މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު : އިމަގު

18 މާރިޗު 2017 0

އަލްޔާން އަށް އެހީ ހޯދުމަށް މާލޭގައި ހިންގި ހަރަކާތްަތަކުގެ ތެރެއިން. ފޮޓޯ އިމަގުފޭންސް ފޭސްބުކުޕޭޖް

އަލްޔާން އަށް އެހީވުމަށް އިމަގު ޖަމިއްޔާއިން ހިންގި ޕުރޮގުރާމުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އިމަގު ޖަމިއްޔާއިން ބުނެފި އެވެ.

"ހެލްޕު އަލްޔާން" ފަންޑަށް ލިބުނު ފައިސާ އަލްޔާންގެ އާއިލާއަށް ހަވާލު ކުރުމަށްޓަކައި ރޭ އިމަގުވެހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އިމަގު ޖަމިއްޔާގެ ރައީސް އަލްފާޟިލް މޫސާ ޢަލީ ވިދާޅުވީ އަލްޔާން އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލި ޕުރޮގުރާމަށް "މާލެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. މާލޭގަ ދިރިއުޅެމުންދާ އިހަވަންދޫގެ ޒުވާނުން ރެއާ ދުވާލު މަސައްކަތް ކޮށްގެން ވަރަށް ބޮޑު އެހީތެރިކަމެއް ހޯދާފަ" ވާކަން ފާހަގަ ކުރައްވައި އިތުރަށް ވިދާޅުވީ " މިދަނޑިވަޅުގަ އަޅުގަނޑުމެން އެފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން. އެފަރާތްތަކުން އަމިއްލައަށް އިސްނަގައިގެން، ވަކި މީހަކު އިސްތިސްނާ ނުވެ ހުރިހާ އެންމެންވެސް ވަރަށްފޯރިއާ ޖޯޝާއެކީގަ ރޭގަނޑާއި ދުވާލު" މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިމަގުޖަމިއްޔާއިން ރޭގެ ރަސްމިއްޔާތުގައި ހާމަކޮށްފައިވާ ގޮތުގައި މިޑުޓާރމު ބުރޭކާ ދިމާކޮށް އަލްޔާން އަށް އެހީވުމަށް އިމަގުޖަމިއްޔާއިން ހަރަކާތްތަކެއް ހިންގުމަށް ނިންމައި އެހަރަކާތްތައް ފެށުމާއި ހަމައަށް ފަނޑުފޮށިތަކެއް ބަހެއްޓުމަށް ނިންމި ނަމަވެސް މާލޭގައި އެހާބޮޑު ހަރަކާތްތަކެއް ގެންދިއުމަށް ކުރިން ވިސްނާފައި ނެތްކަމަށެވެ. އެހެންނަމަވެސް، މާލޭގަ އުޅުއްވާ އިމަގުގެ ބޭފުޅުންނާއި އެކަން ހިއްސާކުރި ހިސާބުން މިޕޮރުގުރާމަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނުކަން އިމަގުން ފާހަގަ ކުރެއްވިއެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަޢުދުﷲ އަޙުމަދު ވިދާޅުވީ "ހަގީގަތަކީ، އަޅުގަނޑުމެން ހީނުކުރާވަރަށް، މާލޭގަ ތިބި އިހަވަންދޫގެ ރައްޔިތުންގެ ސަޕޯޓު މިކަމަށް ލިބިގެންދިޔަ"  ކަމަށެވެ. "އިންސާނިއްޔަތަށްޓަކައި ނުކުމެ، މާލޭގަ ތިބި ހުރިހާ އިހަވަންދޫގެ ރައްޔިތުންކަހަލައިން މިކަމުގައި ހަރަކާތްތެރި" ވެފައިވާ ކަން ސައުދުﷲ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން މިހަރަކާތްތަކުގައި އުޅުއްވި އެންމެހާ ބޭފުޅުންނަށް އިޖުމާއީ ގޮތެއްގައި އިމަގުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައި ވާއިރު، މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކުގެ ނަންތައް އިމަގުން ރޭވަނީ ފާހަގަ ކުރައްވައިފައެވެ. އެއީ، ޢަދުނާނު މުޙައްމަދު. އަންނާރުމާގެ، ހަސަން ޝަމާމް. ކޮށިތެރޭގެ، ހާމިދު ރަޝީދު. ރަހުމާނީޔާ، މޫސާ ޝަފްރާޒު، ސަމީނާމަންޒިލް، މުހައްމަދު ޒާހިރު. އިރަމާގެ، މުޙައްމަދު ފިރާޒު. ފުރައްދަގެ، ޢަބުދުލްމާނިޢު ހުސައިން. އަންބަރީގެ،މުޙައްމަދު އަބުދުއް ލަތީފް ބުލޫ ހައުސް، ފާތިމަތު ޝާއިރާ. އޯކިޑުމާގެ އަދި ޔުމްނާ އަޙްމަދު. ހިޔަލީބާޣު ގެ އެވެ.

މާލޭގައި ހިންގި ހަރަކާތްތަކުން ހޯދުނު 93680 ރުފިޔާ އާއި 856 ޑޮލަރު، 5 ޔޫރޯ އަދި 2 ސިންގަޕޯރ ޑޮލަރ އާއި އެކު ޖުމުލަ 125328 ރުފިޔާ 57 ލާރި ރޭ ވަނީ އަލްޔާންގެ އާއިލާއަށް ހަވާލުކޮށްފައެވެ. 

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