މާދަންނޫން އަނެއްދުވަސް - 1 : ސިޓީ

ހަމަ ހިމޭންކަން އެންމެ ބޮޑަށް ދުނިޔެމައްޗަށް ވެރިވެގެން ދާނެ ދަންވަރުގެ މިވަގުތުގައި، މަގުމައްޗަށް ހަލަބޮލިކަން ގެނެސްފައިވަނީ، މަގުމަތީގައި އެއްވެފައިވާ އަންހެނުންގެ ރުއިމުގެ އަޑުންނެވެ. ޕޮލިހުންގެ ޖިޕްތަކުގެ ސައިރިން ބޮކިއަލިން ތަނަށް ރަތްކުލަޔާ، ނޫކުލަ ވެރިކުރަމުން ގެންދިޔައިރު، މަގުމަތީގައި އެއްވެފައިވާ މީހުންގެ ތެރެއިން ނުރޮއި ހިފަހައްޓާލައިގެން ތިބީ މަދުބައެކެވެ.

ލެޔާ ތަތްތެޅި، ލެއިން ކަޅިވެފައިވާ އިންސާނެއްގެ ހަށިގަނޑު މަގުމަށްޗަށް ނެރެފައި އޮތެވެ. ހޮސްޕިޓަލުގެ އެމްބިޔުލައިންސަށް އިންތިޒާރުކުރަމުން ދިޔައިރު، ޕޮލިހުންގެ ޓީމުގައި ހިމެނޭ މެޑިކަލް އޮފިސާރ، ލެއިންތަތްތެޅިފައިވާ އިންސާނާގެ ހަށިގަނޑުގެ ކައިރީގައި އުޑުފައިން އިށީންދެލައިގެން އިނެވެ. މަރުވެފައިވާ އެމީހާގެ ހަށިގަނޑުން ލޭހުސްވެފައިވާކަން އެނގެއެވެ. ސަބަބަކީ، ގައިގައި ހުރި ބޮޑެތި ޒަޙަމްތަކުން ލޭ އަންނަމުން ނުދާތީއެވެ. މެޑިކަލް އޮފިސަރު އެހަށިގަނޑުގެ ކަނދުރާ މަތީގައި އަތްލިޔެއެވެ. އަދި ވިސްނުންތެރިކަމާއެކުގައި އިރުކޮޅަކު މަޑުކޮށްލައިގެން އިނެވެ.

" ސާރ.. އޭނާގެ ފުރާނައެއް ނެތް... އަހަރެންނަށް ހީވާގޮތުން އޭނާގެ ފުރާނަ ދިޔަތާ މިހާރު ގަޑިޔަކު އިރަށްވުރެ ގިނަވެދާނެ. " މެޑިކަލް އޮފިސާރ ވާހަކަ ދެއްކީ، ކޯޕްރަލް ޢަލީ އަޝްރަފާއެވެ.

" ސާރ ... މިއޮތީ ސިޓީއެއް ... އޭނާގެ ޖީބުގައި .. "

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

" އަހަރެންނަކީ، މިގޮތަށް މަރުވާ ފުރަތަމަ މީހާއެއް ނޫން ... އަދި މާދަންނޫން އަނެއްދުވަހުންވެސް ... " ލާންސް ކޯޕްރަލް ފަޔާޒު މޭޒުމަތީގައި ޓްރާންސް ޕޭރެންޓް ފައިލްގައިވާ ސިޓީ އަށް ބަލަހައްޓައިގެން ހުރެ ކިޔައިލިއެވެ.

