މާދަންނޫން އަނެއްދުވަސް - 3: ގޮތްނޭނގޭ މީހާ

"ތިހެން އަދި ތަނަކުން މީހަކު ފެންނައިރަށް ނުވާނެއްނު ޝައްކުކުރާކަށް. އެއީ ކޮންރަށެއްގެ ކާކުކަމެއް އެނގެނީއެއްނޫން." ފަޔާޒު ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. ވާހަކައިގެ ސީރިއަސް ކަމުންނެވެ. "ނޫނެކޭ، މީހުންބުނޭ އޭނާ، މިރަށުގަ އުޅެނިކޮށޭ، މިރާޒުމެންގެ ބޮޑުމީހާ ވެސް މަރާލީ. އަދި ފަހުން އެމަރުވި ތިން މީހުންވެސް. އޭނާއަކީ، ޖިންނި ގެންގުޅޭ ވަރަށް ނުބާ މީހެކޯ. އޭނާ ބޮޑެތި ބޮޑެތި ސިހުރުވެސް ހަދާކަމަށްވަނީ. ރޭގަނޑަށް ނުވެސް ނިދާ." މިރާޒު ހުރީ އެގޮތްނޭނގޭ މީހާގެ ބޮލުގައި އެކަން އަޅުވައިގެންނެވެ. އަދި އެގޮތަށް ފަޔާޒުއަށް ވިސްނައިދެމުންވެސް ގެންދިޔައެވެ.

"މިރޭ މަގޭ ޑިޔުޓީއެއްނެތް. އެކަމަކު، ދެމީހުންވެގެން ތިމީހަކަށް ފާރަލެވިދާނެ. މިރޭ 12 އަށް ތައްޔާރުވޭ! އަހަރެންދާނަށް މިރާޒުބަލާ. ހޭލާ ހުންނާތި! އޭނާ އުޅެނީ ކޮން ގެޔަކު. " ފަޔާޒުއަށް ނޭންގި އޮތް މަޢުލޫމާތެއް ހޯދުމުގެ ނިޔަތުގައި ސުވާލުކޮށްލިއެވެ.

" އެއްކަލަ ފަންޑިތަ ބޮޑުބެ ގޯތީ. " މިރާޒު ވަގުތުން ޖަވާބު ދިނެވެ. "އެނާވެސް އެއީ ފަންޑިތަ ހަދާ މީހެއްނު. މިހާރު މަށަށްވެސް އެބަ ޝައްކުކުރެވޭ." ފަޔާޒުވެސް އެއްޗެއް އެނގިގެން ބުނިކަހަލަ ގޮތަކަށް ޖަވާބު ދިނެވެ. " އަހަރެންނަށްވެސް ހީވަނީ އެދެމީހުން ގުޅިގެންހެން އެކުރާ ކަމެއް ކުރަނީ. ޖިންނިންގެ ބާރުގައި ކުރާކަމެއްހެއް ހީވަނީ. " މިރާޒު އިތުރަށް އެއައް ބާރުދިނެވެ. " އަހަރެންނަށް ހީވަނީ އަހަރެމެންގެ ޑިޕާރޓް މަންޓްގެ ބޮޑުމީހާވެސް މަރާލީ ހަމަ އެމީހުންގެ ރޭވުމުންހެން. އެކޭސްވެސް ބަންދުކުރަންޖެހުނީ އެއްވެސް ވަރަކަށް ހެތްކެއް ނުލިބިގެން. " މިރާޒުއާއި ފަޔާޒު ހަމަ ރަނގަޅަށްވެސް އެދެމީހުންގެ ބޮލުގައި އެކަން އެޅުވިއެވެ. އަދި އެދެމީހުންނަށް މިރޭ ފާރަލުމަށް ނިންމިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ފަޔާޒު އިޝާނަމާދުން ފޭބި ގަޑީގައި ފަންޑިތަ ބޮޑުބެ ފެނުނެވެ. އަދި އޭނާއާ އެކީގައި އެބުނާ ގޮތްނޭންގޭ ފަންޑިތަ ވެރިޔާވެސް ހުއްޓެވެ. "މިފަދަ ޒަމާނެއްގައި ކާކު ހީކުރާނީ، މިކަހަލަ މީހުން އުޅޭކަމަށް." ފަޔާޒު ހިތާހިތާ ބުނެލިއެވެ. ފަޔާޒުއެމީހަކަށް ވަރަށް ރަނގަޅަށް ބެލިއެވެ. އެމީހަކު ފަޔާޒުއާ ދިމާލަށްވެސް ބެލިއެވެ. އަދި ފަންޑިތަ ބޮޑުބެ، އެމީހެއްގެ ކަންފަތް ބުޑުގައި ކޮންމެވެސް އެއްޗެކޭ ބުނުމުން، އެމީހަކު ތަންކޮޅެއް އަވަސްއަވަހަށް ހިނގައިގަތެވެ. އެމީހުން އުޅުނު ގޮތުން ފަޔާޒުއަށް ޝައްކުވާ ހިސާބަށް ކަންތައްތައް ދިޔައެވެ. އަދި މިރޭ އެމީހުންނަށް ފާރަލުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ގަޑިން 12 ޖަހާނެ ވަގުތަކަށް އިންތިޒާރުކޮށްގެން އިން ފަޔާޒު، އޭނާގެ އެޕަލް އައި 7 ގެ ފޯނު ނަގާ މިރާޒުއަށް ޑައިލް ކޮށްލިއެވެ. " ހަލޯ! ކޮންތާކު؟ ރެޑީވެ.. އަހަރެން މިދަނީ.. މިރާޒުގެ ނައިޓް ވިޝަން ކެމެރާ ނަގަން ހަނދާން ބަހައްޓާތި! " ފަޔާޒު މިރާޒުއަށް ހަނދާން ކޮށްލަ ދިނެވެ. އެއައްފަހު ގެއިން ނިކުތެވެ. ފަޔާޒުގެ އަތުކުރީގައިވާ 5 މިނިޓް އަވަސް ގަޑިން މިހާރު ދަންވަރު 12 ޖެހީއެވެ. މަޑުމަޑު ފިނިކަމެއް ޖައްވުގެ ތެރޭގައި ހުއްޓެވެ. ފަޔާޒު އޭނާގެ ސައިކަލަށް އަރާ އޭނާގެ ޕާސްވޯޑް ޖަހައިލިއެވެ. އަދި ސައިކަލް ސްޓާރޓް ކޮށްލިއެވެ.

