ޅެމަށް ފާޑު ކިޔުމުގައި އިސްކަމެއް ދޭންވީ..


2010 ވަނަ އަހަރު އިހަވަންދޫގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަފްލާއެއްގައި އިހަވަންދޫ މަދަރުސާގެ ދަރިވަރުންތަކެއް ސަގާފީ ހެދުމުގައި ފައިހަމަ ކުރުމެއް ހުށަހަޅާދެނީ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް
 

ޅެމަށް ފާޑުކިޔުން މިއީ، ޅެން މާނަކުރުމާއި ޝަރަހަ ކުރުމާއި މި ދެ ކަމުގެ ތެރެއަށް ވެސް، ގެތިގެން ނުދާ ވަކި ދާއިރާއެކެވެ. ޅެމަށް ފާޑު ކިޔާ މީހާ ވިސްނަންވީ ޅެމުގެ މާނައަށް އެކަންޏެއް ނޫނެވެ. އޭނާގެ ނަޒަރު ހުންނަން ޖެހޭނީ އެއަށްވުރެ ފުޅާ ބުރެކެޓެއްގެ ތެރޭގަ އެވެ. އެގޮތުން ޅެމަށްފާޑުވެރި ފާޑުކިޔުމެއް ކިޔާނަމަ ތިރީގައިވާ ކަންކަމަށް، އޭނާގެ ނަޒަރު ހުއްޓާލުން ކޮންމެހެން މުހިއްމެވެ.

  • ފާޑުކިޔާ ޅެމުގެ މައިގަނޑު ނަން

ފާޑުކިޔާ ޅެމުގެ މައިގަނޑު ނަމަކީ ވެސް ފާޑުކިޔާ މީހާ ވިސްނާލަން ޖެހޭ މަސްކަނެކެވެ. އެހެނީ ޅެންވެރިޔާގެ ޅެމަށް ފާޑުކިޔުމުގައި ޅެންވެރިޔާގެ ޅެމާއި އެޅެމުގެ މައިގަނޑު ނަމާއި ހުރި ގުޅުން އެނގުމަކީ މުހިއްމު ކަމެކެވެ. ބައެއް ޅެންތަކުގައި ޅެންވެރިޔާ ދައްކާނަމޭ ހިތަށް އެރުވި ވާހަކަ ޅެމުގެ ތެރޭގައި ފުރިހަމަ އަށް ނުގެނެވިފައި ހުންނަކަން ފާހަގަ ކުރެވެ އެވެ. މިސާލަކަށް ޅެމުގެ މައިގަނޑު ނަމަކަށް [ފޮނި ބޯކިބާ] ލިޔެ، ޅެމުގެ އެމުނުމުގައި [ލޮނު ބޯކިބާ] މިނަމަށް އިންސާފު ކުރެވޭ ދަނޑިވަޅުތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން ޅެމަށް ފާޑުކިޔުމަށް ޅެމުގެ މައިގަނޑު މައުޟޫޢު އެނގުން މުހިއްމެވެ.

  • ފާޑުކިޔާ ޅެމުގެ ބައިތުތައް

ޅެމަށް ފާޑުކިޔުމުގައި ޅެންވެރިޔާ ގެނެސްފައިވާ ބައިތުތަކަށް ވަކިވަކީން ބަލައިލުން މުހިއްމެވެ. އެގޮތުން ޅެންވެރިޔާގެ ޅެމުގެ ބައިތުތަކުގެ އެމުނި އެކުލެވިފައިވާ ތަރުތީބަކީ ޅެމަށް ފާޑު ކިޔުމުގައި އިސްކަންދޭންޖެހޭ ވަރަށް މުހިއްމު ނުގުތާއެކެވެ. އެގޮތުން ޅެމުގެ ބައިތުތައް ގެތެމުން އައިސްފައިވާ ގޮތަށާއި، ބައިތުތަކުގެ މެދުގައިހުރި ގުޅުމަށާއި، ބަސްމަގަށާއި، ބަސްކޮށާރަށް އަލި އަޅުވާލުން މުހިއްމެވެ. އެގޮތުން ޅެމުގެ ބައިތު ތަކުގައި އެކުލެވިފައިވާ ބަސްކޮށާރަށް ޅެމުގެ ފާޑުކިޔުމުގެ ބައިގާ އަލިއަޅުވާލާއިރު ޅެމުގައި ބޭނުންކޮށްފައި ހުރި މުރުއްވަތްތެރި ބަސްތަކަށާއި މުއްސަނދި އިބާރަތްތަކަށް ތިމާގެ ކަޅިހުއްޓާލުން މުހިއްމެވެ.

