މާދަންނޫން އަނެއްދުވަސް - 2: ހުވަފެން

ދުވަހަކީ، އޯގަސްޓް މަހުގެ 9 ވީ އާދީއްތަ ދުވަހެވެ. 2015 ވަނަ އަހަރުގެ ކަލަންޑަރުގެ ދުވަސްތައް ފާއިތުވަމުން ދަނީއެވެ. ފާރުގައި ހަރުކޮށްފައިވާ ޑިޖިޓަލް ކަލަންޑަރުން މިއަދަށް ޝެޑިއުލް ކުރެވިފައިވާ ކަންތައްތައް ފެންނަން ހުއްޓެވެ. މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް، އެންމެ ބޮޑުކޮށް، ރަތް އަކުރުން ލިޔެފައިވެއެވެ. " މިރޭގެ ދަންވަރުގެ ވަގުތެއްގައި މީހަކު މަރާލާނެ ކަމަށް ބެލެވެއެވެ. އެހެންވީމާ، ހުރިހާ ފުލުހުންވެސް، މިކަމަށް ސަމާލުވެ، ރަށުތެރެ ޕެޓްރޯލް ކުރާށެވެ. "

ފަޔާޒުގެ ނަޒަރު ކަލަންޑަރަށް ހުއްޓާލައިގެން އިންއިރު، އޭނާގެ ހިޔާލަށް އަންނަމުންދިޔައީ، މިރާޒުއާއެކުގައި ރެސްޓޯރެންޓުގައި ތިބެ ދެއްކި ވާހަކަތަކެވެ.

" ޖިންނިންނަށް ސިޓީ ނުލިޔެވުނަސް، އެ މަރުވާ މީހާ އަމިއްލައަށް ސިޓީލިޔެފާނެއްނު " މިރާޒު ފަޔާޒަށް ޖަވާބެއް ދިނެވެ. " އެކަމަކު ތިހެންވާނީ ކިހިނެއް. އެއް ލިޔުމެއް. އެއްއަތުލިޔުމެއް. ލިޔެފައިވާ ގަނޑުކޮޅުގެ ތަފާތެއް އެކަނި. " ފަޔާޒުއަށް މިރާޒުއާ އެއްބަސްވާން އުނދަގޫވިއެވެ.

" ހަލޯ ފަޔާޒު ... ސާރ އެބަ ވިދާޅުވޭ .. އެތެރެއަށް ދުރުވާށޯ .. " ފަޔާޒުގެ ހިޔާލީ ވާފަށް ބުރިބުރި ކޮށްލީ، ފަޔާޒުއާ އެއްޑިޕާރޓުމެންޓެއްގައި މަސައްކަތްކުރާ، ނައުޝާނުގެ އަޑުންނެވެ.

" އިށީނދޭ..! " ކޯޕްރަލް އަޝްރަފުގެ އިޝާރާތަށް ފަޔާޒު އިށީއިނީ، ކޯޕްރަލްގެ ،މޭޒުގެ ކުރިމަތީގައި ބަހައްޓާފައި ހުރި ގޮނޑީގައެވެ.

" އަހަރެން ވަރަށް ވިސްނައިފިން. ފަޔާޒުގެ ވާހަކަތައް އަހަރެންނަށްވެސް، ވަރަށް ތެދުކުރެވޭ އެބަ. ރޭ ނިދާފައި އޮއްވާ އަހަރެންނަށްވެސް، އެކަމާ ދޭތެރޭގައި ވަރަށް ވިސްނުނު. އަދި ޒާތެއްގެ ހުވަފެނެއްވެސް ފެނުނު. އަހަރެންނަށް އެހުވެފެނާ ދޭތެރޭގައި ވަރަށް ވިސްނޭ. މިރެއަށް ސަމާލުވާތި..! އިއްޔެ ނޫން ކުރީ ދުވަހުގެ ރޭ މަރުވި، ހުސޭނަކީ، އޭގެ ކުރިން މަރާލި ހަސަން އަދި އޭގެ ކުރިން މަރާލި ޢަލީގެ ރަޚްމަތްތެރިއެއް. މިމީހުންނަކީ، އެކީގާ އުޅޭ ބައެއް." އަޝްރަފުގެ ވާހަކައަށް ފަޔާޒު ޖަވާބެއް ނުދެއެވެ.

