މާޒީ އަކީ މާޒީ

އަވި ބާރު ހޫނުގަދަ ދުވަހެކެވެ. މެންދުރުގެ އިރު  ރަސްކަން ކުރަމުންދިޔައީ އެއްވެސް ރަޙްމެއް ހަމްދަރުދީއެއް ނެތް ފަދައަކުންނެވެ. ނަފީސާ އިނީ ގޭގެ ބޮޑުކޮޓަރި ތެރޭގައި ފަންކާ ޖަހައިގެން ފިނިކޮށްލުމުގެ ނިޔަތުގަ އެވެ. ޓީވީއެމްގެ ދެއެއްގެ ޚަބަރުގެ ތެރެއަށް ފީނަމުންނެވެ. ޚަބަރުގެ ތެރެއިން އިވެމުން ދިޔައީ ކޮންމެވެސް ޒުވާނެއް ރަޙްމު ކުޑަގޮތަކަށް މަރާލިވާހަކަ އެވެ. އެއާ ވިދިގެން އިވެމުން ދިޔައީ ކަމާބެހޭ އެކިއެކި ވެރިންނާއި އިސްވެރިން އެ ޢަމަލު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔަ ވާހަކަތަކެވެ.

ނަފީސާގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ހާސް ކަމެކެވެ. އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ މޭނުބައި ކުރުމާއި ބޯ އެނބުރުމުގެ އަސަރުތަކެވެ. މީހާގެ މޫނު ފޮފަރުވެފައިވާލެއް ބޮޑުކަމުން އެކަމުގެ އަސަރުތައް ދެ ލޮލުން ހާމަވަމުން ދެއެވެ. ހަށްޓަށް ވެރިވަމުންދިޔަ އުނދަގޫތައް އިތުރުވަމުން ދިޔަ އެވެ. އެހެންވެ މޫނު މަތި ރަތްވަމުން ދިޔަ އެވެ. ކުލަ ބަދަލުވަމުން ނެވެ. ދާހިތްލާ ފޯވަމުންނެވެ. ދެ ލޯ ކުޑަވަމުން ކަނިވަމުންނެވެ. ނިވެމުން ދިޔަ ބައްތި އެއް ފަދައިންނެވެ. އޭނާ ހިތްވަރު ކޮށްފައި ތެދުވެލި އެވެ. ސޯފާގައި ދެއަތް ވިއްދާ ބާރުކޮށްލަމުންނެވެ. ލިބެމުން ދިޔަ ލޮޑުކަމުން ބަރުހެލިވެފައިވާ ހަށިގަނޑު ތެދުކޮށްލަމުންނެވެ. ކޮޅަށް ތެދުވެވުމާއެކު ކުރިއަށް ފިޔަވަޅެއް އެޅުނެވެ. ބަލައިލެވުނީ ދުޅަވެފައިވާ އޭނާގެ ފަޔަށެވެ. ފައި އައްސިވެފައިވާލެއް ބޮޑުކަމުން އެއްވެސް އިޙްސާސެއް ނުކުރެވުނެވެ. އޭނާއަށް ސޯފާގެ ހުރަސް ދަނޑިމަތީގައި އިށީނދެވުނީ ހަމަ ކިރިޔާއެވެ. އެއަށްފަހު މަޑުމަޑުން ދެ ފައި ކުރިއަށް ދަމާލި އެވެ. ފައިތިލައަށް ހަރަކާތެއް ގެންނަމުންނެވެ. ފަޔަށް ހީވަނީ ތިނޯސްތަކެއް ހެރެމުންދާހެންނެވެ.

"ކޮބައިތަ އެ ނަފީ... ނަފިއްތާ... ނަފިއްތާ... ކިހާވަރަކަށް ގޮވިއްޖެ... ހަމަ އަނގައިންވެސް ނުބުނެ އެބަ އިނެއްނު" ބޮޑުކޮޓަރި ތެރެއަށް ވަދެގެން އައި ޒުނޭރާ ހުއްޓުން އެރި އެވެ.