  • ޅެމުގައި އެކުލެވިގެންވީ މާނަ

ޅެމަށް ފާޑުކިޔުމުގައި ޅެމުގެ މާނައަށް ބަލައިލުން މުހިއްމެވެ. ނަމަވެސް ޅެމުގެ މާނަ ގެނައުމުގައި ވިސްނަންވީ ކަމަކީ ޅެމުގެ މާނައަށް ފުންކޮށް ވިސްނުމުގެ ބަދަލުގައި މަތިމަތީން ޅެމުގެ މާނަގެނައުމަށެވެ. ޅެމުގައި ބުނެފައިވާ ފުންމާނަ އާއި ދިމާއަށް ތިމާ ދިޔުމުގެ ބަދަލުގަ އެވެ. އެހެނީ، އަހަރެމެންގެ ވާންފަށަކީ ޅެންމާނަ ކުރުމެއް ނުވަތަ ޝަރަހަ ކުރުމެއް ވެސް ނޫނެވެ. އެހެންކަމުން ޅެމަށް ފާޑު ކިޔުމުގައި ހިފަހައްޓަން ޖެހޭ ވާފަށުގައި ހިފެހެއްޓުން މުހިއްމެވެ. އެގޮތުން ބަލައިލާން ޖެހޭނީ ޅެމުގެ މައިގަނޑު ޖުމްލަ މާނައަށެވެ. ބައިތުތައް ވަކިވަކީން މާނަ ކުރުމުގެ ބަދަލުގަ އެވެ.

  • ޅެންވެރިކަން

ފާޑުކިޔާ ޅެމަށް ފާޑު ކިޔުމުގައި އެންމެ އިސްކަންދޭންޖެހޭ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ބަޔަކީ މިއީ އެވެ. ފާޑުކިޔާ ފާޑު ކިޔުމުގައި މިބައި އުނިނަމަ އެފާޑު ކިޔުން ކޮރުވީ އެވެ. އެހެނީ ފާޑުކިޔާ ޅެމުގެ ޅެންވެރިޔާގެ ޅެންވެރިކަމުގެ ފޭރާން މޮޅު ދެރަ މިނެއް ވަޒަން ކުރެވޭނޭ ތިލަފަތަކީ މިއީ އެވެ. އެގޮތުން ޅެންވެރިކަމުގެ ބަޔަށް އިންޞާފުކުރުމުގައި އިސްކާންދޭންޖެހޭ މުހިއްމު ހަތަރު ޕޮއިންޓު ފާހަގަ ކޮށްލާނަމެވެ.

- ބަނޑުވަށްއަކުރު: ބަނޑުވަށް އަކުރަކީ ކޮންމެ ޅެންބައިތެއްގެ ވެސް ޞަދުރާއި އަޖުޒުގެ ދެވަނަ އަކުރެވެ. ހަދާން ބަހައްޓާށެވެ. ހަމައެކަނި ދެވަނަ އަކުރެވެ. ޞަދުރުގެ ދެވަނަ އަކުރު އަދި އަޖުޒުގެ ދެވަނަ އަކުރެވެ. މި ދެ އަކުރު އެއްގޮތްނަމަ ބަނޑުވަށް އަކުރު އެއްގޮތްވީ އެވެ. ފިލި ބަނޑުވަށް އަކުރުގެ ބައިގާ ނުހިމަނާށެވެ. ތިރީގައިވާ ޅެންބައިތުގައި ފާހަގަ ކޮށް ދެވިފައި އެ ވަނީ ބަނޑުވަށް އަކުރެވެ.

އަށާވީސް އަހަރުވީ ނޫކަށި ފުރައިގެ ޒުވާން މަދަރުސާއެއް

ރަށާ އަތޮޅާއި ފަޚްރުވެރިވާ ފަޖުރުތަރިހެން ވިދާތަރިއެއް

މިޅެން ބައިތުގެ ބަނޑުވަށް އަކުރަކީ "ށަވިޔަނި" އެވެ.

- ފިލިކޯޅި: ފިލި ކޯޅި މިއީ ކޮންމެ ބައިތެއްގެ އަޖުޒާއި ޞަދުރުގެ ފެށޭ ފުރަތަމަ ދެ އަކުރާއި އެ އަކުރުގެ ފިއްޔެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ކޮންމެ ބައިތެއްގެ ވެސް ޞަދުރާއި އަޖުޒުގެ ވެސް ފެށޭ ދެއަކުރުގެ ފިއްޔެވެ. މިފަހަރު ބަލަން ވާނީ ހަމައެކަނި ފިއްޔަށެވެ. މިފަހަރު ވެސް ކުރީން ހިމަނާލި ބައިތުން މިސާލު ދައްކާލަމެވެ.

