މަންމައާއި ކުޑަދަރިފުޅު — Ihavandhoo.com

މަންމައާއި ކުޑަދަރިފުޅު

2 އޭޕުރީލު 2013 4

ރަނގަޅު މަޢުލޫމާތު ލިބިފައިވުމަކީ، ރައްކައުތެރިކަމަށްއެޅޭ ފިޔަވަޅެއް

ކައިވެނީގެ މަތިވެރިގުޅުން ލައްވަވާފައިވަނީ ވަރަށްމާތް މަޤުޞަދެއް ވެއެވެ. އެއީ ހަލާލުގޮތުގައި، އެއްކައުވަންތަ ﷲ ގެ ދަރިފަސްކޮޅު މިބިންމަތީގައި ދިރުވުމެވެ. ކައިވެނީގެ ހަޔާތަކީ، ދަނޑުބިމެއްގެ ގޮތުގައި ސިފަކުރެއެވެ. އެދަނޑުންލިބޭ ފޮނިމޭވާއަކީ، ދަރިންކަމުގައި ލެއްވިއެވެ.

އެހެންކަމުން، ކައިވެނީގެ މަތިވެރި ގުޅުމަށްފަހު ދެން އިންތިޒާރުކުރެވެނީ ދަރިއަކަށެވެ. ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައިވާ ދަރިއަކަށެވެ. ރަނގަޅު ސިއްހަތެއްގައި އެދަރިފުޅު ބޮޑުވުމަށެވެ. ރަނގަޅު މާތް އަހުލާގެއްގެ ވެރިއަކަށް ވުމަށެވެ.

ކޮންމެއަކަސް، ކިތަންމެ ބޭނުންވިޔަސް، އަދި ވަރަށްބޮޑަށް އެދެވުނަސް، އެކަމާމެދުގައި، ތިބާ ވިސްނަޖެހޭ ވަރަށްބޮޑު ކަމެއް އެބައޮތެވެ. އެއީތޯއެވެ؟ އާދޭހެވެ. ދުޅަހެޔޮދަރިއަކަށް ތިބާއެދޭނަމަ، ތިބާއާއި ތިބާގެ ދަރިފުޅުގެ ސިއްހަތާމެދު ސަމާލުވަންޖެހެއެވެ. މާބަނޑުވުމުގެ ކުރިންނެވެ. މާބަނޑު ދުވަސްވަރުގައެވެ. އަދި ވިހެއުމަށްފަހުގައިވެސް މެއެވެ.

މިކަމަށް ސަމާލުކަންދެވެނީ ތިބާއަށް ލިބިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ބިނާކުރަނިވި، ރަނގަޅު މަޢުލޫމާތުގެ އެހީގައި ތިބާއާއި ތިބާގެ ދަރިފުޅުގެ ސިއްހަތަށް ރަނގަޅު ދުޅަހެޔޮކަމެއް ގެނވިދާނެއެވެ. ނަމަވެސް، އަހަރެމެންނަށް އަދި ތިބާޔަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް، އަދި ދަތިއުނދަގޫ ކަމަކަށް އޮންނަނީ، މަޢުލޫމާތު ހޯދުމެވެ.

ނަމަވެސް، މިއީ އިންޓާރ ނެޓްގެ ޒަމާނެވެ. ފޮތްތައްވެސް ބައިވަރެވެ. އެހެނަސް، ހިތާމައަކީ، އަހަރެމެންގެ ބަހުން ލިޔެފައިވާ މަޢުލޫމާތުތައް މަދުކަމެވެ. "މަންމައާއި ކުޑަދަރިފުޅު" މިއީ ތިބާއާއި ތިބާގެ ދަރިފުޅަށް އެހީކަށް ވާނޭކަމަށް އުއްމީދުކުރަމެވެ.  މި މައިގަނޑު ލިޔުމުގެދަށުން އަޅުގަނޑު އަލިއަޅުވައިލާ ބަލައިލާން ގަސްދުކުރަނީ، މައަކަށް ވުމަށް ތައްޔާރުވަމުން އަންނަ، މީހަކަށް ނުވަތަ ދެމަފިރިއަކަށް، ބޭނުންވާނޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށެވެ. މާބަނޑުވުމުގެ ކުރިން ވިސްނަންޖެހޭ ކަންތައްތަކެވެ. މާބަނޑުވީންސުރެ، ވިހެއުމާހަމައަށް، ތިބާއަށާއި ތިބާގެ ދަރިފުޅަށް ކުރިމަތިވާނޭ ކަންތައްތަކާ މެދުގައެވެ. މާބަނޑުދުވަސްވަރު  ކުރިމަތިވާނޭ އެކިއެކި އުނދަގޫތަކެވެ. އެއުނދަގޫތަކާ ކުރިމަތިލުމަށް ކުރެވިދާނެކަންތައްތަކެވެ. ވިސްނަންޖެހޭ ކަންތައްތަކެވެ. ސަމާލުކަންދޭންޖެހޭ ނުކުތާތަކެވެ. ވިހެއުމަށް ތައްޔާރުވުމެވެ. ވިހެއުމަށްފަހުގައި ތިބާގެ ދަރިފުޅަށް ފުރިހަމަ ވާންޖެހޭ ކަންކަމެވެ. އެދަރިފުޅަށް ކާންދޭންޖެހޭ ކާނާއެވެ.