މިރާޒު އަރުވައިގެން އެންމެ ފުރަތަމަވެސް ފަޔާޒު ދިޔައީ، ފަންޑިތަ ބޮޑުބެމެންގެ ގެއާ ދިމާލަށެވެ. ގޭގެ ތެރެއިން ފަނޑުފަނޑު އަލިކަމެއް ހުއްޓެވެ. ތަންކޮޅެއް ދުރުގައި އެމީހުންގެ ސައިކަލް ޕާރކް ކޮށްލުމަށްފަހު، މަޑުމަޑު ހިނގާފައި އެގޭދޮށަށް ދާންފެށިއެވެ. އަދި ގޭގެތެރެ ރަނގަޅަށް ބަލައިލިއެވެ. ގޭގެ ކުރިމަތީގައި ހުރި ޖޯލިފަތީގައި މީހަކު އޮތްހެން ފަޔާޒުއަށް ހީވެގެން ހުއްޓުނެވެ. އަދި މިރާޒުއަށް އިޝާރާތުން އެމީހަކު ދެއްކިއެވެ.

" ސާބަސް! އެއީ މީހެއް ނޫނޭ. މަވެސް ފުރަތަމަ ހީކުރީ އެގޮތަށް. އެކަމަކު އެއީ އެތާހުރި ޓީޝާރޓްތަކެއް. " މިރާޒު އޭނާގެ ނައިޓްވިޝަން ކެމެރާ ބޭނުންކޮށްގެން ބަލައިލުމަށްފަހު ބުންޏެވެ. " އޭތް. މަށަކަށް ނުފެނެ ގޭތެރެއަށް ވަންނާކަށް. އަހަރެންމީ ފުލުހެއް. އެއީ ކޯޓް އަމުރަކާ ލައިގެން މެނުވީ ކުރެވޭނެ ކަމެއް ނޫން. އަޅެ ސަލާމް ގޮވާލަބަލަ. އޭރުން އެމީހުން ނޫޅޭކަން ޔަޤީންވާނެއްނު. މިއީ އިތުރު މީހަކު އުޅޭ ގެއެއްނޫން. " ފަޔާޒު އެގެއަށް ވަނުމަށް ދެކޮޅު ހެދިއެވެ.

