މައި ކަޕް 2018: ކުއާޓަރ ފައިނަލްގެ މެޗުތައް މާދަމާ ފެށޭނެ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

މައި ކަޕް 2018: ކުއާޓަރ ފައިނަލްގެ މެޗުތައް މާދަމާ ފެށޭނެ

13 ޑިސެމްބަރު 2018 1

މި މަހުގެ 6 ވަނަ ދުވަހު ފެށި މައި ކަޕް 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައްނިމި ކުއާޓަރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުން ވަރުގަދަ ނަންތައް އަދި މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ޓީމުތަކުންވަނީ ޖާގަ ހޯދައިފައެވެ.

އެގޮތުން މާދަމާ ހަވީރު ކުޅެވޭ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ޖަންގަލް އަދި ޔުނައިޓެޑް ޔޫތަކީ ކުރީގެ ޗެމްޕިއަނުންނެވެ. 2015 ވަނަ އަހަރު، މައި ކަޕްގައި ވާދަކުރި އަލަތު އަހަރު ޔުނައިޓެޑް ޔޫތު ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ޖެހިގެން އައި 2016 ވަނަ އަހަރު ހިތްދަތި ގޮތަކަށް ޔުނައިޓެޑް ޔޫތު މުބާރާތުން ކެޓުމާއެކު 1 އަހަރުގެ މެދުކެނޑުމަކަށްފަހު ޓީމު ވަރުގަދަކޮށް މުބާރާތުގެ ތައްޓަށް އަމާޒު ހިފާފައިވާ ޔުނައިޓެޑް ޔޫތާ ދެކޮޅަށް މާދާމާގެ މެޗުގައި ނިކުންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަންގަލް ޓީމެވެ. މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރުމަށް ޖަންގަލް ނިކުންނައިރު އެޓީމުގެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ރަނގަޅު ފޯމެއްގައި ހުރުމެވެ.

މާދަމާ ރޭ ކުޅެވޭ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ސެންސިޓީއާ ދެކޮޅަށް ނިކުންނާނީ މި މުބާރާތުގައި އަލަށް ވާދަކުރާ ކުލަބު އިރަމާ އެވެ. ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ މިޓީމުގެ ތަޖުރިބާ މަދުނަމަވެސް އިދިކޮޅަށް ނިކުންނަ ޓީމަށް ވަރުގަދަ ޗެލެންޖެއް ދިނުމަށް ކުލަބު އިރަމާ އޮތީ ތައްޔާރަށެވެ. ކުލަބު އިރަމާއާ ދެކޮޅަށް ނިކުންނަ ސެންސިޓީ ވަނީ 2014 ވަނަ އަހަރު މުބާރާތުގެ ތައްޓާ ވަރަށް ކައިރިޔަށް ގޮހެވެ. ރީތި ހިތްގައިމު މޮޅު ކުޅުމެއް ދެއްކި ސެންސިޓީ ޓީމަށް މުބާރާތުގެ ތަށި އުފުލައިލަން ލިބުނު ފުރުސަތު އެ އަހަރު ގެއްލުނީ 1-1 ގެ ނަތީޖާއަކުން ފައިނަލް މެޗުގެ ދެވަނަ ހާފު ނިމެންދަނިކޮށް މާރަންދޫ ޒުވާނުންގެ ޖަމިއްޔާގެ ޙުސައިން ސިޔާމް ކާމިޔާބު ކޮށްދިން ލަނޑާއެކު 2-1 އިން ފައިނަލް މެޗުން ބަލިވުމުންނެވެ.

ޑިސެމްބަރ 15، ހޮނިހިރު ދުވަހު ހަވީރު ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި އަރާދުވާ ނިކުންނާނީ 2012 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އެންވީކޭ އާ ދެކޮޅަށެވެ. އެ އަހަރު އެންވީކޭ މުބާރާތުގެ ތަށި އުފުލާލީ އެޓީމުން މުބާރާތުގައި ވާދަކުރަތާވީ 5 އަހަރު ތެރޭގައި 3 ފައިނަލް ކުޅެ ބަލިވުމާއެކު، އެއިރު ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އައްސަދު ޢަލީ (އަޑުބަރޭ) ގެނެސް ޓީމު ވަރުގަދަކޮށް، އަޑުބަރޭ ހެދި ހެޓްރިކާއެކު 3-0 އިރުވެލި ފުޓްބޯޅަ ޓީމު ބަލިކުރުމަށްފަހު އެވެ. އެ އަހަރު އެންވީކޭ އަށް އިރުޝާދު ދިނުމަށް ކޯޗަކަށްހުރީ އިދިކޮށްޅަށް ނިކުންނަ އަރާދުވާ ޓީމުގެ މިހާރުގެ ކޯޗު ހަމްޒާ އިބްރާހީމް އެވެ. މައި ކަޕް ފުޓް ބޯޅަ މުބާރާތުގައި އަރާދުވާ ޓީމަށް އެންމެ ދުރަށް ދަތުރު ކުރެވިފައިވަނީ 2016 ވަނަ އަހަރު ސެމީ ފައިނަލާ ހިސާބަށެވެ. އެ އަހަރު އަރާދުވާ ޓީމުން ފައިނަލަށް ދިއުމަށް ކުރަމުން އައި އުއްމީދު ނިމުމަކަށް އައީ ސެމީ ފައިނަލްގައި 2-0 އިން މާރަންދޫ ޔޫތު ކޯޕަރޭޝަން އަތުން ބަލިވުމުންނެވެ. ނިމިދިޔަ 2017 ވަނަ އަހަރު އަރާދުވާ ޓީމުން މުބާރާތާ ކުރިމަތިލީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ހަމްޒާ އިބްރާހީމް ޓީމަށް ގެނެސް، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެވެސް ފާހަގަކޮށްލެވޭ ކުޅުންތެރިނާއެކު ޓީމު ވަރަށް ވަރުގަދަކޮށްގެންނެވެ. ނަމަވެސް ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް މުބާރާތާ ވަކިވާން ޖެހުމުން އަރާދުވާ މި އަހަރު މުބާރާތަށް ނިކުތީ މާޒީން އިބްރަތް ހާސިލްކޮށް އިތުރު ހިތްވަރަކާއެކު ކުޅެގެން މޮޅުވުމަށެވެ. އެޓީމުން މި އަހަރުގެ މުބާރާތުގައި ތަށި ނޫން އެހެން އެއްޗެއް ބޭނުމެއް ނުވާނެއެވެ.