މާބަނޑުދުވަސްވަރުގެ އެންމެހާ ޚަރުފަތްތައް މިލިޔުމުގައި ގެނެސްދިނުމަށް އަޅުގަނޑު ގަސްދުކުރާ ހާލުގައި، "މަންމައާއި ކުޑަދަރިފުޅު" މިމައިގަނޑު ލިޔުމުގެ ދަށުން ކުރިއަށް ލިޔާ ކޮންމެ ލިޔުމެއްވެސް އަންނާނީ މިމައިގަނޑު ނަމާއެކުގައެވެ. މިސާލަކަށް "މަންމައާއި ކުޑަދަރިފުޅު – ބަލިވެއިނުމުގެ ކުރިން" މިގޮތަށެވެ. ބަލިވެއިނުމުގެ 9 މަސްދުވަހުގެ މުއްދަތުގެނެސްދިނުމަށް ގަސްދުކުރަނީ، ހަފުތާތަކަށް ބަހާލައިގެންނެވެ. މާނަކީ، ބަނޑަށް އެއްހަފުތާ، ދެހަފުތާ މިގޮތަށެވެ. ބައެއް ހާލަތްތަކުގައި ދެހަފުތާއެއްކޮށްލާފައެވެ.

ތިޔަކިޔުންތެރިންނާ ހަމައަށް މިމަޢުލޫމާތުތަށް ފޯރުކޮށްމިދެވެނީ މާތްﷲގެ ވާގިފުޅާއެކުގައި، ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ފަރާތްތަކެއްގެ އެހީތެރިކަމާވެސްއެކުގައެވެ. އިންޓާރނެޓްގެ ޒަރިއްޔާއިން މަޢުލޫމާތު ލިބުނުކަމުގައިވިއަސް، ކޮންމެހެން ސުވާލުކޮށްގެން ނޫނީ ކަށަވަރުކުރަންދަތިވި ބައެއް މަޢުލޫމާތުތަކާދިމާވިއެވެ. މިޚާލަތްތަކުގައާއި، މިލިޔުން ފައްކާކޮށް ތިޔަކިޔުންތެރިންނާހަމައަށް ގެނެސްދިނުމަށް އަޅުގަނޑަށް އެހީތެރިވެދިން ކަމުގެ މަޢުލޫމާތު ލިބިފައިވާ އެންމެހޭ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.

"މަންމައާއި ކުޑަދަރިފުޅު" މިމައިގަނޑު ނަމުގެ ދަށުން ލިޔުން ޝާއިއުކުރާނީ ހަފުތާއަކު އެއްފަހަރުއެވެ. އުއްމީދަކީ، ﷲ ގެ ވާގިފުޅާއެކުގައި ބަޔަކަށްފަހު ބައެއް ލިއަމުންގޮސް މިމައިގަނޑުމައުލޫގެ ހުރިހާ ބައިތަކެއް އަތުލުމެވެ. ތިޔަކިޔުންތެރިންގެ ކިބައިންއެދެނީ، ލިޔުމަށް ކުރިއެރުން ލިބޭނޭފަދަ ބިނާކުރަނިވި ފާޑުކިޔުމަށެވެ. ކުރިއަށްހުރި ބައިތަށް ކުރިއަށް ގެންދާނީ، ތިޔަކިޔުންތެރިންގެ ބިނާކުރަނިވި ފާޑުކިޔުމާއެކުގައެވެ. މާތް ﷲގެ އިރާދަފުޅާއެކު ކޮންމެ ހަފުތާއަކު އެއްފަހަރުއެވެ. އިންތިޒާރުކޮށްލައްވާށެވެ.

މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މައަކަށް ވުމަށް ތައްޔާރުވަމުން އަންނަ، މީހަކަށް ނުވަތަ ދެމަފިރިއަކަށް، ބޭނުންވާނޭ މަޢުލޫމާތު އެއީ އެންމެނަށްވެސް މިހާރު އެނގޭ އެއްޗެކެނއްނު

– 2 އޭޕުރީލު 2013 5

ެއިންޓާރނެޓްތަ ނޫނީ އިންޓަނެޓްތަ

– 2 އޭޕުރީލު 2013 0

އިންތިޒާރުގައި ތިބީމް.-ކުދިންކޮޅެއް-

– 2 އޭޕުރީލު 2013 0

އުއްމީދުކުރަން، ރަނގަޅު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް. އާއިލާރޭވުމާއި އެކަމުގެ މަޢުލޫމާތުގެނެސްދިނުންވެސް ވަރަށް މުޙިއްމު. ވަރަށްގިނަބަޔަކަށް ނޭނގެ އާއިލާ ރޭވުމަކީ، ސިއްހީމަރުކަޒުތަކުންދޭ ޚިދުމަތެއްކަމެއްވެސް. ލިޔުން ލިޔާ ފަރާތަށް ޝުކުރުދަންނަވަން.

– 3 އޭޕުރީލު 2013 1