އޭނާ ބަލަހައްޓައިގެން އިނީ، އެޑިޕާރޓުމަންޓްގެ ކުރީގެ އިސްވެރިޔާ، ކޯޕްރަލް މުޙައްމަދު ރިޔާޒުގެ ފޮޓޯގަނޑާ ދިމާއަށެވެ. "ފަޔާޒު..! ފަޔާޒު ކީއްވެތަ މާވަރަކަށް އެފޮޓޯގަނޑަށް ތިޔަ ބަލަނީ ... " އަޝްރަފުއަށް ފަޔާޒުގެ ނަޒަރު އެފޮޓޯގަނޑަށް ހުއްޓާލައިގެން ހުރިތަން ފެނުނެވެ. ފަޔާޒުގެ ޖަވާބެއް ނުލިބުމުން އަނެއްކައިވެސް އަޝްރަފު ވާހަކަ ދައްކަން ފެށިއެވެ.

"ފަޔާޒު އަހަރެންނަށް ވަރަށް ޒާތެއްގެ ހުވަފެނެއް ފެނުނު .. އަހަރެންނަށް ފެނުނީ.. ގޮތް ނޭނގޭ ބަޔަކު. އެމީހުންތިބީ މޫނު ނިވާކޮށްގެން. އެ ހަތަރު މީހަން އަހަރެން މަރާލާތަން.. އެންމެ ހެއްވާ ކަމަކީ، އަހަރެން ގައިގާ އެމީހުން އަތެއް ނުލާ .. އެމީހުން އަހަރެންގެ ކައިރީގައި ބުނަނީ، އަހަރެން ބަނޑަށް ވަޅި ހަރާށޭ .. ކަރުގައި ވަޅި އަޅާށޭ .. ދެން އަހަރެން އެގޮތަށް އެކަން ކުރަނީ، އެއްވެސް ޖެހިލުމެއްވެސް ނުވޭ.. އަހަރެންނަށް ހޭލެވުނު .. އަހަރެންގެ ވަށައިގެން އެމީހުން ތިބިހެންވެސް ހީވި.. ވަރަށް މަސައްކަތުން ނޭވާވެސް ހަމައަށް އެޅުނީ.." ފަޔާޒު ހުރީ އަޝްރަފުގެ އެވާހަކަތަކަށް ސަމާލުވެގެންނެވެ.

" އެވަރަށްތަ ފެނުނީ! އިތުރަކަށް ނުފެނޭތަ؟ އެކޮންބައެއްކަން ނޭންގޭތަ؟ އެއްވެސް މީހަކާ ވައްތަރުވިތަ؟ " ފަޔާޒުގެ ސުވާލުތައް އެއްފައްޗަކަށް އަމުނައިލިއެވެ. އަޝްރަފް އަޖާއިބުވެފައި ފަޔާޒުއާ ސުވާލުކުރިއެވެ. " ފަޔާޒު ..! އަހަރެންނަކަށް އިތުރަކަށް އެއްޗެއް ނުފެނޭ.. އެކަމަކު ފަޔާޒު ކިހިނެއްވެގެންތަ ތިހުރިހާ ސުވާލެއް ތިކުރީ."

"ސާރ! އަޅުގަނޑަކަށް ކަމެއްނުވޭ." ފަޔާޒުގެ ޖަވާބުކުރެވެ. " ނޫން ފަޔާޒު.. އަހަރެންނަށް ޔަޤީން ފަޔާޒުއަށް އެއްޗެއް އެނގޭކަން. އަހަރެންނަކީ، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ކިޔަވައިގެން ހުރިމީހެއް. މީހުންގެ މޫނުމަތީގެ ކުލަވަރަށްބަލައި އަހަރެންނަށް އޭނާގެ ޚާލަތު އަހަރެން ދެނެގަންނާނަން." އަޝްރަފު ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާ ކޮންމެހެންވެސް ބޭނުންވީ، ފަޔާޒު ވިސްނަމުންއެދާ ކަމެއް ދެނެގަންނާށެވެ.