"ކިހިނެއްވީ... ރިއްސަނީތަ؟" ނަފީސާގެ މޫނުމަތިން ޒުނޭރާ މެސެޖުތަކެއް ދެނެގަތެވެ.

"ނޫން.. އައްސިވެގެން..." ވަރުބަލިވެ ލޮޑުވެފައިވާ ނަފީސާ ބަލައިލީ ޒުނޭރާގަ މޫނަށެވެ.

"އެކަމަކު ހީވަނީ ރިއްސާހެން... ޑޮކްޓަރަށް ދާން އުޅެންވީނު.."

"ނޫނޭ... އަދި ރިއްސާކަށް ނުވެޔެއްނު... އަދި މިއޮތީ އަށެއްގަ..."

ޒުނޭރާ ގޮތް ދޫނުކުރުމުން ނަފީސާ ކޮޅަށް ތެދެވެ ބަނޑުގައި ފިރުމާލަމުން އަލަމާރިއާ ދިމާއަށް މިސްރާބު ޖެހި އެވެ. މަޑުމަޑުންނެވެ. ދެފައި ދަމަމުން ކަހަލަ ގޮތަކަށެވެ. އަލަމާރިން ޖޫސް ފުޅިއެއް ނަގަމުން މޭޒުމަތިން ބިއްލޫރިތައްޓެއް ނަގައި ޖޫސް އަޅައި ޒުނޭރާއަށް ދިއްކޮށްލި އެވެ.

"އަހަންނަށް ހީވަނީ މިހާރު އެކަނި އުޅެވިއްޖެ ހެން... ހަނީފުބެ އަންނަންވާއިރަށް މަށަށް ހީވޭ ނަފިއްތަ ތިކަން ނިންމާނެހެން... އަޅެ އުނދަގުލެއް ނުވޭތަ އެކަނި..."

"އަލަކަށް ނޫނެއްނު... އެހެން ނޫނަސް އެހުރީނު މަގޭ ދޮށީ ދަރި ފަހުޒު..." ނަފީސާ ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ތިހެން ބުނީމަ މިހަނދާންވީ އެ ގުރޫޕުގެ ސޮރަކު މިއަދު ހައްޔަރުކޮށްފި... ބުނާތީ އިވޭ މަދަރުސާގެ ކޮންމެވެސް ޓީޗަރަކަށް ހަމަލަދީގެންނޭ... ނެތޯ އެއްވެސް އެއްޗެއް ނުކޮށާ... ބޫޓުގެ ނާޑުވާ އަށް ދަންދެން އޮތީ ކޮށާފަޔޯ... ނަސީބަކުން ފަހުޒު ނަމެއް ނުކިޔާ އެ ގޫރޫޕަކު... މިހާރު ސްކޫލު ދަރިވަރުންވެސް... ނޭގެނީ ކަންނޭނގެ އެކުދިންނަށް މިއަރައިގަނެވެނީ ކިހާވަރެއްގެ ކުށަކަށްކަން... އެހުންނަނީ ޖިނާއީ ބޮޑެތި ކުށްތައް... އާ އެހެންޏާފަހެ، މީހުންގެ މުދަލަކީ ހިތުހުރިހާ ގޮތެއް ހެދޭނެ އެއްޗެއް ނޫން... މިދިޔަ ހަފުތާގެ އެ މިސްގެ ގޭގެ ކާރަށް... ރޭގަ އެ ސަރއަށް... އެ މީހުން މައްސަލަ ޖައްސާ ނަމަ އެއިން ކޮންމެ ކުއްޖަކަށް އެލިބެނީ ކިހާ ބޮޑު ގެއްލުމެއް... އުމުރަށް ތަހައްމަލު ކުރަން ޖެހޭ ކިހައިބޮޑު ވޭނެއް..."

