މަންމައާއި ކުޑަދަރިފުޅު - 5 ވަނަ ހަފުތާ — Ihavandhoo.com

މަންމައާއި ކުޑަދަރިފުޅު - 5 ވަނަ ހަފުތާ


ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް ރަނގަޅުކާނާ ވަރަށް މުހިއްމު

ދަރިފުޅު:

ހަށިގަނޑުގެ ތެރޭގައި ދަރިފުޅު ރައްކާތެރިކަމާއެކުގައި ބޮޑުވަމުން ހެދެމުން ދެއެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު ހޭދަކުރާ ދުވަސްތައް ފާއިތުވަމުންދާވަރަކަށް ކުއްޖާގެ ކިބައިގައިވާ އިންސާނީ ސޫރާ ފުރިހަމަކުރައްވައެވެ. ބަނޑަށް ފަސް ހަފުތާ ފުރިހަމަވާއިރު، ދަރިފުޅު ސިފަކުރެވޭނީ ބޮއްތިލަ (ޓެޑްޕޯލް) އެއްގެ ސިފައިގައެވެ.

މިދުވަސްވަރުގެ ދަރިފުޅުގެ އެންމެ މުޙިއްމު ނިޒާމުކަމުގައިވާ ވިސްނުމުގެ ނިޒާމު އުފެދެންފަށައެވެ. ސިކުނޑިއަށް މެސެޖެ ފޮނުވައިދޭ ނާރުތައް އުފެދެން ފަށައެވެ. ހަމަމިއާ އެކުއެކީގައި، މިދުވަސްވަރުގައި، ދަރިފުޅުގެ ހަމުގެ ފަށަލާގެ ސެލްތަކާއި، އިސްތަށި އުފައްދައިދޭ ސެލްތަކާއި، ނިޔަފައްތި އުފެދުމަށް ބޭނުންވާ ސެލްތައްވެސް އުފެދެންފަށައެވެ.

މަންމަ:

މާބަނޑުވުމާއިގުޅުންހުރި، ތަކުލީފީ އަސަރުތަކެއް މިދުވަސްވަރު މައިމާހާ ތަޖުރިބާ ކުރަންފަށައެވެ. އުރަމަތީގައި ރިއްސުމާއި، ބަނޑުހަރުވުމާއި، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުންފަދަ ކަންތައްތަކެވެ. ބަނޑުތެރޭގައި އުފެދެމުންދާ ދަރިފުޅުގެ އެއްވެސް އަސަރެއް ހަށިގަނޑުގެ ބޭރުން ފެންނަންނުހުންނާނެއެވެ. އެންމެ މުހިއްމު އެއްކަމަކީ، ހަށިގަނޑުގެ ތެރޭގައިވާ ކުޑަކުޑަ ފުރާނައަށް ރައްކާތެރިވުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވާށެވެ. ކެފެއިން އެކުލެވޭ ބުއިންތަކާއެވެ. މިސާލަކަށް ގަހުވަ (ކޮފީ) އެވެ. ވާއެކުލެވޭ ބުއިންތަކާވެސް މެއެވެ. މިސާލަކަށް ކޯލާއެވެ. ކޮލެސްޓްރޯލް އެކުލެވޭ ކެއުންތަކާއިވެސް ވީހާވެސް ބޮޑަކަށް ދުރުހެލިވާށެވެ.

ބަލިވެ އިނުމުގައި ހުރިހާ މަރުހަލާ އެއްގައިވެސް ހަށިގަނޑަށް ހަކަތަ ބޭނުންވާނެއެވެ. ގޮވާމާއި ފަލަމަޑީގެ ބާވަތްތަކަކީ، ހަކަތައިގެ ބައިން މުއްސަނދިވެފައިވާ ކާނާގެ ބާވަތްތަކެވެ. ނުވަތަ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާތަކެވެ.

މާބަނޑު ދުވަސްވަރުގައި ހަށިގަނޑުގެ ލޭ ރަނގަޅު މިންވަރެއްގައި ހިފަހައްޓަން ޖެހެއެވެ. އަންހެނެއްނަމަ 11.5 އާއި 16.5 އާއި ދެމެދު އެޗްބީ ލެވެލް ހިފަހައްޓަން ޖެހޭނެއެވެ. މިކަމައްޓަކައި ކެއުމުގެ ތެރޭގައި މަހުމެއާއި ފެހިކުލަގަދަ ތަރުކާރީގެ ބާވަތްތަކާއި ތަފާތު ބާވަތް ބާވަތުގެ މަދު (މިސާލަކަށް ކަނަމަދު) ވީހާވެސް ގިނައިން ހިމެނުން މުހިއްމެވެ.