"ސާރ. އަހަރެންނަށް ފެންނަނީ، ސާރ މެންގެ ގޭދަށުގައިވެސް ފޯރިމަރަން. " ފަޔާޒުގެ މި ޖުމްލައިން އަޝްރަފުއަށް ހައިރާންކަން ލިބުނެވެ. "އެއީ؟ އެއީ ކީއްވެގެން؟" އަޝްރަފުއަށް ކޮށްލެވުނީ ސުވާލެކެވެ. އާޝޯހުވެފައި ހުރެގެންނެވެ. " ސާރ މިއީ އަހަރެންނަށް ފެންނަގޮތް. ސަބަބަކީ، ކުރިން މަރާލާފައި އެއޮތް ތިން މީހުންނަކީވެސް، ސާރގެ ރަޚްމަތްތެރިން. ފަހަރެއްގައި އެކަންކުރާ ބަޔަކު ނުވަތަ މީހަކު މިރޭ ހަމަލާދޭން އޮތީ ސާރ އަށް ކަމަށް ވެދާނެތީ؟ " ފަޔާޒު ވާހަކަދެއްކި ގޮތުން ހީވަނީ އޭނާއަށް އެކަން ކުރާ މީހަކު އެނގޭ ހެންނެވެ.

" ފަޔާޒު.. އަހަރެންނަށްވެސް އަހަރެންގެ ސެލްފް ޑިފެންސް ކުރާނޭ މިންވަރަށް ތަމްރީނު ލިބިފައި އެބަހުރި. އެހެންވީމާ، ތިކަމަށްވުރެ މުޙިއްމީ، އާއްމު ރައްޔިތުންގެ ސަލާމަތާ ދޭތެރޭގައި ވިސްނުން. ރަށުގެ ޗާޓުން ކުރިންވެސް ފާހަގަ ކުރެވިފައިވާ ގޮތަށް، ހަތަރު ބަޔަށް، ކޮންމެ ބަޔަކަށް ހަތަރު ފުލުހުންލައިގެން މަސައްކަތްކުރާތި. މިރޭގެ ޑިޔުޓީއަށް ނިކުންނަ، 20 ފުލުހުންގެ ތެރެއިން، ޕެޓްރޯލް އޭ، އަދި ބީ ފޮނުވަންވާނީ، ރަށުގެ ހުޅަނގު އަވަށަށް، އަދި ޕެޓްރޯލް ސީ އަދި ޑީ ރަށުގެ އިރުމަތީ އަވަށަށް. އަދި ކޮންމެ ޕެޓްރޯލަކުން މީހަކު ޕޮލިސް ސްޓޭޝަންގައި ހުންނަންވާނެ. އަހަރެމެންގެ ޑިޔުޓީ މިއަދު 4 ޖަހާއިރު ނިމުމުގެ ކުރިން، ރާވާފައިވާ ޕްލޭންތައް އަދި ހުރިހާ ކުރެހުންތަކާއި ލިޔުންތައް ޑިޔުޓީގައި އެވަގުތު ހުންނަ، ޠަލާލު އާއި ހަވާލުކުރަންވާނެ. އަދި އޭނާގެ ބެލުމުގެ ދަށުން ހުރިހާކަމެއް ބަރާބަރަށް ގެންދިޔުމަށް އަމުރުކުރަންވާނެ. " ކޯޕްރަލް އަޝްރަފުގެ ވާހަތައް ދިގުވެފައި އަމުރުވެރިއެވެ. އޭނާގެ ހުރިހާ ވާހަކައެއް ކުރިއަށް ގެންދިޔައީ، ފަޔާޒުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

" ޔޭސް ސާރ. އަޅުގަނޑު ތިއެންގެވި ގޮތަށް އަމަލުކުރާނަން. " ފަޔާޒުގެ ޖަވާބު ލިބުމުން އަނެއްކައިވެސް އަޝްރަފު ވާހަކަ ދެއްކިއެވެ. ޑިޔުޓީގައި ނޫނަސް، ލިބިދާނެ ޚަބަރަކަށް ސަމާލުވާތި. ނަމަނަމަ ފޯނު ނިވާނުލާ ނިދާތި. ދެން އެންމެ ރަނގަޅު ފަޔާޒުގެ މަސައްކަތަށް ދިޔަޔަސް. " ފަޔާޒު ނިކުމެގެން ދިޔުމުން އަޝްރަފު ވިސްނާލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ހަވީރު ޑިޔުޓީ ނިމެންވާއިރަށް ހުރިހާ ލިޔެކިޔުމެއް ނިންމާލެވޭތޯ ފަޔާޒު މަސައްކަތްކުރަމުން ދިޔައެވެ. އިރުކޮޅަކުން، ކުރީ ދުވަހު މަރާލި މީހާގެ ތަޙްޤީޤީ ރިޕޯޓް ގެނައެވެ.

