މާތްﷲ ހެއްދެވިތަކެއްޗާއި އިންސާނާގެ ސިކުނޑި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

މާތްﷲ ހެއްދެވިތަކެއްޗާއި އިންސާނާގެ ސިކުނޑި

މިދުނިޔޭއާއި ދުނިޔޭގައި ވާހާއެއްޗެއް ހެއްދެވީ މާތްﷲ ސުބުހާނަހޫ ވަތަޢާލާއެވެ. އަހަރެންމެން އިންސާނުންވެސް ހިމެނޭގޮތުންނެވެ. އަހަރެންމެ ދިރިދެމި އުޅެނީ އެކަނލާގެ ހެއްދެވިތަކެތީގެ ތެރޭގައެވެ. ބަރުދަނެއްނެތް ބައި-ނިއުކުލިއަރ އުންސުރުތަކާއި ، ބިޔަބޮޑެތި މަޑިކިލަނބުތަކެވެ. ލޮލަށް ނުފެންނަ ކުދިކުދި ޒައްރާތަކާއި ވަރުހެސަ ބޮޑެތި މަސްމަހެވެ. ތަރިތަކުގެ އެތެރޭގައިވާ ހޫނުގަދަ އޮޅަ އަލިފާނާއި، އިންތިހާއަށް ފިނި ކަނުއަނދިރި ފަޒާ އެވެ. އަހަރެމެންނަށް ފެންނަތަނާއި ، ނުފެންނަ ތަނެވެ. އަހަރެމެންނަށް އިހުސާސްވާ ހިސާބާއި އިހުސާސް ނުވާ، ނުފެންނަ ހިސާބެވެ. މިހުރިހާ ކަންތަކާއި ތަންތަނާއި ތަކެއްޗަކީ ހުރިހާ ކަމެއްގެ ފުރިހަމަކަމާއި ބާރާއި އިހުތިޔާރުގެ ވެރިފަރާތް މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވޮޑިގެންވާކަމުގެ ނިޝާންތަކެވެ. މިކާއިނާތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ހެއްދެހިހާތަކެއްޗެއްވަނީ އެކަތިކަތި އެނެއްކައްޗަށް ގުޅިލާމެހި ފައެވެ. އެތަކެއްޗަށް މާތްﷲ ޙަވާލުކުރައްވާފައިވާ މަސައްކަތް އެތަކެތި ފުރިހަމަކުރަމުންދަނީ ތެދުވެރިކަމާއި ޞުލްޙަވެރިކަމާއެކުއެވެ.

 

"އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ". (سورة النحل-3) އެހެންކަމުން މި ދުނިޔެއަށް ނަޒަރުކުރަމާތޯއެވެ. ދުނިޔެވަށައިގެންވާ ޕުލަނެޓްތަކާއި، ސޯލާސިސްޓަމްތަކާއި، މަޑިކިލަނބުތަކަށެވެ. އިރާއި ހަނދަށެވެ. ދުނިޔެ އުފެދިފައިވަނީ 7 ފަށަލައެއްގެ މައްޗަށެވެ. އެންމެ އެތެރެ ފަށަލާގައިވަނީ ދަގަނޑެވެ. އެއާއެކު ވިރިކެކޭ ދިޔާ ދަގަނޑާއި ލޮޔެވެ. މިދަތަކެތީގެ ބަރާއެކު ދުނިޔޭގެ ނާރެހުގައި ދުނިޔެ އެނބުރެމުން ސެނބުރެމުން ދާއިރާއިރު ދުނިޔޭގެ އެކިހިސާބަށް ތަފާތު މޫސުން ތަޖުރިބާކުރެއެވެ. ދުނިޔެވަށައިގެން ހަނދު ޚިދުމަތްކުރެއެވެ. އަހަރުދުވަހު ބަދަލެއް ނެތި އެވެ. މި ސޯލާސިސްޓަމްގައި އިރުވަށައިގެ ތަފާތު އޯބިޓްތައް ވެއެވެ. ފުރިހަމަކޮށް ނުހަނު ތަރުތީބުކޮށެވެ. ދިޔާ އަލިފާން ފަދަ އިރުގައި އަބަދުވެސް ގޮވާ ނިއުކުލިއަރ ގޮވުންތައްވެއެވެ. މިގޮވުންތައް ތަކުރާރުވާ ތާ ބިލިއަން އަހަރުވަނީ އެވެ. އަހަރެމެންގެ ސޯލަރސިސްޓަމް މިވާ ގެލެކުސީ އަށް ކިޔަނީ މިލްކީ ވޭ އެވެ. މިލްކީވޭ އެކުލެވިގެންވަނީ އެތައް ތަރިތަކެއްގެ މައްޗަށެވެ. ލާފާކުރެވޭގޮތުގައި މިލްކީވޭގައި 100 ބިލިއަނާއި 250 ބިލިއަން ތަރިހުރެއެވެ. މިތަރިތަކުގެ ދަރުވުމާއި މަސައްކަތް އިންސާނާގެ ސިކުނޑިއަށް ގެނެސް ވިސްނަން ދަތިވާނެއެވެ.

