ލޯބީގެ ބަލިމަޑުކަން — Ihavandhoo.com

ލޯބީގެ ބަލިމަޑުކަން

31 ޖެނުއަރީ 2014 1

ލޯތްބަކީ އޭގެ ޒާތުގައި ބައްޔެއް ނުވަތަ ބަލިމަޑުކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ އަޅުގަނޑުމެން އިންސާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގެ ހައްލެވެ. ތަހައްމަލުކުރާ ތަފާތު ދަތިތަކާއި ތުރާތަކުގެ ޝިފާއެވެ. އެހެންނަމަވެސް ދެވިހިފުމާއި އަދި ޝައުޤުވެރިކަން ހުދޫދުން ބޭރުވުމާއި ކަނޑައެޅިފައިވާ ހައްދުތައް ފަހަނައަޅާ ދެވިއްޖެނަމަ ނުވަތަ ލޯބިވީ ފަރާތުގެ އަގެއް ނެތިއްޖެނަމަ އެ ލޯބި ވެގެންއެދިޔައީ ޙަޤީޤަތުގައިވެސް ބައްޔަކަށެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ލޯބި ވެގެން ދާނީ ކޮންމެހެންވެސް އެއަށް ފަރުވާއެއް ބޭނުންވާ ބަލިމަޑުކަމަކަށެވެ.

މި ބިންމައްޗަށް މާތްﷲ ފޮނުއްވާފައިވާ ކޮންމެ ބަލިމަޑުކަމަކާއެކު އޭގެ ޝިފާވެސް ލެއްވިއެވެ. ވީއިރު [ލޯބި] ކަމުގައިވިޔަސް މި ނިޒާމުގެ ތެރެއިން އެކަހެރިވެގެން ނުދާނެކަން ކަށަވަރެވެ. ސިއްޙީ މާހިރުން ވިދާޅުވާއަޑެއް ނުއައްސަވަމުތޯއެވެ؟ ފަރުވާކުރުމަށްވުރެ ރަނގަޅީ ރައްކާތެރިކަމެވެ. ވީއިރު ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން އެކަމުން ރައްކާތެރިވުން ކީއްތޯއެވެ؟ ސުވާލަކީ ރައްކާތެރިވާނެ ގޮތެކެވެ.

ނެތުމުގެ ތެރެއިން އަޅުގަނޑުމެން މި ވުޖޫދަށް ގެންނެވި ކުޅަދުންވަންތަ އިލާޙްވަނީ އެކަންވެސް ބަޔާންކޮށް ދެއްވާފައެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންވީ އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮބައިކަމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (سورة النور:30)

[މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖްތައް(އެބަހީ:ޖިންސީގުނަންތައް) ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

ހަމައެކަނި ފިރިހެނުންނަށް މި މުހިންމު މެސެޖްދެއްވުމަށްފަހު ނިންމަވާލެއްވީއެއް ނޫނެވެ. ޖެހިގެން އޮތް އާޔަތުގައި (سورة النور:31) އެކަލާނގެވަނީ އަންހެނުންނަށްވެސް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި ފަރުޖްތައް ރައްކާތެރިކުރުމަށް އަންގަވާފައެވެ. ދެ ޖިންސަށް ވަކިން މި މުހިންމު އެންގެވުން އެންގެވުމުގެ ޙިކުމަތާމެދު ވިސްނާވަޑައިގެންނެވީމުތޯއެވެ؟

ތޫނު ނަޒަރަކީ މިފަދަ ކޮންމެ ބައްޔެއްގެ ޝިކާރަޔަކަށް ތިމާ ހަދާލައި ފުރަތަމަ ވަސީލަތެވެ. އެންމެ ފުރަތަމަ ހަމައެކަނި އާދައިގެ ބަލައިލުމެކެވެ. އެއަށްފަހުގައި ހިނިތުންވެލުމެކެވެ. އެއަށްފަހު ސަލާން ކޮށްލުމެކެވެ. ދެން ވާހަކަދައްކާލުމެކެވެ. އެކަހެރިވެތިބެ ވެވޭ ބައްދަލުވެލުމެކެވެ. ދެން އެއަށްފަހު ފެށިގެންދަނީ މުޅިން އައު ބާބެކެވެ. ހުޅުވިގެންދަނީ މުޅިން އެހެން ކަހަލަ ޞަފްޙާއެކެވެ. މި ޙަޤީޤަތް ގަބޫލުފުޅުކުރައްވާނެއެވެ. ދޮގެއްތޯއެވެ؟ ވީއިރު ރައްކާތެރިވެ ތިއްބެވުން ބުއްދިވެރިއެވެ.

ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިން އެކަމެއް ކުރުމުން ނިކުމެދާނެ ނަތީޖާއަކާމެދު ވިސްނާނަމަ އެކަމެއް ކުރާނީ ވަރަށްވެސް ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކުކަން ކަށަވަރެވެ. އެހެންކަމުން މި ބަލިމަޑުކަމާމެދުވެސް މިފަދަ ވިސްނުމެއް ގެންގުޅުއްވުން ލާޒިމެވެ. އެކަމުގެ ސަބަބުން ތިމާއަށާއި ތިމާގެ ޢާއިލާއަށް ލިބިދާނެ ހުތުރު ނަމަކާމެދު ވިސްނާލުން ބުއްދިވެރިއެވެ. ކުރިމަތިވެދާނެ ހިތާމަޔަކާއި ތޫފާނަކަށް ރައްކާތެރިވުން މުހިންމެވެ. އެއިޑްސް ބައްޔާ އަދިވެސް މިފަދަ ޖިންސީ ގޮތުން އެކަކުގައިން އަނެކަކު ގަޔަށް ވާސިލުވާ ބަލިތައް ހަނދާނަށް ގެންނަން ޖެހެއެވެ. އަދި ދުނިޔޭގައި އެކަމުގެ ސަބަބުން ދެރައެއް ކުރިމަތިނުވެ ދިޔުމަކީ ދާއިމީ ސަލާމަތްތެރިކަން ލިބުންކަމުގައި ދެކެވަޑައިނުގަންނަވާށެވެ.

