މަންމައާއި ކުޑަދަރިފުޅު – ބަލިވެ އިނުމުގެ ކުރިން — Ihavandhoo.com

މަންމައާއި ކުޑަދަރިފުޅު – ބަލިވެ އިނުމުގެ ކުރިން

3 އޭޕުރީލު 2013 7

ކޮންމެ ދެމަފިރިޔަކުވެސް، ކުއްޖަކު ހޯދުމުގެ ކުރިން ވިސްނަންޖެހޭ ކަންތައްތަކެއް ހުރޭ!

އަލަށް ބަލިވެ އިނުމަކީ، ތިމާކުރާ މުޅިން އައު ތަޖުރިބާއެކެވެ. ހަށިގަނޑަށް އަންނަމުންދާނީ، މީގެކުރިން ތިމާދެކެފައިނުވާފަދަ ބަދަލުތަކެކެވެ. ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. ނަފުސާނީ ގޮތުންވެސް މެއެވެ. އެހެންކަމުން މިފަދަ ބޮޑު ބަދަލަކަށް ތިމާ ކުރިމަތި ލުމަށްޓަކައި ތިމާ ތައްޔާރުތޯ ސުވާލުކޮށްލުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

މިސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ދާއިރާތަކެއް ކަނޑައަޅަމާ ހިނގާށެވެ.

ޖިސްމާނީ އަދި ސިއްޙީގޮތުން:

ސިއްޙީދާއިރާގައި ޚަރަކާތްތެރިވެލައްވާ ތަޖުރިބާކާރުން، ވިދާޅުވާ ގޮތުގައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުން އެންމެ ރަނގަޅު އުމުރަކީ، އަންހެނެއްގެ އުމުރުން 20 އަހަރާއި 25 އަހަރާ ދެމެދެވެ. 20 އަހަރަށްވުރެ ޅަ އުމުރެއްގައި ނުވަތަ 35 އަހަރަށްވުރެ މަތީ އުމުރެއްގައި ކުއްޖަކަށް ބަލިވެ އިނުމަކީ، ސިއްޙީގޮތުންބަލާއިރު، މައިމީހާ އަށާއި ދަރިފުޅަށް ރައްކާތެރިކަމެއްނޫނެވެ. އަދި ހަމައެހެންމެ މިކަމުގެ ސަބަބުން ދެމައިންނަށް ނުރައްކަލާ ކުރިމަތިވެދާނެއެވެ.

އަދި ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުކޮށްހުއްޓާ، ބަލިވެ އިނުމަކީ، ރައްކާތެރިކަމެއްނޫނެވެ. މިސާލަކަށް، ވިޓަމިނާއި، އަޔޮޑިން އަދި ފޯލިކް އެސިޑްފަދަ މުޙިއްމު މާއްދާތަށް، ފުރިހަމައަށް ހަށިގަނޑުގައި ހުރިތޯ ޗެކުކޮށްލުމަކީ ވަރަށް މުޙިއްމުކަމެކެވެ. އެހެންކަމުން ބަލިވެ އިނުމުގެ ކުރިން، ތިމާ ޑޮކުޓަރަކަށް ދައްކާ ބަލިވެއިނުމަށް ތައްޔާރުތޯ ބަލައިލުމަކީ ވަރަށްމުޙިއްމު ކަމަކެވެ. އެހެންނަމަވެސް، މިކަންކަމަށް ސަމާލުވަނީ ވަރަށް މަދުބައެކެވެ.

ދާއިމީ ބައްޔެއްގައިއުޅުން:

މިފަދަ ބަލިތަކުގެ ތެރެއިން އާއްމުކޮށް އަހަރެމެންގެ މުޖުތަމައުން ފެންނަ ބަލިތަކުގެތެރޭގައި، ހަކުރުބަލި، ތައިރޮއިޑުގެ މައްސަލަތައް، ފިޓްޖެހުން ހިމެނެއެވެ. މިފަދަ ބަލިތަކަކީ ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ފަދަ ބަލިތަކެވެ. އެހެންކަމުން ބަލިވެ އިނުމުގެ ކުރިން، ޑޮކުޓަރެއްގެ ލަފަޔާ އިރުޝާދު ވަރަށް މުޙިއްމުވާނެއެވެ. އެހެނީ، ބަލިވެއިނުމުން، މިފަދަ އަންހެނަކަށް ބަލިވެއިނުމަށްފަހު އަތުވެދާނެ ބަދަލުތަކާއި، ބަލީގެ ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް އެނގެންޖެހެއެވެ.

ވާރުތަވާ ބަލިތަށް ދެނެގަތުން:

ތެލެސީމިއާއޭ ބުނުމުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. އަދި މިބަލީގެ ސަބަބުވެސް އެނގޭނެއެވެ. ރާއްޖެއަކީ، މުޅިދުނިޔޭގައިވެސް، ނިސްބަތުން ބަލާއިރު، ތެލެސީމިޔާ ކެރިޔަރުން އެންމެ ގިނަ އެއްޤައުމެވެ. ވީމާ ތެލެސީމިޔާއިން ރައްކައުތެރިވުމަށްޓަކައި، ތިމާއާއި ތިމާގެ ހަޔާތުގެ ބައިވެރިޔާއަކީ، ކެރިއަރެއްތޯ ނުވަތަ ނޫންތޯ ބަލިވެއިނުމުގެ ކުރިން ބެލުން އެއީ ވަރަށް މުޙިއްމު ކަމެކެވެ.މިކަމާމެދުގައި ވިސްނުން އެންމެ ރަނގަޅީވެސް ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިންނެވެ.

