މާދަންނޫން އަނެއްދުވަސް 6 - ނިމުން

"ފަޔާޒު ކިހިނެއްވެފަތަ ތިހުންނަނީ...؟" މިރާޒުގެ ސުވާލަށް ފަޔާޒު ސިހުނެވެ. " ދެން ބާކީ ހުރި މީހަކީ އަހަރެން...!" ފަޔާޒު މިހެން ބުނުމުން މިރާޒުއަށް ހައިރާންކަމެއް ލިބުނެވެ. "އެ...އެކީއްވެ..؟ ފަޔާޒުވެސް، އެކަމުގައި ބައިވެރިވިންތަ...؟ ތީ ކޮންކަހަލަ ރަޚްމުކުޑަ އިންސާނެއް...؟ އަހަރެން ހިޔެއް ނުކުރަން ފަޔާޒު...؟" މިރާޒުގެ ވާހަކަ ހުއްޓުނީ ގޭތެރެއިން ފަންޑިތަ ބޮޑުބެއާއި، ބެއްޔާ ނިކުތުމުންނެވެ.

"ކަލޭމެން މިތާކީއްކުރަނީ...... ފަޔާޒުއާއި މިރާޒުތަ...؟" ފަންޑިތަ ބޮޑުބެއަށް ދެމީހުންވެސް އެނގުނެވެ. "މިހުރީ އެބުނާ ގާތިލް... މިހިރީ އޭނާ..." މިރާޒު ހަޅޭ ލަވައިގަތެވެ. ފަޔާޒުއާ ދިމާލަށް އިނގިލި ދިއްކުރަމުންނެވެ. " ނޫން.. އަހަރެންނަކީ ގާތިލެއް ނޫން... އަހަރެން މީހުންނެއް ނުމަރެއް... އަދި މީހަކުވެސް ނުމަރަން.. އެއީ އޮޅުމެއް..." ފަޔާޒު މަޑުމަޑުން ބޯހޫރަމުން ބުންޏެވެ.

"އެކަމަކު ކަލޭ އަމިއްލައަށްނު އެއްބަސްވީ..." މިރާޒު މިހާހިސާބަށް ބުނިއިރަށް ބެއްޔާ ފަޔާޒުގެ އަތުގައި ހިފާ، އޭނާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަދި ވަރަށް ޔަޤީންކަމާއިއެކުގައި ބުންޏެވެ. "މީއޭނާ، މީ އޭނާ... އެރޫހު ދެން ކުރިމަތިލާނީ މީނައާ..." މިހެން ބުނުމުން، ފަނޑިތަބޮޑުބެ މިރާޒުއާއި ފަޔާޒުގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދިއެވެ. އަދި އެތާގައިހުރި އައްޓެއްގެ މަތީގައި ދެމީހުން ބޭންދިއެވެ.

"ފަޔާޒު ... ކަލޭމެން އޭނާއަށް ކީއްކުރީ...؟ ސަލާމަތްވާން ވަރަށް އުނދަގޫވާނެ..!" އިންޒާރުދެމުން ފަންޑިތަބޮޑުބެ ބުންޏެވެ. " ނޭނގެ އަހަންނަކަށް... އަހަރެން އަހަރެންގެ ބޮސްއަށް އިޚްތިރާމް ކުރަން... އަދި ޤަދަރުވެސް ކުރަން... އަހަރެންގެ ހިތް ސާފު... މިހުރިހާ ދުވަހު އަހަރެން މިމަސައްކަތްކުރީ ބޮސްމަރުވި ގޮތުގެ ޙަޤީޤަތް ހޯދުމަށް... އަދި ހަމަ އެހެންމެ މިހާރުވެސް އަހަރެން ޤަބޫލުކުރަން ބޮސް މަރާލިބަޔަކު އެބަ ތިބިކަން... އެކަމަކު އަހަރެންނަށް މިރޭ ކަމަކާ ދޭތެރޭގައި ޝައްކުވީ އެހެންވެގެން އަހަރެން އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކޮށް... ދެން ހުރި މީހާއަކީ އަހަރެންނޭ މިބުނަނީ... އެރޫހަށް އެއުޅެނީ އޮޅިގެން... އަހަރެން އަހަރެންގެ ބޮސްގެއަށް ފޮނުވައިލީ އަޝްރަފުގެ ފޯނުކޯލެއް އައުމުން. އޭނާބުނި، ސާރހުންނާނީ ވަރުބަލިވެފައޭ... ގެއަށް ފޮނުވާލައިށޭ..." ފަޔާޒުގެ ވާހަކަ މިހާހިސާބަށް ދިއައިރަށް ގޭތެރެ އަލިވެގެން ދިޔައެވެ. އަދި ކަންފަތަ އުނދަގޫވާޒާތުގެ ތޫނު އަޑެއް އިވެން ފެށިއެވެ.