"ކީއްކުރާނީ އަހަރުމެންގެ މިރަށްވެސް ހަލާކާ ދިމާއަށް ދަނީ ކަންނޭނގެ... އަހަރެންވެސް ފިކުރު ބޮޑު މިވަނީ ތިކަމާ... ފަހުޒު އެ އުޅޭގޮތުން... ކިހާވަރަކަށް ނަސޭހަތް މިދެނީ... އަޑު އެހިއްޔާތާ... ކިޔަވަން ނޫޅޭތާ ސުކޫލަށް ދާނީވެސް ނަމަކަށް... ފިލާވަޅެއް ނުހަދައިގެން ސުވާލެއް ކޮށްފި ނަމަ އޮންނާނީ ކިޔަވައިދޭ މީހާ ގޯސްވެފަ..." ނަފީސާ މާޔޫސްކަން އިތުރުވަމުން ދިޔަ އެވެ.

ޒުނޭރާ ޖޫސްތަށި ހުސްކޮށްލުމަށްފަހު އަމިއްލައަށް ތަށި ދޮވެލާ މޭޒުމަތީގައި އެއަށް ޚާއްޞަކުރެވިފައިވާ ޖަގަހާގައި ބާއްވަމުން ހިނިތުންވެލި އެވެ.

"ދެން ދަނީ ކަމެއް ދަމެއް ޖެހިއްޖެ ނަމަ ގުޅާ... މިރޭވެސް އަންނާނަން... ހަނީފުބޭ ކޮންމެ ދުވަހަކު ގުޅާފަ ބުނާނެ ދައްތަގެ ހާލު ބަލަން އަންނާށޭ... ހުންނާނެ ވަރަށް މީރުކޮށް ކިރުގަރުދިޔަ ކައްކައިފަ... ގެނެސްދޭނަން އިނގޭ" ޒުނޭރާ ބޭރަށް ނުކުންނަށް ހިނގައިގަތް ވަގުތާ ފަހުޒު ގޭތެރެއަށް ވަން ވަގުތުވީ އެއްވަގުތަކަށެވެ.

"އެކޮއި ފަހުޒު... ދޮންތަ ވާހަކައެއް އެހިން އެ ތެދެއްތަ؟" ފަހުޒުގެ ކޮނޑުގައި ޒުނޭރާ ހިފައިލި އެވެ.

"ކޮން؟ ނޭނގެ؟" ފަހުޒު ބޭނުންވީ ކޮޓަރިއަށް ވަންނާށެވެ. ޒުނޭރާގެ ކިބައިން ސަލާމަތް ވުމަށެވެ. އޭރު ނަފީސާ ވެސް އެމީހުންނާ އަރާ ހަމަވަނީ އެވެ.

"އެ ތެދެއް ދަރިފުޅާ... އެ ދަރިފުޅުމެންގެ ކަމެއްތަ..." ނަފީސާ ފެންކަޅިވި އެވެ. ކަރުނަ ހިލިފައިވާ ދެ ލޮލުން ފަހުޒުގެ މޫނަށް ނަޒަރު ހުއްޓައިލި އެވެ.

"ތިޔަ ހަރުހުނުމުގެ މާނަ އަކީ އާއެކޭނުދޯ..." ޒުނޭރާގެ ރާގު ބަދަލުވީ ފަހުޒު އަނގައިން ނުބުނުމުންނެވެ.