ކުއާޓާ ފައިނަލްގެ ފަހު މެޗުގައި، ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ މުއްސަނދި ތާރީހެއް އޮތް މާރަންދޫއަށް ނިސްބަތްވާ ދެ ޓީމުކަމަށްވާ މާރަންދޫ ޔޫތު ސޮސައިޓީ އަދި މާރަންދޫ ޔޫތު ކޯޕަރޭޝަން އެވެ. 2015 ވަނަ އަހަރުގެ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މި ދެޓީމުގެ ކުރިމަތިލުމެއްވަނީ ފެނިފައެވެ. ޕެނަލްޓީ ޖަހައިގެން 4-5 އިން އެ މެޗް ކާމިޔާބުކުރީ މާރަންދޫ ޔޫތު ސޮސައިޓީއެވެ. ނަމަވެސް ފައިނަލްގައި މާރަންދޫ ޔޫތު ސޮސައިޓީވަނީ ޔުނައިޓެޑް ޔޫތު އަތުން ބަލިވެފައެވެ. ޖެހިގެން އައި 2016 ވަނަ އަހަރު މާރަންދޫ ޔޫތު ކޯޕަރޭޝަންވަނީ ފައިނަލަށް ދަތުރުކޮށް ނިކަ ޓީމު އަތުން ބަލިވެފައެވެ. އަދި ނިމިދިޔަ 2017 ވަނަ އަހަރު މާރަންދޫގެ ބީއެސްއެސްސީ (ބަނޑޭރި ސްޓަރ ސްޕޯޓްސްކުލަބު) ފައިނަލުގައި ކުޅެ ޖަންގަލް އަތުންވަނީ ބަލިވެފައެވެ.

އެހެންކަމުން 2013 ވަނަ އަހަރުން ފެށިގެން މާރަންދޫއަށް ނިސްބަތްވާ ޓީމެއް ފައިނަލަށް ދަތުރުކޮށްފައިވާއިރު، މި 5 އަހަރު ތެރޭގައި މާރާންދޫގެ ޓީމެއް މުބާރާތުގެ ތަށި އުފުލާލައިފާ ވުމުން މުޅި މާރަންދޫވެސް މި އަހަރުގެ ތައްޓާމެދު ކުރާ އުއްމީދު ބޮޑުވާނެއެވެ.

ކުލަބު ޕޯލްސްޓަރ އިން މައި ކަޕް ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރަން ފެށިފަހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް:

2012: އެންވީކޭ (އިރުވެލި ފުޓްބޯޅަ ޓީމު ބަލިކުރުމަށްފަހު)

2013: ޖަންގަލް ޑާކު ޕޮއިންޓް (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ ބަލިކުރުމަށްފަހު)

2014: މާރަންދޫ ޒުވާނުންގެ ޖަމިއްޔާ (ސެންސިޓީ ބަލިކުރުމަށްފަހު)

2015: ޔުނައިޓެޑް ޔޫތު (މާރަންދޫ ޔޫތު ސޮސައިޓީ ބަލިކުރުމަށްފަހު)

2016: ނިކަ (މާރަންދޫ ޔޫތު ކޯޕަރޭޝަން ބަލިކުރުމަށްފަހު)

2017: ޖަންގަލް (މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސްކުލަބު ބަލިކުރުމަށްފަހު)

މައިކަޕް 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

2012 ވަނަ އަހަރު މައިކަޕް މުބާރާތް ބޭއްވީ އިހަވަންދޫ ސްޕޯޓްސް ކުލަބް އިން... ޕޯލްސްޓާރ އިން ބޭއްވި ފުރަތަމަ މުބާރާތް ކާމިޔާބު ކުރީ ޖަންގަލް ޑާރކް ޕޮއިންޓް އިން

– 13 ޑިސެމްބަރު 2018 0