މާދަންނޫން އަނެއްދުވަސް - 4: މަރު — Ihavandhoo.com

މާދަންނޫން އަނެއްދުވަސް - 4: މަރު

ގަޑިން މިހާރު މެންދަމު 2 ގަޑި 15 ވެއްޖެއެވެ. އަޝްރަފަށް ކުއްލިއަކަށް ހޭލެވުނީ، ގަޔަށް ހޫނު ކަމެއް އިޙްސާސް ކުރެވިގެންނެވެ. އަޝްރަފަށް ހޭލެވުނު އިރުވެސް ކޮޓަރިތެރޭގައި ހޫނުކަން ހުއްޓެވެ. އަޝްރަފް ގޮސް އެއާރކޯން ޓެސްޓް ކޮށްލިއެވެ. އެއާރ ކޯނުވެސް ބަރާބަރަށް އެބަ މަސައްކަތްކުރެއެވެ. ކުއްލިއަކަށް އަޝްރަފަށް އިޙްސާސް ކުރެވުނީ، އޭނާގެ ނަމުން މީހަކު އޭނާއަށް ގޮވައިލިކަމެވެ. ވަރަށް ސިއްރުންނެވެ.

އަޝްރަފަށް ކުއްލިއަކަށް ކަމެއްގެ މަތިން ހަނދާންވެގެން އޭނާގެ ލިޔާމޭޒު ކައިރިއަށް ދިޔައެވެ. އަދި އެތަނުން ހުދުކުލައިގެ އޭ5 ސައިޒުގެ ގަނޑެއް ނެގިއެވެ. ނެގުމާއެކުގައި އަޝްރަފުއަށް އަނެއްކައިވެސް އެމީހަކު ގޮވައިލިހެން ހީވިއެވެ. އަޝްރަފު ފަރާތްފަރާތަށް އެނބުރި ބަލައިލިއެވެ. އަދި ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. " ކާކު؟ ކާކު މަށަށް ގޮވަނީ..؟ " އެހެންބުނުމާއެކުގައި އަޝްރަފުގެ ބުރަކަށީގައި މީހަކު އަތްލިހެން ހީވިއެވެ. އަދި އެނބުރި ބަލައިލިއިރު ކައިރީގައި ހުރީ އޭނާގެ އޮފީގެ ކުރީގެ ބޮޑުމީހާއެވެ. އާއެކެވެ. މަރާލެވިފައިވާ އޭނާގެ އޮފީހުގެ ބޮޑު މީހާއެވެ.

އަޝްރަފުއަށް ފަހަތަށް ޖެހިލެވުނެވެ. އަދި ސުވާލުކޮށްލެވުނެވެ. "ކަލޭ މަރެއް ނުވޭތަ؟ ކަލޭ ކިހިނެއް ސަލާމަތްވީ؟" އަޝްރަފުގެ މޫނުމަތިން ނަފުރަތުގެ ކުލަވަރު ފެންނަން ހުއްޓެވެ. "އަޝްރަފު، އަހަރެން އަދި މަރެއްނުވޭ، އަހަރެންގެ ހަށިގަނޑު މަރުވީ...! ހައްހައް.." މިހެން ބުނެފައި އަޑުގެ ނެތްތަނަށް އޭނާ ހޭން ފެށިއެވެ. "އަޝްރަފު ކަލޭ ހަނދާންވޭތަ އަހަރެންނަށް ދިން އަނިޔާ..؟ ކަލޭގެ މަކަރުވެރި ރޭވުމުގައި، މަޤާމުގެ ދަހިވެތިކަމުގައި އަހަރެން މަރާލި ގޮތް.." އެއާއެކުގައި އަޝްރަފު ގެއިން ނިކުންނަން ދުއްވާގަތެވެ. އޭނާގެ އަތުގައިވާ ގަލަމާއި ކަރުދާސްގަނޑު އެއްލާލާލައިފައެވެ. ނަމަވެސް، އަޝްރަފު ނިކުންނަން ދިޔަ ދޮރު ބަންދުވިއެވެ. އެދޮރު ނުލާހިކު ބާރަށް ލެއްޕުނެވެ.