"ކީއްވެތަ ދަރިފުޅު ތިގޮތަށް ތި އުޅެނީ... ކޮން އެއްޗެއް ނުލިބިގެންތަ... ބުނި ހުރިހާ އެއްޗެއް ހޯދައިދީ ބޭނުން ހުރިހާ ކަމެއް ކޮށްދީ ދަރިފުޅު ބޭނުންވި ނަމަ ބޭނުންވި ހުރިހާ ކަމެއް މިކޮށްދެނީ މަންމަމެން ލަދުގަންނަވަންތަ؟ ބުނެބަލަ... ވެހޭހާ ވާރެއްގަ، ދޭހާ އަތްވެއްގަ ބައްޕަ ކަނޑުމަތީ އެ ތެޅި ފޮޅެނީ ދަރިފުޅަށްޓަކައެއްނު... ރީތިހާ އަންނައުނު ލައްވާ އަގު ބޮޑެތި ފޯނާ ލެޕްޓޮޕާ ހޯދައިދީ ބޭނުންހާ ސާމާނެއް މި ހޯދައިދެނީ މަންމަމެން ލަދުގަންނަވަންތަ... ބަދަލުގަ މަންމަމެން އެދެނީ ކިޔަވާ މޮޅު މީހަކަށްވާކަށް ނޫންތަ... އެވެސް ދަރިފުޅަށްޓަކައެއްނޫންތަ... ބުނާނެ ދަރިން އުޅޭނީ މައިންބަފައިން އުޅޭ ގޮތަށޭ... ތީތަ މަންމަމެން ދިން ތަރުބިއްޔަތަކީ..." ނަފީސާގެ ކެތްތެރިކަން ކޮޅުންލި އެވެ.

"ކިޔާވާކުދިން ނުކުރާ އެތައް ކަމެއް ފަހުޒު މިހާރު ކުރަން ފަށައިފި... ދޮންތައަށް މިހާރުވެސް އެބަ އެނގޭ ތިޔައީ ކޮންތަނަކުން ކޮން ކަމެއް ކޮށްގެންކަން... މިހާރުވެސް ފަހުޒުގެ ގައިން ތިޔަ ދުވަނީ އެ ވަސް" ޒުނޭރާ ބަލައިލީ ފަހުޒުގެ މޫނަށެވެ. ކަޅުވެ އަނދާފައިވާ ދެ ތުންފަތަށެވެ. އަޑިވަދެފައިވާ ދެލޮލަށެވެ. ސޫތެއްވަރަށް ބޯދިއްކޮށްގެން ނުކުންނަން ނުކެރިފައި ތިބި ރަންކުލައަރާ އިސްތަށިތަކުން ފޮރުވިފައިވާ މޫނަށެވެ.

ފަހުޒު ރުޅިވެރިކަން ވެރިވަމުން ދަތްކުނޑި ވިކެމުން ދިޔަ އެވެ. ބާރުބާރަށް ފަހުޒަށް މުށްކަވާލެވުނެވެ. ދެލޯ ބޮޑުވަމުން ނިތްކުރިން ރޫއަރަމުން މޫނުގެ ކުލަ ބަދަލުވަމުން ދިޔަ އެވެ. އޭނާއަށް ކުރިއަށް ޖެހިލެވުނެވެ. ކޮޓަރީގެ ތަޅުގައި ހިފައިލެވުނެވެ. އަނގައިން ބުނެވިދާނެތީ އެތަނުން ސަލާމަތްވާށެވެ. ޒުނޭރާއަށާއި ނަފީސާއަށް ފުރަގަސް ދެމުންނެވެ.

"އިއްޔެވެސް އިބްރާހިމްބެ ބުނި ފަހުޒުމެން ގުރޫޕު އެ ދިމާ ތުނޑީގަ ކޮންމެވެސް އެއްޗެއް ޖައްސަން... ފުލުހުން ދިޔައީމަ ފިލީ އޭ... އަނެއްކާ ރޭ އެގޭ ދޮށުން ވެސް ތިޔަ ގުރޫޕު... ފަހުޒުވެސް އެތަނުން ފެނުނު މީހުން..." ޒުނޭރާ ކުރުކުރަމުން ބުރިކުރަމުން ވާހަކަ އަމުނައިލި އެވެ.

