މަންމައާއި ކުޑަދަރިފުޅު – 8 އަދި 9 ވަނަ ހަފުތާ — Ihavandhoo.com

މަންމައާއި ކުޑަދަރިފުޅު – 8 އަދި 9 ވަނަ ހަފުތާ

15 އޮކްޓޫބަރު 2013 1

މާބަނޑު ދުވަސްވަރު، ކައްޓާއެކު ހަފައިގެން ކެވޭ ކުދިމަސް ކެއުމަކީ ވަރަށް މުހިއްމު ކަމެއް.

 ދަރިފުޅު:

ދަރިފުޅުގެ ބޮޑުމިން 1 އިންޗިއާ ގާތްކުރާނެއެވެ. ނުވަތަ ކުޑަތަންކޮޅެއް ބޮޑުވާނެއެވެ. ދަރިފުޅުގެ އުފެދުމަށް ބޮޑުބަދަލުތަކެއްއައިސް، ދަރިފުޅުގެ ސިފައިން އިންސާނީ ސިފަ އަންނަން ފަށާނެއެވެ. އިނގިލިތައް ސިފަވަން ފަށާނެއެވެ. ދަރިފުޅު ބަނޑުތެރޭގައި ފަރާތްފަރާތައް ޖެހިލަފާނެއެވެ. ނަމަވެސް، ދަރިފުޅުގެ މިޚަރަކާތްތައް އަދި ތިބާޔަށް އިޙްސާސެއް ނުވާނެއެވެ. ދެރަނުވާށެވެ. އަދި ހާއްސަ ދުވަސްތަކެއް ކުރިޔަށް އޮތީއެވެ.

ނަގުލެއްގެ ސިފާގައި ދަރިފުޅުގެ ގައިން ފާހަގަކުރެވުނު ބައި އެއްކޮށް ނެތިގެންދާނީވެސް، 9 ވަނަ ހަފުތާގައެވެ.  ވަރަށް ބާރު މިނެއްގައި ދަރިފުޅުގެ ހަށިގަނޑުގެ މަސްތަކާއި، ކަށިތައް އުފެދެންފަށާނެއެވެ.  ދަރިފުޅުގެ ލޮލުގައި، އޭގެ ޒާތީ ސިފަޖެހޭނެއެވެ. ނަމަވެސް، ލޯ ހުޅުވައި ނުހަދާނެއެވެ. ކަންފަތާއި އަނގައާއި، ނޭފަތާއި މޫނުގެ މަސްތައް ހަލުއިކަމާއެކުގައި ހެދެންފަށާނެއެވެ. ދެން ދަރިފުޅު ތައްޔާރުވާނީ ބޮޑެތި ޖިސްމާނީ ބަދަލުތަކަކަށެވެ.

މަންމަ:

އުނަގަނޑުމަތިން، ފަލަވަމުން ދިޔަނަމަވެސް، ތިބާގެ ބަނޑުބޮޑުކަމެއް ނުވަތަ ނޫންކަމެއް ދެނެގަންނަން އަދި ފަސޭހައެއް ނުވާނެއެވެ. ނަމަވެސް، އެކީގައި އުޅޭ މީހަކަށް (ހާއްސަކޮށް ފިރިމީހާއަށް) ތިބާގެ މޫނުމައްޗަށް އަވަސް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭނެއެވެ. ބައެއްފަހަރަށް ކަމަކަށް ނުވާކަމަކަށް ހިނިއަތުވެދާނެއެވެ. ކުޑަކުޑަކަމަކާ ރުޅިއަތުވެދާނެއެވެ. ހިތްދަތިވެ ރޮވިދާނެއެވެ. މިއީ، އާއްމުކަމެކެވެ. ނަމަވެސް، މިކަން ތިމާގެ ކޮންޓްރޯލުން ނައްޓާ ނުލާށެވެ.

ދަރިފުޅުގެ ކަށިތައް އުފެދެން ފަށާ ދުވަސްވަރުކަމަށްވާތީ، ކެލްސިއަމް ލިބޭ ކާތަކެތިމަތިން އެއްވެސް ހާލެއްގައި ހަނދާނައްތާލައިގެން ނުވާނެއެވެ. ޑޮކުޓަރ ކެއުމަށް ދީފައިވާ، ފެފޯއެލް އާއި ޝެލްކަލް ގަނޑިން ގަޑިއަށް ކާށެވެ. ބޭހުގެ ސަބަބުން އުނދަގުލެއްވާނަމަ ޑޮކުޓަރާ މަޝްވަރާ ކުރާށެވެ.

ކައްޓާއެކުގައި ހަފައިގެން ކެވޭ ކުދިމަސް، ކެއުމަކީ، ވަރަށް މުޙިއްމުކަމެކެވެ. (އެމުގެ އެކިއެކި ބާވާތްތަކާއި، ގުންބަޅަ ފާޑުގެ މަސްތައް ކައްޓާއެކުގައި ހަފައިގެން ކައިށެވެ). މީގެއިތުރުން، ޕްރޮޓީންސް ލިބޭ ކާނާއާއި، ފެހިކުލަގަދަ ފަތާއި، މޭވާއާއި ތަރުކާރީ އަބަދުވެސް މުޙިއްމުވާނެއެވެ. ނަމަވެސް، ތެޔޮގިނަ ބާވަތްތަކާއި، ފޮނިކާތަކެއްޗާ ދުރުވެލަންވާނެއެވެ. ސުޕާރީ، ޗުއިންގަމް ފަދަ ތަކެތި ކެއުން އެއްކޮށް ހުއްޓާލަންވާނެއެވެ. މޭނުބައިކުރާނަމަ، ފޯއް ފޮއްޗެއް ނުވަތަ ކަރަންފުލެއް ކައިލާށެވެ.

މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރެއްަސާއި ކުޑަދަރިފުޅު ދޯ!

– 15 އޮކްޓޫބަރު 2013 1