މަސްތުވާ ތަކެއްޗަކީ ކޮބާ؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

މަސްތުވާ ތަކެއްޗަކީ ކޮބާ؟

3 އޮގަސްޓު 2013 0

އެއްޗެއް ބޭނުންކުރުމުން، އެއެއްޗެއްގެ ސަބަބުން އިންސާނާގެ ހަމަބުއްދި ފިލައިދާ ކޮންމެއެއްޗަކީ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމެވެ.

މަސްތުވާތަކެއްޗަކީ އެބޭނުންކުރުމުގެ ސަބަބުން އިންސާނާއަށް މާތްﷲ ދެއްވާފައިވާ އެއްމެބޮޑު ދެނިޢުމަތްކަމަށްވާ ޞިއްޙަތާއި ބުއްދިއަށް ހަލާކު ކުރިމަތިކުރުވާ އެއްޗެކެވެ. ހަމަކަށަވަރުން ﷲ سبحا نه وتعا لى ޤިޔާމަތް ދުވަހުން ޞިއްޙަތާއިމެދު ސުވާލު ކުރައްވާނެކަން رسول الله  صلّ الله  عليه وسلّم حد يث ކުރައްވާފައިވާ މި حد يث ފުޅުގެ މާނައިން އެގެއެވެ.

“ޤިޔާމަތް ދުވަހުން މާތްﷲ އެކަލާންގެ އަޅުންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން އެންމެފުރަތަމަ ސުވާލު ކުރެވޭނީ ‘ތިމަންރަސްކަލާންގެ ކަލޭގެ ހަށިގަނޑަށް ޞިއަޙްތު ނުދެއްވަމުހެއަހެޔެވެ؟’ އައްސަވާ ކުރައްވާ ސުވާލެވެ.”

މަސްތުވާތަކެތީގެ ތެރޭގައި ވަރަށްގިނަ ވައްތަރުތަކެއް ހުރެއެވެ. ތަފާތު ނަންނަމުގަޔާއި ތަފާތު ސިފަތަކުގައެވެ. ދިޔާތަކެއްޗާއި ހިކިތަކެއްޗެވެ. އަދި ވަސްގަނެގެން ޢަމަލުވާ ބާވަތްތަކެވެ. މީގެއިތުރުންވެސް އިންޖެކުޝަނުގެ ޒަރިއްޔާއިންނާއި ސިގިރެޓްގެ އެތެރެއަށް މަސްތުވާތަކެތި އަޅައިގެން ބޭނުންކުރާމީހުން މަދެއްނޫނެވެ. އެހެންކަމުން މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރެވޭ ބައެއް މަޝްހޫރު ބާވަތްތަކާއި އެބާވަތްތަކާބެހޭ ކުޑަތަޢާރަފެއް މިލިޔުމުގައި ހިމަނާލުމަށް އަޅުގަނޑު ގަސްތުކުރަމެވެ.

1- އަފިހުން:

މިއީ މަސްތުވާތަކެތީގެ ވައްތަރުތަކުގެ ތެރެއިން ވަރަށް ނުރައްކާތެރި ވައްތަރެކެވެ. އަފިހުން އުފައްދަނީ “ޚަޝްހާޝް” އޭކިޔާ ގަހެއްގެ ކިރުބޭނުންކޮށްގެންނެވެ. އަފިހުން އެންމެފުރަތަމަ ހޯދީ ނަޕޯލިއަން ލަޝްކަރާއެކު ދަތުރު ކުރެއްވި ކެމިސްޓްރީ ޢިލްމުވެރިއެކެވެ. މި ޢިލްމުވެރިއާގެ ނަމަކީ “ސީގަން” އެވެ. ޚަޝްހާޝްގަހުގެ ވައްތަރތައް ފެނިފައިވަނީ މިސްރު، އީރާން އަދި އޭޝިއާއިންނެވެ. ޔޫރަޕަށް މިގަސް ތަޢާރަފްވެފައިވަނީ 15މ ވަނަ އަހަރުގައެވެ.

2- ކޮކޭން:

މިވައްތަރުގެ މަސްތުވާތަކެތި އުފައްދަނީ “ކޮކާ” އޭކިޔާގަހެއްގެ ފަތުންނެވެ. މިވައްތަރުގެ ގަސް އާންމުކޮށް ހެދިފައިހުންނަނީ ދެކުނުއެމެރިކާގައެވެ. އެހެންނަމަވެސް އެޤައުމުން ދުނިޔޭގެ އެކިކަންކޮޅުތަކަށް މިގަސް ގެންދެވުނެވެ. ކޮކާގަހުގެ ފަތުން ކޮކޭން އެންމެ ފުރަތަމަ އުފެއްދީ “ރިޒީ” އާއި “ނީމާން: އޭކިޔުނު ދެމީހުންނެވެ. ސައިންސިސްޓުން ހާމަކުރައްވާގޮތުގައި ކޮކޭންގެ 0.5 ގްރާމް ކައިފިމީހަކު ވަގުތުން މަރުވާނެއެވެ.