"އިބްރާހިމްބެ ވެސް ބުނި އެ ގުރޫޕު ކުރާ ހުރިހާ ކަމަކަށް ހިތްވަރުދީ އެކަންކަން ރާވާ މީހަކީ ފަހުޒޭ..." ޒުނޭރާގެ ބަސްތައްވީ ފަހުޒުގެ ކަންފަތަށް އަޅައިލެވުނު ހޫނު އަލިފާނަށެވެ.

އަޑުއަހަން ބޭނުން ނުވެ ހުއްޓާ ޖަހައިލެވުނު ހޮނު ގުގުރިއަކަށެވެ. އެހެންވެ އޭނާގެ ރުޅިވެރިކަން ފާޅުކުރެވުނީ ޢަމަލުންނެވެ. އެނބުރި ޒުނޭރާގެ މޫނު މައްޗަށް ހޫނު އެތިފަހަރެއް އަމާޒުކުރި އެވެ. އަދި ޒުނޭރާގެ ދަތްދޮޅީގައި ހިފައި ބާރުކޮށްލަމުން ބުނެލި އެވެ.

"ނޭނގޭވާހަކަ ނުދައްކާ މިހާރު މިގެއިން ނުކުމޭ!"

ނަފީސާއަށް މަންޒަރު ބަލަން ކެތެއް ނުކުރެވުނެވެ. އޭނާގެ އަމާޒަކަށްވީ ފަހުޒުގެ ކޯތާފަތެވެ. ބާރުބާރަށް ހޫނު އެތިފަހަރެއް ފަހުޒުގެ ކޯތާފަތަށް އަމާޒު ކުރި އެވެ. ފެންނަން ބޭނުން ނުވާ މަންޒަރެއް ފެނުމުންނެވެ. ފަހުޒަށް ލިބުނު ކުއްލި ސިހުމާއެކު އޭނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔަ އެވެ. އޭނާއަށް ހޫރާލެވުނު އަތްގޮސް ޖެހުނީ ނަފީސާގެ ބަނޑުގަ އެވެ. ބާރުބާރަށެވެ. އެއާއެކު ނަފީސާއަށް ލިބުނު ކުއްލި ސިހުމާއެކު ބަނޑުގައި އަތްއަޅައި ބިމަށް ތިރިވި އެވެ. ބާރުބާރަށް ހަޅޭ ލަވައިގަންނަމުންނެވެ. އޭނާއަށް ލިބެމުން ދިޔަ ވޭނުގެ ސަބަބުން ތެޅެންފެށުނެވެ. ރޮމުން ގިސްލަމުންނެވެ. އަޑުގެ ނެތްތަނަށެވެ. ކަނޑުންނަގައި އެއްގަމަށް އެއްލާލެވޭ މަހެއް ފަދައިންނެވެ. ތެޅެމުން ފޮޅެމުންނެވެ. ނަފީސާގެ ހަރަކާތްތައް ފެނުމުން ފަހުޒު ފުށްގަނޑަކަށް ބަދަލުވި އެވެ. އޭރު ޒުނޭރާ ނަފީސާއަށް ހޭހަން ކޮށްދެވޭތޯ އުޅުނެވެ. ގޭތެރޭގައި އަޑުގަދަ ވުމުގެ ސަބަބުން އަވަށްޓެރިއަކު ބޯދިއްކޮށްލި އެވެ.

ފަހުޒު ހުރީ ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލުގަ އެވެ. ކައިރީގައި ޒުނޭރާއާއި އޭނާގެ ފިރިމީހާ ޤާސިމާއި އެ އާއިލާގެ ދެ މީހަކު ތިއްބެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި މާޔޫސްކަމުގެ އަސަރުތަކެވެ.

"ވަރަށް އަވަހަށް އޭ ޕޮޒިޓިވް ލޭ ބޭނުންވޭ... އޮޕަރޭޝަނަށް ތައްޔާރުކުރަން... ބަލަދުވެރިޔާގެ ސޮއި..."