މާލީ ތަނަވަސްކަން:

ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދަކީ ބޮޑު ޚަރަދެކެވެ. ދަރިޔަކު ލިބިއްޖެނަމަ މިޚަރަދުތައް ދެގުނަ ނުވަތަ ތިންގުނަވެގެން ދާނެއެވެ. މަދުފަހަރެއްގައި މެނުވީއެވެ. އެއްފަހަރާ ކުރަންޖެހޭ ޚަރަދު ބޮޑުވާނެއެވެ. ވިހެމުމާ ވިއްދާއިގެންނެވެ. ކުޑަދަރިފުޅަށް ބޭނުންވާ ސާމާނު ގަތުމަށެވެ. އަޤީޤާ ކަތިލުމަށެވެ. އަދި ހަމައެހެންމެ ބަލިވެ އިނުމާއި ވިހެއުމާއި ދެމެދުގައި ކުރަންޖެހޭ ޚަރަދަކީވެސް ވަރަށްބޮޑު ޚަރަދެކެވެ. ސިއްޙީ އިންޝުއަރެންސް ޕޮލިސީއެއް އަތުޖެހޭ ހިސާބުގައި އޮތަސް، ބޭނުންޖެހޭވަގުތެއްގައި މިޕޮލިސީ މަސައްކަތް ނުކޮށްފާނެއެވެ. އެހެންކަމުން ދެން ދާންޖެހޭނީ ޕްލޭން ބީ އަށެވެ. ޚަރަދުކުރަންޖެހޭނީ އަމިއްލަ އަތުންނެވެ.  އާދައިގެ ސިއްޙީމަރުކަޒެއް ހުންނަ ރަށަކުން، ހޮސްޕިޓަލަކަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލަކަށް ފުރަންޖެހިދާނެއެވެ. އެއީ ވަރަށްބޮޑު ޚަރަދެކެވެ.

މިފާހަގަކޮށްލެވުނީ ބައެއްކަންތައްތަކެވެ. މީގެއިތުރުންވެސް ސަމާލުކަންދޭންޖެހޭ މުޙިއްމު އަދި ކުދިކުދި ކަންތައްތަކެއް ހުންނާނެވެ.

  • - ގޭތެރެއާއި ގޯތިތެރޭގެ ސާފުތާހިރުކަން
  • - ރަށުތެރޭގައި އާއްމު ރޯގާއެއް ފެތުރިފައި އޮތް ދުވަސްވަރެއްނަމަ އެރޯގާގެ ހާލަތު
  • - ތިމާއަށް ރޯގާއެއް ނުވަތަ ހުމެއް ޖެހިފައިވާ ދުވަސްވަރެއްނަމަ އެބައްޔެގެ އަސަރު ދަރިފުޅަށް ކޮށްފާނެތޯ ނުވަތަ ނޫންތޯ
މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވ.ރަގަޅު.. މަހީކުރީ މަންމައާއި ކުޑަދަރިފުޅޭ ބުނީމަ މިވާނީ ޗޯކަކަށް ކަމަށް.

– 4 އޭޕުރީލު 2013 2

ވަރަށް ސަޅި ލިޔުމެއް. ވެލް ޑަން

– 4 އޭޕުރީލު 2013 0

އަދިވެސް ހަނީ. ތަންކޮޅެއް ފުޅާ ކޮށްލާ މަޢުލޫމާތު އިތުރުކޮށްލަންވީ. އޭރުން ވަރަށް ފުރިހަމަވާނެ

– 4 އޭޕުރީލު 2013 1

މާފުޅާކޮށް މަޢުލޫއަކާމެދު ވާހަކަދެއްކުމަކީ މީހުން ފޫހިވެދާނެކަމެއް. ހާއްސަކޮށް މިފަދަ ވަގުތުނުވެގެން އުޅޭ ޒަމާނެއްގައި. މިހާރު ލިޔަމުން ތިދާވަރު ރަނގަޅު. ސިއްހީ މަޢުލޫމާތުތަކެއްވީމާ ތެދު މަޢުލޫމާތު ވަރަށް ވިސްނައިގެން ލިޔުމަށް އެދެން. މިލިޔުން ވަރަށް ފުރިހަމަ އަދި އެހާމެ އަންޑާރސްޓޭންޑް ވޭ. ޝާޑް

– 5 އޭޕުރީލު 2013 0

އޯކޭ.

– 5 އޭޕުރީލު 2013 1

ދެން އަންނަ ބަޔަށް ކިޔާން ޖެހޭނީމަންމައާއި ކުޑަދަރިފުޅު - ބަލިވެ އިންނާނީ ކިހިނެއްއޮންނަންވާނީ ބަލިވެ އިނުމަށް ކުރަންޖެހޭ ކަންތައްތަކާއި މަސައކަތްތަކުގެ ވާހަކަ. ކަކަކަކަ

– 6 އޭޕުރީލު 2013 2

އަދި ތަންކޮޅެއް ތަފްސީލްކޮާށްލަންފެނޭ ނަފްސާނީބައި... ނަފްސާނީގޮތުން އެކިއެކި ޓްރައުމާތަކުގައި އުޅެމުން ބަލިވެއިނުމަކީ ޖިސްމާނީ ބައްޔެއްގައި އުޅުމަށްވުރެ ނުރައްކާތެރިކަމެއް، އަދި ޕުރިޕޮރެގްނެންސީ ސައިކޯސިސްއަށް ތައްޔާރުވުމަށް ނަފްސާނީގޮތުން ހެލްތްއެޑިއުކޭޝަންވެސް މުހިންމު.

– 6 އޭޕުރީލު 2013 0