ފަޔާޒުއާއި މިރާޒު އެމީހުންގެ ކަންފަތުގައި އަތް އެޅިއެވެ. ފަންޑިތަ ބޮޑުބެ ގޭތެރެއަށް ވަށައިގެން ބަލައިލިއެވެ. ބެއްޔާހުރީ ކިޔަވާލަ ކިޔަވާލައެވެ. ކުއްލިއަކަށް ގޭތެރެއިން މީހަކު ފާޅުވިއެވެ. އޭނާހުރީ ޕޮލިސް ޔުނީފޯރމުގައެވެ. އޭނާ ފަޔާޒުއަށް ގޮވައިލިއެވެ. އަދި ވަރަށް އަސަރުއެކުލެވިގެންވާ އަޑަކުން ބުންޏެވެ.

 " ފަޔާޒު..  ކަލޭ ކީއްވެ އަހަރެން އެކަމުގެ ތެރެއަށް ވައްޓައިލީ...؟ އަހަރެންގެ އަނބިމީހާ ހުވަފަތް ކޮށްލީ...؟ އަހަރެންގެ ދަރިންކޮޅު ޔަތީމުކޮށްލީ...؟ " އެހެންބުނުމާއެކުގައި ރޫހުގެ ގައިގެ އެތަން މިތަން ޒަހަމް ވާން ފެށިއެވެ. ރޫހު ހުރެގެން ހަޅޭލަވައެވެ. ޔުނީފޯރމު ލެއިން ތަތްތެޅިގެން ދިޔައެވެ. ފަޔާޒުއަށް ކުއްލިއަކަށް ހަނދާނަށް އައީ އޭނާގެ ބޮސް މަރުވި ދުވަހު ގެ މަތިންނެވެ. ޔުނީފޯރމުގެ ތަންތަން ހަލާކުވެފައިވަނީ ހަމަ އެއްދިމާއަކުންނެވެ. އެއް ޒަހަމް ތަކެކެވެ. ކުއްލިއަކަށް ރޫހު ގެއްލުނެވެ.

" ނޫން... ސާރ ... ތިހެން ނުބުނޭ... އަޅުގަނޑު އަބަދުވެސް ސާރއަށް ވަފާތެރިވަން... އަހަރެންނަކީ ވަފާތެރި ފުލުހެއް... އަހަރެން އަޝްރަފުއާދޭތެރެއަކު ހިޔެއް ނުކުރަން... ސާރއަށް ތިފަދަ އަނިޔާއެއް ދޭނެކަމަކަށް... " ފަޔާޒު ވަށައިގެން އެނބުރެމުން ހަޅޭލަވަމުން ދިޔައެވެ.

ކުއްލިއަކަށް ފަޔާޒުގެ ފުރަގަހުން ރޫހު ފާޅުވިއެވެ. "ކަލޭ އަހަރެން އެތަނަށް ފޮނުވީ...!" ރޫހު ހަޅޭ ލަވައިގަތެވެ.

