާތަބުކޮށް ނަސޭހަތް ދެއްވަމުންނެވެ.

އެގޮތުން، ލައިލަތުލް ޤަދުރި ވިލޭރޭ، އަހަރެމެންނަށް ވަރަށް ވިސްނައި ހޯދާ ބަލައިފިނަމަ ފެންނާނެ، ޢަލާމާތްތަކެއް ހާމަކުރައްވަމުން އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވީ އެރޭ، އެހެން ރޭތަކާއި ހިލާފަށް އުޑުމަތީގައި އަލިކަމެއް ވާކަމަށް ފާހަގަ ކުރެވޭނެކަމަށެވެ. އަދި އެ އަލިކަމަކީ، ހަނދުގެ ނުވަތަ ތަރިތަކުގެ އަލިކަން ނޫންކަމަށާއި، އެހެން ރޭތަކާއި އަޅާ ބަލައިފިނަމަ، ފާހަގަވާ އަލިކަމެއްކަމުގައި ޝެއިޙް ވިދާޅުވިއެވެ.

އެރެއަކީ، އެހެން ރޭތަކާއި ހިލާފަށް އަހަރެމެންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބޭނޭ ރެއެއްކަމަށާއި، ހާސްވުމާއި، ކަންބޮޑުވުމާއި، މިފަދަ ކަންކަމުން ދުރުވެގެން ވާތީ އަހަރެމެންނަށް އިހުސާސްވާނެކަމުގައާއި، އާދަޔާ ހިލާފު ހިތްހަމަޖެހުމެއް އެހެން ރޭރެއާ ހިލާފަށް އެރޭ ލިބިގެންވާތީ އިހުސާސްވާނެ ކަމުގައި ޝެއިހު ހާމަކުރެއްވިއެވެ. އަދި އެރޭގައި، އެހެން ރޭތަކާއި ހިލާފަށް، ﷲ ގެ ރަޚުމަތާއި އޯގާވަންތަކަމުން، އަޅުކަންތައްތައް ކުރުމުގައި ހީވާގިވެވިގެން އުޅެވޭނެކަމަށާއި، ފޫހިވުމާއި ކަންނެތްކަން އެރޭ އެހެންރޭތަކާއި ހިލާފަށް ކުޑަވާނެކަމުގައި ޝެއިޙް ވިދާޅުވިއެވެ.

ލައިލަތުލް ޤަދުރިވިލޭރޭ ނިމި އަނެއް ދުވަހަށް އިރުއަރާއިރު، އެހެން ހުރިހާ ދުވަސްތަކާއި ހިލާފަށް، އިރުގެ ވަށައިގެން ހުންނަ ދޯދިތައް ނެތަތީ ފެންނާނެކަމަށާއި، އެދުވަހުގެ އިރު، ރީތިކޮށް ދޯދި ނެތި ދިއްލިގެންވާތީ ފެންނާނެކަމަށެވެ. އަދި އެގޮތަށް އިރުއަރާއިރު ދޯދި ނެތްނަމަ، ރެއަކީ، ލައިލަތުލް ޤަދުރުކަމަށާއި، އެރޭ ފާއިތުވެގެން އެދިއައީކަމަށް ފަރީދު ހާމަކުރެއްވިއެވެ.

އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އިތުރަށް ހާމަކުރެއްވި ގޮތުގައި، ޢިލްމުވެރިން ބުރަވާ ގޮތުގައި، ލައިލަތުލް ޤަދުރިވިލޭރޭ އަންނަނީ، ރަމަޟާންމަހުގައި އަބަދު އެއްރެއެއްގައި ނޫންކަމަށާއި، ފަހުދިހައިގެ ރޭތަކުން އެކި ރޭތަކުގައި އެރޭ ވެދާނެކަމަށެވެ. އެގޮތުން އެއް އަހަރު އެރެއަކީ 27 ވިލޭރޭ ކަމަށް ވެދާނެކަމަށާއި އަދި އަނެއް އަހަރު 25 ވިލޭރޭ އަނެއް އަހަރު 29 ވިލޭރޭ  މިހެން ގޮސް ރަމަޟާންމަހުގެ ފަހުދިހައި ރޭތަކުން ކޮންމެވެސް އެއްރެއެއް އެރޭކަމުގައި ވެދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެއްމެ ބުއްދިވެރި މޮޅު ގޮތަކީ، ރަމަޟާންމަހުގެ ފަހު ދިހައިގެ ހުރިހާ ރެއެއްގައި ސާބިތުކަމާއި، ކެތްތެރިކަމާއެކުގައި ލައިލަތުލް ޤަދުރިލިބުމަށް އެދިގެން އަޅުކަން ކުރުން ކަމުގައި ޝެއިހު ވިދާޅުވެ އެގޮތަށް ނަޞޭހަތްތެރިވިއެވެ.

އިހަވަންދޫ މަދަރުސާ, ޕީޓީއޭ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަދަ ދަރުސްތަކުން މާބޮޑު ފައިދާއެއް ކުރާނެ ކަމަށް ނުމބެލެވޭ․ ޤަބޫލު ކުރެވެނީ މިއީ ބޭކާރު ޚަރަދެއް ކަމަށް․ އެހެނީ ދަރުހުގެ ބޭނުމަކީ މުޖުތަމަޢު އިޞްލާޙް ކުރުން․․ މިފަދަ ދަރުސްތަކަކަށް މުޖުތަމަޢު ހަލާކުކުރާ ''ޖަރާސީމް ތައް'' ޙާޞިރު ނުވާނެ․․ އަބަދުވެސް ޙާޞިރުވާނީ މުޖުތަމަޢުގައި ރަނގަޅު ކުލައިގެ މީހުން․․ އެ ޖަރާސީމް ތައް ކައިރިއަށް ގޮސް ނުވަތަ ޖަރާސީމް ތަކަށް ކެއުމަކަށް ކަހަލަ ހަފްލާއަކަށް ދަޢުވަތު ދީގެން އެތަނެއްގައި އެ ޖަރާސީމްތަކަށް ނަޞޭޙްތް ދިނީމާ މާބޮޑަށް ރަނގަޅުވާނެ ކަމަށް ފެންނަނީ․

– 28 ޖޫން 2015 2

ޤަބޫލުކުރެވޭ ވާހަކައެއްނޫން ތިބުނީ․․․ އެކަމަކު ބޮޑަށް ފައިދާކޮށްފާނެ ތިގޮތަށް․ މިގޮތަށް ދަރުސް ދިނުމަކީ ބޭކާރުކަމެކޭނޫނޭ އޭގެ މާނައަކީ․ މި ދަރުސްއަށް ހާޒިރުވިމީހުން ގޮސް ނާންނަމީހުން (ގޯސްކޮށް އުޅޭ މީހުންނަށް) ނަސޭހަތްތެރިވެވޭނީ މިފަދަ ދަރުސްތަކުން މައުލޫމާތު ލިބިގެން ކަމަށް ޤަބޫލުކުރެވެނި․ އެހެންވީމާ ދަރުސްތައް އުތުރު ކުރަންވީ․ ބޭކާރު ކަމެކޭ ކިޔާފަ ހުއްޓާލާނީކީނޫން․ އެއީ ޝައިތާނާގެ ވަސްވާސް․ އެސޮރު ބޭނުމެއްނުވާނެ މިފަދަ ކަމެއް މިބިންމަތީ ކުރާކަށް․

– 28 ޖޫން 2015 0