މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ދިއްދޫ މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

15 އޭޕުރީލު 2015 0

ހއ. ދިއްދޫ، ޖަރީމާގެ، ޢަބްދުއްސައްތާރު މުޙައްމަދު (46އ) -- ފޮޓޯ: ޑީއެންއާރު

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ހއ. ދިއްދޫ މީހަކު 10 އަހަރަށް ޖަލަށް ލުމަށް  ޙުކުމްކޮށް 50000ރ އިން ޖޫރިމަނާކޮށްފި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން މި މަހުގެ 08 ވަނަ ދުވަހު ޙުކުމް ކޮށްފައިވަނީ ހއ. ދިއްދޫ، ޖަރީމާގެ، ޢަބްދުއްސައްތާރު މުޙައްމަދު (46އ) ގެ މައްޗަށެވެ.

ދަޢުލަތުން ޢަބްދުއްސައްތާރު މުޙައްމަދުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، މިދޔަ އަހަރުގެ އޯގަސްޓް 07 ވަނަ ދުވަހު 15:30 ހާއިރު، މާފަރު ގެސްޓް ހައުސްގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެދުވަހު 19:16 ހާއިރު، މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބުނު ރޫމް ނަމްބަރު 305 ގައި ފުލުހުން ޓަކިޖެހުމުން ޢަބްދުއްސައްތާރު މުޙައްމަދު ދޮރު ހުޅުވުމުން، ޢަބްދުއްސައްތާރު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ ކޮޓަރި ބަލައި ފާސްކުރި އިރު، އެ ކޮޓަރީގައި ހުރި އެނދުގެ ދަށުން  ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮތް ރަބަރު ރޯލުގެ ތެރެއިން ފެނުނު ރަބަރު ގަނޑުގައި 37.7235 ގ އެލްޕްރޮޒޯލަމް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯތުން ދައްކާފައިވާތީއެވެ.

މި ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ ޢަބްދުއްސައްތާރު މުޙައްމަދު މި ދަޢުވާއަށް އިންކާރު ކުރި ނަމަވެސް ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން ދަޢުވާ ސާބިތުވާކަމަށެވެ.

އެހެންކަމުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުން ޢަބްދުއްސައްތާރު މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢޫޤޫބާތެއްގެ ގޮތުން ޢަބްދުއްސައްތާރު މުޙައްމަދު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/50000ރ އިން ޖޫރިމަނާކުރާކަމަށްވެސް ކޯޓުގެ ޙުކުމުގައި ވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