" ލިޔެފައި ހުންނަނީ، އެއް އަތުލިޔުމަކުން.  ކަރުދާހަކުންވެސް، ފިންގާރ ޕްރިންޓެއް ނުފެނުނު .   ކޮޓަރިން އަދި ގެއިންވެސް ނިޝާނެއް ނުފެނޭ. ކޮޓަރި އެހުންނަނީ ތަޅުލާފަ .  ކުޑަދޮރެއް ހަލާކުވެފައެއް ނުހުރޭ .  އަދި ހަލާކު ކޮށްފައެއްވެސް ނުހުރޭ .  މިއީ އަޖާއިބެއްފަދަ ކަންތައް ގަނޑެއް . މިރަށުން މިހާރު އެމަރުވީ ތިންވަނަ މީހާ ... ހަމަ ދެރޭން އެއްރޭ ... މިކަން ތަކުރާރު ވާތީ، ކޮންމެ ރެއަކު މުޅިރަށް ކަހަލާން އެބަ ޕެޓްރޯލް ކުރެވޭ. ކޮންމެ ގެއަކަށް ކިހިނެއް ފުލުހަކު ލާނީ، 400 އަށްވުރެ ގިނަ ގެތަށް އެބަހުރި ... ގިނަ ގޭގޭގެ މީހުންވެސް އެތިބެނީ ނުނިދާ .. ސާރ... ބަހެއް ބުނެބަލަ ... އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ މީހަކު ކުރާ ކަމެއް ހެންނެއް " ލާންސް ކޯޕްރަލް ފަޔާޒު ވާހަކަ ދެއްކީ އޭނާގެ ޑިޕާރޓް މަންޓްގެ އިސްވެރިޔާ ކޯޕްރަލް ޢަލީ އަޝްރަފާއެވެ.

" ކޮބާ މާނައަކީ .. ؟ ތިބުނީ، އެމީހުން އަމިއްލައަށް މަރުވަނީއޭތަ .. އަދި މަރުވާއިރު ... މާދަންނޫން އަނެއްދުވަހުންވެސް މީހަކު ހަމަ އެގޮތަށް މަރުވާނޭކަން އެނގެނީއޭތަ .. ؟ " ކޯޕްރަލް އަޝްރަފުވެސް އުފެއްދީ ސުވާލެކެވެ.

" މުޅިއަކުން އެހެނެއްނޫން ސާރ... ލަފާކުރެވޭގޮތުން... ތީވެސް ސަބަބެއް... އަދި ، މީގައި އެހެން ކަންތައްތަކެއް އެބައުޅޭ .. " ފަޔާޒު މިހެން ބުނުމުން އަޝްރަފު ހައިރާން ކަމާ އެކުގައި ފަޔާޒުގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ފަޔާޒު ބަލަހައްޓައިގެން ހުރީ ޕޮލިސް ސްޓޭޝަންގެ ކުރީގެ އިސްވެރިޔާގެ ފޮޓޯ ގަނޑާ ދިމާލަށެވެ. އޭނާ ނިޔާވިތާ މިއަދަށް މީ 47 ވަނަ ދުވަހެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ފަޔާޒުގެ ސައިކަލްގައި ގެޔާ ދިމާއަށް ދުއްވާފައި ދިޔައެވެ. މަގުމަތީގައިވާ، ހަމަހިމޭންކަން އޭނާއަށް އަޖާއިބަކަށް ވިއެވެ. ނަމަވެސް، ސަބަބު އެނގޭތީ ހިތާ ހިތާ މާގިނަ ސުވާލު ތަކެއް ނުކުރެއެވެ. ގާތްގަނޑަކަށް 3300 މީހުން ހަމަވާ މިއާބާދީގައި މިރަށުގެ މައިމަގުން މީހަކު ނުފެންނަންވީ ސަބަބެއް އެނޫނީ ނެތެވެ. ފެންނަމުންދާ ހަށިގަނޑުތަކެވެ. އޭނާ ވިސްނަމުން ދިޔައީ، ރޭގެ މަރާ ދޭތެރޭ އެކަންޏެއް ނޫނެވެ. ހުކުރުވިލޭރޭ ފުރަތަމަ މީހާ ހަށިގަނޑު ފެނުނުއިރު، އެންމެ ވައްތަރުވީ، އޭނާގެ ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ ހަށިގަނޑެވެ. ހަމަ އެޒަހަމުތަކެވެ. އެއްތަންތަނަކުން މިންއަޅައިގެން ވަޅި އަޅާފައި ހުރި ފަދައެވެ.