އަޝްރަފުގެ ކަރުން ވޭނީ އާހެއްގެ އަޑު ނިކުތެވެ. އަދި އޭނާގެ އަމިއްލަ އަތުން އޭނާގެ ކަރުގައި ހިފިއެވެ. އަޝްރަފުގެ އަމިއްލައަތުން ކަރުގައި ހިފައިގެން އޭނާ ދިޔައީ ލިޔާމޭޒުގެ ކައިރިއަށެވެ. އެއާއެކުގައި އޭނާގެ ކަރުން އަތް ދޫވިއެވެ. އަދި ގުދުވެ ބިންމަތީގައިވާ ގަލަމާއި ކަރުދާސް ނެގިއެވެ. ހީވަނީ މީހަކު އޭނާގެ ގައިގާ ހިފަހައްޓައިގެން އެކަން ކުރުވާހެންނެވެ. އަދިވެސް ކޮޓަރިތެރެއިން ހުނުމުގެ އަޑު ނުކެނޑެއެވެ.

އަޝްރަފުގެ އަތުން އޭނާގެ އެއްވެސް އެއްވެސް އިޚްތިޔާރެއްނެތި، މޭޒުމަތީގައިވާ ގަނޑުކަނޑާ ފޮތް ނެގިއެވެ. އަދި އެތަނުގައި އޮތް ގަލަންވެސް ނެގިއެވެ. އޭނާގެ އަތް ޚަރަކާތް ނުކުރަންވެގެން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ގަލަން ނެގުމަށްފަހުގައި އޭނާ، ލިޔުނެވެ. " އަހަރެންމީ މިގޮތަށް މަރުވާ ފުރަތަމަ މީހާއެއްނޫން... މާދަންނޫން އަނެއް ދުވަހުންވެސް..." މިހާހިސާބަށް ލިޔެވުމާއެކުގައި އަޝްރަފުގެ އަތް ޤަލަމުން ދޫވިއެވެ. އެއީ ހަމަ އެއްލިޔުމެކެވެ. އޭނާގެ ރަޚްމަތްތެރިންވެސް، ލިޔެފައިވަނީ، އެއަތުލިޔުމުންނެވެ.

"ހެޔޮނުވާނެ، އަހަރެން ދޫކޮށްލާ... އަހަރެންނަށް މަޢާފުކުރޭ! އަހަރެންނަށް ތިހެންނުހަދާ.." ހެމުންދިޔަ އަޑު ކެނޑުނެވެ. އަޝްރަފު ހީކުރީ އެމީހަކު ދިޔައީ ކަމަށެވެ. ފަރަތްފަރަތް ހޯދާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ނަމަވެސް، ކުއްލިއަކަށް މީހަކު އޭނާ ކޮއްޕާލިހެން ހީވިއެވެ. އޭނާ ކޮއްޕަމުން ގެންގޮސް ހުއްޓެވުނީ، މޭޒުކައިރިއަށެވެ. އަނެއްކައިވެސް އޭނާގެ އަތަށް ބާރެއް އެރިއެވެ. އެއާއެކުގައި މޭޒުމަތީގައި އޮތް ވަޅި ނެގުނެވެ. އަދި ދެވަނަ ސިކުންތުގައި އޭނާގެ އަމިއްލަ ކަރަށް ވަޅި ހަރާލިއެވެ. އަޝްރަފުގެ ކަރުން ވޭނީ އާހުގެ އަޑު ފިޔަވައި އަޑެއް ނުނިކުތެވެ. އެއްތުން ކަރުގައި އަތް އަޅައިގެން އަނެއް އަތުން ގައިގާ ވަޅިއަޅާ ޒަޙަމް ކުރަމުން ދިޔައެވެ. އޭނާގެ ކުރިން މަރުވެފައިވާ، އޭނާގެ ރަޚްމަތްތެރިންގެ ގައިގާ ވަޅި އަޅާފައިވާ ތަންތަނުގައެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