ނަރުސް ކުއްޖާވާހަކަ ދެއްކީ ޒުނޭރާއާ އެވެ. ހާސްވެ މާޔޫސްވެފައި ފަހުޒު ހުރީ ގަނޑުވެފައި ހުންނަ ފަދައިންނެވެ. ދުރުގައި ހުރި ގޮނޑިއަކަށް ފެތިގެންނެވެ. އެލިމޭލިވެފައެވެ.

ހިނދުކޮޅެއް ފަހެވެ. ތިއޭޓަރު ހުޅުވުނެވެ. ހުދު އަލިކަމެއް މޫނުމައްޗަށް ވެރިވި އެވެ. އެއަލިކަމުގެ ތެރެއިން ޑޮކްޓަރު ހާމަވި އެވެ. ޑޮކްޓަރު ހުރީ އިސްޖަހައިލައިގެންނެވެ. މާޔޫސްކަމުގެ އަސަރުތަކުން މޫނުމަތިވަނީ ތެމި ފޯވެފަ އެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން... ކާމިޔާބެއް ނުވި..."

ޒުނޭރާގެ މޫނަށް ބަލައިލަމުން ޑޮކްޓަރ އުގައިލް ހިތްވަރު ދިނެވެ. ޑޮކްޓަރުގެ ފަހަތުން ނަފީސާގެ ހަށިގަނޑު ނެރެނުނެވެ. ހުދު ފޮތިގަނޑަކުން ނިވައިކޮށްފަ އެވެ. ޒުނޭރާއަށް ކެތެއް ނުކުރެވުނެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން އޭނާ ތިރިވި އެވެ. ޤާސިމަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ފަހުޒަށް ވީ އެހެން ގޮތެކެވެ. ބުނާނެ ބަހެއް ކިޔާނެއެއްޗެއް ކުރާނެ ކަމެއް ނޭނގި ހުއްޓުން އެރީ އެވެ. ފެންނަމުން ދިޔަ މަންޒަރުތައް އެކުގައި ހުއްޓުނީ އެވެ. ކުދިކުދިން ތަންކޮޅުކޮޅުން އިރެމުން ވީދެމުން ދިޔަ މަންޒަރެއް ފަދައިން އޭނާއަށް މަންޒަރުތައް ސިފަވަމުން ދިޔަ އެވެ. އެއާއެކު ބާރުބާރަށް ހަޅޭލަވައި ގަނެވުނެވެ.

ކުއްލިއަކަށް ހޭވެރިވެވުނެވެ. ކޮޅަށް ތެދުވެވުނެވެ. ހުސްގަޔާ އޮތުމުން ހައިރާންވި އެވެ. ދެކޮޅަށް ނަޒަރު ހުއްޓާލަމުން ކައިރީ ތިބި އެންމެނަށް ނަޒަރު ހުއްޓާލިއެވެ. އެކިމީހުން އެކި ގޮތަށް ދެމިފަ އެވެ. ބޮވުނު އެއްޗެއްގެ ސަބަބުންނެވެ. އެންމެން ތިބީ ގުޅައަކަށް ވެށިފައި ކަހަލަ ގޮތަކަށެވެ. ގަމީސްތައް ކައިރީ ހުއްޓެވެ. ސިއްރުން ފަޅުގެއްގެ ތެރޭގައި ކުރިކަމެއް ކުރުމަށްފަހު ނިދުނީ ކޮން އިރަކު ކަމެއް ޚުދު ފަހުޒަކަށްވެސް ނޭނގެ އެވެ. އެމީހުން އެކަން ކުރީ އެމީހުންގެ އިސްލާމު މުދައްރިސަށް "ލަނޑެއް" ދިނުމަށް ރޭވި ރޭވުން ކާމިޔާބުވުމުން އެކަން ފާހަގަ ކުރުމަށެވެ. އެހެންވެ ފަހުޒަށް ވިސްނައިލެވުނީ އެ ފެނުނު ހުވަފެނާ މެދުގަ އެވެ.