ގަވާއިދުން ބަރާބަރަށް ކަސްރަތުކުރާށެވެ. ދުވާލަކު 15 މިނިޓްގެ ދެވަގުތަށް ބަހާލައިގެން ނަމަވެސް، 30 މިނިޓަށް ހިނގާލުމަކީ މުޙިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. ހީވެސް ނުކުރާފަދަ ފައިދާތަކެއް ތިބާއަށާއި ތިބާގެ ބަނޑުގައިވާ މަޢުސޫމު ފުރާނައަށް ކުރާނެއެވެ. މާބަނޑުވުމުގެ ސަބަބުން ދިމާވާ އުނދަގޫތައް ކުޑަވެއެވެ. ގައިގާ ރިހުމާއި ބޮލުގައި ރިހުމެވެ. ހާސްވެ ކަންބޮޑުވުމުން މީހާ ދުރުކޮށް ދިނުމެވެ. ވިހެއުމުގެ ތަކުލީފުތައް ކުޑަކޮށް ދިނުމެވެ.

"ބައްޕަ"އަށް، ބުނެލަން އޮތީ "މަންމަ"ގެ މިކަމުގައި ހިނިތުންވުމާއެކުގައި ބައިވެރިވެލާށެވެ. އަތިރިމަތިފަދަ ގުދުރަތީ އަޑުތަކުން ހިތަށް ހަމަޖެހުންގެނެސްދޭފަދަ މާހައުލަކަށް ތިބާގެ ބައިވެރިޔާއާއި އެކުގައި ގޮސްލާށެވެ.

ދިމާވެދާނެ އުނދަގޫތަކާއި އެކަންތައްތަކާ ކުރިމަތިލުން:

މިހަފުތާގެ ތެރޭގައި އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި، ފާހަގަކުރެވެން ފަށާ އެއްކަމަކީ، ކާތަކެތީގެ ރަހަޔަށް ބަދަލުތަކެއް އައުމެވެ. ކުރިން ވަރަށް މީރު އެއްޗެއްގެ ގޮތުގައި، ވަރަށް ކާހިތުން ކޭ އެއްޗެއްގައި ވަރަށް ނުބައި ރަހައެއް ލާފާނެއެވެ. އަދި ހަމައެހެންމެ ކުރިން ވަރަށް ނުބައިއެއްޗެއްގެ ގޮތުގައި، ދެކުނު ކެއުމެއް ވަރަށް މީރުއެއްޗެއްކަމުގައިވެ، ވަރަށް ބޮޑަށް ކާހިތްވާއެއްޗެއްކަމުގައި އެއެއްޗެއް ވެގެން ހިނގާދާނެއެވެ. މިބަދަލު އަންނަނީ ހަމައެކަނި ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތަކަކުން އެކަންޏެއްނޫނެވެ. ރީތިވުމަށް ބެނުންކުރާ ބައެއް ކޮސްމެޓިކްސްގެ ބާވަތްތަކުންވެސް މިކަން ފާހަގަކުރެވޭނެއެވެ. މީ ވަރަށް އާއްމު ކަމެކެވެ. އަދި މިއީ މާބަނޑު މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއްވެސް މެއެވެ.

މިއީ ހަށިގަނޑުގައި އެކުލެވޭ ބައެއް ހޯމުންސްތަކަށް ބަދަލު އައުމުގެ ސަބަބުން ވާކަމެކެވެ. މިއީ އެއްވެސް ގޮތަކަށް ހާސްވެ ކަންބޮޑުވަންޖެހޭ މައްސަލައެއް ނޫނެވެ. އުނދަގޫވާ ބާވަތްތަކާ ދުރުވެލާށެވެ. ނަމަވެސް، ކާނާގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް ލިބެންޖެހޭ ބައިތަކަށް އުނިކަމެއް އަންނާނޭފަދަ ކަމެއް ނުކުރާށެވެ.

މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މާބަނޑު ދުވަސްވަރުގައި ހަށިގަނޑުގެ ލޭ ރަނގަޅު މިންވަރެއްގައި ހިފަހައްޓަން ޖެހެއެވެ. އަންހެނެއްނަމަ 11.5 އާއި 16.5 އާއި ދެމެދު އެޗްބީ ލެވެލް ހިފަހައްޓަން ޖެހޭނެއެވެ. ފިރިހެނުން މާބަނޑުވާނީ ކިހިނެއް؟

– 1 ޖޫން 2013 2

ފައްކަލޭ..

– 1 ޖޫން 2013 0

އަޕްޑޭޓު ތަންކޮޅެއް ލަސްކަމަށް ފާހަގަ ކުރެވޭ.

– 3 ޖޫން 2013 0