ފަޔާޒު އެކިޔުމަށް ފޫހިވިއެވެ. ސަބަބަކީ، އޭގާ ހުންނާނީ އެއްވާހަކަތަކެއްކަމަށް ޤަބޫލުކުރެވޭތީއެވެ. އެއީ ބަޔަކު ނުވަތަ މީހަކު ހިންގާފައިވާ ޢަމަލެއްކަމަށް ޤަބޫލުކުރެވޭ ވާހަކައެވެ. އަދި ހަމަ އެހެންމެ، އެކަންކުރި މީހެއްގެ ނުވަތަ ބައެއް ގޮތް ހޯދިފައި ނުވާވާހަކައެވެ. އެއްވެސް ހެތްކެއް އަދި ޤަރީނާއެއް ފެނިފައި ނުވާވާހަކައެވެ.

ޑިޖިޓަލް ރިޕޯޓުގެ ޕާސްވޯޑް ޖެހުމަށްފަހު ސަމަރީ ރިޕޯޓް ފަޔާޒު ބަލައިލިއެވެ. އޭގައިވަނީ، ފިންގާރ ޕްރިންޓް ނެތް ކަމަށެވެ. ސިޓީގެ ފިންގާރ ޕްރިންޓަކީ މަރުވެފައިވާ ހުސޭނުގެ ފިންގާރ ޕްރިންޓެވެ. ޑީއެންއޭ ވެސް ނިލް ކަމަށެވެ. ފަޔާޒު އެރިޕޯޓް އޭނާގެ މޭޒުމަތީގައި ބޭއްވިއެވެ. ދެން ހުރި ބައިތައް ކިޔަން ފޫހިވެގެންނެވެ. އަދި އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ހަވީރުގެ ޑިޔުޓީނިއްމާލުމަށްފަހު، ޠަލާލުއާ ހުރިހާ އެއްޗެއް ހަވާލުކުރިއެވެ. އަދި ބޮސް ދެއްކި ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. އަދި ގެޔައް ދިޔުމަށް ޕޮލިސް ސްޓޭޝަނުން ނިކުމެ، އޭނާގެ ސައިކަލްމަތީގައި އިށީނދެލިއެވެ. ފަޔާޒު އޭނާގެ ސައިކަލް މަތީގައި އިނދެ ވިސްނަމުން ދިޔައީ، މިރޭ ކަންތައްތައް ވެދާނެ ގޮތަކާ ދޭތެރޭގައެވެ. ސައިކަލް ސްޓާރޓް ކޮށްލުމަށްފަހު މަޑުމަޑުން ދުއްވާލިއެވެ.

"އޭތް ފަޔާޒު... މަޑުކޮށްބަލަ." މަގުގެ ވަކި ހިސާބަކުން މިރާޒުގެ އަޑު އިވިގެން ފަޔާޒު މަޑުކޮށްލިއެވެ. "އޭ ހިނގާބަލަ ކޮފިއަކަށް ވަރަށް މުޙިއްމު ވާހަކައެއް ދައްކާލަން ޖެހިގެން." މިރާޒު އާދޭހާ އެކުގައި އެދުނެވެ. "އޭ މަގޭ ވަރަށް ވަރުބަލިވެފަ މިހުރީ. ޖައްސާލަން ބޭނުންވެފަ. މިރޭމީ، ބޮޑުރެއެއްނުދޯ. " ފަޔާޒުގެ ހިޔާލުހުރީ ދާގޮތަކަށް ނޫނެވެ. "ތިކަމާ ވަރަށް ގުޅުންހުރި ވާހަކައެކޭ. މަށަށް އެއްޗެއް ހީވާތީ. އާދެބަލަ ދާން." މިރާޒުވެސް ދުލެއް ނުކުރިއެވެ. އެންމެފަހުން ފަޔާޒުއަށް ޖެހުނީ ދާށެވެ.

- ނުނިމޭ –

 

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