ސައިކަލްގެ ބުރެކި ކުއްލިއަކަށް ޖައްސަން ޖެހުނީ، ފަޔާޒުއަށް މީހަކު ގޮވައިލީމައެވެ. މަގުގެ ކަނާއަތް ފަރާތުގައި އިންދާފައިހުރި ހިރުނދު ގަހެއްގެ ހިޔަލުގައި އިށީއިނދެލައިގެން އެއިނީ، ރަހުމަތްތެރި މިރާޒުއެވެ.

" ހިނގާ ކޮފީއަކަށް ޖައްސާލަން ... މާ ބިޒީވެގެން .... މިހާރު ނުވަސް ފެނެ.... " މިރާޒު އޭނާގެ މިޖާޒީ ރާގުގައި ފަޔާޒުއާ މައްލަވަ ކުރިއެވެ. " ހަމަ އަސްލުވެސް ބިޒީ .. އެކަމަކު މިފަހަރު ކޮފީއަކަށް ދާނީ .. " ފަޔާޒުވެސް މިރާޒުއާ އެއްބަސްވެލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

"މިދުވަސްކޮޅުގެ ގޮތުން ނުފެންނަނީ ... އެނގެ އެއްނު ދޯ ... މިހާރު މިދިވާ ކަންތައްގަނޑު ... ކުރިން ރޭވެސް މަރާލާފައި އެއޮތް މީހާގެ ހަށިގަނޑު ފެނުނީމާ އަހަރެންނަށް ހީވީ ހަމަ އަހަރެމެންގެ ޑިޕާރޓުމަންޓްގެ ބޮޑު މީހާ މަރާލާފައި އޮތް އިރު އެހަށިގަނޑު އޮތް ގޮތް .. " ފަޔާޒު އިށީންއިނދެ ލައިގެން އިން މޭޒުގައިވާ ޑިޖިޓަލް މަނޫއާ ކުޅެމުން އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. އަދި އެންމެ ފަހުން ރެލެކްސިންގ ކޮފީއަކަށް އޯޑަރު ދިނެވެ.

ފަޔާޒުގެ ވާހަކަ ހުރި ގޮތުން މިރާޒުގެ މޫނަށްވެސް ބަދަލުތަކެއް އައެވެ. " ތިބުނަނީ، އެއީ މީހަކު ރާވާގެން ކުރާ ކަމެކޭތަ .. އެކަން އެކުރަނީ އެކަކޭތަ ..  ނޫނީ ރޭ މަރުވި މީހައާ، އޭގެ ކުރިން ހަމަ އެގޮތަށް މަރުވި މީހާއާ، އަދި ޑިޕާރޓުމަންޓްގެ ބޮޑު މީހާ މަރާލި މީހާ، މިއީ ހަމަ އެކަކު އަމަލުތަކެކޭތަ .. " މިރާޒަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެކަން މިރާޒަށްވެސް އިހުސާސްވީ، އެވަގުތު ރެސްޓޯރަންޓުގައި ތިބި މަދު ކަސްޓަމަރުންގެ ލޯތަށް މިރާޒުއަށް އަމާޒުވިކަން އެނގުމުންނެވެ.

" އާން ... އަހަރެން ބުނާނީ ތިހެން ... އެއީ އެކަކުގެ ޢަމަލުތަކެއް ... އަދި އެއީ ހައިވާނަކަސް، ޖަނަވާރަކަސް، އިންސާނަކަސް ނުވަތަ ޖިންނިއަކަށްވިޔަސް މައްސަލައެއް ނެތް ... އަހަރެންނަށް ހިއެއްނުވޭ އެއީ އިންސާނެއްގެ ޢަމަލުތަކެއް ހެންނެއް ... " ފަޔާޒު މިހެން ބުނީ ތަންކޮޅެއް މަޑުމަޑުންނެވެ. އެހެން މީހުންގެ ނަޒަރުތަކަށް ސަމާލުވަމުންނެވެ. " އެކަމަކު، ސުވާލު އުފެދެނީ ސިޓީ އާ ދޭތެރޭގަ ... ޖިންނިންނަށް ސިޓީ ލިޔެވޭނެ ބާއޭ ... " ފަޔާޒުގެ ސުވާލަށް ދޭނެ ޖަވާބެއް މިރާޒަކަށްވެސް ނޭނގުނެވެ.

 - ނުނިމޭ -

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