މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން އެއްތަނަކަށް އެއްވަނީ! — Ihavandhoo.com

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން އެއްތަނަކަށް އެއްވަނީ!

29 ޖެނުއަރީ 2016 0

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން އެއްތަނަކަށް އެއްވަނީ ނުވަތަ އެއްވާންވީ ކީއްވެބާވައެވެ؟ އަނެއްކާ ޒުވާނުން މުޒާހަރާއެއް ކުރަން އުޅެނީ ހެއްޔެވެ؟ ނުވަތަ ހަލުތާލެއް ކުރަން އުޅެނީ ހެއްޔެވެ؟ އެފަދަކަމެއް އިހަވަންދޫގެ ޒުވާނުން ކޮށްފާނެ ހެއްޔެވެ؟ މިއީ ހައްތާވެސް ތިބާގެ ހިތުގައި އުފެދޭނެ ސުވާލު ތަކެވެ.

ކޮންމެ އަހަރެއްވެސް ފެށުމާއެކު މާލޭގައި ދިރިއުޅޭ ޒުވާނުން އެންމެ ބޮޑަށް އިންތިޒާރުކުރާ ކަމަކީ ކޮބައިބާވައެވެ. އަދި އެކަމެއްގެ ވާހަކަ އެންމެގިނައިން ދެކެވޭ ކަމަކީ ކޮބައިބާވައެވެ. އާދެ، އެއީ އައިކްލަބް ވަންޑޭކަޕޭ ބުނުމަކުން ކުށަކަށްނުވާނެއެވެ. ތިބާގެ ސުވާލުތަކަށް މިހާރު ޖަވާބު ލިބިއްޖެކަމަށް އުއްމީދުކުރަމެވެ.

އާދޭހެވެ. އަޅުގަނޑު ދައްކަން މިއުޅެނީ މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން، އެފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެންމެން އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ބާއްވާ "އައިކްލަބު ވަންޑޭ ކަޕް" ގެ ވާހަކައެވެ. މިމުބާރާތް ފާހަގަ ކުރެވެނީ މާލެގައި ދިރިއުޅޭ އާއިލާތަކުގެ މެމްބަރުން ފެނިދެނިވެ، އެކަކު އަނެކަކަށް އެނގި ރަހުމަތްތެރިވުމުގެ މާހައުލެއް އުފައްދައިދޭ މެދުވެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އިހަވަންދޫ ޒުވާނުންގެ މެދުގައި، ކުޅިވަރުގެ ރޫޙު އާލާކުރުމަކީވެސް މިމުބާރާތް ބޭއްވޭ އެއް މަޤްޞަދެވެ. އަދި މިމުބާރާތް ފާހަގަކުރެވެނީ މާލޭގައި ދިރިއުޅެމުން އަންނަ އިހަވަންދޫގެ ޒުވާނުންނަށް އަހަރަކު އެއްފަހަރު އަންނަ ކުޅިވަރުގެ ޢީދެއްގެ ގޮތުގައެވެ. މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން އެއްތަނަކަށް އެއްވާ އެވުމެއްގެ ގޮތުގައި މިމުބާރާތް މާނަކުރެވެނީ މިސަބަބުތަކަށްޓަކައެވެ.

މާލެގައި ދިރިއުޅޭ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު އައިކްލަބުން އިސްނަގައިގެން ކުރިއަށްގެންދާ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ "ޕޮއިސް" އެވެ. މިމުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް، މުބާރާތް އިންތިޒާމްކުރާ ކޮމިޓީން މަޢުލޫމާތުދެއެވެ. މިއީ މިމުބާރާތް މެދުނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ. މިމުބާރާތް އެންމެ ފުރަތަމަ ކުރިއަށް ގެންދެވިފައިވަނީ 2008 ވަނަ އަހަރުއެވެ. ފުޓްސަލްގެ އާންމު ޤަވާޢިދަށް ޢަމަލުކުރާގޮތަށް ބާއްވާ މިމުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ 5 ވާ ހުކުރު ދުވަހު، ހެންވެއިރު ޕީކެ ފުޓްސަލް ގްރައުންޑްގައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ މުބާރާތަށް ޓީމް ހެދުމުގެ ފުރުޞަތު މާލެގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންނަށް ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.

"އަޅުގަނޑުމެން މިމުބާރާތް ކުރިއަށްގެންދާތާ މިއީ 9 ވަނަ އަހަރު. ހަޤީގަތުގަ މިމުބާރާތް ކުރިއަށްދަނީ ވަރަށް ފޯރީގައި. މިމުބާރާތް ކާމިޔާބު ކަމާއެކު  ކުރިއަށް ގެންދެވެނީ މާލޭގައި ދިރިއުޅޭ ހުރިހާ ޒުވާނުންގެ އެއްބާރުލުން ލިބިގެންކަން ފާހަގަ ކުރަން. އަދި މިމުބާރާތް ކުރިއަށް ގެންދިއުމަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ހާއްސަކޮށް  ވޭތުވެދިޔަ  އަހަރުތަކާއި މިއަހަރުގެ މުބާރާތުގެވެސް މެއިން ސޮޕޮންސަރ ދެއްވާ "ޕޮއިސް" ގެ ނަން ފާހަގަކޮށްލަން. އިރާދަކުރެއްވިއްޔާ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އަހަރުތަކުގަވެސް މިމުބާރާތް ކުރިއަށް ގެންދާނަން." މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއަރ އަލްފާޟިލް ޢަލީ ޝަރީފް މިނޫހަށް މަޢުލޫމާތު ދެމުން ބުންޏެވެ.

މިފަހަރުގެ މުބާރާތަކީ ޗެމްޕިންޓީމަށް 3000/- (ތިން ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ހުށައަޅައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާޢިދު އައިކްލަބުގެ ރަސްމީ ފޭސްބުކް ގްރޫޕުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިންތިޒާމްކޮމިޓީން މަޢުލޫމާތުދެއެވެ. މިމުބާރާތުގެ "ޗެމްޕިއަން ޓީމު"ގެ އިތުރުން ކޮންމެ މެޗެއްގެ "މޭން އޮފް ދަ މެޗް" ، "މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ" އަދި "މުބާރާތުގެ މޮޅު 5 ކުޅުންތެރިން" ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅޭނީ 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 08:00 ގެ ކުރިން ކަމަށް ހިންގާ ކޮމެޓީގެ ކޯޗެއަރ އަލްފާޞިލް މުޙައްމަދު ޢަބްދުލް ލަޠީފް މަޢުލޫމާތު ދެއްވައެވެ.

އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