މިރާޒުވެސް އެގޮތް ގަބޫލުކޮށް ދެފަހަރަކު ސަލާމް ގޮވާލިއެވެ. ފުދޭވަރަކަށް ބާރަށެވެ. ނަމަވެސް ގޭތެރެއިން ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ފަޔާޒުމެން ނިންމީ އެމީހުން ގޭގާ ނެތީކަމަށެވެ. އަދި އެމީހުންގެ މިރޭގެ މިޝަންނަށް އެމީހުން ދިޔައީ ކަމަށެވެ.

" މިރާޒު، ގަޑިން ކިހާއިރެއް. " ފަޔާޒު ސައިކަލަށް އަރަމުން އަހައިލިއެވެ. "2 ޖަހަންވަނީ." މިރާޒު އޭނާގެ ގަޑި ބަލައިލުމަށްފަހުގައި ބުންޏެވެ. ފަޔާޒު އޭނާގެ ސައިކަލް ދުއްވާލިއެވެ. ތެތް ފިނިކަމެއް ޖައްވުގައި ހުއްޓެވެ. ދުންފިނީގެ އަސަރު ޖައްވުގައި ހުރިއިރު، ބައެއް ހިސާބުތަކުގައި އާދަޔާ ހިލާފަށް ދުންފިނީގެ އަސަރު ފެންނަން ހުއްޓެވެ. މަގުގެ މެދުގައި ދެފަރާތަށް އަލިވާނޭހެން ޖަހާފައިހުރި މަގުމަތީ ބައްތިތަކުގެ އަލި ދިންފިނީގެ ސަބަބުން ފެންނަމުންދަނީ ފަނޑު ކޮންނެވެ.

ފަޔާޒުއާއި މިރާޒުގެ ސައިކަލްގެ މިޝްރާބުހުރީ ރަށުގެ ހުޅަނގު ދެކުނަށެވެ. މަގުގެ މެދާ ހަމައަށް ދިޔަތަނާ، ސައިކަލް ހުއްޓުނެވެ. "ކިހިނެއްވީ، ހުއްޓުނީ؟" މިރާޒު ސުވާލުކޮށްލިއެވެ. "ނޭންގެ.. ޕެޓްރޯލްވެސް ހުންނާނެ ޓޭންކް ފުލްކޮށް. އަނެއްކާ ރިޒާވު ބެޓެރީގެ ޗާރޖްވެސް..." ފަޔާޒުގެ ވާހަކަ ކުއްލިއަކަށް ހުއްޓުނީ ގަޔަށް ހޫނު ވައިރޯޅިއެއް އެޅިގެންނެވެ. އަދި އެވައިރޯޅި ތެރެއިން ފަޔާޒުގެ ނަންވެސް އިވުނެވެ. ވައިއަޑުންނެވެ. ފަޔާޒުއަށް ސިހިފައި މައްޗަށް ބަލައިލެވުނެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. "ކިހިނެއްވީ.. މާ ހާސްވީ؟" މިރާޒު ސުވާލުކޮށްލިއެވެ. "މިރާޒުއަށް ދެންމެ އިވުނުތަ؟ ވައިރޯޅިއެއް..... ގަޔަށް ހޫނުވިތަ؟ " ފަޔާޒު ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. " ކިހިނެއްވީ..؟ ކޮން ވައިރޯޅިއެއް؟ އަހަރެންނަކަށް ނޭންގެ؟ ކިހިނެއްވީތަ؟ " މިރާޒުވެސް ހާސްވާ ގޮތްވިއެވެ. "ކަމެއްނުވޭ އަހަރެންނަށް ހީވީ ގަޔަށް ހޫނު ވިހެން.. މިއޮށް ފިނީގަ.. އަދި މީހަކު ގޮވާލިހެންވެސް ހީވި.. އެންމެ ވައްތަރީ އަހަރެންގެ ބޮޑު މީހާ އަހަރެންނަށް ގޮވާގޮތާ. މިބުނީ މަރުވެފައިވާ އަހަރެންގެ ބޮޑުމީހާ..!" ފަޔާޒުގެ ވާހަކަތަކަށް މިރާޒުދިނީ ވަރަށް ކުރު ޖަވާބެކެވެ. "ތިވާނީ ހީވި ގޮތެއް ކަމަށް.."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