 އޭނާ އެންމެ ލޯބިވާ މަންމައަށް އޭނާގެ ފަރާތުން ލިބުނު އަނިޔާއާ މެދު ގައެވެ. އެހާލުގައި އިންދަ އެވެ. ވިސްނުނެވެ. މައިންބަފައިން ވާ ޤުރުބާނީ އެވެ. ދަރިންނަށްޓަކައި އުފުލާ ވޭނާ ތުރާތަކެވެ. ބަދަލުގައި އެމީހުންނަށް ދެވެނީ ކޮން އެއްޗެއްތޯއެވެ. ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި އުޅުމަށްފަހު އެވަރަށް ބަލައި ބޮޑުކުރަން އެ އުފުލާ ތުރާތަކަށް ދެވޭ ބަދަލަށެވެ. އެމީހުންގެ އުއްމީދުތަކަށް ހަރާމް ކޯރުވެވުނީތީ ފަހުޒު ހިތުގައި ޖެހުނެވެ. އޭނާ އަޒުމު ކަނޑައެޅި އެވެ. ދެން އިތުރު ގޯހެއް ނުހެދެނީސް އިސްލާހްވުމަށެވެ. އާއިލާއަށް އިތުރުވާ ކޮއްކޮއަށް ނަމޫނާ ދައްކާނެ ބޭބެއަކަށް ވުމަށެވެ. މަންމަ ހިމާޔަތްކޮށްދޭނެ ދަރިއަކަށް ވުމަށެވެ. ނިދާމަރުވެފައިވާ އެ ސުންޕާ ރަހުމަތްތެރިންނާ އަލްވަދާޢު ކިޔަމުން ބުނެލި އެވެ.

"އަހަރެން ގޯސްކުރީ ކަލޭމެންނެވެ. ކަލޭމެން ތިޔައީ އިބިލީހަށްވުރެ މާ މޮޅު ބައެކެވެ. ދެން ކަލޭމެން ފަހަތުން އަހަރެން ނޫޅޭނަމެވެ. ކަލޭމެން އަހަރެން ފަހަތުން ނޫޅޭށެވެ. ނިމުނުކަމެއް ނިމުނީ އެވެ. މާޒީ އަކީ މާޒީ އެވެ. މާޒީ އެކަކަށްވެސް ރަނގަޅެއް ނުކުރެވޭނެ އެވެ. ކުރިއަށް މިދަނީ ނަމޫނާ ދަރިއަކަށް ވުމަށެވެ."

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބައެއްފަހަރަށް ހީވޭ ހަޤީޤަތެއްހެންވެސް. ޒުނާރާ އާއި ފަހުޒު. އިސްލާމް މުދައްރިސް. ލަނޑުދިނުން. ބޫޓުގެ ނާޑުވާ. މީ ހަޤީޤަތެއްތަ. ހަޤީޤަތެއްވިއްޔާ ކީއްވެތަ ހާދިސާ ބައިގާ ނުހިމެނީ؟

– 26 މާރިޗު 2013 0

މިއީ ޚިޔާލީ ވާހަކައެއް! ކުލާހުގައި ކިޔަވައިދިނުމަށް ބޭނުންކުރި ޕްލޮޓެއް ކުދިންގެ އެދުމަކަށް ވާހަކައަކަށް ބަދަލުކޮށްލީ.... ނަންތަކަކީ ހަމަ ޚިޔާލީ ނަންތަކެއް... ނަމަވެސް ރަށުގައި ހިނގާފައިވާ ބައެއް ހާދިސާތައް އަސްލަކަށް ބަލައިފައިވާނެ... =ފަތުޙުﷲ=

– 26 މާރިޗު 2013 0

ވަރަށް ރީތި... -އިރުއެރިއަސް-

– 14 ފެބުރުއަރީ 2014 0