އަށާވީސް އަހަރުވީ ނޫކަށި ފުރައިގެ ޒުވާން މަދަރުސާއެއް

ރަށާ އަތޮޅާއި ފަޚްރުވެރިވާ ފަޖުރުތަރިހެން ވިދާތަރިއެއް

މިޅެންބައިތުގެ ފިލިކޯއްޔަކީ "އަބަފިލި" އަދި "އާބާފިލި" އެވެ.

- ކާފިޔާ: ކާފިޔާ މިއީ ކޮންމެ ބައިތެއްގެ ވެސް ނިމޭ އަކުރާއި ފިއްޔެވެ. ހަނދާން ބަހައްޓާށެވެ. މިފަހަރު ބަލަން ވާނީ އަޖުޒުގެ ނިމޭ އަކުރާއި ފިއްޔަށެވެ. ޞަދުރާއި އަޖުޒަކަށް ނޫނެވެ. މިފަހަރުވެސް ކުރީ ބައިތުން މިސާލު ބަލާލައިށެވެ. އަދި ކުރީބައިތުގެ އިތުރުން އިތުރު ބައިތެއް ހަމަ އެޅެމުން ހިމަނާލަމެވެ.

ބަހާ ޢަމަލާއި ސީދާކޮށް ތިމާ ހަމަމަންޒިލަށް ގެންދާ

ރަހާގެ ރޮނގެއް ފަދައިން މިސްރާބު ނެދައްކައިދޭ ގަހާ ތަރިއެއް

އަށާވީސް އަހަރުވީ ނޫކަށި ފުރައިގެ ޒުވާން މަދަރުސާއެއް

ރަށާ އަތޮޅާއި ފަޚްރުވެރިވާ ފަޖުރުތަރިހެން ވިދާތަރިއެއް

މިޅުމުގެ ކާފިޔާ އެއްގޮތް ކޮށްފައިވަނީ "އް" މި އަކުރާއި ފިއްޔަށެވެ.

- ވަޒަން: ޅެމުގެ ވަޒަނަކީ ޅެމުގައި ހިމެނޭ ބައިތުތަކުގެ ޞަދުރު އަދި އަޖުޒުގައި ހިމެނޭ ފިލީގެ އަދަދެވެ. މިގޮތުން ގުނާއިރު ދެމޭ ފިލިތައް ގުނާނީ ދެފިލީގެ ގޮތުގަ އެވެ. އައިބައި ފިލި، ސުކުން، އަދި އެހެނިހެން ފިލިތައް ގުނާނީ އެއްފިލީގެ ގޮތުގަ އެވެ. ނަމަވެސް ބައެއް ބައިތު ތަކުގައި ދެމޭ ފިލީގެ ފަހަތައް އަންނަ ސުކުން، ފިލިގުނާއިރު ނުގުނަ ދޫކޮށްލަ އެވެ. ކުރީގެ ބައިތުން މިސާލު ބަލައިލާށެވެ.

ބަހާ ޢަމަލާއި ސީދާކޮށް ތިމާ ހަމަމަންޒިލަށް ގެންދާ    (28 ފިލި)

ރަހާގެ ރޮނގެއް ފަދައިން މިސްރާބު ނެދައްކައިދޭ ގަހާ ތަރިއެއް    (30 ފިލި)

އަށާވީސް އަހަރުވީ ނޫކަށި ފުރައިގެ ޒުވާން މަދަރުސާއެއް    (30 ފިލި)

ރަށާ އަތޮޅާއި ފަޚްރުވެރިވާ ފަޖުރުތަރިހެން ވިދާތަރިއެއް    (29 ފިލި)

މިބައިތު ތަކުގައި ވަޒަން ހިފައްޓާފައިވަނީ 28 ފިއްޔާ 30 ފިއްޔާ މިދެމެދަށެވެ. މިގޮތައް ދިމާވެއްޖެނަމަ ބަލާނީ ޖުމްލަ ގޮތެއްގައި ޅެމުގެ ވަޒަން ހިފެހެއްޓިފައިވާ ގޮތަށެވެ. ވީމާ މި ޅެމުގެ ވަޒަނީ 29 ފިއްޔެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