ރޫޙްގެ ޢަމަލުތައް ހުރިގޮތުން މިފަހަރު ފަޔާޒުއަށް ހަމަލާއެއް ދީފާނޭކަން ފަންޑިތަބޮޑުބެއަށް ޔަޤީންވިއެވެ. ވަގުތުން އެކަމަށް ސަމާލުވިއެވެ. އަދި ރޫޙާދިމާލަށް ހުދުކުލައިގެ ފޮށާ ފޮޅައިލިއެވެ.

ރޫޙު އަނެއްކައިވެސް ގެއްލުނެވެ. ފަޔާޒު ހަޅޭލަވައިގަތެވެ. އަދި ވަރަށް ބާރަށް ގޮވަންފެށިއެވެ. " އަހަރެން ސާރއަކަށް ހަމަލާއެއް ނުދެން. އަހަރެން ސާރ ގެއަށް ފޮނުވާލީ އަޝްރަފު ބުނެގެން... އޭނާ ބުނީ ސާރ ހުންނާނީ ވަރުބަލިވެފައޭ... އަވަހަށް ގެއަށް ފޮނުވާލަދޭށޭ.... އޭނާ އެކަންކުރީ... ސާރ އޭނާއަށް ތިދިނީ ހައްޤުއަދަބެއް.."

އެއާއެކުގައި މުޅި ގޭތެރެ އަލިވެގެން ދިޔައެވެ. އަދި ފަޔާޒުއާ ނުހަނު ގާތުން ރޫޙް ފާޅުވިއެވެ. އަދި ކުއްލި ހަރަކާތަކާއެކުގައި ފަޔާޒުގެ އަތުގައި ހިފިއެވެ. ފަޔާޒުގެ ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ފަންޑިތަބޮޑުބެއާ ބެއްޔާއާ ދެމީހުން އެއްފަހަރާ އެދިމާލަށް ސަމާލުވެލިއެވެ. ނަމަވެސް ރޫޙުގެ ހަރަކާތް މާއަވަހެވެ.

ކުއްލިއަކަށް ފަޔާޒުގެ ގައިގާ ރޫޙް ބައްދާލިއެވެ. އަދި މަޑުމަޑުން ފަޔާޒުގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލިއެވެ. އެވަގުތު ފަޔާޒުއަށް ފެނުނީ ހިނިތުންވެފައިވާ އޭނާގެ ބޮސްއެވެ. " އައި ޕްރައުޑް އޮފް ޔޫ...! އެން އާލްސޯ އައި ބިލީވް ޔޫ.."

ރޫޙް ފަޔާޒުގެ ގައިން ދޫކޮށްލިއެވެ. އަދި ފަޔާޒުއާ ދުރަށް ޖެހިލިއެވެ. " އަހަރެންގެ މަޤުޞަދު މިހާރު ޙާސިލްވެއްޖެ. ފަޔާޒު ރަނގަޅު ވަފާތެރި ފުލުހަކަށް ވާތި. ފައިސާގެ ދަހިވެތިކަމަށް ދުވަހަކުވެސް ނުހެއްލޭތި. މިކަން އަހަރެން ޔަޤީންކުރަން. ފަޔާޒު.." އަދި ފަޔާޒުއަށް ސެލިއުޓުކުރިއެވެ. ފަޔާޒުވެސް ސާރއަށް ސެލިއުޓު އެރުވިއެވެ. އެއާރ އެކުގައި ރިހިކުލައިގެ މިނާ ފުއްތަކެއް ފަދައިން  އެސޫރަ ފުނޑުފުނޑުވިއެވެ. އަދި މައްޗަށް އަރައި ގޭތެރެއިން ނުކުމެއްޖެއެވެ. ގޭތެރޭގައި ތިބި އެހެން މީހުންވެސް އެތަނުން ބޭރަށް ނުކުތެވެ. އަދި ޖައްވުގެތެރެއަށް އެފުއްތައް އަރައިގެން ދާތަން ބަލަން ތިއްބެވެ.

-  ނިމުނީ -

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އޭނާ މެރި އެހެން މީހުންނޯ؟ ]:

– 17 މާރިޗު 2014 0