 

މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެން އިންސާނުންނަށް ބުއްދީގެ ނިއުމަތް،  ސިކުނޑި ދެއްވިއެވެ. ވިސްނާ ފިކުރުކޮށް ކަންކަމަށް ތަދަށްބުރުކުރުމަށެވެ. މާތްﷲ ހެއްދެވިތަކެތީގެ މައްޗަށް ވިސްނާފިކުރުކޮށް ހޯދުމަށް މާތްﷲ ރުހިވޮޑިގެންވެއެވެ. އެކަމުގެ ލާބަޔާ މަންފާ އަހަރެމެންނަށް އެތައްގޮތަކުން ލިބިއެވެ. އިންސާނާ އުފައްދާކޮންމެ އެއްޗެއް އުފައްދާފައިވަނީ މާތްﷲ ހައްދަވާފައިވާ މަހުލޫގުންގެ ސިފަތަކާއި އެތަކެތީގެ ޙަގީގަތުގެ މައްޗަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ، މިބިމުގައި ދަތުރުފަތުރުކޮށް އުޅުމަށް ، މާތްﷲ އަހަރެމެންނަށް އަންގަވައެވެ. މިކަމުގެ ސަބަބުން ޙަލްޤުކުރެވުނީ ކިހިނެއްކަން އަހަރެމެންނަށް އެނގިގެންދާނެކަމަށް ވެއެވެ. މިކަމަކީ އަހަރެންނަށް ފެންނަތަންތަނާއި ކަންކަން ހޯދާބެލެމަށް މާތްﷲ އަހަރެމެންނަށް ދެއްވާފައިވާ ދައުވަތެކެވެ. މިފަދަ ހޯދުންތަކުން އަހަރެމެންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ފަސޭހަވުމަށްޓަކައި ތަފާތު ތަކެކި އުފައްދައެވެ. ހަލްޤުކުރެވުނީ ކިހިނެއްކަން އެނގުނުވަރަކަށް ހެއްދެވިފަރާތާއި ކުއްތަންވެވޭލެއް ގާތްވާނެއެވެ.

"اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ." (ސައިންޓިސްޓުން ނެވެ) (سورة فاطر28) ސައިންސްގެ ހުރިހާ ގޮއްޕަކުން ގިނަމައުލޫމާތު ސައިންވެރިންނަށް ހޯދުނުހެން ސައިންސް ވެރިނަށް ގަބޫލުކުރެވެމުންދަނީ އެހާފުރިހަމަ އެއްޗެއް އުފެއްދުމަށް ކުޅަދުންވަންތަ ބާރުވެރިވަންތަ ފަރާތެއް ވާކަމެވެ. މިކަން އިހުސާސްކުރެވުނު ވަރަކަށް ކާއިނާތުގެ ވެރި ކުޅަދުންވަންތަ މާތްﷲ އާ ގާތަށް ވާސިލްވެވި އެކަލާނގެ އަށް ބިރުވެތިވެވެ އެވެ.

 

"އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ." (سورة البقرة 255) އަހަރެމެން ދައްކާވާހަކަ އެކަލާނގެ ދެނެވޮޑިގެން ވެއެވެ. ކުރާކަންތަކާއި ހިތަށްއަރާތަކެއްޗެވެ. އެކަލާނގެ އިންސާނާ ހެއްދެވިއެވެ. އިންސާނާގެ ސިކުނޑީގެ އަގު ބޮޑު މިޖަވާހިރުގެ ފެންވަރާއި މިންވަރާއި ފަންވަރު ދެނެވޮޑިގެންވެއެވެ. ސައިންވެރިން އާ ހޯދުންތައް ހޯދައެވެ. އިންސާނީ ޙަޟާރަތު ދުވަހެއް ދުވަހަކަށް ކުރިއަށްގެންދެއެވެ. ދިރިއުޅުން ފަސޭހަވާނޭ އާލާތް އުފައްދައެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. " އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ."(سورة البقرة 255) މިކަމަށް އަހަރެމެން ޝުކުރުވެރިވާން ޖެހެއެވެ.

 

ނަމަވެސް އިންސާނާގެ ސިކުނޑި ތަފާތު ދެ ގޮތަކަށް ބޭނުން ކުރެވިދާނެއެވެ. އިންސާނީ ދިރިއުޅުން ފަސޭހަކޮށްދޭނޭ އާއުފެއްދުންތައް ހޯދުމަށެވެ. އިންސާނީ ޙަޟާރަތު ފަނާކޮށް ނެތިކޮށްލުމަށެވެ. އެހީއާއި މަދަދަށް އެދި ދަންނަވަން ޖެހޭފަރާތަކީ މާތްﷲކަން ގަބޫލުކުރުމެވެ. އެކަލާނގެ ފިޔަވާ އެހެން ފަރާތެއް ގެ މަދަދަށް އެދުމެވެ. މާތްﷲ ވަޙީ ކުރެއްވި އެވެ. "އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ،ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭފަރާތްވެސް ނިކަމެތިވެގެންވެތެވެ. (73)"( سورة الحج) އެހެން ކަމުން އަހަމެން މާތްﷲ ފިޔަވައި އެހެން ފަރާތަކަށް އެދެންވީ ކީއްވެހެއްޔެވެ؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