އަނެއްކޮޅުން ބަލާއިރު ތިމާއަށް ކުރިމަތި ވުމަށް ނޭދޭ ކަމެއް އަނެކާޔަށް ކުރިމަތިވާން އެދުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ވަރަށް ގިނަ ޒުވާނުން ތިމާގެ ބައިވެރިޔާއާ ނުވަތަ އަނބިމީހާއާ ސިއްރުން އެހެން ޖިންސުއްލަތީފުންނާއެކު ގުޅުން ބާއްވައެވެ. ނޭދެވޭ ގޮތުގައެވެ. ނަމަވެސް ތިމާގެ ބައިވެރިޔާ އެހެންމީހަކާއެކު ހަމައެފަދަ ގުޅުމެއް ހިންގިކަމުގެ ކުޑަކުޑަ އިޝާރަތެއް ވިޔަސް ވަގުތުން އޭނާއާ ގުޅުން ކަނޑާލައެވެ. ދެއަކުރު ލަފުޒު ބޭނުންކުރެއެވެ. ތިލަފަތް ހަމަހަމަތޯއެވެ؟

އަޅުގަނޑުމެންނަށް ބަހުގެ ތަފާތު އަދަބިއްޔާތުތަކުން ލޯބީގެ ގިނަ ވާހަކަތަކެއް ފެންނަން އެބަހުއްޓެވެ. ލައިލާ އާއި މަޖުނޫނެވެ. ޝީރީނާއި ފަރުޙާދެވެ. ރޯމިޔޯ އާއި ޖޫލިއަޓެވެ. އަދި ދޮންހިޔަލާއި އަލިފުޅެވެ. ނަމަވެސް މިއިން ކޮންމެ ނާވިލެއްގައިވެސް ބަޔާންކޮށްފައިއެވަނީ ޙާޞިލުވުންނުވާ، އުދާހާއި ނުތަނަވަސްކަން އެކުލެވިގެންވާ ލޯތްބެއްގެ ވާހަކައެވެ. ޙަޤީޤީ ލޯތްބަކީ އެއީ ކަމުގައި ގަބޫލުފުޅުކުރެއްވޭނަމަ، އެއީ ތިޔަ ބޭފުޅާއަށް ކުރެއްވުނު ވަރަށް ބޮޑު ކުށްހީފުޅެކެވެ. މާތްﷲ ވަނީ ޙަޤީޤީ ލޯބި އަޅުގަނޑުމެންނަށް ހުއްދަ ކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ މާތް ސާހިބާވަނީ އެކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އެއީ ކައިވެންޏެވެ. ކައިވެނީގެ މާތް ގުޅުމެވެ.

ދުރުގައިހުރުމަކީ ކިތަންމެ ވޭންހުރި ކަމެއް ކަމުގައިވިޔަސް ބައެއްފަހަރު އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ ﷲ އަށްޓަކައި ތިމާ ކަމެއް ކުރާނަމަ އޭގެ ބަދަލު އެއަށްވުރެ މާފުރިހަމައަށް ﷲ ދެއްވާނެކަން ކަށަވަރެވެ. އެކަލާނގެ ވަޙީކުރެއެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. [އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތިއުނދަގޫކަމެކެވެ.)] (سورة البقرة: 45)

އަނެކުންނާމެދު ކަންބޮޑުވުމާއި އަޅާލުމާއި ކުލުނުން ފުރިފައިވާ ހިތެއް ވެގެންދާނީ ޔަގީނުންވެސް ލޯބިން ފުރިފައިވާ ހިތަކަށެވެ. ލޯބީގެ އަޅަކަށް ނޫނެވެ. ހުސްވެފައިވާ ހިތަކީ، ކުރިމަތިން ފެނިގެއްލިދާ އަވާމެންދުރުތަކާހެދި ނުތަނަވަސްކަން ބަރުދާސްތުކުރާ ހިތެކެވެ. އާދޭހެވެ. ލޭފަވެތި ޖަޒުބާތަކީ ފިތުރީ މުހުތާދެކެވެ. ނަމަވެސް ޙިކުމަތާއެކުގައެވެ. ޙައްޤު ގޮތުގައެވެ. ތަޤްވާގެ މަތިވެރި ފޭރާމުން ޒީނަތްތެރިވެގެންވާ ހާލުގައެވެ. އެހެންކަމުން ލޯބީގެ ބަލިމަޑުކަމުން ސަލާމަތްވެ ހުރެ ކައިވެނީގެ ޢިއްފަތްތެރިކަން ހޯދާ ބަޔަކަށް ވުމުގެ ބޭނުންތެރިކަން ބޮޑެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަ އަމަލުކުރާނީ ތިޔަހެން...

– 31 މެއި 2014 0