މައި ކަޕް 2018: މުބާރާތުގެ ތަށި އުފުލާލުމަށް މިހުރީ ކެތްމަދުވެފަ - ސާނިއު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

މައި ކަޕް 2018: މުބާރާތުގެ ތަށި އުފުލާލުމަށް މިހުރީ ކެތްމަދުވެފަ - ސާނިއު

20 ޑިސެމްބަރު 2018 1

ސާނިއު (ވ) މިރޭގެ މެޗަށް ނިކުންނަނީ މުބާރާތުގެ ތަށި އިހަވަންދޫގައި ބެހެއްޓުމުގެ އަޒުމުގަ. ފޮޓޯ: އޭއެސްޕީ

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނައިރު ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ޓީމު މޮޅުކޮށްދޭ ލަނޑުޖަހައި މުބާރާތުގެ ތަށި އުފުލާލުމަށް ކެތްމަދުވެފައި ހުރިކަމަށް ޖަންގަލް ޓީމުގެ އިތުބާރު ފޯވާޑު ސާނިއު ބުނެފިއެވެ.

ސެމީ ފައިނަލުގައި ކުލަބު އިރަމާއަތުން 1-0 އިން ބަލިވަން ދަނިކޮށް ޖަންގަލް ޓީމު އެހާސްކަމުން ސަލާމަތްކޮށްދިން މުހިންމު ގޯލް ޖަހައިދިން ސާނިއު "އިހަވަންދޫ.ކޮމް" އަށް ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުން މޮޅުވުމުގެ ވަރުގަދަ އަޒުމުގައި ކަމަށާއި ފަހުވަގުތާ ހަމައަށް ހިތްވަރުކުރާނެ ކަމަށެވެ.

12 އަހަރުވީ މައި ކަޕްގެ ތާރީހުގައި ތަފާތު އެކި ޓީމުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސާނިއު ބުނީ ފައިނަލް މެޗަށް ނިކުންނައިރު އޭނާހުރީ އުފަލުން ކަމަށާއި މުޅި ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. "މި މުބާރާތުގަ ވަރަށް ގިނަ ޓީމުތަކަށް ކުޅެވިއްޖެ. މިހާ ފުރިހަމަކޮށް ޓީމުގެ ކުޅުންތެރިންނާމެދު ކަންތައްތައް ކޮށްދިން ޓީމަކާ އަދި ދިމައެއްނުވެ" ޖަންގަލް ޓީމާމެދު ސާނިއުގެ ހިތުގައި އުފެދިފައިހުރި އިހްސާސްތައް ހިއްސާކުރީ މިގޮތަށެވެ. އޭނާ އިތުރަށް ބުނީ ހުރިހައި ގޮތަކުންވެސް ޖަންގަލް ޓީމު ފުރިހަމަ ކަމަށާއި މިރޭގެ މެޗުން މޮޅުވުމަށް ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބޭނެކަމަށް ޔަޤީންކުރާ ކަމަށެވެ.

2015 ވަނަ އަހަރު ޔުނައިޓެޑް ޔޫތާއެކު އަދި 2017 ވަނަ އަހަރު ޖަންގަލް ޓީމާއެކު މައި ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސާނިއުގެ އުއްމީދަކީ މިރޭގެ މެޗުން މޮޅުވެ ތިންވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލައިލުމެވެ. އަދި ޖަންގަލް ޓީމުގެ ނަމުގައި ކުޅުނު ނަމަވެސް މިރޭ ތަމްސީލުކުރަނީ މުޅި އިހަވަންދޫ ކަމަށާއި ރަށަށް ރީތިނަމެއް ހޯދައިދީ މައި ކަޕްގެ ތަށި ރަށު ފަސްގަނޑުގައި ބެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ސާނިއު ބުންޏެވެ.

މައި ކަޕް 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 20:15 ގައި އިހަވަންދޫ ހުރަވީ ދަނޑުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Mimubaaraathugai saanty ah jehunee kithah goal the? Fono kandaairu

– 20 ޑިސެމްބަރު 2018 0