3- ކެނަބިސް:

މިވައްތަރުގެ މަސްތުވާ އެއްޗިއްސަކީ “ކެނަބިސް” ގަހުގެ މާކޯޅިތަކުގެ ބުޑުގައި އުފެދިފައި ހުންނަ ކިރަކުން އުފައްދާ އެއްޗެކެވެ. މިބާވަތުގެ ގަސް އެންމެ ގިނައިން ހެދިފައި ހުންނަނީ އިންޑިޔާ، އީރާން، ގްރީކް އަދި އެފްރިކާ ބައްރުގެ ޤައުމުތަކުގައެވެ. ކެނަބިސްގެ ވަރަށްގިނަ ވައްތަރުތައް ހިމެނެއެވެ. އެގޮތުން މަލުގެ ބުޑުގައި ހުންނަ ކިރުގެ އިތުރުން ގަސްގަނޑު ހިއްކައިގެންވެސް ބޭނުންކުރެއެވެ. އެޝިއާގެ މީހުން ކެނަބިސްއަށް ކިޔައިއުޅެނީ “ޗާރާސް” އެވެ.

4- ޙަޝިޝް:

މިއީ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވައްތަރެވެ. މިބޭނުންކުރުމުން އަނބުރައި ގަތުމާއި، ހޮޑުލެވުމާއި، ތުރުތުރު އެޅުމާއި، ކަންފަތް ބީރުވުން އަދި ހާސްވެ ބިރުގަތުންފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވެއެވެ. އަދި ކާހިތްކެނޑި ހަށިގަނޑުގެ ބާރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަނޑުވާލައެވެ. ޙަޝިޝް އާންމުކޮށް ބޭނުންކުރާ މީހުންގެ ފުއްޕާމޭގެ ދުލިތައް ވަރަށްއަވަހަށް ހަލާކުވެދެއެވެ.

މަސްތުވާތަކެތީގެ ބާވަތްތަށް ކިތައްމެ ގިނަވެފައި، އެތަކެއްޗަށް ތަފާތު ނަންތަކެއް ކިޔުނުނަމަވެސް މާތްވެގެންވާ އިސްލާމްދީނުގައި މިތަކެތީގެ ޙުކުމަކީ ހަމައެއްޙުކުމެކެވެ. އެއީ “ޙަރާމް” ވެގެންވުމެވެ. މިކަން ސާބިތުވަނީ ކީރިތި ޤްރުއާނާއި رسول الله  صلّ الله عليه وسلّم ގެ ސުންނަތުންނެވެ. ކީރިތި رسول الله  صلّ الله عليه وسلّم ގެ حد يث ފުޅެއްގައިވެއެވެ.

“كُلُّ مُسْـكِرٍ خَمْـرُ وَكُلُّ خَـمْرٍ خَـرَامْ”

މާނަ: “މަސްތުވާ ކޮންމެ އެއްޗަކީ ރާއެވެ. ކޮންމެ ރާއަކީ ޙަރާމް އެއްޗެކެވެ.”

އިބުނު ޢައްބާސްގެ އަރިހުން އަބޫދާޢޫދު ރިވާކުރައްވާފައިވާ حد يث ފުޅެއްގެ މާނާގައިވެއެވެ. “އެއްޗެއް ބޭނުންކުރުމުން ބުއްދިފިލައިދާ ކޮންމެ އެއްޗަކާއި، މަސްތުވާ ކޮންމެ އެއްޗެއް ބޭނުންކުރުމަކީ ޙަރާމްކަމެކެވެ.” މީގެއިތުރުންވެސް އިބުނު ތައިމިޔާ ބަޔާންކުރައްވަވާފައިވާ ގޮތުގައި ޙަޝިޝްއަކީ ޙަރާމް އެއްޗެއްކަމަށް ދަންނަބޭކަލުންވަނީ އިޖުމާޢުވެފައެވެ. އަދި މިތަކެތި ހަލާލްކުރާ މީހަކީ ކާފިރެއްކަމުގައިވެސް އަލްއިމާމް އިބުނު ތައިމިޔާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންތަކާމެދު މަޢުރިފާކޮށް ރައްކައިތެރިވުމަކީ އަހަރެމެންނަށް ވަރަށްމުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އެހެނީ އެފަދަ ނުބައި ފާޙިޝް ޢަމަލުތަކުން ރައްކައިތެރިވުމުން އެކަމުގެ ފައިދާ ކުރާނީވެސް ހަމައަހަރެމެންނަށާއި މިޤައުމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