މާދަމާ އިހަވަންދޫގައި އައިކޭމްޕެއް ފަށަނ — Ihavandhoo.com

މާދަމާ އިހަވަންދޫގައި އައިކޭމްޕެއް ފަށަނ

15 ޖެނުއަރީ 2015 0

އިހަވަންދޫގައި ބޭއްވި އައިކޭމްޕެއްގެ ތެރެއިން. ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

ހުކުރު ދުވަހު އިހަވަންދޫގައި އައިކޭމްޕެއް ކުރިއަށްގެންދާނެކަމަށް ވާންޗޯއިން ބުނެފިއެވެ.

ސްރީލަންކާގެ ޔޫރޯޕްޓިކްސްއާއި ގުޅިގެން ކުރިއަށްގެންދާ އައިކޭމްޕާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވާންޗޯގެ ފަރާތުން ކޭމްޕްގެ އިންތިޒާމްތަކާ ހަވާލުވެ ހުންނެވި މުޙައްމަދު ސިރާޖު ވިދާޅުވީ ހުކުރު ދުވަހު ފެށޭ އައިކޭމްޕާއެކު ރަށުގައި ތިބެގެން، ލޮލަށް ބޭނުންވާ ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ހެޔޮއަގެއްގައި އަދި މުޅިން ހިލޭވެސް ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ސްރީލަންކާގެ ޔޫރޯޕްޓިކްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އައިކޭމްޕްގައި ކޮމްޕިއުޓަރައިޒްޑްކޮށް ލޯޗެކްކޮށް ދިނުމާއި، ނަމްބަރު ނަގައިދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ. އަޅުގަނޑު ދަންނަވާނީ ބޮޑު ޚަރަދުކޮށްގެން މާލެ ގޮސް ލޯޗެކްކުރުމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކޭ" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ މާދަމާ ފެށޭ އައިކޭމްޕްގައި ވަރަށް ހެޔޮ އަގެއްގައި ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސް ހެދުމުގެ ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށެވެ. އަދި މިކޭމްޕްގައި ތަފާތު ޑިޒައިންތަކުގެ އަވިއައިނު ބައްލަވައިގަތުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ. އެހެންނަމަވެސް މިކޭމްޕްގައި އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެގޮތަށް ހަމަޖެހިފައިނުވާކަމަށެވެ.

އައިކޭމްޕް ކުރިއަށްދާނީ ހއ. އިހަވަންދޫ ދޭލިޔާގޭގައެވެ. މާދަމާ ފެށޭ އައިކޭމްޕާއި ގުޅޭ އިތުރު މަޢުލޫމާތު 7753744 އަދި 7989092 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