"ފަޔާޒު ކިހިނެއްވެގެންތަ ބޮޑު މީހާ މަރުވީ؟ " މިރާޒު ސުވާލުކުރީ ފަޔާޒުއާއެވެ. " ތިޔެންނު ނޭނގޭ އެއްޗަކީ.. އެދުވަހު ހަތަރު ދަމު ބޮޑު އިންވެސްޓިގޭޝަނެއްގައި އުޅުނީ.. އަހަރެންވެސް އެރޭ ޑިޔުޓީގައި އުޅުނިން، ބޮޑުމީހާ ވަރަށް ވަރުބަލިވެފައި ހުންނާނެތީ އަހަރެންބުނިން ގެއަށްދާށޭ..! ދެން އަޑު އިވުނީ އޭގެ އަނެއް ދުވަހު ހެނދުނު އޭނާ މަރާލާފައި އޮތް ޚަބަރު..." ފަޔާޒުގެ ވާހަކަ ނުނިމި އުޅެނިކޮށް ކުއްލި އަކަށް ބާރުގަދަ ރޯޅިއެއް ފަޔާޒުމެއް އާކޮޅަށް ދިޔައެވެ. އަދި ކުރިން އިވުނު އަޑުން އޭނާއަށް ގޮވާލި އަޑު އިވުނެވެ. ފަޔާޒުގެ ސައިކަލް ހުއްޓާލީ އެހެންވެގެންނެވެ.

" ކިހިނެއްވީ މިފަހަރު.." ކުރިންފަހަރުވެސް ސައިކަލް ހުއްޓާލާފައިވާތީ މިރާޒު ސުވާލުކުރީ އެކަމާ ގުޅުވައިގެންނެވެ. "އަޑު އިވުނުތަ؟ ގޮވާލިއަޑު، ގަދަ ވައިރޯޅިއެއް ގައިގާ ބީހުނުތަ؟ " ފަޔާޒުގެ ސުވާލުތަށް މިރާޒުއާ ކުރިއިރު، ބިރުންހުރިކަން ފާހަގަވިއެވެ. " ފަޔާޒު..! ފަޔާޒު މާބިރުގަންނަނީއޭ.. އަހަރެންނަކަށް އަޑެއްނީވެ.. ފިންޏެއްވެސް ނުވޭ.. ތިވާނީ ހީވިގޮތަކަށް..." މިރާޒު މިހާހިސާބަށް ބުނިއިރަށް ފޯނު ރިންގުވަން ފެށިއެވެ.

"ޕޮލިސް ސްޓޭޝަނުން.. ކިހިނެއްވީބާ.." ފަޔާޒު އޭނާގެ ފޯނު ނެގިއެވެ.

"ހަލޯ.. ފަޔާޒުތޯ..؟" އެކޮޅުން ސުވާލުކުރިއެވެ. " އާން ކިހިނެއްވީ..؟ " ފަޔާޒުވެސް ކޮށްލީ ސުވާލެކެވެ. " ފަޔާޒު..! ވަރަށް އަވަހަށް މިކޮޅަށް އާދެބަލަ..! އަޝްރަފުމެން ގޭދޮށަށް.. " އެކޮޅުން ވާހަކަ ދެއްކީ ޠަލާލުއެވެ. " ހަލޯ... ކިހިނެއްވީ؟ " ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ފަޔާޒުއަށް އެނގުނެވެ. "އާދެބަލަ... މިއުޅެނީ.. މިއުޅެނީ.. ފަޔާޒު.. އަޝްރަފު... އަޝްރަފު މަރާލައިފި.." އެކޮޅުން ލިބުނު ޖަވާބުން ފަޔާޒު ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން ފޯނު ތިރި ކޮށްލެވުނެވެ. އޭރުވެސް އެކޮޅުން ފަޔާޒުއަށް ގޮވަމުން ގެންދިއައެވެ. "ފަޔާޒު ކިހިނެއްވީ.. ކަމެއް ގޯސްވީތަ؟ " މިރާޒު ސުވާލުކުރިއެވެ. "އަޝްރަފު މަރާލައިފި.. ހިނގާ ދާން.." ފަޔާޒު ޖަވާބު ދިނީ، މަގުގެ ކުރިމައްޗަށް ބަލަހައްޓައިގެން ހުރެއެވެ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